އެމެރިކާގައި އޮންނަ މިޑްޓަރމް އިންތިޚާބް ގެ ކުރިން އީރާން ހަނގުރާމަ ނުނިންމާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ

Loading

September 11, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އެމެރިކާގައި އަންނަ ނޮވެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޑްޓަރމް އިންތިޚާބް އަށްފަހު ނޫނީ އީރާން ހަނގުރާމަ ނިމޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.އަދި ނޮވެމްބަރުގެ ކުރިން ތެލުގެ އަގު ހެޔޮނުވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.


ރައީސް ޓްރަމްޕް ގެ އަމުރަށް އިރާންގެ މިލިޓަރީ،ސަރުކާރު،އަދި މައި އިންފްރާސްޓްރަކްޗާ ތަންތަނަށް އަމާޒުކޮށް ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ބޮޑު ކޮމްބެޓް އޮޕަރޭޝަނެއް ފަށާފައިވެއެވެ.ނަމަވެސް މިހަނގުރާމައިގެ ސަބަބުން އެމެރިކާގެ ގިނަބަޔަކު ދަނީ ޓްރަމްޕް ގެ ނިންމެވުންތަކާ މެދު ހިތްހަމަ ނުޖެހޭކަން ފާޅުކުރަމުންނެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ގެ ޕާޓީގެ މެމްބަރުންވެސް ދަނީ ގޮވާލަމުންނެވެ. މިއާއެކު ޓްރަމްޕް ގެ މަގްބޫލުކަން އެމެރިކާގެ އެތެރޭގައި ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.
ކުރިޔަށް އޮތް މިޑްޓަރމް އިންތިޚާބްގައި ކޮންގްރެސް ގެ ދެޗެމްބަރުގެ އަގުލަބިއްޔަތު ރިޕަބްލިކަންޕާޓީ އަށް ގެއްލި ޕާޓީގެ ބާރު ކެނޑިގެން ހިނގައިދާނެކަމަށް ދަނީ ވަރަށް ބޮޑަށް ބެލެވެމުންނެވެ.
ޓެކްސާސްގައި ބޭއްވެމުންދާ ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަން އަށް ފުރާވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި އިންތިޚާބަށް ފަހު ވަގުތުން ހަނގުރާމަ ހުއްޓާލާނެއެވެ.އެއަށްފަހު މާގިނަ ދުވަހެއްނުވެ ތެލުގެ އަގު ބާރަށް ދަށަށް ދާނެކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ނަމަވެސް ނޮވެމްބަރުމަހުގެ ކުރިން ހަނގުރާމަ ހުއްޓާނުލާނެ ކަމަށް ބުދަ ދުވަހު ޓްރަމްޕް ވިދާޅުވުމާއި ގުޅިގެން ހަމަ އެދުވަހުވަނީ ތެލުގެ އަގު ސަތޭކަ ޑޮލަރަށް އަރާފައެވެ. މިއީ ޖުލައިމަހުގެ ފަހުން ތެލުގެ އަގު މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ.
ޓްރަމްޕް ވިދާޅުވާ ގޮތުގައި އީރާނަށް ހަމަލާދިނީ އީރާނުން ނިއުކްލިއަރ ހަތިޔާރެއް އުފެއްދުން ހުއްޓުވާލުމަށެވެ. ނަމަވެސް ނިއުކްލިއަރ ހަތިޔާރެއް އުފައްދަން ނޫޅޭކަމަށް ތެހެރާނުން ތަކުރާރުކޮށް ބުނަމުން އާދެއެވެ.
ބުދަދުވަހުގެ ރޭ ރިޕަބްލިކަންޕާޓީގެ ކޮންވެންޝަނާ މުޚާތަބްކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ ތަފާތު ވައުދެއްވެސް ވެވަޑައިގެންފައެވެ. އެއީ މިޑްޓަރމް އިންތިޚާބްގައި ކޮންގްރެސްގެ ދެގެ ޓްރަމްޕްގެ ޕާޓީ އަށް ކާމިޔާބް ވެއްޖެ ނަމަ އެމެރިކާގެ ކޮންމެ ބޮޑުމީހަކަށް ފަސްހާސް ޑޮލަރު ދެއްވާނެކަމަށް ވިދާޅުވެ ވީވައުދެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މިކަމުގައި އޮތް ހަމަ އެކަނި ޝަރުތަކީ އެފައިސާ ޚަރަދު ކުރަން ޖެހޭނީ އެމެރިކާގެ އެތެރޭގައިކަމެވެ.
މިވައުދާއި ބެހޭ ގޮތުން ޓްރަމްޕް އިތުރު ތަފްސީލް ހާމަ ކުރައްވާފައެއް ނުވެއެވެ.މިފައިސާ އަންނާނީ ކޮންތަނަކުން ކަމެއް، ނުވަތަ ފައިސާ ޚަރަދު ކުރާ ގޮތް މޮނިޓަރ ކުރާނީ ކިހިނެއް ކަމެއް ވިދާޅެއް ނުވެއެވެ.
ޑިމޮކްރެޓުން ވަގުތުން ވަނީ އެއީ ހަމަ ހުސް ވައުދެއްކަމަށް ބުނަން ފަށާފައެވެ.އަދި އެފަދަ ވައުދަކީ ގާނޫނީ ގޮތުން ހުއްދަ ވައުދެއްތޯވެސް ގިނަ ފަރާތްތަކުން ބުނަމުން އައިސްފައި ވެއެވެ. އެހެނީ އިންތިހާބަކާ ގުޅުވާ ފައިސާ ބެހުމަކީ އެމެރިކާގައިވެސް ގާނޫނީ ކުށަކަށް ވާތީއެވެ.
އެމެރިކާގައި މިވަގުތު 270 މިލިއަން އެޑަލްޓުން ނުވަތަ ބޮޑެތި މީހުން ތިބިއިރު ކޮންމެ މީހަކަށް 5،000ޑޮލަރު ދިނުމަށް 1.3ޓްރިލިއަން ޑޮލަރު ބޭނުން ވާނެއެވެ.
މިއީ ކުރެވިދާނެ ކަމެއްތޯ ނުވަތަ ނޫންތޯ އަދި އިނގެން ނެތްނަމަވެސް ޓްރަމްޕް މިވައުދު ވުމާއި އެކު އޭނާގެ ސަޕޯޓަރުން ވަރަށް ބާރަށް އަތްތިލަބަޑިޖަހާ އަޑުގަދަކޮށް ތަރުހީބު ދީފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް