ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި އިމާރާތުގައި ރޯވި މައްސަލައާ ގުޅޭގޮތުން ކުރީގެ ރައީސް ޔާމީން ކުރެއްވި ތުހުމަތާ ގުޅިގެން، އެ މައްސަލައިގެ ތަހުގީގަށް އެމަނިކުފާނު ހާޒިރުކުރުމަށް ގެންދިޔަ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަތް ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މިއީ، ޕީއެންއެފުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، މިނިސްޓްރީގެ އިމާރާތުގައި 12 ޑިސެމްބަރު 2024 ވަނަ ދުވަހުގެ ހެނދުނު އެތަނުގައި ރޯކޮށްލީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ކިހާ ގާތް މީހެއްކަން ފުލުހުންނަށް އެނގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ މައްސަލައެކެވެ.
ރައީސް ޔާމީނުގެ މި ތުހުމަތާ ގުޅިގެން ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވަނީ، މި މައްސަލައިގެ ތަހުގީގު އަލުން ކުރިއަށްގެންދިއުމަށް ފުލުހުންނަށް އަންގަވާފައެވެ.
މިކަމާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނީ، އެ ހާދިސާގެ ތަހުގީގުން ހޯދާފައިވާ މައުލޫމާތަށް ބަލާއިރު، ހާދިސާ ހިނގާފައިވަނީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލާގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެތްކެއް ތަހުގީގަށް ލިބިފައި ނުވާކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ، ޔާމީނު ދެއްކެވި ވާހަކަފުޅަކީ ތަހުގީގަށް މުހިއްމު މަޢުލޫމާތަކަށްވާތީ، އެކަމާ ގުޅިގެން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ތަހުގީގަށް ސާފުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް އަންގައި، ޗިޓެއް ހަވާލުކުރުމަށް ފުލުހުން އިއްޔެ މަސައްކަތްކުރި ކަމަށެވެ.
މިގޮތުން، އިއްޔެ އިރުއޮއްސި 6:40 ހާއިރު ޔާމީން ދިރިއުޅުއްވާ ހ. ދޫވެއްސަށް ފުލުހުން ގޮސް އެމަނިކުފާނަށް ޗިޓު ހަވާލުކުރުމަށް މަސައްކަތްކުރި ނަމަވެސް، އެ މަނިކުފާނު ވަނީ އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފައި ކަމަށެވެ.
ފުލުހުން ބުނީ ޗިޓާ ހަވާލުވެވަޑައިނުގެން، ޔާމީން ދެއްކެވި ވާހަކައަށް ރިޢާޔަތްކުރައްވައި، ލިޔުމުން އެ މަނިކުފާނު ޖަވާބުދެއްވި ކަމަށާއި، އޭގައި ވަނީ އެ މައްސަލައާ ގުޅޭގޮތުން ޔާމީނަށް އިތުރު އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައި ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ، ސާބިތުނުހިފޭ ވާހަކަތައް ފެތުރުމުގެ ބަދަލުގައި ތަހުގީގީ އިދާރާތަކަށް އެއްބާރުލުހުން ދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.
![]()
