އައިކާ

Loading

August 31, 2026
profile
Facebook
Twitter
WhatsApp

އުމުރުން ތިން އަހަރުގެ އައިކާއަށް އެންމެ އުފާވެރި އެއް ދުވަހަކީ ބައްޕަ ރަށަށް އަންނަ ދުވަހެވެ. ބައްޕަ ފެންނާތީއެވެ. ބައްޕަ ގެންނަ ހަދިޔާތައް ލިބޭތީއެވެ. ބައްޕައާއެކު ހިނގާލަން ދެވޭތީއެވެ.

ކައިރި ރިސޯޓެއްގައި މަސައްކަތްކުރާ އައިމަންއަށް ރަށަށް އާދެވެނީ ކޮންމެ ހަފުތާއަކު އެއްފަހަރުއެވެ. އައިކާ ދެކެލާ ހިތުން ކެތްމަދުވެފައި ހުންނަ އައިމަންއަށްވެސް މިއީ އެންމެ އުފާވެރިކަން ލިބޭ އެއް ދުވަހެވެ.

ވަރިވެފައި ތިއްބަސް އައިކާދެކެ އައިމަން ވާ ލޯބީގެ ސަބަބުން ނާއިލާވެސް އެހާމެ އުފާވެއެވެ. ވަކިވުމަށްފަހު ބައްޕަގެ ލޯތްބަކީ މި މުޖުތަމައުގައި ދަރިންނަށް ލިބޭ ނާދިރު ހަދިޔާއެކެވެ. އައިކާއަކީ އެ މަދު ނަސީބުވެރިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ.

އައިމަންގެ އިތުބާރު ނާއިލާއަށް ގެއްލިފައި ވީނަމަވެސް ނާއިލާ އައިމަންއަށް އިންތިހާއަށް އިތުބާރުކުރެއެވެ. ނާއިލާއަށާއި އައިކާއަށް އޭނާ ދުވަހަކުވެސް ދެރައެއް ނުދޭނެކަން އޭނާއަށް އެނގެއެވެ. އެއީ އެއަށްވުރެ މާ މާތް އިންސާނެކެވެ.

އައިމަންއަކީ ވިޔާނުދާ މީހެއްނަމަ މިއަދު ނާއިލާ ހުރީހީ މުޅި ރަށަށް ގިނަވެފައެވެ. ނަމަވެސް ނާއިލާގެ މައިންބަފައިން ފިޔަވައި އެކަކަށްވެސް އެމީހުން ވަކިވާން ޖެހުނު ސަބަބެއް ނޭނގޭނެއެވެ.

ނާއިލާ ގަބޫލުކުރެއެވެ. އިތުބާރު ގެއްލުނީ ނާއިލާގެ ބޭވަފާތެރި ކަމުންނެވެ. އައިމަން އޭނާއަށް ދުވަހަކުވެސް ދެން އިތުބާރު ނުކުރާނެކަން ނާއިލާއަށް އެނގެއެވެ. ނާއިލާ ކިތަންމެ ބޭނުންވިއަސް ދެނެއް އައިމަން އޭނާގެ ހަޔާތަކަށް ނާންނާނެއެވެ. އައިމަން ކީއްކުރަންހެއްޔެވެ! އެ މީހަކާއެކު ނާއިލާ އައިމަންއަށް ބޭވަފާވީ މީހާވެސް ވަނީ ނާއިލާއާ ގުޅުން ކަނޑާލާފައެވެ.

މައިންބަފައިންގެވެސް އެދުމާއެކު ނާއިލާ އާ ހަޔާތެއް ފަށަން ވިސްނިއެވެ. އެކަމަކު އިނދެވަރިވެ ދަރިއަކު ހުރި މީހަކަށް ރަށްފުށުގައި އިންނާނެ މީހަކު ވަރަށް ނުލިބޭނެއެވެ. އެކަމަކު އަބަދު މައިންބަފައިންގެ ތައްޕާހުންވެސް ނޫޅެވޭނެތާއެވެ. އެމީހުން ނާއިލާއަށް އެންމެ ބޭނުންވި ދުވަހު ނާއިލާ އެމީހުންނަށް ބުރައަކަށް ވެގެން ނުވާނެއެވެ.

ނާއިލާ ކައިވެންޏެއް ކުރަން ނިންމިއެވެ. ބީރައްޓެއްސަކާއެވެ. އޭނާގެ މާބޮޑު މައުލޫމާތެއް ނާއިލާއަކަށް ނޭނގެއެވެ. ދިމާވީ ފޭސްބުކުންނެވެ. ހުރިހާ ވާހަކައެއް ދެއްކީ މެސެންޖަރުންނެވެ. ތައާރަފުވީ ފޮޓޯގަނޑަކުންނެވެ. ނާއިލާއަކީ އަވަހަށް ނިދާ މީހަކަށްވާތީ މާ ގިނައިރު ފޯނުކޮށްގެންވެސް ވާހަކައެއް ނުދެއްކެއެވެ. އެކަމަކު ގުޅާލަން ޝަމްވީލަށް ވަގުތުވަނީ ރޭގަނޑު ދިހައެއްގެ ފަހުންނެވެ. ”ޑިއުޓީ“ އޮންނަ ގޮތުންނެވެ.

ކައިވެނީގެ ވާހަކަ ނާއިލާ މައިންބަފައިންނަށް ހުށަހެޅިއެވެ. އެމީހުން ފުރަތަމަވެސް ނުރުހުނީ ކިހިނެއް އުޅޭ ކާކުތޯވެސް ބަލައިނުލި ތަނުގައި އެމީހަކާ ބައްދަލުވެސްނުވެ އެހާ ހިސާބަށް ނާއިލާ ދިޔައީތީއެވެ. އާދަންފުޅާއިއާއި ހައްވާނިކެ އެދުނީ ޝަމްވީލް ރަށަށް އައިސް އެމީހުންނާ ބައްދަލުކުރުމަށެވެ.

ނާއިލާ ޝަމްވީލަށް އޭނާގެ މައިންބަފައިންގެ އެދުން ހުށަހެޅިއެވެ. ޝަމްވީލް މާގިނަ ބަހަނާއެއް ނުދައްކައި އެރަށަށް އަތުވެއްޖެއެވެ. އޭނާ ލެއްޕުމަށް ބޯޓުދޮށަށް ނާއިލާގެ އާއިލާ ދިޔައެވެ. އާދަންފުޅާއި ހައްވާނިކެއާ ސަލާންކޮށް ޝަމްވީލް ވާހަކަދެއްކީ ވަރަށް އިހުތިރާމާ އެކުގައެވެ.

އާދަންފުޅުގެ ޚަރަދުގައި ޝަމްވީލް ބެހެއްޓީ އޭނާގެ ބޭބެ އުމަރުފުޅުގެ ގޭގައެވެ. އުމަރުފުޅަކީ ނިކަން ހުޝިޔާރު މީހެކެވެ. އެކި ގޮތްގޮތުން ޝަމްވީލުގެ ޚަބަރުދަބަރު އޭނާ ހޯދައިފިއެވެ. ގިފިލި ބެލި މައްސަލައެއްގައި އަދަބު ލިބިފައިހުރި މީހެކެވެ. ވައްކަމުގެ މައްސަލައެއްގައި އަރުވާލި މީހެކެވެ. ތިން އަހަރު ކުރިން އިން މީހާ އޭނާގެ ގާތުން ވަރިވީ އަނިޔާކުރާތީއެވެ.

އުމަރުފުޅާއި އާދަންފުޅުގެ ދެމަފިރިން މިކަމާ ނާއިލާއާ ވާހަކަދެއްކިއެވެ. ނާއިލާ ބުނީ ކޮންމެ މީހަކަށްވެސް ކުށް ކުރެވޭނެ ކަމެވެ. އޭނާ އެހެރީ އެކަންކަމަށް އަދަބު ލިބިގަނެގެން ކަމަށެވެ.

އާދަންފުޅު ވިސްނައިލިއެވެ. ތެދެކެވެ. ނާއިލާގެވެސް ފަސްބައެއް މާ ހުދެއް ނޫނެވެ. އައިމަން ގާތުގައި އާދަންފުޅު އެވާހަކަ ބުނީ ޚުދު އޭނާގެ ލޮލަށް މަންޒަރު ފެނުމުންނެވެ. އެހެންނޫންނަމަ އައިމަން މިއަދު އުޅުނީހީ ނުއުފަންނަ ދަރިއަކު ބޮލުއަޅައިގެން ނޫންކަމެއްވެސް ނޭނގެއެވެ. އެކަމަކު ނާއިލާވެސް އެހެރީ އެކަންކަމުން ދުރުވެ ތައުބާވެގެންތާއެވެ.

ނާއިލާގެ ކައިވެނި ވެވުނެވެ. ދުވަސްކޮޅަކު ރަށުގައި އުޅުމަށްފަހު ބަދަލުވީ ފިރިމީހާގެ ރަށަށެވެ. ދިރިއުޅުނީ އާއިލާއާ ވަކިން އުޅެވޭހެން ހުރި ބައެއްގައެވެ. ނާއިލާއަށް ފަސޭހަވާނެކަމަށް ބުނެފައެވެ.

ޝަމްވީލަކީ ދަރިއަކު ހުންނަ މީހަކަށް ނުވާތީ އޭނާ އައިކާދެކެ ފިސާރި ލޯބިވެއެވެ. އުރައި، ބައްދައި ދޮންދީ އުޅޭ މަންޒަރު ބަލަން ނާއިލާ އިންނަނީ އުފަލުންނެވެ. ދަރިފުޅުދެކެ އެހާ ލޯބިވާ ބައިވެރިއަކު ލިބުމަށްވުރެ މަޔަކު އުފާވާނެ ކަމެއް އޮންނާނެހެއްޔެވެ؟ ނާއިލާ އައިކާލައްވައި ޝަމްވީލަށް ކިޔުއްވަނީވެސް ކުޑަބައްޕައެވެ.

ފިރިމީހާގެ ރަށުގައި ނާއިލާ އުޅުނު ނަމަވެސް އައިމަން ގަވައިދުން އައިކާ ގާތަށް އާދެއެވެ. ބައެއްފަހަރު އައިކާއާއެކު ގޯތިތެރޭގައި ކުޅެލަން މަޑުކުރި ނަމަވެސް ގިނަ ފަހަރަށް ގޮވައިގެން ދަނީ ބޭރަށެވެ.

އެގޮތަށް ބޭރަށް ދިޔަ ދުވަހެކެވެ. އައިކާ ގެއަށް ލާން އައިއިރު އިވުނީ ޝަމްވީލް ހަޅޭއްލަވާ އަޑެވެ. މައްސަލައަކަށްވީ އައިމަން އެގެއަށް އަންނާތީއެވެ. ކިތަންމެ ބުންޏަސް ނާއިލާއަށް މީހަކު ހަޅޭއްލަވައި އަނިޔާ ދޭކަށް އައިމަންގެ ހިތަކަށް ކެތެއް ނުވާނެވެ.

ލައްޕާފައި ހުރި ދޮރުގައި އައިމަން ޓަކިޖެހިއެވެ. އިވުނުހެންނެއް ހިޔެއްނުވެއެވެ. އަނެއްކާވެސް އެއަށްވުރެ ބާރަށް ޓަކިޖަހައިލިއެވެ. ނާއިލާ ދޮރު ހުޅުވުމާއެކު އެތެރެއަށް ވަންނާށޭ ކިޔާފައި ފަހަތުން ހިފައި ބުރުގާގަނޑު ދަމައިގަތްތަން ފެނުނެވެ.

”މަށެއް ދެން ނުވަންނާނަން މިގެއަކަށް. އަހަރެން އައިސް ގުޅީމަ އައިކާ ބޭރަށް ނެރެލަދީ!“ އައިމަން ވާހަކަދެއްކީ ޝަމްވީލަށް އިވޭވަރަށެވެ.

”ޝަމްވީލު ކަލޭވެސް ނާއިލާއަށް އަނިޔާނުކުރާތި! ތި ހީކުރާހާ ދަށް ފެންވަރުގެ މީހެއް ނޫން ނާއިލާއަކީ. ބޭނުން ނޫނިއްޔާ ގެންގޮސް އޭނަގެ މައިންބަފައިންނާ ހަވާލުކުރޭ! “ ރިހުން ހުރި އަޑަކުން އައިމަން ދިނީ އިންޒާރެކެވެ.

ޝަމްވީލުގެ އަނިޔާއެއް ނުލިބޭތާ ހަފުތާއެއް ވެއްޖެއެވެ. އައިމަންގެ އިންޒާރަށްފަހު ކަމެއް، ނޫނީ އަމިއްލައަށް ވިސްނިގެން ކަމެއް ނޭނގެއެވެ. ކޮންމެެއަކަސް ނާއިލާ ހުރީ އެކަމާ ވަރަށް ހިތްހަމަޖެހިފައެވެ.

އޭގެފަހުން ނާއިލާއަށް ދެން އަންނަންފެށީ ޝަމްވީލުގެ އެހެން ޝަކުވާއެކެވެ. މިޒަމާނުގައި ދަރިން ބައްޕައަށްވެސް ހަވާލުކުރަން ނުވާނެ ވާހަކައެވެ. އިތުބާރުކުރަން ނުވާނެ ވާހަކައެވެ. ކަމެއް ކުރަންވީމާ ބައްޕައެއް ކާފައެއް ނޯންނާނެ ވާހަކައެވެ.

ނާއިލާގެ ހިތަށް ކުރީ ވަރަށް ފުން ވޭންދެނިވި އަސަރެކެވެ. މިއޮއްހާ ދުވަހު އައިމަންގެ ފަރާތުން އެކަހަލަ ކަމެއް ނުފެނެއެވެ. ނުވިތާކަށް ނާއިލާ ކުރި އެއޮއް ބޮޑު ކުށް ހަނދާން ނައްތާލާފައި އައިމަން ދިޔައީ ނާއިލާ އެފަދަ ކަމެއްް ނުކުރާނެކަމުގެ ޔަގީންކަންވެސް ޝަމްވީލަށް ދީފައެވެ.

ނާއިލާ ވިސްނާލިއެވެ. ތެދެކެވެ. އެފަދަ އަނިޔާ ލިބިފައި ހުންނަނީ އެންމެ ހިމާޔަތް ލިބޭނެ ކަމަށް އުންމީދުކުރާ މީހުންގެ ފަރާތުންނެވެ. އެކަމަކު އޭނާ ހަމަ އެފަދަ ދަށް ދަރަޖައަކަށް އައިމަން ވައްޓާލަންވީހެއްޔެވެ؟

އައިމަން އައިކާ ގެންދިޔަ ދުވަހެކެވެ. އެދުވަހު ގެއަށް ގެނައުމުން ހަވާލުވީ ޝަމްވީލެވެ. ނާއިލާ އުޅުނީ އައިކާއަށް ކާންދޭން ތައްޔާރުކުރާށެވެ. ބަތް މޮޑެގެން އައިއިރު ޝަމްވީލް އިނީ އައިކާ އުނގަށްލައިގެން ސޯފާގައެވެ. ނާއިލާ ފެނުމާއެކު އޭނާގެ އަތުން ގަދަކަމުން ނެއްޓިގަނެގެން އަތުވެއްޖެއެވެ. އިނީ ފާޑަކަށް މާނޭވާ ލެވިފައެވެ. ކިހިނެއްވީތޯ އެހުމުން އައިކާ ޝަމްވީލަށް ލޯ އަޅައިލިއެވެ. ކުޑަކުދިންގެ މިޒާޖޭހިތައި ނާއިލާވެސް މާބޮޑު ކަމަކަށް ނުހަދައެވެ.

ކާންދީ ނިމިގެން އައިކާ ގޮވައިގެން ކޮޓަރިއަށް ވަނީ ނިދަން ތައްޔާރުކުރާށެވެ. ފެންވަރުވަން އުޅެނިކޮށް ކުކުރާލާފައި ބުނީ ފެން ޖެހުނީމާ ދިލަނަގާ ކަމަށެވެ. އެކަމަކު އައްޗި ދޮންނަންވާނެއޭ ބުނެފައި ރޮއްވައިގެން އައިކާ ފެންވަރުވައިގެން ނެރެފިއެވެ.

އަދިވެސް އޭނާ އައިކާ ނިންދަވަނީ ނެޕީ ޖަހައިގެންނެވެ. ނެޕީ ނުޖަހަން ޝަމްވީލް ބުނިނަމަވެސް އޭނާ އެކަން ކުރަނީ ބޯ ގޮދަޑިއަށް ހީސްލެވިދާނެތީއެވެ. ކުޑަ އެނދުގައި ވަކިން ބޭއްވިއަސް ފަހުން އައިސް އަރާ އޮންނާނީ ނާއިލާ ގާތުގައި ކަމަށް ވާތީއެވެ. އެހެންނޫނަސް ނެޕީގެ ޚަރަދަކީ އައިމަން ދޭ އެއްޗެކެވެ. އެކަމަކާ ޝަމްވީލަކަށް ގޮތެއް ނުކިޔޭނެއެވެ.

އެދުވަހު ހިނގާލަން ދިޔައިރު އައިމަން ގާތުގައި އައިކާ ބުނި ވާހަކައަކުން އައިމަންގެ ލޮލަކަށް އެރޭ ނިންޖެއް ނައެވެ. ލޮލީޕޮޕް ކާންދޭ އުޅުމުން ބުނީ ކުޑަބައްޕަ ކާންދޭގޮތަށް ކާންދިނުމަށެވެ. އެއީ ކޮން ގޮތެއްތޯ އެހުމުން އައިކާ ދިން ޖަވާބެވެ. އައިމަން ބޭނުންވީ އެކަން ބަލާށެވެ.

މީހެއްގެ ބޮލުގައި ނުބައި ތުހުމަތެއް އަޅުވާކަށް އައިމަން ބޭނުމެއް ނޫނެވެ. އަމުދުން އައިކާ ބުނި ވާހަކައަކީ ބައްޕައެއްގެ ހައިސިއްޔަތުން ކަންބޮޑުވި ވާހަކައަކަށް ވިއަސް އެއީ އެވަރުގެ ތުއްތު ކުއްޖެއްގެ ބައްޕައެއްގެ މަގާމުގައި ހުރި މީހަކު ނުނިޔަތުގައި ނޫނަސް ކޮށްލަފާނެ ކަމެކެވެ. އެކަމަކު އައިކާގެ ބައްޕައަށް ވީތީ އެ ހިތަށް ކެތްނުވީއެވެ.

އެކަމުގެ ހަގީގަތް އޭނާ ބަލަން ބޭނުންވިއެވެ. އެރޭ ފުރައިގެން ނުގޮސް ކުލީ ކޮޓަރިއެއްގައި އޭނާ މަޑުކުރީ އެހެންވެއެވެ. އޭނާ ފުރައިގެން ނުދާކަމެއް ނާއިލާއަކަށް އަދި ޝަމްވީލަކަށްވެސް ނޭނގޭނެއެވެ.

އައިމަންއަށް ނުނިދިފައި އޮއްވާ އައީ މެސެޖެކެވެ. ނާއިލާގެ މެސެޖެކެވެ. އައިމަން މެސެޖު ބަލައިލިއެވެ. ބޮޑު ވާހަކައެއް ދައްކަން ބޭނުން ކަމަށް ބުނެފައި އޮތެވެ. އައިމަން ފުންމައިގެން ތެދުވެ އިށީނެވެ.

(ނުނިމޭ)

Loading

Leave a Reply

ފަހުގެ އަޕްޑޭޓް