އީރާނަށް އަމާޒުކޮށް އަލުން ވަރުގަދަ އަސްކަރީ ހަމަލާތައް ދިނުމަށްޓަކައި ވާންޖެހޭ ދިފާއީ އަދި ހަމަލާދިނުމުގެ އެންމެހައި ތައްޔާރީތައް ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ އަސްކަރިއްޔާއިން ފުރިހަމަކޮށްފައިވާކަމަށް ޚަބަރުތައް ބުނާއިރު، ދެން އެފަދަ ހަމަލާތަކެއް އީރާނަށް ދީފިނަމަ އީރާނުން ކަންތައް ކުރަންވީގޮތް ސުޕްރީމް ލީޑަރު މުޖްތަބާ ޚާމަނާއީ ވެސް އީރާނުގެ ބާރުތަކަށް އަންގަވައިފިއެވެ.
އީރާންގެ އެންމެ އިސް މިލިޓަރީ ކޮމާންޑަރުންނާއި ބައްދަލް ކުރެއްވުމަށްފަހު މުޖްތަބާ ޚާމަނާއީ ނެރުއްވި ޑައިރެކްޓިވްގައިވާ ގޮތުން،
1.ކޮންމެ ފަދަ ހަމަލާއެއްވިއަސް، ހަމަލާ ދެވުނީ ޖިއޮގްރަފީގޮތުން ކޮންމެ ތަނަކަށް ކަމަށް ވިއަސް އެހަމަލާއަކަށް ހަމަވަގުތުން ރައްދު ހަމަލާ ދޭންޖެހޭނެއެވެ.
2.ދުޝްމަންބާރުތަކުން މިލިޓަރީ ނުވަތަ ޓެރަރިސްޓް ހަމަލާތައް ދެން ފަށައިފިނަމަ ހަމަލާތައް ހުއްޓާލާނީ ކޮން އިރަކުންކަން ކަނޑައަޅާނީ އީރާނުންނެވެ.އަދި އެކަމަށް ޝަރުތު ހުށަހަޅާނީވެސް އީރާނުންނެވެ.
3.އީރާނުގެ މިލިޓަރީ ޓާގެޓް ޑާޓާބޭސް އަޕްޑޭޓްކޮށް އެމެރިކާއަދި އިޒްރޭލުގެ ހުރިހާ އެސެޓެއް ހުރީ އަތްފޯރާ ފަށުގައިކަން ޔަގީން ކުރުން،
4.މިލިޓަރީ އިންޓެލިޖަންސް ވަރުގަދަކޮށް،ޑިފެންސް ޑޮކްޓްރީން އަދި ޓެކްޓިކްތައް ފުޅާކޮށް،އެޑްވާންސްޑް ޑިފެންސް ޓެކްނޮލޮޖީ އިތުރަށް ފުރިހަމަ ކުރުން،
5.ހަނގުރާމަޔަށް ތައްޔާރު ވުމުގެ ކަންތައް ”މެކްސިމަމް“ ގައި ހުރިކަން ޔަގީންކޮށް އިންސާނީ ސަޕޯޓް ، މޮރާލް އަދި މިލިޓަރީ ވެލްފެއާ ގެ ކަންތައް ފުރިހަމަ ކުރުން
6.ޕަބްލިކް ސަޕޯޓް އޮތްކަން ޔަގީންކޮށް މުޅިގައުމުން މީހުން މޮބިލައިޒް ކުރުން
7.ސަރަހައްދުގެ އެކިފަރާތްތައް ގުޅުވުމަށް މަސައްކަތްކޮށް އެންމެންގުޅިގެން އޮޕަރޭޝަނަލް ޑޮމެއިން ތަކަކާއި ސެކިއުރިޓީ އޯޑަރއެއް ގާއިމް ކުރުން،
މިބައްދަލް ވުމުގައި އެންމެ ސީނިއަރ ތިން ކޮމާންޑަރުން ކަމަށްވާ މޭޖަރ ޖެނެރަލް އަބްދުﷲ، ޚާތަމީ އަދި ވަހީދީ ވަނީ ޕަރޝިއަން ގަލްފް، ހޮރްމޫސް ކަނޑުއޮޅި ސީއޮފް އޮމާންގެ އިތުރުން އީރާނުގެ ބޯޑަރުތައް ކައިރިވެސް ތައްޔާރީ ހާލަތަށް ގެނެވިފައިވާކަމަށް ވިދާޅުވެފައެވެ.މީގެ އިތުރުން އެމިއުނިޝަން ، ބަލާހޯދާ އާލާތްތަކުގެ އިތުރުން ސަޕޯޓް ސިސްޓަމްތަކާއި ހަނގުރާމައިގައި ބޭނުންކުރާނެ ހަތިޔާރު ބޭނުންވާނެ ވަރަށް ވުރެ އިތުރަށް އުފައްދާފައިވާކަމަށް ވިދާޅުވެފައިވެއެވެ.
ޚާމަނާއީ ވަނީ އަސްކަރިއްޔާ،އައިއާރުޖީސީ،ޕޮލިސް،ޑިފެންސް މިނިސްޓްރީ ޕަރސަނޭލް އަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ގައުމު ދިފާއު ކުރެއްވުމުގެ ގޮތުން އެންމެ މުހިންމު ބައެއްއަދާކުރާނީ މި ބާރުތަކުން ކަމަށް ވިދާޅުވެފައި ވެއެވެ.
ޔަހޫދީންގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަލުން ފެށުމާ ގުޅޭ އަސްކަރީ ޕްލޭންތައް އެމެރިކާގެ އަސްކަރީ ކޮމާންޑުގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ މިހާރު ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ހިއްސާކުރައްވައިފައެވެ
ނަމަވެސް، ޚާރިޖީ ފެންވަރުގައި މަޝްވަރާތައް އަދިވެސް ކުރިއަށްދާތީ، ހަމަލާ ދިނުމާ މެދު އެންމެ ފަހުގެ ނިންމުމެއް ނިންމުން އޮތީ އެމެރިކާގެ އަތްމަތީގައިކަމަށް ވެއެވެ.
މި ތައްޔާރީތަކުގެ ތެރޭގައި ހިމެނިގެން ޔަހޫދީންގެ ވައިގެ ސިފައިން ވަނީ، އީރާނުގެ ސަރަހީއްދީ ރޮނގާ ކައިރި ހިސާބުތަކުގައި ދުރު ރާސްތާގެ ވައިގެ އަސްކަރީ ތަމްރީނުތަކެއް ފުރިހަމަކޮށްފަކަމަށް ޚަބަރުލިބެއެވެ.
މީގެއިތުރުން، އެމެރިކާގެ އަސްކަރީ މުދާ އުފުލާ 10 މަތިންދާބޯޓު މެދުވެރިކޮށް، ދާދިފަހުން ވަނީ ޔަހޫދީ ދައުލަތަށް އަސްކަރީ ގޮތުން ބޭނުންވާ މުހިންމު އެހީތައް ފޯރުކޮށްދީފައެވެ.
ހަމަލާތައް ފެށުމާ މެދު އެމެރިކާއިން އަދި ސާފު ސިޔާސަތެއް ކަނޑައަޅާފައި ނުވާއިރު، ޙިޒްބުﷲ ފަދަ ޖަމާއަތްތައް މި ހަނގުރާމައިގެ ތެރެއަށް ވަދެ، މުޅި ސަރަހައްދަށް ހަމަނުޖެހުން ފުޅާވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.
މި ދަނޑިވަޅުގައި، ޤަޠަރު މެދުވެރިވެގެން ކުރިއަށްގެންދާ ސުލްހައިގެ ނުސީދާ މަޝްވަރާތައް ވެސް ދަނީ ހިނގަމުންނެވެ.
![]()
