ހިތްވަރުގަދަ ބުޅަލެއްގެ މައިވަންތަ ލޯބި

Loading

September 1, 2026
profile
Facebook
Twitter
WhatsApp

މިއީ 1996 ވަނަ އަހަރު ނިއުޔޯކްގެ ބްރޫކްލީންގައި ހިނގި ހާދިސާއެކެވެ.

މި ހާދިސާގައި ހިމެނޭ ސްކާލެޓް ނަމަކަށްކިޔާ ބުޅަލަކީ މަގުމަތީގައި އުޅޭ އެހެނިހެން ޖަނަވާރުން ފަދައިން ދިރިއުޅުނު ބުޅަލެކެވެ. ނަމަވެސް މި ބުޅާ އެހާ މަޝްހޫރު ވެގެން ދިޔައީ ކީއްވެބާވައެވެ؟ އެގޮތެއް ބަލައިލަމާ ހިނގާށެވެ!

ސްކާލެޓް ދިރިއުޅުނު ހިސާބުގަނޑުގައި ހުރި ބޮޑު ގުދަނެއްގައި އެއްފަހަރަކު ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގިއެވެ.

އަލިފާން ނިއްވުމަށް އައި ފަޔަރމަނުންނަށް ބުޅަލެއްގެ އާދަޔާ ޚިލާފު ހަރަކާތްތަކެއް ފާހަގަކުރެވުނެވެ. އަލިފާންގަނޑުގެ ތެރެއިންލާފައި ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އެތަނަށް އެ ބުޅާ ވަދެ ނުކުމެ ވާތީއެވެ. ވަންނަ ކޮންމެ ފަހަރަކު ނުކުންނަނީ ތުއްތު ބުޅަލެއް ތުނބުލައިގެންނެވެ. އެސޮރު ގެންގޮސް ކޮންމެވެސް ސަލާމަތްތެރި ހިސާބަކަށް ލާފައި އަނެއްކާވެސް އެނބުރި އަންނަނީއެވެ. މި ބުނެވުނު ބުޅަލަކީ ސްކާލެޓްއެވެ.

މިގޮތަށް އެންމެ ފަހު ބުޅާ ތުނބުލައިގެން އައިއިރު ސްކާލެޓް ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. ނަމަވެސް އެހާލުގައިވެސް ކޮންމެ ތުއްތު ބުޅަލެއްގެ ހާލަތު ވަކިވަކިން އެސޮރު ބެލިއެވެ. ހުރިހާ ތުއްތު ބުޅާތައް ތިބީ ސަލާމަތުންކަން އެނގުމާއެކު ހަމަޖެހުމުގެ ނޭވާއެއްލައި ވަރުބަލިކަމާއެކު އޮށޯވެލިއެވެ.

މި ހާދިސާ ދުނިޔޭގައި މަޝްހޫރުވެގެން ދިޔައީ ޖަނަވާރުންގެވެސް މައިވަންތަކަމުގެ ލޯބީގެ މަތިވެރިކަން ހުންނަ މިންވަރު ދޭހަކޮށްދިން ވަރުގަދަ މިސާލެއްގެ ގޮތުގައެވެ.

މި ހާދިސާއާ ގުޅިގެން އެތައްހާސް ބަޔަކު ސްކާލެޓްއާއި އޭނާގެ ތުއްތު ބުޅާތައް އެޑޮޕްޓްކުރަން ހުށަހެޅި ކަމަށް ވެއެވެ. ހަށިގަނޑު ފިހެމުން ދިޔަހާލުގައިވެސް ދަރިން ސަލާމަތްކުރުމުގައި އެސޮރު ދެއްކި ހިތްވަރުގެ ރަމްޒެއްގެ ގޮތުންނެވެ.

ފިހިފައިވާ ޒަޚަމްތަކުން ފަސޭހަވެ، ފަހުން ސްކާލެޓް އުމުރުގެ ދުވަސްތައް ހޭދަކުރީ އެސޮރު އެޑޮޕްޓްކުރި އާއިލާގެ ގާތުގައި ލޯތްބާއި އަޅާލުން ލިބިގެންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް