ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.
އެކަމަށްޓަކައި މިއަދު ހުޅުމާލޭގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި އައްރާޖިޙީ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ބަންދަރު ޢަބްދުﷲ އައްރާޖިޙީގެ އިތުރުން ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ. މިސްކިތުގެ ބިންގާ އެޅުއްވުމުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރުވަނީ ބައިވެރިވެލައްވާފައެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
މި ބިނާގައި އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކުގެ އިތުރުން ތަޢުލީމީ، ސަޤާފީ އަދި އިޖުތިމާޢީ ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްސަ މަރުކަޒެއް ހިމެނެއެވެ. ދީނީ މައުލޫމާތާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މައުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް ޤާއިމްކުރާނެއެވެ.
އިސްލާމީ އަދި ތާރީޚީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްވެސް މިސްކިތާއެކު ތަރައްޤީކުރާނެއެވެ. މިސްކިތަށް ޒިޔާރަތް ކުރާ އާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއެއް ޤާއިމްކުރާއިރު، އިސްލާމީ ފޮތް ފިހާރައަކާއި، ގިފްޓް ޝޮޕެއްވެސް މިތަނުގައި ހުންނާނެއެވެ.
![]()
