އަމިއްލަ ނަފްސު މިއަދަށްވުރެ ރަނގަޅު މީހަކަށް ހެދުމަށް އަބަދު މަސައްކަތްކުރުމަކީ، މިއަދު ތިމާއަކީ ކާކުކަން ދެނެގަނެ، އެކަމުގެ އުފާ ހާސިލުކުރަން ބައެއް ފަހަރު ހަނދާން ނެތިދާނެ ކަމެއް ކަމަށް ސޯޝަލް މީޑިއާގައި ލިޔުނު ޚިޔާލެއްގައި ބުނެފައިވާއިރު، މިއީ އިންޓަނެޓުގައި ބޮޑު ބަހުސެއް އުފެދިގެން ދިޔަ ކަމެކެވެ.
އެކްސް ބޭނުންކުރާ މީހެއްކަމުގައިވާ ސިމްރަން ސަޗްދޭވާ ވަނީ މީހުން މާ ބޮޑަށް ހުނަރުވެރި، ކާމިޔާބު، ރީތި، އަޚުލާގު ރަނގަޅު އަދި ޝައުގުވެރި މީހަކަށް ވުމަށް އަމިއްލަ ނަފްސަށް ކުރިމަތިކުރުވާ ޕްރެޝަރާ މެދު ސުވާލު އުފައްދާފައެވެ. އޭނާ ބުނި ގޮތުގައި މުސްތަގުބަލުގެ ލަނޑުދަނޑިތަކަށް މާ ބޮޑަށް ސަމާލުކަން ދިނުމަކީ، ތިމާގެ ދިރިއުޅުމަކީ، އަދި ތިމާއަކީ ފުދޭ މީހެއްކަން ސާބިތުކޮށްދިނުމަށް ކުރާ ނިމުމެއް ނެތް މަސައްކަތަކަށް ބަދަލުވެގެން ހިނގައިދާނެ ކަމެކެވެ.
މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ، ވަކި ލަނޑުދަނޑިއެއް ހާސިލުވުމުން ނޫނީ އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭނެ ކަމަށް ނުވަތަ ހިތްހަމަޖެހުމެއް ނުލިބޭނެ ކަމަށް ގަބޫލުކޮށް، މީހުން އުފާވެރިކަން ފަސްކުރަމުންދާ ގޮތުގެ މައްޗަށެވެ. އެހެންނަމަވެސް، އަބަދުވެސް އިތުރު ލަނޑުދަނޑިއެއް، އިތުރު ކާމިޔާބީއެއް ނުވަތަ އަމިއްލަ ނަފްސު އަޅާކިޔާނެ އެހެން މީހަކު ހުންނާނެއެވެ.
އަދި މީގެ އިތުރުން، އަބަދު ކުރިއަރަން ބޭނުންވާ މީހެއްގެ ގޮތުގައި ދެމިހުންނަމުން، މިހާރު ތިމާ ހުރި ހާލަތާމެދު ހަގީގީ އުފާވެރިކަން ހޯދާނީ ކިހިނެއްތޯ ވެސް ސަޗްދޭވާ ސުވާލު އުފެއްދިއެވެ.
އޭނާ ވަނީ، ކުރިއެރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައިވެސް، އަމިއްލަ ނަފްސަކީ އަދިވެސް ފުރިހަމަވަމުން އަންނަ މަސައްކަތެއް ނުވަތަ ވޯކް އިން ޕްރޮގްރެސް ކަމުގައި ބަލައިގަތުމަށް ބާރުއަޅާފައެވެ. އޭނާގެ މެސެޖުގައި ވާގޮތުން، އަނެކުންނަށްވުރެ ދަށް މީހެއް ކަމުގެ އިހުސާސް ނުކޮށް ވެސް އެހެން މީހުންގެ ކާމިޔާބީތަކަށް ތައުރީފު ކުރެވިދާނެއެވެ. އަދި ވަގުތުން މާ މަތީ މިންގަނޑެއް ކަނޑަނާޅައި، މިހާރު ލިބިފައިވާ ކުރިއެރުން ފާހަގަކުރެވިދާނެއެވެ. އަދި އަމިއްލަ ނަފްސަކީ ދަށް މީހެއް ކަމަށް ނުދެކި، ކަމެއް އަލަށް ފަށާ މީހެއްގެ ތަޖުރިބާ ވެސް ހާސިލުކުރެވިދާނެއެވެ.
މީގެ އިތުރުން މި ޕޯސްޓުގައި ބާރުއަޅާފައިވަނީ، ދިރިއުޅުމެއް ބިނާކުރުމަކީ ހަމައެކަނި ތިމާ އެންމެ ހިތް އެދޭ މަންޒިލަށް ވާސިލުވުމުން އުފާކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ އެ ދަތުރުގެ ތެރޭގައިވެސް ތަޖުރިބާކޮށް އުފާ ހާސިލުކުރުން ހައްގު ކަމެއްކަން ހަނދާން ބެހެއްޓުމަށެވެ.
މި ޚިޔާލަށް އިންޓަނެޓުގައި ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ގިނަ ފަރާތްތަކުން ވަނީ އުއްމީދުތަކާއި އަމިއްލަ ނަފްސު ބަލައިގަތުމާ ދެމެދު އޮންނަންޖެހޭ ހަމަހަމަކަމާ ބެހޭގޮތުން ބަހުސްކޮށްފައެވެ. ކޮމެންޓު ކުރި އެކަކު މި ވިސްނުން ސިފަކޮށްފައިވަނީ ”އެރައިވަލް ފެލަސީ“ ގެ ގޮތުގައެވެ. މިއީ ވަކި ލަނޑުދަނޑިއެއް ހާސިލުވުމުން ދާއިމީ އުފާވެރިކަން ލިބޭނެ ކަމަށް ކުރެވޭ ކުށްހީއަށް ނިސްބަތްކޮށް ބުނާ ބަހެކެވެ.
މި މަޝްވަރާއިން ދައްކުވައިދެނީ ކާމިޔާބީއާއި، އެހެން މީހުންނާ އަޅާކިޔުމާއި، އަދި އަމިއްލަ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރަމުންދާއިރުވެސް، މިވަގުތުގެ ހާލަތާއި މެދު އުފާ ހޯދުމަށް އަމިއްލަ ނަފްސަށް ފުރުސަތު ދިނުމުގެ މުހިންމުކަމާ މެދު މީހުންގެ މެދުގައި ބޮޑުވަމުން އަންނަ ހޭލުންތެރިކަމެވެ.
![]()
