ރާއްޖޭގައި އެންމެ ޒަމާނީ ފެންވަރުގެ އިންޖިނިއަރިން ލެބޯރަޓަރީއެއް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ އިންޖިނޭރުންގެ ދުވަހާ ގުޅުވައިގެން ވީޑިއޯ މެސެޖެއް މެދުވެރި ކުރައްވާ ފޮނުއްވި މެސެޖެއްގައި ރައީސް ވަނީ އިންޖިނިއަރިން ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ އަގުވަޒަންކުރައްވައި، އެ ދާއިރާއިން ތައުލީމު ހާސިލުކުރަމުންދާ ޒުވާނުންނަށް ހިތްވަރު ދެއްވާފައެވެ.
މީގެ އިތުރުން، އިންޖިނިއަރިންގެ ރޮނގުން ތައުލީމު ހާސިލުކުރާ ދިވެހިންގެ އަދަދު އިތުރުވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި، އެކަމުގައި ދަރިވަރުންނަށް ސަރުކާރުން ބޭނުންވާ އެއްބާރުލުން ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި ހަމައެއާއެކު، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އަމަލީ ގޮތުން ދިރާސާތަކާއި ތަހުލީލުތައް ކުރެވޭނެ ފުރިހަމަ ވަސީލަތްތަކާ އެކު ހާއްސަ އިމާރާތެއް ބިނާކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
“މި އިމާރާތުގައި ސިވިލް އިންޖިނިއަރިންއާ މެކޭނިކަލް އިލެކްޓްރިކަލް އިލެކްޓްރޯނިކްސް ސޮފްޓްވެއާ އިންޖިނިއަރިން, އެއާކްރާފްޓް އަދި އެރޯނޮޓިކަލް އިންޖިނިއަރިން, ދެން ރޮބޮޓިކް އޭއައި އިންޖިނިއަރިން މިހެން ގޮސް އެކި އެކި އިންޖިނިއަރިން ދާއިރާއިން އެކި ކަހަލަ އެކްސްޕެރިމެންޓުތައް ހަދައި އެކި ކަހަލަ ރިސާޗްތައް ހަދައި މިދާއިރާއިން ކުރިއަށް ދިޔުމަށް އަދި މި ދާއިރާއިން ކިޔެވުމަށް ބޭނުންވާ ހުރިހާ ކުދިންނަށް އަދި ރާއްޖެއިން ބޭރުންވެސް ރާއްޖެ އައިސް ތަހުލީލު ކުރުމުގެ ފުރުސަތު ލިބޭ ފެންވަރުގެ އިމާރާތެއް ގާއިމްކުރަން އަޅުގަނޑު ގަސްތުކުރަން.“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިންވެސްޓްމަންޓްތައް ސަރުކާރުން ހަމަޖައްސާނެއެވެ.
އެގޮތުން މި މަސައްކަތްތައް ރާވާފައިވަނީ ދައުލަތުގެ ބަޖެޓަށް ބުރަނުވާނޭހެން، ދެމެހެއްޓެނިވި އުސޫލަކުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މީގެ ސަބަބުން ރާއްޖޭގައި ތަފާތު އިންޖިނިއަރިންގެ ރޮނގުތަކުން ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އިންޖިނިއަރިންގެ އެކި ދާއިރާތަކުން ރާއްޖެ އައު ހަރުފަތަކަށް ވާސިލުވެ، ތަރައްގީގެ މަތީ ދަރަޖައަކަށް ވާސިލުވުމަށް މިކަމުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
![]()
