މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު ކިލޯއެއް 21 ރުފިޔާއަށް ބޮޑުކޮށްފި އެވެ.
މިފްކޯއިން މިއަދު ބުނީ މިއީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށީގެންވާ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށެވެ.
އެގޮތުން އެ އަގުގައި ފެލިވަރު ބަނދަރާއި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އާއި ކުއްޑޫ ފިޝަރީސް ކޮމްޕްލެކްސް އާއި ގދ. ތިނަދޫ ބަނދަރާއި ލ. މާމެންދޫ ބަދަރާއި މާލޭ ބަނދަރުގެ އިތުރުން ރ. މަޑުއްވަރީ ބަނދަރުން ވެސް މަސް ގަންނާނެ ކަމަށް މިފްކޯ އިން ބުނެއެވެ.
މިފްކޯއިން އެންމެ ފަހުން އަގަށް ބަދަލު ގެނައީ މިދިޔަ ޖޫން މަހު އެވެ. އެ މަހު ވަނީ ކަޅުބިލަ މަހެއް 20ރ. އަށް ބޮޑުކޮށްފަ އެވެ. އެހެންކަމުން މިއަދު ގެނައި ބަދަލާއެކު މަސް ކިލޯއެއްގެ އަގު މިވަނީ އިތުރު 1.00 ރުފިޔާ ބޮޑުވެފައެވެ.
މީގެ އިތުރުން ކަޅުބިލަމަހާއި ބޮޑުކަންނެލީގެ 10-15 ކިލޯ 20ރ. އަށް ވިއްކާ އިރު 15 ކިލޯއިން މަތީގެ ބޮޑު ކަންނެލި ވިއްކަނީ ކިލޯއެއް 25ރ. ގެ ރޭޓުންނެވެ.
![]()
