އެ ދަރިފުޅު (ދެވަނަ ބައި)

Loading

September 11, 2026
profile
Facebook
Twitter
WhatsApp

އަނެއް ދުވަހު ހެނދުނު ޑެނިއަލް އެހެން ހުށަހެޅުމެއް ހުށަހެޅިއެވެ. އޭނާ ބުންޏެވެ. ”މަންމާއެވެ! މި ގެ ވިއްކާލަމާ ހިނގާށެވެ! މަންމައަށް މިތަނުގެ ބޭނުމެއް ހިފޭނީއެއް ނޫނެވެ! މަންމަ ދެން ދާނީ އަހަރެމެންގެ ގާތަށް ކެނެޑާއަކަށް ނޫންހެއްޔެވެ! ގެ ވިއްކާލާފައި ލިބޭ ފައިސާ މަންމަ ބޭނުންވާ ކަންކަން ކުރަން ހުންނާނެ ނޫންހެއްޔެވެ!“

ޑެނިއަލްގެ މޫނަށް އަހަރެން ބަލައިލީމެވެ. އޭނާ ހިނިތުންވެލިއެވެ. އަހަރެން ހިތަށްއެރިއެވެ. އޭނާ އަހަރެންދެކެ ހަގީގަތުގައިވެސް ހާދަހާ ލޯބިވެއެވެ. އަހަރެންނާމެދު ހާދަހާ ވިސްނައެވެ.

ޑެނިއަލްގެ ލަފާގެ މަތިން އަހަރެން ގެ ވިއްކާލައިފީމެވެ. ފައިސާއާ ހަވާލުވީ ޑެނިއަލްއެވެ. ގެ ވިއްކާލެވުނީތީ ދެރަވިނަމަވެސް ކުރިއަށް އޮތް ތަނަށް ވިސްނައި އަހަރެން ހިތްހަމަޖައްސާލީމެވެ. ހިތަށްއެރިއެވެ. ދެން ގައިމުވެސް ދަރިފުޅު ނުފެނިގެން ދެރަވާކަށް ނުޖެހޭނެއެވެ.

ޑެނިއަލްއާއެކު ދިއުމަށް އަހަރެން ދަތުރު ހެދީމެވެ. ފޮށިތަންމަތި ބަނދެ ތައްޔާރުކުރީމެވެ. އެއާޕޯޓަށް ދިޔައީ ދެމައިން އެކުގައެވެ. އެއާޕޯޓަށް ދެވުމާއެކު ޑެނިއަލް ބުންޏެވެ. ”މަންމަ މިތަނުގައި މަޑުކޮށްލާށެވެ! ފުރޮޅުލީ ގޮނޑިއެއް ހިފައިގެން އެބަ އަންނަމެވެ. އެހާ ގިނައިރު ހިނގާފައި އުޅެން މަންމައަށް ދަތިވާނެ ނޫންހެއްޔެވެ! ފަސްވަރަކަށް މިނެޓު ތެރޭގައި އަންނާނަމެވެ.“

އެތަނުގައި ހުރި ގޮނޑިއެއްގައި އަހަރެން އިށީނީމެވެ. ދިހަ މިނެޓު ފާއިތުވެގެން ދިޔައިރުވެސް ޑެނިއަލްއެއް ނައެވެ. އަހަރެން ހިތަށްއެރީ އެތަނުގައި މީހުން ގިނަކަމުން ނާދެވިގެން ލަސްވަނީ ކަމަށެވެ. އެހެން އިނދެ ބައިގަޑިއިރު ވެއްޖެއެވެ. އޭނާގެ ޚަބަރެއް ނުވިއެވެ.

އަހަރެން ބިރުގަންނަން ފެށިއެވެ. އެތާހުރި ދޮރަށް އިރުއިރުކޮޅާ ބެލެނީއެވެ. ޑެނިއަލް ފެނޭތޯއެވެ. ވަންނަ ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބެލީމެވެ. އޭގެ ފަހުން ސާޅީސް ފަސްމިނެޓު ވީއެވެ. އަހަރެންނަށް އަމިއްލަ ނަފްސަށް ބުނެވުނެވެ. ”ޑެނިއަލް އަހަރެން ދޫކޮށްލާފައެއް ނުދާނެއެވެ. އޭނާ އަންނާނެއެވެ.“

އެހެން އިނދެ ގަޑިއެއްގެއިރު ވެގެން ދިޔައީއެވެ. އަހަރެންގެ ހިތް ބިރުގަންނަން ފެށިއެވެ. ރޮވެންފެށިއެވެ.

އެވަގުތު އެތަނުގައި ހުރި ފުލުހަކަށް އަހަރެންގެ ހަރަކާތްތައް ފެނި އަހަރެން ގާތަށް އައެވެ. އޭނާ އެހިއެވެ. ”އެއްވެސް އެހީއެއް ބޭނުންތޯއެވެ؟“

އަހަރެން މި އިނީ ދަރިފުޅު ފުރޮޅުލީ ގޮނޑިއެއް ހިފައިގެން އަންނަންދެން މަޑުކޮށްލައިގެން ކަމަށް ބުނީމެވެ. އަދި މި އުޅެނީ ކެނެޑާއަށް ފުރަންވެގެންނޭވެސް ބުނީމެވެ. އެހެން ބުނުމުން ދަރިފުޅުގެ ފޮޓޯއެއް އެބައޮތްތޯ އޭނާ އެހިއެވެ.

އަހަރެން ދަބަހުން އޭނާގެ ފޮޓޯ ނަގައި ދައްކާލީމެވެ. އަދި އަހަރެންގެ ޓިކެޓުވެސް އޭނާއަށް ދެއްކީމެވެ. ޑެނިއަލްގެ ޚަބަރެއްވޭތޯ ބަލާލާފައި އެބަ އަންނަމޭ ބުނެފައި އޭނާ ހިނގައްޖެއެވެ. އޭނާގެ ހެޔޮކަމަށްޓަކައި އަހަރެން ޝުކުރު އަދާކުރީމެވެ.

އިރުގަނޑެއް ފަހުން އޭނާ އަންނަތަން ފެނުނެވެ. އެ މޫނުމަތީގައި ވަނީ ކަންބޮޑުވުމުގެ އަސަރެވެ. އަހަރެންގެ ކައިރީގައި އޭނާ އިށީނެވެ. އަދި ބުންޏެވެ. ”މާފުކުރައްވާށެވެ! އޭނާއެއް ނެތެވެ. އޭނާ ފުރައިގެން ހިނގައްޖެއެވެ. މިހާރު އެ ބޯޓު ނައްޓާލިތާވެސް ކިތަންމެ އިރެއް ވެއްޖެއެވެ.“

އަހަރެން ގަނޑުވި ކަހަލައެވެ. އިރުކޮޅަކަށް ނޭވާ ހުއްޓުނުހެން ހީވިއެވެ. މަޑުމަޑުން އަހަރެންނަށް ބުނެވުނެވެ. ”ތިޔައީ ދޮގެކެވެ. އަހަރެންގެ ދަރިފުޅު އަހަރެންދެކެ އެއަށްވުރެ މާ ލޯބިވާނެއެވެ. އޭނާ މި ދަތުރު އައީވެސް އަހަރެން ބަލައެވެ. ވީއިރު އަހަރެން ނުލައި އޭނާއެއް ނުދާނެ ނޫންހެއްޔެވެ!“

އަހަރެންނަށް ކިތަންމެ ގަބޫލުކުރަން ދަތިވިއަސް ޑެނިއަލް ފުރައިގެން ހިނގައްޖެކަން ފުލުސްމީހާ އަހަރެންނަށް ޔަގީންކޮށްދިނެވެ.

އެއްވެސް އިޚްތިޔާރަކާނުލައި އަހަރެންގެ ލޮލުން ކަރުނަ އޮހިގަތެވެ. އެތައް އިރަކު އަހަރެން ރުއިމެވެ. އަހަރެން ރޯތަން ފެނި ފުލުސްމީހާވެސް ހުރީ ފެންކަޅިވެފައެވެ. ވައި އަޑަކުން އޭނާ ބުނިއަޑު އިވުނެވެ. ”ބައެއް މީހުން އަމިއްލަ ހިތުގެ މަތިންވެސް ހަނދާންނެތެނީހެއްޔެވެ؟“

އިރުގަނޑަކު އެހެން ތިބުމަށްފަހު ފުލުސްމީހާ ވާހަކަދައްކަންފެށިއެވެ. ”އަޅުގަނޑުގެ މަންމަ ވަނީ މީގެ ފަސްއަހަރު ކުރިން މަރުވެފައެވެ. އެކަމަކު އެ ހަނދާންތައް އަޅުގަނޑާ ހިނދުކޮޅަކަށްވެސް ވަތްކެއް ނުވެއެވެ. މިއަދު ވަކިން ބޮޑަށް އެ ހަނދާންތައް އާވާން ފަށައިފިއެވެ.“

އަހަރެމެން އެކަކު އަނެކަކަށް ތަޢާރަފުވީމެވެ. އޭނާގެ ވާހަކައިން އެނގުނުގޮތުގައި އޭނާގެ ނަމަކީ ރޮބަރޓް މިލަރއެވެ. އެ ގޭގައި ދިރިއުޅެނީ އޭނާއާއި އޭނާގެ އަންހެނުން އޮލިވިއާއެވެ. އަހަރެންވެސް އަހަރެންގެ ވާހަކަތައް އޭނާއަށް ކިޔައިދިނީމެވެ.

ދަރިއަކު މަޔަކާ ލޯބިން ވާހަދައްކާނެހާ އޯގާތެރި ކަމާއެކު ރޮބަރޓް އަހަރެންނާ ވާހަކަދެއްކިއެވެ. އޭނާ ބުންޏެވެ. ”އަޅުގަނޑުމެންގެ ގެއަށް ދުރުވަންވީނޫންތޯއެވެ! އަޅުގަނޑު މި ދަނީ ޑިއުޓީ ނިމިގެން ގެއަށް ދާށެވެ. މިތަނަށް ކަމަނާ އެކަނި ދޫކޮށްލާފައި ދާކަށް އަޅުގަނޑަކަށް ނުކެރޭނެއެވެ.“

އަހަރެން ބުނީމެވެ. ”އެކަމަކު އޭރުން ވާނީ ކިހިނެއްހެއްޔެވެ؟ އަހަރެންގެ ފުށުން ތިޔަ ކުދީންނަށް އުނދަގުލެއް ވާކަށް ނޭދެމެވެ.“

ރޮބަރޓް ބުންޏެވެ. ”އެހެން ހީނުކުރައްވާށެވެ! އަޅުގަނޑު ދެކެނީ ތިޔައީ އަޅުގަނޑުމެންނަށް ލެއްވި ރަޙުމަތެއް ކަމުގައެވެ.“

އޮލިވިއާއަށް ރޮބަރޓް ގުޅިއެވެ. އަދި އަހަރެން އެގެއަށް ގެންދިއުމުގެ ހުއްދައަށް އެދުނެވެ. ވަރަށް އުފަލާއެކު އޮލިވިއާ އެކަމަށް މަރުހަބާކިއެވެ.

އޮލިވިއާ އަހަރެންނާމެދު ހިތީ އަމިއްލަ މަންމައާމެދުވެސް ހިތާނެހާ އޯގާތެރިކޮށެވެ. އޭނާ އަހަރެންނަށް މީރު ކާއެއްޗެއް ހަދައިދިނެވެ. ނިދާނެ ކޮޓަރިއެއް ތައްޔާރުކޮށްދިނެވެ.

އެރޭގެ ކެއުމަށްފަހު ކޮޓަރީގައި އިނދެގެން އަހަރެން އެތައް އިރަކު ރުއިމެވެ. ޑެނިއަލް މަތިން ހަނދާންވާވަރުންނެވެ. އޭނާ ކަންތައްކުރި ގޮތް ހިތަށްއަރާފައެވެ. ހިތަށްއެރިއެވެ.

އަހަރެންގެ ދަރިފުޅު އަހަރެން އަމިއްލަ ގެއިން ނެރެ މަގުމަތިކޮށްލީއެވެ. އެކަމަކު ދުވަހަކު ލޮލުންވެސް ނުދެކޭ މި ދެމަފިރިން އަހަރެންނަށް ބޯހިޔާވަހިކަން ދިނީ ހިތުލޯބިންނެވެ. އަހަރެންގެ ދަރިފުޅު އަހަރެން ގެންގޮސް ”އެއްލައިލީ“ އެތައް ހިސާބެއް ދުރުގައި އޮތް އެއާޕޯޓަކަށެވެ. ނަމަވެސް ނުވެސް ދަންނަ މި ފުލުސް މީހާއަށް އަހަރެން އެތަނަށް ދޫކޮށްލާފައި އަންނާކަށް ނުކެރުނެވެ.

އަނެއް ދުވަހުގެ ހެނދުނު ސައިބޯން ތިއްބައި ރޮބަރޓަށް ފޯނެއް އައެވެ. އޭނާ ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އޭނާ އައުމުން އަހަރެން އެހީމެވެ. ”ކަމެއް ގޯސްވީހެއްޔެވެ؟“

މޫނުމަތީގައި ހުރި ހާސްކަން ފޮރުވަމުން އޭނާ ހިނިތުންވެލާފައި އޭނާ ބުންޏެވެ. ”ހުރިހާ ކަމެއްވެސް ރަނގަޅެވެ.“

ޑެނިއަލް ކިތަންމެ އިހާނެތިކޮށް ކަންތައްކުރިނަމަވެސް އަހަރެން ދުޢާކުރީމެވެ. އޭނާއަށް ހެޔޮ ވިސްނުން ދެއްވާތޯއެވެ. އުންމީދުކުރީމެވެ. އޭނާ އެނބުރި އަންނާނެ ކަމަށެވެ.

ރޮބަރޓްގެ ދެމަފިރިން އަހަރެންނަށް އަޅާލައި އޯގާތެރިކަން ދިނެވެ. އެކަނިވެރިކަން ފިލުވައިދިނެވެ. އުފާކޮށްދިނެވެ. ބަލިވުމުން ބޭސްކޮށްދީ ހޭހަންކުރިއެވެ. ކުރުކޮށް ބުނާނަމަ ޑެނިއަލް އަހަރެންނަށް ހުވަފެނުން ދެއްކި އުފާވެރި ދުނިޔެ އަހަރެންނަށް ހޯދައިދިނީ މި ދެމަފިރިންނެވެ.

އެކަމަކު އަހަރެންގެ ހިތުގެ އެއް ކަނެއްގައި އަބަދުވެސް ހުސްކަމެއް އޮވެއެވެ. ޑެނިއަލްގެ ހަނދާންތަކެވެ. އޭނާއަށް ކުރެވޭ އިންތިޒާރެވެ. އެ އިންތިޒާރުގައި ކޮންމެ ދުވަހެއްވެސް ހީވީ އެތައް އަހަރެއްހާ ދިގުހެންނެވެ.

ފަހުން އަހަރެންނަށް އެނގުނެވެ. ޑެނިއަލް ދަތުރުކުރި ބޯޓު ވެއްޓުނީއެވެ. އެއިން ދަތުރުކުރި އެކަކުވެސް ސަލާމަތެއް ނުވިއެވެ. ރޮބަރޓް އަހަރެންނަަށް އެކަން ސިއްރުކުރީއެވެ. އަހަރެން އޭރު އިން ހާލަތުން އިތުރު ހިތާމައެއް ނުދޭންވެގެންނެވެ.

އަހަރެން ވަރަށް ދެރަވިއެވެ. މިފަދަ ހާލަތެއް ދިމާވެދާނެއޭ ދުވަހަކުވެސް ހިތަކަށް ނާރައެވެ. ނަމަވެސް ޑެނިއަލްއަށް އަހަރެން މާފުކުރީމެވެ. ހެޔޮ ދުޢާ ކުރީމެވެ. އޭނާގެ އަނބިދަރިން ހެޔޮ ހާލުގައި ލެއްވުން އެދި ދެންނެވީމެވެ. އަދި މިފަދަ ހިތާމައެއް ދަރިއެއްގެ ފުށުން އެހެން މަޔަކަށް ނުޖެއްސެވުން އެދި ދުޢާކުރީމެވެ.

އެއްދުވަހަކު ރޮބަރޓް އަހަރެންގެ ގާތުގައި އެހިއެވެ. ”ކަމަނާގެ ގެއަށް އަދިވެސް ދާން ބޭނުންތޯއެވެ؟“

އަހަރެން ބުނީމެވެ. ”އެކަނިމާއެކަނި ދިރިއުޅުނު އެ ގެ އަހަރެންގެ އަތުން ބީވެ ދިޔަތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. އެކަމަކު މި ގެއިން އަހަރެންނަށް ލިބުނީ ބޯހިޔާވަހިކަން އެކަންޏެއް ނޫނެވެ. ލޯބި ދޭނެ އާއިލާއެއްވެސް މެއެވެ.“

އާނއެކެވެ. އަހަރެންގެ އުފަން ދަރިފުޅު މިއަދު އެވަނީ މި ދުނިޔެ ދޫކޮށް ގޮސްފައެވެ. މާމަ ކުދިންނާ ގުޅޭނެ ގޮތެއްވެސް ނެތެވެ. އުޅޭ ހިސާބެއްވެސް ނޭނގެއެވެ.

ނަމަވެސް އަހަރެންދެކެ ލޯބިވާނެ ”ނުއުފަންނަ“ ދަރިއަކު ލިބިއްޖެއެވެ. ލޯބިވާ ”ޅީދަރިއަކު“ ލިބިއްޖެއެވެ. ލޭގެ އެއްވެސް ގުޅުމެއް ނެތަސް މިއަދު މިއީ އަހަރެންގެ އާއިލާއެވެ.

(ތަރުޖަމާއެއް)

ނިމުނީ

Loading

Leave a Reply

ފަހުގެ އަޕްޑޭޓް