މެދު އިރުމަތީގައި ހިނގަމުންދާގެ ވާހަކަ ދައްކާއިރު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާފެށި ދުވަސް ޕްރޮފެސަރ ޖެފްރީ ޝާސް ބަޔާންކޮށްދިނުމަށް ބޭނުންކޮށްފައިވާ މަދު ޖުމުލަކޮޅަކާ ދޭތެރޭ ވިސްނާލުން ރަނގަޅު ވާނެއެވެ. އޭނާ ވިދާޅުވެފައިވެއެވެ. އެއީ ރޭގަނޑުގެ ހަމަހިމޭންކަމުގެ އަރާމް ނިދީގައި އީރާނަށް ކުއްލި ސިހުމެއް ލިބިގެންދިޔަ ދުވަހެވެ. އެމެރިކާއާއި އިސްރާއީލުން އެއްވެސް ހަމައެއް ލަމައެއްނެތި އީރާނަށް ބޮން އަޅަމުން ގެންދިޔަ ދުވަހެވެ. އެއީ އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި އައީ އެމަނިކުފާނުގެ ތުއްޕުޅު ކާފަދަރިކަލުންނާއި އަދި އީރާނުގެ އެންމެ އިސް ވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ސާޅީސް ބޭފުޅުން އެ ހަމަލާތަކުގައި ޝަހީދު ކޮށްލެވިގެންދިޔަ ދުވަހެވެ. އެއަށްފަހު ބައިނަލް އަގްވާމީ ޕްލެޓްފޯމްގައި ކަންތައް ދިޔަގޮތްވެސް ކިޔާލާށެވެ. އީރާނުން އެއްވެސް ސަބަބަކާ ނުލައި ބަހްރައިނަށް ދިން ހަމަލާތައް ކުށްވެރިކުރާކަން ހާމަކުރައްވަމުން އެންމެ ފުރަތަމަ ބަހްރައިންގެ ސަފީރު ވާހަކަ ފެށްޓެވިއެވެ. ބަޙްރައިންގެ ބިމުން އެމެރިކާއާ އީރާނަށް ދިން އެ ހަމަލާއާއި އިސްރާއީލުގެ އަނިޔާވެރި ހަމަލާ ސަފީރު ހަނދުމަފުޅެއް ނެތެވެ. ބަހްރައިން ސަފީރުގެ ވާހަކަފުޅު އަޑުއިވުމަށްފަހު ޕްރޮފެސަރ ޖެފްރީ ޝާސްގެ އަޑުއިވުމަށް މައްސަލައެއް ދިމާވީބާވައޭ ހިތަށް އެރިކަމަށް ވިދާޅުވެފައިވެއެވެ. ދެން ވާހަކަ ދެއްކެވީ ފަރަންސޭސި ސަފީރުވެސް އީރާނުގެ ހަމަލާ ކުށްވެރިކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. އެއަށްފަހު ޑެނިޝް ސަފީރުގެ ވާހަކަފުޅުގައިވެސް އީރާނުން ބަޙްރައިނަށް ދިން ރައްދު ހަމަލާ ކުށްވެރި ކުރެއްވިއެވެ.
އެއަށްފަހު އިނގިރޭސި ވިލާތާއި ގްރީކުގެ ސަފީރުންވެސް ހަމައެމޭރުމުން އީރާން ކުށްވެރިކޮށް ވާހަކަފުޅު ދެއްކެވިއެވެ. މުޅިދުނިޔެއަށް ޖޯރޖް އޯވެލްގެ ގަލަމުގެ ނަމުން މަޝްހޫރު ވެފައިވާ އިނގިރޭސި ވިލާތުގެ ލިއުންތެރިޔާ އަދި ވާހަދެއްކުންތެރިޔާ އެރިކް އާރތުރ އަށްވެސް އެ ބޭފުޅުން ވިދާޅުވަމުންގެންދެވި އެއްޗެއް އޮޅުންފިލާ ވަޑައިގަންނަވާހެން ހިއެއް ނުވެއެވެ. ޕްރޮފެސަރ ވިދާޅުވެފައި ވެއެވެ. މިޕްލެޓް ފޯމުގައި ބަހުސް ކުރެވެނީ ދުނިޔޭގެ ސުޕަރ ޕަވަރ އެމެރިކާ އާއި މެދުއިރުމަތީގެ ސުޕަރ ޕަވަރ އިސްރާއީލުން ގުޅިގެން އީރާނަށް ހަމަލާދިން ހަމަލާގެ މައްޗަށެވެ. މިނިވަން ދުލަކުން އެ ހަމަލާ ކުށްވެރިކޮށް އެއްޗެއް ބުނުމުގެ ހިތްވަރު ލިބިފައިވަނީ ހަމައެކަނި 3 ގައުމަކަށެވެ. އެއީ ރަޝިޔާއާއި ޗައިނާ އަދި އެފްރިކާގެ ބައްރު ތަމްސީލުކުރުމުގެ ގޮތުން ސޮމާލިއާއެވެ. ދެން ވާހަކަދެއްކި ކޮންމެ ގައުމެއްގެ މިނިވަންކަން އޮތީ އެ ގައުމުތަކުގައިހުރި އެމެރިކާ މިލިޓްރީބޭސްގެ ބާރުގެ ދަށުގައެވެ. މިނިވަންކަމާއެކު ވާހަކަދެއްކުމުގެ ފުރުސަތު އެގައުމުތަކަށް ވަނީ މަހްރޫމް ކުރެވިފައެވެ. އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ގުޅިގެން ކުރަމުންގެންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ދީފައިވާ ހުށައެޅުންދިރާސާ ކުރަމުން ގެންދާކަމަށް އީރާނުގެ ކާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ. އެމެރިކާއިން ލިބިފައިވާ ޖަވާބަކީ ހަތްދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން މީގެކުރިން އީރާނުން ދީފައިވާ ހުށައެޅުމެއްގެ ޖަވާބު ކަމުގައި ޖަރުމަނުގެ ޑީ ޕީ އޭ އިން ބުނެފައި ވެއެވެ. ހޮރްމުޒް ކަނޑުއޮޅި ހުޅުވުމަށް އީރާނުން ދީފައިވާ ޝަރުތުތައް އެމެރިކާއިން ފުރިހަމަކޮށްފިނަމަ ހަތް ދުވަހުގެ ތެރޭގައި އެ ކަނޑުއޮޅި ހުޅުވާދޭނެ ކަމަށް އީރާނުން ހާމަކޮށްފައިވާކަން މީޑިއާގެ ޚަބަރުތަކުން ވަނީ އެނގިފައެވެ. އީރާނުގެ ޝަރުތުތައް މިނިސްޓަރ އަރާގްޗީ ވަނީ ޔޫ އެން ޖެނެރަލް އެސެމްބްލީއަށް ކިޔާދެއްވާފައެވެ. މި އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު އެމެރިކާގައިއޮންނަ މިޑްޓާރމް އިލެކްޝަންގެ ނަތީޖާއާމެދު ކޮންގްރެސްއިން ފައިސަލާކުރުމުގެ ކުރިން އީރާނަށް ބާރުގަދަ ހަމަލާތަކެއް ދިނުމަށް ޓްރަމްޕް ސަރުކާރުން ރާވަމުންގެންދާކަން އެކްސިއޯސް އާއި އެން ބީ ސީ އިން ވަނީ ރިޕޯރޓް ކޮށްފައެވެ.
![]()
