އައިކާ (ދެވަނަ ބައި)

Loading

September 3, 2026
profile
Facebook
Twitter
WhatsApp

އައިމަންއަށް ނުނިދިފައި އޮއްވާ އައީ މެސެޖެކެވެ. ނާއިލާގެ މެސެޖެކެވެ. އައިމަން މެސެޖު ބަލައިލިއެވެ. ބޮޑު ވާހަކައެއް ދައްކަން އޮތް ކަމަށް ބުނެފައި އޮތެވެ. އައިމަން ފުންމައިގެން ތެދުވެ އިށީނެވެ.

އައިކާ ނިދީގައި ސިހެނީއެވެ. ރޮވިރޮވިފައި ހޭލެވެނީއެވެ. މިހާރު އޮތީ ހުންވެސް އައިސްފައެވެ. ބޭސް ދީގެން އައިކާ ގެނެސް ކައިރިއަށް ލައިގެން ނާއިލާ އޮށޯތެވެ. ނިދިޖެހުނު އިރެއްވެސް ނޭނގެއެވެ. ސިއްސައިގެންގޮސް ހޭލެވުނީ ހޫނު ނޭވާއެއް މޫނަށް އެޅުމުންނެވެ. އޭރު ޝަމްވީލް އޮތީ އައިކާއާ ދިމާއަށް ގުދުވެއެވެ.

”އެމަންޖެ ހާދަ ހުން ގަދައޭ.“ ޝަމްވީލް ވާހަކަދެއްކީ މަޑުމައިތިރި ރާގެއްގައެވެ.

”ސެންޓަރަށް ގެންދަންވީނު ދައްކާލަން.“ ޝަމްވީލް މިހެން ބުނުމުން ނާއިލާ ތެދުވިއެވެ.

ފާޚާނާއަށް ވަދެ މޫނު ދޮވެލިއެވެ. ބުރުގާ ބޮލަށް އެއްލައިގެން އައިކާ ކޮނޑަށް ލައިގެން ހިނގައިގަތެވެ. ނާއިލާ ނުކުތްތާ އިރުކޮޅެއް ފަހުން އައިކާގެ ހޮސްޕިޓަލު ފައިލު ހިފައިގެން ޝަމްވީލް ދިޔައެވެ.

ޝަމްވީލަށް ދެވުނުއިރު ނާއިލާ ހުރީ އިމަޖެންސީ ރޫމުގައެވެ. ވާހަކަ ދައްކާ ދައްކާ އަނގަޔަކުން ނުބުންޏެވެ. ވީ ކީއްތޯ އެހުމުން ޖަވާބެއް ނުދިނެވެ. ފޯނު ނަގައި މެސެޖެއް ކުރިތަން ފެނުނެވެ. އައިމަންއަށެވެ. ޝަމްވީލަށް ސިއްރަކުން ނޫނެވެ. އައިކާ މަރުކަޒުގައި އޮތް ވާހަކަ ބުނެލީއެވެ.

އިރުކޮޅަކުން ޑޮކްޓަރު އަތުވެއްޖެއެވެ. އައިކާ ބަލާފައި ބުނީ ޓެސްޓުތަކެއް ހަދަންޖެހޭ ކަމަށެވެ. ޑޮކްޓަރު ހުރިހާ ވާހަކައެއް ދެއްކިއިރުވެސް ނާއިލާ ހުރީ ސީދާ ޑޮކްޓަރުގެ މޫނަށް ބަލާށެވެ. ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެފައި ހުރިހެންނެވެ.

ޑޮކްޓަރު ދިޔަތަނާހެން އައިސް ވަނީ އައިމަންއެވެ. ޝަމްވީލަށް ލިބުނީ ސިހުމެކެވެ. ނާއިލާވެސް ސިހުނު ނަމަވެސް އައިމަން އައުމުން ހިތްހަމަޖެހުނެވެ. އައިމަން ފެނުމާއެކު އައިކާއަށް ދިރުމެއް ލިބުނު ކަހަލައެވެ. ބައްޕާއޭ ކިޔާފައި ތެދުވަން މަސައްކަތްކުރިއެވެ.

އޭރު ނަރުސް ކުއްޖަކު އައިކާގެ ލޭނަގަން އަތުވެއްޖެއެވެ. ލޭ ނެގުނީ ވަރަށް އުނދަގުލުންނެވެ. އައިމަން އައިކާ ހައްދާލިލެއް މޮޅުކަމުން އައިކާއަކަށް ވީ ނުވީއެއްވެސް ނޭނގުނެވެ.

އުނދަގޫ މަރުހަލާ އައީ ދެނެވެ. ހުން މަޑުކުރަން އުނގުރި ޖަހަންވެގެން އައުމުން އައިކާ ހަމަ ހިލާ ނެޕީ ނައްޓާކަށް ބޭނުމެއް ނުވިއެވެ. ހަމަ ރޮނީއެވެ. ”އައްދޮ“ވާ ތަނުގައި ނަރުސް އަތްލާފާނެތީއެވެ.

އެންމެ ފަހުން ގަދަކަމުން ހިފަހައްޓާފައި ނާއިލާ ނެޕީ ނެއްޓީއެވެ. އެއާއެކު ނާއިލާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ހަމަ ގައިމުވެސް ނިދަން ފެންވެރުވިއިރު ހުރީ އެހެންނެއް ނޫނެވެ. ގައިމުވެސް ކޮންމެވެސް ކަމެއް ވެއްޖެއެވެ. އެހެން ނޫންނަމަ އެވަރަށް ރަތްވެ ދުޅަވެފައި ހުންނަންވީ ސަބަބެއް ނެތެވެ.

އައިމަންގެ ލޯ އަމާޒުވީ ޝަމްވީލަށެވެ. އެއީ ހާސްކަމާއެކު ޝަމްވީލަށްވެސް އައިމަންގެ މޫނަށް ބަލައިލެވުނު ވަގުތެވެ. އައިމަންގެ ޝައްކު ޔަގީނަށް ބަދަލުވިކަހަލައެވެ. އެކަމަކުވެސް އޭނާ ނިންމީ ފިޔަވަޅު އަޅާނީ ޔަގީންވާ ވަރަށް ބަލާފައި ކަމަށެވެ.

އިރުކޮޅަކުން ހަރު ހިނގުމެއްގައި ޑޮކްޓަރު އައިކާ އޮތް ތަނަށް ވަދެއްޖެއެވެ. ނާއިލާއާ ވާހަކަތަކެއް ދެއްކުމަށްފަހު ވަގުތުން އިތުރު ޓެސްޓުތައް ހަދަން އެންގިއެވެ.

އައިކާގެ ފަރުވާގެ ކަންކަން ކުރިއަށްދިޔައިރު އައިމަން ފެންނަނީ ހަމަހިމޭންކޮށެވެ. އެކަމަކު އެ ސިކުނޑީގައި ރޭވެމުންދިޔައީ ބޮޑު ކަންތައްގަނޑެކެވެ. އަވަހަށް ގޮތް ނިންމުމުގެ ބަދަލުގައި އޭނާ ކެތްތެރިކަން އިސްކުރިއެވެ. އަވަސް އަރުވާލައިގެން ކުރެވޭ އެންމެ ކަމަކުން އޭނާ އައިކާއާ ދުރަށް ދާން ޖެހިދާނެއެވެ. އެހެން ވެއްޖެނަމަ އައިކާއަށް ހިމާޔަތް ދޭނެ މީހަކު މި ބީރައްޓެހި ރަށުގައި ނުހުންނާނެއެވެ.

ކޮންމެ ގޮތެއް ހަދާފައިވެސް އެ ނުބައި ޢަމަލު ކުރި މީހަކު މިފަހަރު އޭނާ ހޯދާނެއެވެ. އެއީ ޝަމްވީލް ވިއަސް އެހެން މީހެއް ވިއަސް އައިމަން އެމީހަކު އިންސާފުގެ ކުރިމައްޗަށް ގެންދާނެއެވެ.

އައިމަންއާ އައިކާ ހަވާލުކޮށްފައި ނާއިލާ ދިޔައީ ފާޚާނާއަކަށެވެ. އިރުކޮޅަކުން އައިމަންއަށް ލިބުނީ މެސެޖެކެވެ. ނާއިލާގެ މެސެޖެކެވެ. މެސެޖު ކިޔާލުމާއެކު އައިމަންގެ ހުރިހާ ހިއްސެއް ހުއްޓުނު ކަހަލައެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ. ހަގީގަތް އެނގުމަށްފަހު އިތުރަށް ލަސްކުރާކަށް އޭނާ ބޭނުމެއްނުވިއެވެ.

ނާއިލާ އައުމާއެކު ބާރު ހިނގުމެއްގައި އައިމަން ނުކުމެގެން ދިޔައީ މިފަހަރު ކޮންމެވެސް އެއް ގޮތަކަށް މިކަން ނިންމާފައި ނޫނީ ނޭވާވެސް ނުލާނަމޭ ބުނާކަހަލަ ގޮތަކަށެވެ. ދިޔަގޮތަށް އޭނާ ސީދާ ވަނީ ފުލުހުންގެ މަރުކަޒަށެވެ.

ބަޔާން ދީ ނިންމާފައި ހޮސްޕިޓަލާ ދިމާއަށް ދިޔަ މަގުމަތީގައި ފަތިސްނަމާދަށް ގޮވައިފިއެވެ. ނަމާދުކޮށްގެން ރޮއިރޮއިފައި އޭނާ ދުޢާކުރިއެވެ. އިންސާފުގެ ދަތުރުގައި އޭނާއަށް ވާގިދެއްވުން އެދިއެވެ.

ހެނދުނު އިރު އަރައިގެން އައިއިރު ފުލުހުންގެ މަރުކަޒުދޮށަށް ވަނީ މީހުން އެއްވެފައެވެ. އެއް ބަޔަކު ވާނުވާ ބެލުމަށް ދިޔައިރު އަނެއް ބަޔަކު ހައިރާންވެފައި ތިބީ ލޮލަށް ފެނުނު މަންޒަރު ގަބޫލު ނުކުރެވިފައެވެ.

މޫސާފުޅުގެ އަންހެނުން މަރިޔަނބު ދިގު ބުރުގާއިން ބަޔަކާއެކު އަނގަމަތީގައި އަތް އަޅައިގެން މޮޅިވެރިކަމާއެކު ހުއްޓެވެ. އެހާވަރު ކަމެއް ހިނގިއިރު އޭނާއަށް ”ރޭކާނުލީތީ“އެވެ.

އޭނާއަށް ކަމެއް ރޭކާލާނީ މީހަކު ދައްކާ ވާހަކައެއް ކުޑަމިނުން އަޑުވެސް އަހާލިއްޔާތާއެވެ. ވިލުނޫގޭ ފާތުމަތުވެސް އޭނާ ގާތުގައި ކިތަންމެ ފަހަރަކު ޝަކުވާކުރިއެވެ. އެއްގަމުގޭ މާރިޔަތުވެސް ކިތަންމެ ފަހަރަކު މަރިޔަނބަށް އެކަން ބުނެދޭން އުޅުނެވެ. އެކަމަކު މޫސާފުޅުގެ އަބުރާއި ކަރާމާތަށްވުރެ އޭނާއަށް މުހިންމު އެއްޗެއް ނެތް ކަހަލައެވެ.

އައިމަން ހޮސްޕިޓަލަށް ދިޔައިރު ޝަމްވީލް ހުރީ އިސްޖަހާލައިގެންނެވެ. އައިމަންއާ ހަތަރުކަޅި ހަމަކުރަންވެސް ނުކެރިފައެވެ. ރޮއިފައި ހުރީ މޫސާފުޅުގެ ހައްޔަރުކުރީމާ ކަމެއް ނޫނީ އައިކާއަށް އެވަރުގެ އަނިޔާއެއް ލިބުމުން ކަމެއް ނޭނގެއެވެ.

”އަހަރެންނަށް މާފުކުރާތި! އަހަރެންގެ އަމިއްލަ ބައްޕަ ވިއަސް އަހަރެން ކަންކުރީހީ ހަމަ އެހެން.“ އެކަހެރި ވަގުތުކޮޅެއް ލިބުމުން އިސްވެ ވާހަކަދެއްކީ އައިމަންއެވެ.

ޝަމްވީލް ކުށްވެރިކުރީ އަމިއްލަ ނަފްސެވެ. ދޮންބައްޕައަށް އިތުބާރު ކުރެވުނީތީއެވެ. އައިކާގެ ބައްޕައެއްގެ މަގާމުގައި ހުރެ އިހުމާލު ވެވުނީތީއެވެ. ”ކާފަ“ ގެއަށް ގެންގޮސްލަން ބައެއްފަހަރު ހުއްދަ ދެވުނީތީއެވެ. އެކަމަކު އެވަރުގެ އިތުބާރެއް ދެވުނީ މަރިޔަނބުވެސް ގާތުގައި ހުރީތީއެވެ.

ޝަމްވީލް އައިމަންއަށް ދިނީ އެންމެ ޔަގީން ކަމެކެވެ. އިރެއްގައި ކުށެއް ކުރެވިފައި ވިއަސް އޭނާއަކީ ކުޑަކުއްޖަކަށް އެކަހަލަ އަނިޔާއެއް ދޭހާ ވަހުޝީ މީހެއް ނޫނެވެ. ޔަގީނުންވެސް އޭނާއަށް އެނގިގެން އެކަހަލަ ކަމެއް އެހެން މީހަކުވެސް ކުރިއަކަނުދޭނެވެ.

ހެތްކާއި ގަރީނާއާއެކު މޫސާފުޅު ބަންދުކޮށްފިއެވެ. މޫސާފުޅާ އެއްކޮޅަށް އަރާނެ ބަޔަކު ތިބިނަމަވެސް އަނިޔާ ލިބުނު ގިނަ އާއިލާތަކެއްގެ ހެކިބަސްވެސް އޭނާއާ ދެކޮޅަށް ހުށަހެޅުނެވެ. ރަސްމީކޮށް ހެކިދޭން ދާން ނުކެރުނު ކިތަންމެ މީހަކުވެސް ވައިއަޑުން އެވާހަކަ ދައްކައި އުޅުނެވެ.

މަރިޔަނބެކޭ އެއްފަދައިން މޫސާފުޅުގެ މާތް ވާހަކަ ދައްކާ އެތައް ބަޔަކުވެސް ރަށުގައި ތިއްބެވެ. އޭނާ ހައްޖަށް ދިޔަ ވާހަކައެވެ. ހުރިހާ ނަމާދަކަަަށް މިސްކިތަށް އަރާ ވާހަކައެވެ. ކުދިންނަށް ޤުރުއާން ކިޔަވައިދޭ ވާހަކައެވެ.

މޫސާފުޅުގެ ބޮލުގައި އޮތީ ތަތްތެޅިފައި އޮތް ތާކިހަލެއް ކަމާއި، ހިލޭ ކިޔަވައިދޭ ކިލާހަކީ ޝިކާރަކުރަން ޖަހާފައިވާ ދާގަނޑެއްކަން އެމީހުންނަށް ނޭނގިދާނެއެވެ. އެކަމަކު ގައިމުވެސް މަރިޔަނބަށް ނޭނގިއެއް ނުހުންނާނެއެވެ.

އިސާހިތަކު ޚަބަރުތަކަށް އެވާހަކަ އަރައިފިއެވެ. ސޯޝަލްމީޑިއާގެ އެކައުންޓުތަކުގައި އެކި މީހުންގެ ޝުޢޫރުތައް ހާމަކުރަން ފަށައިފިއެވެ. އެކި އުމުރުގެ ދެ ޖިންސުގެ މީހުންނެވެ. އެމީހުންނަށް އިންސާފު ލިބުނީތީ ”އައިކާގެ ބައްޕައަށް“ ކޮންމެ މީހަކުވެސް ސެލިއުޓުކުރިއެވެ.

ހަގީގަތް ހާމަވީއިރު ދެޖިންސުގެ ކުދިންނަށް އެކި ފަހަރު މަތިން އެކަހަލަ ގޯނާތައް މޫސާފުޅުގެ ފަރާތުން ހުރީ ލިބިފައެވެ. އޭގެތެރޭން ބައެއް ކުދިން ވަނީ މިހާރު މައިންބަފައިންނަށް ވެފައެވެ. ތަފާތަކީ އޭރު އެކަހަލަ ވާހަކަދެއްކުން އެއީ ހުތުރު ކަމަކީއެވެ. އަގު ވެއްޓޭނީ ގޯނާ ލިބޭ މީހާގެ ކަމަށް ގަބޫލު ކުރެވިފައި ވާތީއެވެ. ކޮންމެ ގޮތެއް ހެދިއަސް ބޮޑެތި މީހުންނަށް އިހުތިރާމު ކުރަންޖެހޭ ކަމަށް ގަބޫލުކުރެވިފައި އޮންނާތީއެވެ.

ދިގުދެމިގެންދިޔަ ޝަރީއަތަކަށްފަހު މޫސާފުޅަށް ޖަލު ހުކުމެއް އަތުވެއްޖެއެވެ. އައިކާގެ ޓެސްޓުތަކާއި އެހެން ހެކިތަކުގެ މައްޗަށް ބިނާކޮށެވެ. އައިމަންއާއި އެ އަނިޔާ ލިބުނު އެންމެންވެސް އެކަމާ އުފާކުރިއެވެ.

މަރިޔަނބު ފުރަތަމަކޮޅު ފޫކަހާފައި އުޅުނީ މޫސާފުޅު އުމުރުން ދުވަސްވެފައި ހުއްޓައި ޖަލަށް ލުމުންނެވެ. ކުދިންގެ ބައްޕަ މަރުވި ފަހުން އެހާ ދުވަހު އިނދެގެން އުޅުނު މީހާއާ ވަކިވާން ޖެހުމުންނެވެ.

އޭނާ ހަމައަކަށް އެޅުނީ ދަރިން އެތައް ނަސޭހަތެއް ދީގެންނެވެ. ”އެމީހާ“ ނެތަސް މަންމަ ބަލާނެކަމުގެ ޔަގީންކަން ދަރިންގެ ފަރާތުން ލިބުމުންނެވެ. މަރިޔަނބަށް ވިސްނުނެވެ. ތެދެކެވެ. އަންހެން ދަރިއަކު ހުރިނަމަ އެ ދަރިއަށް މީހަކު ގޯނާއެއް ކުރާކަށް މަރިޔަނބުގެ ހިތަކަށްވެސް ކެތެއްނުވާނެއެވެ. ވީއިރު އެ އަނިޔާ ލިބުނު ކުދިންގެ މައިންގެ ހިތަށް ކިހާ އަސަރެއް ކުރާނެހެއްޔެވެ! އެކުދިން އުޅެފައި ހުންނާނީ ކިހާ ވޭނެއްގައިހެއްޔެވެ!

(ނިމުނީ)

Loading

Leave a Reply

ފަހުގެ އަޕްޑޭޓް