މި އޯގަސްޓް މަހުގެ 28ން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގައި ބައެއް ބަދަލުތައް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމާފައި ވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
މިގޮތުން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، ރާއްޖޭގައި ހުއްޓައި ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އާ ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށައަޅާ ފަރާތްތަކަށް އާ ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި އެފަދަ ފަރާތްތަކަށް މިހާރު ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާ ޕާސްޕޯޓުގެ މުއްދަތު 30 ޖޫން 2027ގެ ނިޔަލަށް އިތުރުކޮށްދިނުން ހިމެނެއެވެ. އަދި މިކަމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މީގެ އިތުރުން، އަލަށް ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެެރެއިން، ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތައް ކަމަށްވާ އިންޑިއާ އަދި ސްރީލަންކާފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް އިމަޖެންސީ ޕާސްޕޯޓު ހިލޭ ދޫކުރުމަށްވެސް ނިންމާފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
އިމަޖެންސީ ޕާސްޕޯޓަކީވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)ގެ މިންގަނޑުތަކާ އެއްގޮތަށް، 1 އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރެވޭ މެޝިން ރީޑަބަލް 8 ސަފުހާގެ ޕާސްޕޯޓެކެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިގޮތަށް ނިންމާފައިވަނީ ރާއްޖެއަށް 2016ވަނަ އަހަރުން ފެށިގެން ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދެމުން އަންނަ ކުންފުނީގެ ޕްރިންޓް ހައުސްއަށް ދިމާވި މައްސަލައާއި ގުޅިގެން އަންދާޒާކުރި ތާރީޚަށް ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިވެފައިވާތީ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
![]()
