ހުއްދަ ކަމެއް ރަނގަޅު ނިޔަތެއްގައި ކުރިޔަސް ބައެއްފަހަރު ފިތުނައަކަށް ބަދަލުވެގެން ހިނގައިދެއެވެ. އެކަން އެގޮތަށް ގިނަފަހަރަށް ދިމާވަނީ އާދަކާދައާއި މީސްތަކުންގެ މިޒާޖާ ޚިލާފަށް ކުރެވޭތީއެވެ. ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓު ދިނުމަކީ އެޕާޓީއެއްގެ ގަވާއިދު ހުއްދަކުރާ ނަމަ އަދި އާއްމު މެމްބަރުން އެކަމަށް ރުހޭ ނަމަ އެއީ މައްސަލައެއް ނޫނެވެ. އެއީ ހުއްދަ ކަމެކެވެ.
ނަމަވެސް ބައެއް މީހުން ދެކޭގޮތުގައި އެއީ ރީތި އުސޫލަކަށް ނުވެ ހިނގައިދާނެއެވެ. ސަބަބެއްކަމުގައި އެމީހުން ދެކޭނީ:
އެކެއް: އިންތިޚާބު ކުރުމުގެ ހައްގު ބަންދުވުން:
ޑިމޮކްރެސީގެ އެންމެ ރީތި ސިފައަކީ ވާދަވެރިކަމާއި، ވޯޓުން ކަންކަން ނިންމުނަކަމަށް އެމީހުން ދެކޭނެއެވެ. ޕްރައިމަރީއެއް ނުބޭއްވުމުން އާންމު މެންބަރުންނަށް އެ މީހުން ބޭނުންވާ މީހަކު ހޮވުމުގެ ”ސީދާ އިޚްތިޔާރު“ ގެއްލިގެންދާކަމަށް އެމީހިން ދެކޭނެއެވެ.
ދޭއް: ޑިމޮކްރަސީ ބަލިކަށިވުން:
ޕާޓީގެ ލީޑަޝިޕުން ނުވަތަ ކޮންގްރެސްއަކުން މިފަދަ ނިންމުންތައް ނިންމުމަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ބަލިކަށިވެ، ނުވަތަ މަދު ބައެއްގެ ނުފޫޒުން ކަންކަން ނިންމުމަށް މަގުފަހިވާ ކަމެއް ކަމަށް ވެސް އެމީހުން ފާހަގަކުރާނެއެވެ.
އަނެއްކޮޅުން ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓު ދިން މީހުން ދެކޭގޮތުގައި އެއީ ރަނގަޅު ގޮތެކެވެ. ސަބަބަކަށް އެމީހުން ދެކޭނީ : ވެރިކަން ކުރާ ޕާޓީ ބަލިކަށިނުކޮށް، ގައުމުގެ ހަމަޖެހުމަށް ބުރޫ ނައަރާ ގޮތަކަށް ކަންކުރުމަށްޓަކައި ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓު ދިނުމަކީ މުހިންމުކަމެށް ކަމަށެވެ. އަދި އެއީ ބައެއް މީހުން ގަބޫލުކޮށްފާނެ ފަލްސަފާއެކެވެ. ޚާއްސަކޮށް ޕާޓީގެ ލީޑަޝިޕުގެ ބައެއް މީހުންނެވެ. އަނެއްބައި މީހުން ގަބޫލުނުކޮށް ފާނެއެވެ.
އެހެންކަމުން ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓު ދިނުން އުފެދޭ ސުވާލު ތަކަށް ބުއްދިއަށް ގަބޫލުކުރެވޭ ޖަވާބެއްލިބުން ބޭނުންވެއެވެ. އާދެ! އުފެދޭނެ ސުވާލަކީ ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓު ހޯދަން ބޭނުންފުޅުވީ ވެރިކަމަށް ހުރި ދަހިވެތިކަމެއެްގެ ސަބަބުންތޯ ނުވަތަ ލިބިފައިހުރި ގާބިލުކަމެއްގެ ބޮޑުކަމުން ގައުމު ބޮޑު ހަލާކަކުން ސަލާމަތްކުރުމުގެ މަގުސަދުގައިތޯއެވެ؟ އެހެންކަމުން މިތަނުގައި ވެރިކަމަށް ދަހިވެތިވެއްޖެ މީހެއްގެ ޙުކުމާއި ލިބިފައިހުރި ގާބިލުކަމެއްގެ ބޮޑުކަމުން ގައުމު ބޮޑު ހަލާކަކުން ސަލާމަތް ކުރުމުގެ މަގުސަދުގައި ވެރިކަމަށް އެދިގެންފި މީހެއްގެ ހުކުމް އެނގެންޖެހެއެވެ.
ދީނީ ނަޒރަކުން ވެރިކަމަށް ދަހިވެތިވެއްޖެ މީހެއްގެ ޙުކުމަކީ ކޮބާ؟
ދީނީ ނަޒަރަކުން ބަލާއިރު، ވެރިކަމާއި މަގާމުތަކަށް ދަހިވެތިވުމަކީ އިސްލާމްދީން ވަރަށް ބޮޑަށް މަނާކުރައްވައި، އެކަމުގެ ނުބައިކަމުގެ ބޮޑުކަން ބަޔާން ކުރައްވާފައިވާ ކަމެކެވެ. މި މައުޟޫއާ ގުޅޭގޮތުން ކީރިތި ރަސޫލާ ﷺ ގެ ސުންނަތުންނާއި އިލްމުވެރިންގެ ބަސްފުޅުތަކުން އެނގެން ހުރި މުހިންމު ޙުކުމްތަކާއި އިރުޝާދުތައް ތިރީގައި އެވަނީއެވެ.
އެކެއް: ވެރިކަމަށް ދަހިވެތިވާ މީހާއަށް އެކަމުގައި މާތްﷲގެ ވާގިވެރިކަން ނުލިބުން
ރަސޫލާ ﷺ ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާވެއެވެ.
”އޭ އަބްދުއްރަޙްމާން ބުނި ސަމުރާއެވެ! ކަލޭގެފާނު ވެރިކަމަށް ނޭދޭށެވެ! (އެބަހީ: ވެރިކަން ހޯދަން ދަހިވެތިނުވާށެވެ!) އެހެނީ ކަލޭގެފާނު އެދިގެން އެ ވެރިކަން ލިބިއްޖެނަމަ، ކަލޭގެފާނު އެ ވެރިކަމުގެ މައްޗަށް ދޫކޮށްލެވޭނެއެވެ. (މާތްﷲގެ އެހީތެރިކަމެއް ނުލިބޭނެއެވެ). އަދި ކަލޭގެފާނު އެކަމަށް ނޭދެނިކޮށް (އެހެން މީހުން އެދިގެން) އެ ވެރިކަން ލިބިއްޖެނަމަ، އެކަމުގައި ކަލޭގެފާނަށް (މާތްﷲގެ) އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.“ (ޞަޙީޙް ބުޚާރީ 6622)
ދޭއް: ވެރިކަމަށް އެދި ދަހިވެތިވާ މީހާއަށް ވެރިކަން ނުދިނުން :
އިސްލާމީ އުސޫލަކީ އަމިއްލައަށް މަގާމާއި ވެރިކަން ހޯދަން ދަހިވެތިވެގެން އުޅޭ މީހާއަށް އެ މަގާމު ނުދިނުމެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާވެއެވެ.
”ﷲގެ އިސްމުފުޅު ގަންދީ ބުނަމެވެ. ތިމަންމެން މި ވެރިކަމުގެ މަގާމަށް އެދޭ މީހަކަށް، ނުވަތަ އެކަމަށް ދަހިވެތިވާ މީހަކަށް މި މަގާމެއް ނުދޭނަމުއެވެ.“ (ބުޚާރީ7149، މުސްލިމް1733)
ތިނެއް: ގިޔާމަތް ދުވަހުން ހިތާމައަކަށްވުން :
ވެރިކަމަކީ ދުނިޔޭގައި ކިތަންމެ މޮޅު ކަމެއްގެ ގޮތުގައި ފެނުނަސް، އޭގެ ޙައްގު އަދާނުކުރެވޭ މީހާއަށް ގިޔާމަތް ދުވަހުން އޮތީ ބޮޑުވެގެންވާ ހިތާމައާއި ލަދުވެތިކަމެވެ. ރަސޫލާ ﷺ ހަދީޘްކުރައްވާފައިވެއެވެ.
”ހަމަކަށަވަރުން ތިޔަބައިމީހުން ވެރިކަމަށް ދަހިވެތިވާނެއެވެ. އަދި އެކަން ގިޔާމަތް ދުވަހުން ހިތާމައަކަށް ވާނެއެވެ.“ (ޞަޙީޙް ބުޚާރީ7148)
ހަތަރެއް: މީހާގެ ދީންވެރިކަމަށް ލިބޭ ގެއްލުން ބޮޑުވުން :
ވެރިކަމާއި މުދަލަށް ދަހިވެތިވުމުން އިންސާނާގެ ދީންވެރިކަމަށް ލިބޭ ގެއްލުމުގެ ބޮޑުކަން ބަޔާންކުރައްވައި ރަސޫލާ ﷺ ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާވެއެވެ.
”ބަނޑުހައިވެފައިވާ ދެ މިނިކާވަގު ކަންބަޅި ބަކަރި އައިނެއްގެ ތެރެއަށް ދޫކޮށްލުމުން އެ ބަކަރިތަކަށް ދޭ ގެއްލުމަށްވުރެ، މީހެއްގެ ކިބައިގައި ހުންނަ މުދަލުގެ ދަހިވެތިކަމާއި ޝަރަފުގެ ދަހިވެތިކަން އޭނާގެ ދީނަށްދޭ ގެއްލުން މާ ބޮޑެވެ.“ (ޖާމިޢު އައްތިރްމިޛީ) (އަލްބާނީ މިއީ ސައްޙަ ޙަދީސެއްކަމަށް ކަނޑައެޅުއްވިއެވެ. صحيح الجامع الصغير 5620)
ހާސިލަކީ: އިސްލާމްދީނުގައި ވެރިކަމަކީ ”މަންފާއެއް“ ނުވަތަ ”ޝަރަފެއް“ ނޫނެވެ. އެއީ ވަރަށް ބޮޑު ”އަމާނާތެކެވެ.“ އަދި ”ބުރައެކެވެ.“ އެހެންކަމުން، އަމިއްލަ އެދުމާއި، ކިބުރުވެރިކަމާއި، ދުނިޔޭގެ މަންފާއަށްޓަކައި ވެރިކަމަށް ދަހިވެތިވުމަކީ ފާފަވެރިވާނެ، އަދި ދުނިޔެއާއި އާޚިރަތުގައިވެސް އޭގެ ސަބަބުން ބޮޑު ހަލާކެއް އަތުވެދާނެ ފަދަ ނުބައި ވިސްނުމެކެވެ. މަގާމުތަކަށް އިސްކުރަންޖެހޭނީ އެކަމަށް އެދިގެން އުޅޭ މީހުންނެއް ނޫނެވެ. އެކަމަކު އެކަމުގެ ގާބިލުކަމާއި ތަގުވާވެރިކަން ހުރި، އަމާނާތްތެރި މީހުންނެވެ.
ލިބިފައިހުރި ގާބިލުކަމެއްގެ ބޮޑުކަމުން ގައުމު ބޮޑު ހަލާކަކުން ސަލާމަތްކުރުމުގެ މަގުސަދުގައި ވެރިކަމަށް އެދިގެންފި މީހެއްގެ ޙުކުމަކީ ކޮބާ؟
އާދެ! ޔޫސުފްގެފާނު މިޞްރުގެ ޚަޒާނާތަކާ ހަވާލުވެވަޑައިގަތުމަށް އެދިވަޑައިގަތް ޙާދިސާއަކީ މިކަމުގެ ޖަވާބެއެވެ.
ޔޫސުފްގެފާނު މިޞްރުގެ ޚަޒާނާތަކާ ހަވާލުވެވަޑައިގަތުމަށް އެދިވަޑައިގަތް ޙާދިސާއަކީ (ސޫރަތު ޔޫސުފްގެ 55 ވަނަ އާޔަތުގައިވާ ގޮތުން)، އަމިއްލަ އެދުމެއް ނުވަތަ މަގާމުގެ ދަހިވެތިކަމެއް އޮވެގެން ކުރެއްވި ކަމެއް ނޫނެވެ. އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އެކަލޭގެފާނު އެކަމަށް އެދިވަޑައިގަތީ އަންނަނިވި މުހިންމު ދީނީ އަދި ދުނިޔަވީ މަޞްލަޙަތު ތަކަށްޓަކައެވެ.
އެކެއް: ގައުމު ބޮޑު ޙަލާކަކުން ސަލާމަތް ކުރެއްވުން:
އެ ދުވަސްވަރަކީ މިޞްރަށް ބޮޑު ތަދެއް (ބާރަ އަހަރުގެ ހަނަފަސްކަމެއް) އަންނަން އޮތް ދުވަސްވަރެކެވެ. އެކަލޭގެފާނަށް މާތްﷲ ދެއްވި އިލްމަކުން އެކަން އެނގިވަޑައިގަތުމުން، ގައުމުގެ ރައްޔިތުން ބަނޑަށް މަރުވުމުން ސަލާމަތް ކުރެވޭނެ ހަމައެކަނި ގޮތަކީ ޚަޒާނާ ބެލެހެއްޓުން އެކަލޭގެފާނާ ހަވާލުވުން ކަމަށްވާތީއެވެ.
ދޭއް: އެކަމުގެ ގާބިލުކަން އެހެން އެއްވެސް މީހެއްގެ ކިބައިގައި ނެތުން : އެ ވަގުތު މިޞްރުގެ ރަސްގެފާނުގެ އަރިހުގައި ތިބި މީހުންގެ ތެރޭގައި އެފަދަ ބޮޑު ތަދަކުން ގައުމު ސަލާމަތްކުރާނެ އަމާނާތްތެރި ކަމާއި ޢިލްމެއް ނެތެވެ. ޔޫސުފްގެފާނު ވިދާޅުވިއެވެ. اجْعَلْنِي عَلَىٰ خَزَائِنِ الْأَرْضِ ۖ إِنِّي حَفِيظٌ عَلِيمٌ (މާނައީ: ”ބިމުގެ ޚަޒާނާތަކުގެ މައްޗަށް ތިމަންކަލޭގެފާނު އިސްކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނަކީ (އެތަކެތި) ރައްކާތެރިކުރާ، (އެކަމުގެ) އިލްމުލިބިގެންވާ މީހަކީމެވެ.“)
ތިނެއް: އަދުލުވެރިކަން ގާއިމުކުރުން: ކާފިރު ވެރިއެއްގެ ދަށުން ނަމަވެސް، ބާރު ލިބިވަޑައިގަތުމުން ރައްޔިތުންނަށް އަދުލުވެރިކަން ފޯރުވައިދޭނެ ފުރުސަތު ބޮޑުވާނެތީއެވެ.
އިސްލާމީ ފިގުހުގެ ހަމަ :
އިލްމުވެރިން ވިދާޅުވަނީ، މީހެއްގެ ކިބައިގައި ގާބިލުކަން ހުރެފައި، އެމީހަކު ނޫން އެހެން މީހަކަށް ތިމާއަށްވުރެ ރަނގަޅަށް އެ ކަމެއް ނުކުރެވޭނެ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ގައުމާއި އުންމަތުގެ މަޞްލަޙަތަށްޓަކައި މަގާމަށް އެދުމަކީ ހުއްދަ އަދި ބައެއް ފަހަރު ވާޖިބުކަމެއް ކަމަށެވެ.
ޔޫސުފްގެފާނު އެދިވަޑައިގަތީ ”ޝަރަފާއި ބާރު“ ހޯއްދަވާކަށް ނޫނެވެ. ނަމަވެސް އުންމަތް ސަލާމަތް ކުރުމުގެ ”ބުރަ މަސްޢޫލިއްޔަތާ“ ހަވާލުވެވަޑައި ގަންނަވާށެވެ.
ހިލޭ ލިބޭ ޓިކެޓުގެ މައްސަލަ ވަރުން އެޅުން :
އެކެއް: ގައުމު ސަލާމަތްކުރުމަށް ޓަކައި ކުރި އިގުތިސާދީ ކަންތައް :
ހ- ޓިކެޓު ދިނުމުގައި ގައުމު ބޮޑު ހަލާކަކުން ސަލާމަތްކުރެއްވުމުގެ މަގުސަދު އޮތީ ކިހާވަރަކަށްތޯއެވެ؟ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ އެ މީހުންގެ އަމިއްލަ ވަޒަނުގައި ތިބެގެން އާމުދަނީއެއް ލިބުމުގެ ވަސީލަތްތައް ނެތުމެވެ. އަދި ދުވަހު އާމުދަނީއަށް ޓަކައި އުފަން ރަށާއި އަނބިދަރީން ދޫކޮށް އެހެން ތަންތަނަށް ހިޖުރަކުރަން ޖެހުމެވެ. ނުވަތަ އެމީހުން އިސްކޮށްފައި ތިބި ވެރީންގެ އަރިހުގައި ސަލާމް ޖެހުމެވެ. އެކަން ހައްލުކުރުމަށް ޓަކައި ޒުވާނުންނަށް އެ މީހުންގެ ވަޒަނުގައި ތިބެގެން އާމުދަނީއެއް ލިބޭނެ ގޮތަކަށް ރާއްޖޭގެ އަތޮޅުތަކަށް ރާއްޖޭގެ އިގުތިސާދީ ހަކަތަ އިންސާފުން ބަހައިލައިގެން އަތޮޅުތަކުގައި އިގުތިސާދީ މަޝްރޫއުތައް ގާއިމުކުރުމުގެ ނިޔަތެއް، ގަނޫނީ ބިލެއް، މަޝްރޫއެއް ދެއްކިފައި އެބައޮތްތޯއެވެ؟ އޮތް ނަމަ ޓިކެޓު ހަދިޔާކުރުން އެންމެ ރަނގަޅެވެ. ނެތް ނަމަ ބެލެވޭނީ ވެރިކަމުގެ ދަހިވެތިކަމާއި، ދުނިޔޭގެ މަންފާއަށްޓަކައި ހިލޭ ޓިކެޓުދީ އަދި ލިބިގަތީ ކަމަށެވެ.
ށ- ޓިކެޓު ދިނުމުގައި ގައުމު ބޮޑު ހަލާކަކުން ސަލާމަތްކުރެއްވުމުގެ މަގުސަދު އޮތީ ކިހާވަރަކަށް ތޯއެވެ؟ އަތޮޅުތަކަށް ފަތުރުވެރިކަން ގެނައުމުގައި ހުރި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަތުރު ފަތުރުގެ އަގުތައް އަތް ނުފޯރާ ފަށަށް އުފުލިފައިވުމެވެ. އެކަން ޙައްލުކޮށް އަތޮޅުތަކަށް ފަތުރުވެރިކަން ގެނައުމަށް ޓަކައި އަތޮޅުތަކަށް ކުރެވޭ ވައިގެ ދަތުރުތަކަށް ފެންވަރު ރަނގަޅު ވައިގެ ބަޖެޓު އުޅަނދުތައް ތައާރުފުކޮށް ދަތުރުފަތުރުގެ އަގުހެޔޮ ނިޒާމަކަށް ރާއްޖޭގެ އަތޮޅުތަކަށް ފުރުސަތު ހުޅުވާލެވިފައި ވޭތޯއެވެ؟ އޮތް ނަމަ ޓިކެޓު ހަދިޔާކުރުން އެންމެ ރަނގަޅެވެ. ނެތް ނަމަ ބެލެވޭނީ ވެރިކަމުގެ ދަހިވެތިކަމާއި، ދުނިޔޭގެ މަންފާއަށްޓަކައި ހިލޭ ޓިކެޓު ހޯދީކަމަށެވެ.
ނ- ޓިކެޓު ދިނުމުގައި ގައުމު ބޮޑު ހަލާކަކުން ސަލާމަތް ކުރެއްވުމުގެ މަގުސަދު އޮތީ ކިހާވަރަކަށް ތޯއެވެ؟ ހައްތަހާވެސް އަޑުއިވެނީ ކޮންމެވެސް ބޭރު ކުންފުނިތަކަށް ރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ބިންތައް ފަތުރުވެރިކަން ތަރައްގީގެ ނަމުގައި ވިއްކާލާއަޑެވެ. ނުވަތަ ޖީލެއް ފަނާވެނެތިގެން ދާނެ ފަދަ ދިގު މުއްދަތަކަށް (99 އަހަރަށް) ކުލިއަށް ދިން ނަމުގައި ވިއްކާލާތަނެވެ. އަތޮޅުތަކުން ފަތުރުވެރިކަމަށް ދޫކުރެވޭ ބިންތައް ދޫކުރުމުގައި ކޮންމެ އަތޮޅެއްގެ ވެސް އެ އަތޮޅުގެ ޒުވާނުންނަށް އިސްކަން ދީގެން އެ ބިންތައް އެ އަތޮޅެއްގެ ރައްޔިތުންނަށް ހެޔޮއަގުގައި ދޫކުރެވިފައި ވޭތޯއެވެ؟ އޮތް ނަމަ ޓިކެޓު ހަދިޔާކުރުން އެންމެ ރަނގަޅެވެ. ނުވަތަ އެ އަތޮޅެއްގެ ރަށް، ފަޅުތައް ދީގެން ލިބޭ މަންފާއެއް އެއަތޮޅެއްގެ ރަައްޔަތުންނަށް މަންފާކޮށްދެވިފާ ވޭތޯއެވެ؟ ނެތް ނަމަ ބެލެވޭނީ ވެރިކަމުގެ ދަހިވެތިކަމާއި، ދުނިޔޭގެ މަންފާއަށްޓަކައި ހިލޭ ޓިކެޓު ލިބިދީ، ހޯދީކަމަށެވެ.
ދޭއް: ގައުމު ސަލާމަތްކުރުމަށް ޓަކައި ކުރި ސިއްޙީ ކަންތައް :
ހ- ޓިކެޓު ދިނުމުގައި ގައުމު ބޮޑު ހަލާކަކުން ސަލާމަތްކުރެއްވުމުގެ މަގުސަދު އޮތީ ކިހާވަރަކަށް ތޯއެވެ؟ ރާއްޖޭގައި ބޭސްފަރުފާއަށް ޚަރަދުކުރުމަށް ރޭވިފައިވާ ނިޒާމު “ ނެޝަނަލް ހެލްތު އިންޝުއަރެންސް“ އިން ބެވަރިޖު ސިފައަކަށް ބަދަލުކުރުމަކީ ރައްޔަތުންގެ މަސްލަހަތަށް ޓަކައި ކުރުން ލާޒިމުކަމެކެވެ. ނެޝަނަލް ހެލްތު އިންޝުއަރެންސްގެ ވައްތަރަކީ ސަރުކާރާއި ޕުރައިވެޓް ހޮސްޕިޓަލްތަކުން ޚިދުމަތް ލިބިދެވޭ އިންތިޒާމެކެވެ. ނެޝަނަލް ހެލްތު އިންޝުއަރެންސުގެ ވައްތަރަކީ ވަރަށް ގިނަ ފަހަރަށް މާލީ ފަސާދާއި އަމިއްލަ ކުންފުނިތަކުގެ ނުފޫޒު ވަދެދާ ނިޒާމެކެވެ. އެއާއި ޚިލާފަށް ބެވަރިޖުގެ ނިޒާމަކީ މައިގަނޑުގޮތެއްގައި ސަރުކާރުގެ ހަސްފަތާލުތަކުން ޚިދުމަތް ލިބިދެވޭ ނިޒާމެކެވެ. އަމިއްލަ ހަސްފަތާލަކުން އެ ނިޒާމުގެ ދަށުން ފަރުވާއެއް ލިބޭނީ ދެވަނަ ގޮތެއް ނެތް ޙާލަތެއްގައެވެ. ރާއްޖޭގެ އާސަންދަ މިދަނީ ދެކޮޅު ނުޖެހުމުން ދުވަހުން ދުވަހަށް ފަގީރުވަމުންނެވެ. މައިގަނޑު ބޮޑު ސަބަބަކީ ބޭރާއި އެތެރޭގެ ޕުރައިވެޓް ހޮސްޕިޓަލްތަކުން ޚިދުމަތުގެ ނާޖާއިޒު ފައިދާ ނަގަމުން ގެންދާތީއެވެ. އެހެންވާން ދިމާވާ ސަބަަބު އެގެއެވެ. ސިއްޙީ ސެކްޓަރ ތަރައްގީ ކުރަން ބޭނުންނުވެއެވެ. ލޯނާއި ހިލޭ އެނހީ ހޯދައިގެންވެސް ބެލެނީ ފަޅެއް ހިއްކާލެވި އޭގެން ބަަޔަކަށް ކަޓެއްލިބި އަދި ރާއްޖެތެރޭގެ މީހުން މާލޭ އޭރިޔާއަށް ޖަމާކޮށް ބޭންކުލޯންތައްދީ ދަރަނިވެރި ކުރުމާއި ބޮޑެތި ވިޔާފާރިވެރީން ރައްޔަތުންގެ ބިންތައް ސަރުކާރުން ޖެހުނުގޮތަކުން ހޯދައި ބުރިބުރިޔަށް ބިނާކޮށް ނަފާނެގޭނޭ ނިޒާމަށް ސިޔާސަތު ބަށްޓަން ކުރުމުންނެވެ. ވެރީން މުއްސަދިވާ ރައްޔަތުން ބިކަވާ މިޕޮލިސީ އަކީ މިއަދުން މިއަދަށް ހުށްޓުވަންޖެހޭ ކަރަޕްޓް ސިޔާސަތެކެވެ. ރާއްޖޭގެ އާސަންދަ ވެސް ބެވަރިޖު މޮޑަލަކަށް ހަދައިގެން މާލީ ފަސާދާތަކުންނާއި އަމިއްލަ ކުންފުނިތަކުގެ ނުފޫޒުން ސަލާމަތް ކުރުމަށްކުރި މަސައްކަތެއް ވޭހެއްޔެވެ؟ އޮތް ނަމަ ޓިކެޓު ހަދިޔާކުރުން އެންމެ ރަނގަޅެވެ. ނެތް ނަމަ ބެލެވޭނީ ވެރިކަމުގެ ދަހިވެތިކަމާއި، ދުނިޔޭގެ މަންފާއަށްޓަކައި ހިލޭ ޓިކެޓު ހޯދީކަމަށެވެ.
ތިނެއް: ގައުމު ސަލާމަތްކުރުމަށް ޓަކައި ކުރި ބޯހިޔާވަހިކަމުގެ ކަންތައް :
ހ- ޓިކެޓު ދިނުމުގައި ގައުމު ބޮޑު ހަލާކަކުން ސަލާމަތްކުރެއްވުމުގެ މަގުސަދު އޮތީ ކިހާވަރަކަށް ތޯއެވެ؟ ރާއްޖެތެރޭގެ ޒުވާނުން ބަނޑުފުރާނަ ރައްކާތެރިކުރާނެ މިންވަރުގެ އެތިކޮޅެއް ދުވަހު އާމުދާނީގެ ގޮތުގައި ނުލިބިގެން އުފަން ރަށް ދޫކޮށް ދަނީ ގުރޭޓަރ މާލޭ އޭރިޔާއަށް ހިޖުރަކުރަމުންނެވެ. މާލެއާއި މާލެ ކާރި ތޮއްޖެހުމުގެ ސަބަބުން އުފެދޭ އިޖުތިމާޢީ މައްސަލަތަކުގެ ވާހަކަ ދެެއްކުމުގެ ބޭނުމެއްނެތެވެ. ކަން އެހެން އޮތުމާއެކު ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގައި އެތަނެއްގެ އާބާދީގެ ނިސްބަތުން ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ހަދައި އެކަން ރާއްޖެތެރޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ތަންފީޒުކުރުމަށް މަސައްކަތެއް ކޮށްފައިވޭތޯ؟ ހައްތަހާ ވެސް މާލެ! ނުވަތަ ހުޅުމާލެ! ނުވަރަ ރަސްމާލެ! ވިލިމާލެ! ދެންތިބި ރައްޔަތުންނާއި އެމީހުންގެ ދިރިއުޅުން ކޮބާތޯ؟
ހަތަރެއް: ގައުމު ސަލާމަތްކުރުމަށް ޓަކައި ކުރި ޢަދުލުއިންސާފުގެ ކަންތައް :
ހ- ޓިކެޓު ދިނުމުގައި ގައުމު ބޮޑު ހަލާކަކުން ސަލާމަތް ކުރެއްވުމުގެ މަގުސަދު އޮތީ ކިހާވަރަކަށް ތޯއެވެ؟ ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ނުފޫޒު ހިންގުމަށް ޓަކައި ބޭނުން ކުރެވޭ އުކުޅަކީ ޖޭ.އެސް.ސީ.ގައި ސިޔާސީ މެންބަރުން ތިބެގެން އެތަނަށް ނުފޫޒު ހިންގުމެވެ. ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ނުފޫޒު ހިންގުމަށް ޓަކައި ބޭނުން ކުރެވޭ ދެން ވެސް އޮތް އުކުޅަކީ ސުޕުރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމުގައި ތަދައްޚުލުވުމަށް ރައީސުލްޖުމުހޫރިއްޔާއަށް ގާނޫނުން ލިބިދީފައިވާ ބާރުތައް ޢަދުލު އިންސާފުގެ އަސާސުތަކާ ޚިލާފަށް ބޭނުން ކުރުމެވެ. އެކަން ރަނގަޅުކުރުމަށްޓަކައި ގާނޫނަށް އިސްލާހެއް ގެނައުމަށް އެއްވެސް ކަމެއް ކޮށްފައިވޭތޯ؟ ދެން އެވީގޮތެއްވެގެން ވެރިކަން ވެސް ލިބިއްޖެއެވެ. މަޖިލިސް ވެސް ލިބިއްޖެއެވެ. ވީހިނދު ދިވެހިރައްޖެއަށް ބޭނުންވާ އަދުލު އިންސާފުގެ ދާއިރާ މިނިވަންކުރުމަށް އެއްވެސް މަސައްތަކެއް ކޮށްފައި އޮތްތޯއެވެ؟ އޮތް ނަމަ ޓިކެޓު ހަދިޔާކުރުން އެންމެ ރަނގަޅެވެ. ނެތް ނަމަ ބެލެވޭނީ ވެރިކަމުގެ ދަހިވެތިކަމާއި، ދުނިޔޭގެ މަންފާއަށްޓަކައި ހިލޭ ޓިކެޓު ހޯދީކަމަށެވެ. ހަމަގައިމުވެސް ރައްޔަތުނަށް ޢަދުލުއިންސާފު ލިބިނުދީ އެތަކެއް އަހަރު މައްސަލަތައް ފުނިޖެހިފައިވެ، ޝަކުވާ ކުރުމުން ލަސްވާނަމަ ޝަރުޢީމަރުޙަލާއަށް ދާން ސަރުކަރުގެ ވުޒާރާތަކުން ރައްޔަތުމީހާއަށް ބުނެއެވެ. އެހެން އެބުނާއިރުވެސް ޝަރުޢީ މަރުޙަލާގެ ދޯހިޅިކަން ސަރުކާރަށް އެނގެއެވެ. ކޯޓްތަކުގައި ގާޒީން ހަމައެއް ނުވެއެވެ. އިސްގާޒީން ނެތިގެ މައްސަލަ ނުހިންގި އެތަކެއް މަހެއް ފާއިތުވެދެއެވެ. ޝަރުޢީމަރުޙަލާގައި ކަމެއް ނިންމަން 7 ނުވަތަ 10 އަހަރު ނަގައެވެ. މިޙަގީގަތް ގައިމުވެސް ވެރީންނަށް އެނގޭނެއެވެ.
ފަހެއް: ގައުމު ސަލާމަތްކުރުމަށް ޓަކައި ކުރި ދަނޑުވެރިކަމުގެ ކަންތައް :
ހ- ޓިކެޓު ދިނުމުގައި ގައުމު ބޮޑު ހަލާކަކުން ސަލާމަތްކުރެއްވުމުގެ މަގުސަދު އޮތީ ކިހާވަރަކަށްތޯއެވެ؟ ބޭނުންވާ ތަރުކާރީއާއި މޭވާގެ ބާޒާރު މުޅީންހެން ވެސް އޮންނަނީ އަވަށްޓެރި ގައުމުގަތުގެ ނުވަތަ ބޭރު ގައުމުތަކުގެ ނުފޫޒުގެ ދަށުގައެވެ. ދަނޑުވެރިކަމުގެ މަޝްރޫއުތައް އަތޮޅުތަކުގައި ރަނގަޅަށް ހިނގަން ފަށައިފި ނަމަ އާއްމުންނަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އުފެއްދޭ ތަކެތި އެ އަތޮޅެއްގެ ކާރި ރިސޯޓުތަކަށް ވިއްކައިގެން ދިވެހި ވިޔަފާރި ފުޅާކޮށްލެވިދާނެކަމުގެ އުއްމީދު ބޮޑެވެ. ޒަމާނީ ޓެކުނޮލެޖީގެ އެހީގައި ތަރުކާރީއާއި މޭވާ އުފެއްދުމުގެ މަޝްރޫއެއް ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކުރުމަށް ޒުވާނުންނަށް ފަންނީ އެހީތެރިކަމާއި މާލީއެހީތެރިކަން ފޯރުކޮށްދީފައިވޭހެއްޔެވެ؟ ދަނޑު ވެރިކަމަށް ދޫކުރާ ބިންތައް ކުރު މައްދަތަކަށް ދޫކުރާތީވެ އެކަމަށް ޚަރަދުކުރުމަށް ޒުވާނުން ޖެހިލުންވެއެވެ. ޚާއްސަކޮށް ކައުންސިލް ބަދަލުވާ ކޮންމެ ފަހަރަކު ކުލި ބޮޑުކުރުމުގެ ބިރުއޮވެއެވެ. އެކަންތައް އިސްލާހުކޮށް ރިސޯޓުތައް ސަތޭކަ އަހަރަށް ބޭރުމީހުންނަށް ކުލިއަށް ދެވޭގޮތަށް ދަނޑުބިން ދިވެހިންނަށް ދިގުމުއްދަތަކަށް ކުލިއަށް ނުދެވެނީ ކީއްވެގެންހެއްޔެވެ؟ އެފަދަ ކުރައްވާފައިވޭހެއްޔެވެ؟ އޮތް ނަމަ ޓިކެޓު ހަދިޔާކުރުން އެންމެ ރަނގަޅެވެ. ނެތް ނަމަ ބެލެވޭނީ ވެރިކަމުގެ ދަހިވެތިކަމާއި، ދުނިޔޭގެ މަންފާއަށްޓަކައި ހިލޭ ޓިކެޓު ހޯދީކަމަށެވެ.
ހަޔެއް: ގައުމު ސަލާމަތްކުރުމަށް ޓަކައި ކަރަންޓަށް ގެނައި ކުރިއެރުންތައް
ޓިކެޓު ދިނުމުގައި ގައުމު ބޮޑު ހަލާކަކުން ސަލާމަތްކުރެއްވުމުގެ މަގުސަދު އޮތީ ކިހާވަރަކަށްތޯއެވެ؟ ކަރަންޓުގެ ކުންފުނިތަކަށް ސިޔާސީ މަގާމުތައް ނުވެއްދޭގޮތަށް ގާނޫނު އިސްލަހުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވޭހެއްޔެވެ؟ ކޮށްފައިވާ ނަމަ ޓިކެޓު ހަދިޔާކުރުން އެންމެ ރަނގަޅެވެ. ނެތް ނަމަ ބެލެވޭނީ ވެރިކަމުގެ ދަހިވެތިކަމާއި، ދުނިޔޭގެ މަންފާއަށްޓަކައި ހިލޭ ޓިކެޓު ހޯދީކަމަށެވެ.
ގައުމު ސަލާމަތްކުރުމަށް ޓަކައި ކުރި ތަޢުލީމު ކުރިއެރުވުގެ ކަންތައް
ހ- ޓިކެޓު ދިނުމުގައި ގައުމު ބޮޑު ހަލާކަކުން ސަލާމަތްކުރެއްވުމުގެ މަގުސަދު އޮތީ ކިހާވަރަކަށްތޯއެވެ؟ ދިވެހި ރާއްޖޭގެ ސަރުކާރުގެ ދެ ޔުނިވަރުސިޓީ ވެސް މިނިވަނެއްނޫނެވެ.
މިހާރު އޮތް ޔުނިވަރުސިޓީގެ ގާނޫނު ބިނާކޮށްފައިވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ބަޔަކު ޢައްޔަންކޮށްގެން ސިޔާސީ ކުޅި ކުޅެވޭނެގޮތަކަށެވެ. އެކަން އިސްލާހުކޮށް ބަދަލުގައި، މިނިވަން ”ސާޗް ކޮމިޓީ“ އަކުން މެރިޓް އުސޫލުން ޔުނިވަރު ސިޓީއަށް މީހުން ހޮވައި، ކައުންސިލްގެ ތެރެއިން ވެރިން އިންތިހާބުކުރާ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސް މޮޑެލަކަށް ވިސްނެވިންތޯއެވެ؟ ދިވެހިރާއްޖޭގެ ސަރުކާރުގެ ޔުނިވަރސިޓީއަށް ފުރިހަމަ އެކަޑެމިކް މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކޮށްދިނުމަށާއި، ޔުނިވަރސިޓީގެ ހިންގުމުގެ ނިޒާމުން ސިޔާސީ ނުފޫޒުތައް އެއްކޮށް ކަނޑުވާލުމަށްޓަކައި، ޔުނިވަރސިޓީގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ބިލެއް ހުށަހަޅުއްވާފައިވޭތޯއެވެ؟ އޮތް ނަމަ ޓިކެޓު ހަދިޔާކުރުން އެންމެ ރަނގަޅެވެ. ނެތް ނަމަ ބެލެވޭނީ ވެރިކަމުގެ ދަހިވެތިކަމާއި، ދުނިޔޭގެ މަންފާއަށްޓަކައި ހިލޭ ޓިކެޓު ހޯދީކަމަށެވެ.
މިއީ ވަރަށް ވެސް ކުރަން ފަސޭހަވެފައި ގައުމުގެ މުސްތަގުބަލު ރަނގަޅުވާނެ ކަންތައްތަކެވެ. މިކަންތައްތައް ކުރަން ނުކުޅެދިއްޖެ މީހާއަކީ ވަރަށް ގާބިލު، ގައުމުގެ އިގުތިސާދު ނަގާކޮޅެއް ޖެހިދާނެ މީހެއްކަމަށް ގަބޫކުރުރެވިދާނެ ހެއްޔެވެ؟ ޚިޔާލަކީ ތަފާތު އެއްޗެކެވެ. މިއީ އަޅުގަނޑު ދެކޭގޮތެވެ.
![]()
