ސަރުކާރު މުވައްޒަފުން އިތުރު ނުކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަދު ލަފާދެއްވައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ބަޔާނުގައި ލަފާދެއްވާފައިވަނީ، ދައުލަތުގެ މުވައްޒަފުން އިތުރުކުރުމުގެ ބަދަލުގައި މިހާރު ތިބި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮމިޓީއަށް މި ބަޔާން ހުށަހަޅުއްވައިދެއްވީ އެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ޝާނެވެ.
މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި މުވައްޒަފުން އިތުރުކުރުމުގެ ސަބަބުން ދައުލަތުން ކުރާ ޚަރަދު އަހަރުން އަހަރަށް އިތުރުވަމުންދާކަން މި
ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
މި ބަޔާނުގައި ފާހަގަކުރައްވާފައިވާ އަނެއް ކަމަކީ، ދައުލަތުގެ ބައެއް މުވައްޒަފުންނަށް އެއް ޕެންޝަނަށް ވުރެ ގިނަ ޕެންޝަންތައް ދޭ ގޮތަށް އޮންނަ އޮތުމެވެ. މި އުސޫލު ބަދަލުކުރުމަށް މީގެ ކުރިން ބަޖެޓްތައް ދިރާސާކުރިއިރުވެސް ލަފާދެއްވާފައިވާކަން ޝާން ވަނީ ފާހަގަކުރައްވާފައެވެ.
އެއާއެކު، އުމުރުން ދުވަސްވީ މީހުންނަށް ދޭ ޕެންޝަން ދޭންޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ޑަބަލް ޕެންޝަނަށް ބޮޑު ޚަރަދެއް ކުރާގޮތަށް އޮތުމަކީ ބޮޑު ކަންބޮޑުވާންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމާއެކު، ޕެންޝަން ގާނޫނާ އެއްގޮތަށް ޕެންޝަން ސްކީމްތައް ހާމަނައިޒްކޮށް، ޑަބަލް ޕެންޝަންގެ ގޮތުގައި ދެވޭ ފައިސާ، ޕެންޝަން ގާނޫނުގެ ތެރެއަށް ހާމަނައިޒް ކުރުމަށް ވަނީ ލަފާދެއްވާފައެވެ.
މީގެ އިތުރުން، ދައުލަތުގެ ޚަރަދު އަހަރުން އަހަރަށް އިތުރުވާ އަނެއް ކަމަކީ ދައުލަތުން ދޭ ސަބްސިޑީތައް ކަމަށާއި، ސަބްސިޑީގެ ގޮތުގައި ފައިސާދޭ މިންވަރާއި ސަބްސިޑީ ސްކީމްތައް އިތުރުވުން ކަންވެސް މި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
އަދި އެއާއެކު، ބަޖެޓް ހުށަހަޅާއިރު ނުހިމަނައި ހުންނަ ބައެއް ސަބްސިޑީތައްވެސް އަހަރުގެ ވަކި ހިސާބަކުން ތަޢާރަފްކުރާ ކަމަށާއި، މިގޮތުން ކުރާ ޚަރަދުގެ ބޮޑު ބައެއް ހޭދަވަނީ ތެލަށް ކަންވެސް ފާހަގަކުރައްވާފައިވެއެވެ.
އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން 52.6 ބިލިއަން ރުފިޔާ ޚަރަދުކުރަން ކަނޑައަޅާފައި އޮތްއިރު، އޭގެތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާނެ ޚަރަދެވެ. އެއީ މުޅި ބަޖެޓުގެ ގާތްގަނޑަކަށް 71.5 އިންސައްތައެވެ.
ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ލަފާކޮށްފައިވާ 9.8 ބިލިއަން ރުފިޔާއަކީ ކެޕިޓަލް ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކުރާ އަދަދެވެ.
![]()
