އީރާނު ހަނގުރާމައިގެ ސިޔާސަތު ހޮރްމުޒް ކަނޑުއޮޅި ހުޅުވުމާ ދިމާލަށް

Loading

Facebook
Twitter
WhatsApp

އެމެރިކާއާއި އީރާނުގެ ދެކޮޅުވެރި ހަމަލާތައް މި ދުވަސްވަރު މައިތިރިވެފައި ވިޔަސް ސުލްހައަށްޓަކައި ކުރެވެމުންދިޔަ މަޝްވަރާތަކަށްވެސް ވަނީ އުންމީދު ގެއްލިފައެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ އިމެއް ނެތް ދަތި ކުރުމުގެ ފިޔަވަޅުތަކުން ނަތީޖާ ފެންނަމުންދާތީވެ އީރާނާ ދެކޮޅަށް އެމެރިކާއިން އިތުރު މިލިޓްރީ ހަމަލާއެއް ދިނުމުގެ ވިސްނުން ނުގެންގުޅޭކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ވަނީ އިއުލާން ކުރައްވާފައެވެ. ހަބަރުތަކުން އެނގޭ ގޮތުގައި އެމެރިކާގެ ހަރުކަށި އިގްތިސާދީ ފިއްތުންތަކުގެ ދިގުއަތް އީރާނުގެ ތެޔޮ ގަތުމަށް އެންމެ ގިނައިން ފައިސާ ޚަރަދު ކުރަމުންގެންދާ ޗައިނާގެ މާލީ އިދާރާތަކާ ހަމަކަށް ނުފޯރައެވެ. މިހާރު ހަމަލާތައް އަމާޒު ކުރެވެމުންދަނީ ހޮރްމުޒް ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދު ފަހަރަށެވެ. އެއްފަރާތުން އެމެރިކާގެ މިލިޓްރީން ހަމަލާތައް ދެމުން ގެންދާއިރު ބައެއް އެހެން އުޅަނދުތަކަށް އީރާނުން ގެންދަނީ ހަމަލާ ދެމުންނެވެ. އަދި 45 ބޯޓެއް އީރާނުގެ ބްލެކް ލިސްޓަށް ލާފައި އޮތުމުގެ ސަބަބުން ގަލްފުގެ ގައުމުތަކުން ބޯޓުފަހަރަށް ގަލްފުތެރޭގައި ތެލާއި އެހެނިހެން މުދާ އެއްބޯޓުން އަނެއް ބޯޓަށް ބަދަލުކުރުންވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.
އެންމެ ފަހުގެ ޚަބަރުތަކުން އެނގޭ ގޮތުގައި މެދު އިރުމަތީގެ ބައެއް ގައުމުތަކުގައި ހުންނަ އެމެރިކާގެ ޑިޕްލޯމެޓިކް އޮފީސްތަކުގެ ބައެއް މުއައްޒަފުންވެސް އެނބުރި އަންނަން ފަށައިފިއެވެ.
ދުބާއި އަދި ގާހިރާއިން ރޮއިޓާރސްގެ ޚަބަރުތަކަށް ބަލާއިރު ގަތރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝައިޚް މުހަންމަދު ބިން އަބްދުއްރަޙްމާން އަލްސާނީ ތެހެރާނަށް ވަޑައިގެން އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާއި އިއްޔެ ބައްދަލު ކުރައްވައިފިއެވެ. އެ ބޭފުޅުންގެ ވާހަކަތައް ބިނާކުރައްވާފައިވަނީ ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވޭނެ ގޮތެއް ހޯދުމުގެ މައްޗަށެވެ. އަލް މަނާރް ޓެލެވިޒަންއަށް ތަރުޖަމާނު ބޭނުންކުރައްވައިގެން އީރާނުގެ ސުޕްރީމް ނޭޝަނަލް ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރަޒާއީ ދެއްވި ބަސްދީގަތުމުގެ ޚަބަރުތަކުން އެނގިފައިވާގޮތުގައި ހޮރްމުޒް ކަނޑުއޮޅިން އެއްފަރާތުން އޮމާން އަނެއްފަރާތުން އީރާން ހިއްސާކުރާގޮތަށް އެދެމެދުން ދަތުރުކުރުމަށް ޗެނަލެއް ހުޅުވާލަން އީރާނާއި އޮމާނުން އެއްބަސްވެފައިވާކަން ހާމަކުރައްވައިފިއެވެ. އެހެންނަމަވެސް އެމެރިކާއިން އެ ދެ ގައުމުން ކަނޑައަޅާ ޝަރުތުތައް ގަބޫލު ކުރަންޖެހޭނެއެވެ.
މާޒީވެދިޔަތަނުގައި އީރާނުން ކަނޑައަޅާފައިވާ ޝަރުތުތަކަކީ އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާބޯޓުފަހަރު އެމެރިކާއިން ހުއްޓުވުން ދޫކޮށްލުމާއި އީރާނާ ދެކޮޅަށް އެމެރިކާގެ ބާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އަދި ހަނގުރާމައިގާ ދީފައިވާ ގެއްލުންތަކަށް ބަދަލު ދިނުމެވެ. އަދި ޖޫން މަހުގެ އެއްބަސްވުން މިހާރު އުވިއްޖެކަން އެމެރިކާގެ ރައީސް އިއުލާންކުރްއްވާފައި އޮތުމާއެކު އެއްބަސްވުމަށް ރުޖޫއަވުމަށް އީރާނުން ކަނޑައަޅާފައިވާ ޝަރުތު އެމެރިކާއިން ބަލައެއް ނުގަނެއެވެ.
ހޮރްމުޒް ކަނޑުއޮޅީގައި އީރާނުން އަޅާފައިވާ މައިންތައް މިހާރު އޮންނާނީ ނަގައި ސާފުކޮށްފައިކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވެއެވެ. އަދި ހޮރްމުޒް ކަނޑުއޮޅި އޮތީ އީރާނުގެ ބާރުގެ ދަށުގައި ނޫންކަމަށްވެސް އެމެރިކާއިން ބުނަމުންގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެންނަމަވެސް ތެހެރާނާއި އޮމާނުން ހާމަކޮށްފައިވާ ފްރޭމްވާރކް ނިމުމުން މިލިޓްރީ އުޅަނދުފަހަރު ހޮރްމުޒް ތެރެއިން ދަތުރުކުރުމުގެ ހުއްދަ ނުދެވޭނެކަމަށް ތެހެރާނުން ބުނެފައިވެއެވެ. އީރާނާއި އޮމާނުނުގެ ފްރޭމްވާރކް އަށް އެމެރިކާއިން އެއްބަސްވެދާނެތޯ އޮޅުންފިލުވުމަށްޓަކައި ފޮކްސް ނިއުސް ޑިޖިޓަލް އިން ވައިޓްހައުސް އަށް ގުޅުމުން ޖަވާބު ލިބިފައެއް ނެތެވެ.
ހޮރްމުޒް ކަނޑުއޮޅި މިހާރު އޮތީ ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާލެވިފައި ކަމަށާއި އެމެރިކާ މިލިޓްރީގެ އެހީތެރިކަމާއެކު މިހާރުވެސް ބޯޓުފަހަރު ދަތުރުކުރަމުން ގެންދާކަމަށް ސެންޓްކޮމްގެ ތަރުޖަމާނު ކެޕްޓަން ޓިމް ހައުކިންސް ފޮކްސް ނިއުސް ޑިޖިޓަލްއަށް މައުލޫމާތު ދީފައިވެއެވެ. އަދި މިހުސްވި މޭމަހުންފެށިގެން އެމެރިކާ މިލިޓްރީގެ އެހީތެރިކަމާއެކު 1500 އުޅަނދު އެ ކަނޑުއޮޅި ހުރަސްކޮށްފައިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް އިނގިރޭސި ވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން ބުނެފައިވަނީ ހަނގުރާމައިގެ ކުރިން ދުވާލަކު އާންމުގޮތެއް 130 އުޅަނދު ހުރަސްކުރަމުން ގެންދިޔަ ކަނޑުއޮޅިން މިހާރު ދަތުރުކުރަނީ ދުވާލަކު ތިރީހަކަށް އުޅަނދުކަމަށް ބުނެފައިވެއެވެ.
އީރާނުގެ އިންގިލާބީ ސިފައިން ބުނެފައިވަނީ އެމެރިކާގެ ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ހޮރްމުޒް ކަނޑުއޮޅި އޮތީ އީރާނުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށެވެ. އަދި އެމެރިކާއިން ގެންގުޅޭ އަރައިގަތުމުގެ ވިސްނުން ބަދަލުކޮށް މިހާރު ވެފައިވާ އެއްބަސްވުމަށް އަމަލުކުރާ ދުވަހަކާ ހަމަޔަށް ހޮރްމުޒް ކަނޑުއޮޅިން ބައިނަލް އަގްވާމީ ދަތުރުކުރުން އާންމު ހާލަތަކަށް ނުގެނެވޭނެކަމަށްވެސް އީރާނުން ބުނެފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް