ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ކައިރީގައި މިރޭ ހިނގި އެކްސިޑެންޓު ހިނގާފައިވަނީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އެރުމަށް މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ އެ އިދާރާއަށް މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ 2026 އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04ގައި ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ.
މި ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މަޢުލޫމާތު ދެއެވެ. އިތުރު ފަރުވާ ދިނުމަށްޓަކައި އެކުއްޖާ މިހާރު ދަނީ އައިޖީއެމްއެޗަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ހާދިސާގައި ހިމެނޭ ސައިކަލު ދުއްވާފައި ވަނީ އެ ކެޓެގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށާއި، މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް، ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
![]()
