މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކާކަމުގެ ތުހުމަތުގައި ނައިޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓު ފްރީޒްކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު ހެކި ހޯދުމަށްޓަކައި މާފަންނު ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ގާނޫނާއި ގަވައިދާ ޚިލާފަށް، ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުޢާމަލާތްކުރާ ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާގުޅޭ މުއައްސަސާތައް ގުޅިގެން އެކުލަވާލާފައިވާ ޚާއްޞަ ޓާސްކްފޯހުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދާކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.
މީގެ އިތުރުން، ގަވައިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ހަ ބިދޭސީއަކުވެސް އެ ޓާސްކްފޯހުގެ އޮޕަރޭޝަނެއްގައި އިއްޔެ ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝް ހަތަރު މީހަކާއި އިންޑިއާ ދެ މީހެކެވެ.
ގަވައިދާ ޚިލާފަށް ހިންގާ ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މި ފަހުން ވަނީ ހަރުކަށި ގަވައިދުތަކެއް އެކުލަވާލާފައެވެ.
![]()
