އީރާނުވެސް ހިމެނޭގޮތުގައި ގަލްފުގެ ގައުމުތަކުން ސެކިއުރިޓީގެ މަޝްވަރާތައް

Loading

Facebook
Twitter
WhatsApp

އެމެރިކާއިން އީރާނަށް ހަމަލާދީ އަނެއްކާވެސް މެދުއިރުމަތީގެ މަސްރަހް އާދަޔާ ޚިލާފަށް ބިރުވެރިވަމުންދިއުމާއި އަދި ހޫތީ މުޖާހިދުން ސައޫދީ އެރޭބިއާއަށް އަމާޒުކޮށް ދެމުން ގެންދާ ހަމަލާތައްވެސް އިތުރުވެފައިވާ މި ދަނޑިވަޅުގައި މި ހާލަތު ފިނިކުރުމުގެ މަގްސަދުގައި ގަލްފުގައި ހިމެނޭ ގައުމުތަކުން އީރާނާއެކު ސިޔާސީގޮތުން ގުޅުން ރަނގަޅު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މައްކާ އެއްބަސްވުމުގެ ތިންގައުމުގެ އިސް ވަފުދެއް މިޔަ ހޯމަ ދުވަހު ތެހެރާންގައި އެގައުމުގެ ރައީސް އަދި އެހެން އިސް ބޭފުޅުންނާ ބައްދަލުކުރައްވައި އެ މައުޟޫއަށް މަޝްވަރާ ކުރައްވާފައިވާއިރު ގަތަރުގެ ވަރަށް އިސް ސިޔާސީ ބޭފުޅުންވެސް ވަނީ ހަމަ އެދުވަހު އީރާންގެ އޮފިޝަލުންނާ ބައްދަލު ކުރައްވާފައެވެ.
މިދިޔަ ހޯމަދުވަހު އޮމާނުގެ ޚާރިޖީ ވަޒީރު ބަދްރު އަލްބުސައިދީ ޔުނިވަރސިޓީ އޮފް ކޭމްބްރިޖަށް ކުރެއްވި ޑިޕްލޯމެޓިކް ޒިޔާރަތެއްގައި ގަލްފް ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަމަށް އެމެރިކާ ބައިވެރި ކުރުމަކާ ނުލައި ސަރަހައްދުގެ ގައުމުތަކުން ނޮން-އެގްރެޝަން ޕެކްޓެއް އެކުލަވާލުމަށްވަނީ ގޮވާލައްވާފައެވެ. ގަލްފް ސަރަހައްދުގެ ގައުމުތަކުން އަމިއްލަ ސެކިއުރިޓީ ނިޒާމެއް ގާއިމްކުރުމުން އެ ގައުމުތަކުން އެމެރިކާއާއެކު އޮންނަ ގުޅުމުގެ އަންޖާމަކީ ކޮބައިތޯ ސުވާލު އުފެދެއެވެ.
ތެލުގެ އަގު އުފުލެމުންދިއުން ސަބަބެއް ކަމަށް ފާހަގަކުރައްވައި ނޮވެމްބަރ 3 ގައި ބޭއްވޭ މިޑްޓާރމް އިލެކްޝަނަށް ފަހު އަނެއްކާވެސް އީރާނަށް ހަމަލާދޭން ފައްޓަވާނެކަމަށް މިދޔަ ހުކުރު ދުވަހު ރައީސް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ. ރައީސް ޓްރަމްޕްގެ އިންޒާރާ ގުޅިގެން އެމެރިކާގެ ކޮންމެ ހަމަލާއަކަށް ކުރިއަށް ވުރެން ބާރުގަދަ ރައްދެއް އީރާނުން ދޭނެކަމަށް ބުނެފައިވެއެވެ.
ގަތަރުން އަނެއްކާވެސް އެހެން ހުށައެޅުމަށް އީރާނަށް ފޮނުވައިފިކަމަށް ރޮއިޓާރސް އިން ޚަބަރުދީފައިވެއެވެ. އަދި އެ ހުށައެޅުމަށް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އީރާނުގެ ޖަވާބަކަށް އުންމީދު ކުރަމުން ގެންދާކަމަށް ވެސް ރޮއިޓާރސްގެ ޚަބަރުގައި ބުނެފައިވެއެވެ. އީރާނުގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ނިއުކްލިއަރ މަޝްރޫއުގައި އީރާނުން ދޫ ދީފާނެކަމަށް ނުބެލެވޭ ކަމަށެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ރާވަމުންގެންދާ ނުރައްކާތެރި ހަމަލާތަކަށް މަގު ބަންދުކުރުމަށް ގަތަރުން ކުރަމުން ގެންދާ މަސައްކަތް ހުއްޓާލަން ބޭނުން ނުވާތީ މިއަދުވެސް ގަތަރުގެ ވަރަށް އިސް ވަފުދެއް ތެހެރާނަށް ވަޑައިގެންފިއެވެ. ހަނގުރާމަހުއްޓުވުމަށް މަސައްކަތްކުރަމުންގެންދާ ގައުމުތަކާއެކު އީރާނުން ވަރަތް ގާތް ގުޅުމެއް ގެންގުޅުއްވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެންމެ ފުރަތަމަ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތި ކޮށްފައިވާ ނޭވަލް ބްލޮކޭޑް ނައްތާލައި އީރާނުން ތެޔޮ އެކްސްޕޯރޓް ކުރުމުގެ މަގު ފަހިކޮށްދޭން ޖެހޭނެއެވެ. އެއަށްފަހު ހަތް ދުވަހުގެ މުއްދަތަށް ހޮރްމުޒް ކަނޑުއޮޅި ހުޅުވައިދީ އެހެނިހެން މަޝްވަރާތަކައިގެން ކުރިއަށް ދެވިދާނެއެވެ. އޭގެ ކުރިން އެއްވެސް މަޝްވަރާއަކަށް އީރާން ތައްޔާރެއް ނޫނެވެ.
އިންޓަރނޭޝަނަލް ކްރައިސިސް ގުރޫޕްގެ ސީނިއަރ އެނަލިސްޓް ހާމިދުރިޒާ އަޒީޒީ ގެ ނަޒަރުގައި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ އިތުރަށް ދިގުލައިގެން ދިއުމަކީ ގަލްފް ސަރަހައްދު އަނެއްކާވެސް ގޮތް ނޭންގުމެއްގެ ތެރެއަށް ވެއްޓިގެން ދިއުމެވެ. އެ ހާލަތަށް ނުގޮސް ސަލާމަތްވުމަށްޓަކައި ސަރަހައްދުގެ ގައުމުތަކުން ވަގުތީގޮތުން ނަމަވެސް ސެކިއުރިޓީ އެއްބަސްވުމަކަށް އައުމަކީވެސް ރަނގަޅު ފެށުމަކަށް ވެގެން ދާނެއެވެ. ހިތާމައަކީ އީރާނުން ސަރަހައްދީ އެއްބަސްވުމަކަށް ވަކާލާތު ކުރަމުން ގެންދާއިރު ގަލްފްގެ ގައުމުތަކުގެ ސެކިއުރިޓީގައި އެމެރިކާގެ ބައިވެރުމާއި ދުރަށް ދާން ބޭނުންނުވުމެވެ. އެހެންނަމަވެސް މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް އެ ގައުމުތަކުގެ ސެކިއުރިޓީ ކަށަވަރު ކޮށްދެވިދާނެކަމާ ދޭތެރޭ ގިނަ ސުވާލުތަކެއް އުފެދި އަދި ކޮންމެވެސް ވަރަކަށް އެހެން ދިމާލަށް ކަޅިއަޅަމުންގެންދާތަންވެސް އެބަ ފެނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް