މިހާރު ބޭނުންކުރަމުން އަންނަ ޕްރިންޓް ކާޑުގެ ބަދަލުގައި ތެލެސީމިއާ ޑިޖިޓަލް ކާޑު ތަޢާރަފުކޮށްފި ކަމަށް މޯލްޑިވްސް ބްލަޑް ސަރވިސް (އެމްބީއެސް)އިން ބުނެފިއެވެ.
އެމްބީއެސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ލޭގެ ބަލިތަކަށް ޚާއްޞަ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. މި މަސައްކަތްތައް ކުރިއަށްގެންދާނީ މަރުޙަލާތަކަކަށް ބަހާލައިގެން ކަމަށް އެމްބީއެސްއިން ބުނެއެވެ.
މި ގެނައި ބަދަލާއެކު، މީގެ ކުރިން ދޫކުރަމުން އައި ޕްރިންޓުކޮށްފައިވާ ކާޑުގެ ބަދަލުގައި ދެން ދޫކުރާނީ ޑިޖިޓަލް ކާޑު ކަމަށާއި، މީގައި ތެލެސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ، ހަތް ބާވަތެއްގެ ކާޑު ހިނެމޭނެކަމަށް އެމްބީއެސްއިން ބުނެއެވެ.
އެމްބީއެސްއިން ބުނީ، މި ކާޑުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ކިއުއާރު ކޯޑެއް ހިމެނިފައި ވާނެކަމަށާއި، އެ ކޯޑު މެދުވެރިކޮށް ތެލެސީމިއާ ކެރިއަރުންނަށް ޢާއިލާ ރޭވުމުގައި ބޭނުންވާނެ މުހިންމު އިރުޝާދުތަކާއި މަޢުލޫމާތުތައް ފަސޭހަމާއެކު ލިބޭނެކަމަށެވެ.
މި ވަގުތު މި ކާޑު ލިބޭނީ ވަޓްސްއެޕާއި އީމެއިލް މެދުވެރިކޮށް ކަމަށްވެސް، މޯލްޑިވްސް ބްލަޑް ސަރވިސްއިން ބުނެއެވެ.
![]()
