އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް އަލުން ފެށުމަށް ބާރުއެޅުމުގެ ގޮތުން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކޮންމެ ދުވަހަކު ގުޅުއްވަމުން ގެންދަވާ ކަމަށް ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓެއްގައި ބުނެފިއެވެ.
މި މަޝްވަރާތަކުގެ މަޢުލޫމާތު އެނގޭ ފަރާތަކުން އެ ނޫހަށް މަޢުލޫމާތު ދިން ގޮތުގައި، ހަމަލާތައް އަލުން ފެށުމަށް ނަތަންޔާހޫ ތަކުރާރުކޮށް ބާރުއަޅުއްވަމުން ގެންދެވި ނަމަވެސް، މަސްރަޙު އިތުރަށް ގޯސްވުމާ ދެކޮޅު އޮފިޝަލުން ގެންދަވަނީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ސަރަޙައްދީ ލީޑަރުންވެސް ވަނީ ހަނގުރާމަ އަލުން ފެށުމުގެ ބަދަލުގައި މަޝްވަރާތަކަށް އިސްކަންދެއްވުމަށް ޓްރަމްޕަށް އިލްތިމާސް ކުރައްވާފައެވެ.
އެހެންނަމަވެސް، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ވަގުތީ އެއްބަސްވުމެއް ޤާއިމުކުރުމަށް ސަރަޙައްދީ ފެންވަރުގައި އިސްނަގައިގެން މަސައްކަތްކުރާ ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީއާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު، އީރާނަށް އައު ހަމަލާތަކެއް ދިނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފައެވެ.
ޓްރުތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އޮޕަރޭޝަން އަޔަން ގޭޓްގެ ދަށުން އެމެރިކާގެ ކަނޑުގެ ސިފައިން އީރާން ބަންދުކޮށްފައި އޮތް އޮތުން ހިމެނޭހެން، މިހާރުގެ ޙާލަތު އެގޮތުގައި ދެމެހެއްޓުމަށް ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ބަޙްރައިން އަދި ކުވައިތުން ބޭނުންވާ ކަމަށެވެ. އަދި އިތުރު އަސްކަރީ ހަމަލާތަކެއް ދިނުމަށްވުރެ އިޤްތިޞާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން މާ ރަނގަޅު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓުގައި ބުނެފައިވަނީ، ސަޢޫދީގެ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން، ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާޔިދު، ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަދި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ހިމެނިވަޑައިގަންނަވާހެން ސަރަޙައްދުގެ ބައެއް ލީޑަރުން މި މައްސަލައިގައި ޓްރަމްޕާ ގުޅުއްވާފައިވާ ކަމަށެވެ.
މިދަނޑިވަޅުގައި، އެމެރިކާ ނުވަތަ އިސްރާއީލުން އައު ހަމަލާތަކެއް ދީފިނަމަ ރައްދު ހަމަލާ ދޭނެ ކަމަށާއި، މިގޮތުން ސަރަޙައްދީ އުމްރާނީ ވަސީލަތްތަކާއި، ޑޭޓާ ސެންޓަރުތަކާއި، ހުރްމުޒް ކަނޑުއޮޅީގައި އަޅާފައިވާ ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތަކަށް ހަމަލާ އަމާޒުވެދާނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރީ އޮފިޝަލުން ވަނީ ދެއްވާފައެވެ.
![]()
