ނޭޕާލްގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ކިސަޑު ހެދި 165 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ނޭޕާލްއާއި ޓިބެޓް ގުޅޭ ފަރުބަދަމަތީގެ ސަރަޙައްދުގައި ކޯރެއް ބަންޑުންވުމުގެ ސަބަބުން ގިނަ އަވަށްތަކެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެ،ކިސަޑު ހެދި ކުރިމަތިވި ހާދިސާތަކުގައި ގިނަ ބަޔަކު މަރުވެ އީމާރާތްތަކާއި ތަންތަނަށް އިތުރު އެތައް ގެއްލުމެއް ލިބެމުންދާކަމަށް ޚަބަރު ލިބެއެވެ. މަރުވެފައިވާ 165މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވީނަމަވެސް މަރުވާމީހުންގެ އަދަދު މިއަށް ވުރެ އިތުރު ވާނެ ކަމަށް ދަނީ ބެލެމުންނެވެ.
މި ޙާދިސާގައި މަގުތަކާއި، ބްރިޖުތަކުގެ އިތުރުން އިންޖީނުގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މުވާޞަލާތީ ޚިދުމަތްތަކަށާއި ކަރަންޓުގެ ޚިދުމަތަށް ވަނީ ބުރޫއަރާފައެވެ.
މިހިތާމަވެރި ކާރިސާއާއި ގުޅިގެން ބޮޑުވަޒީރު ބަލެންދުރަ ޝާހުގެ ސަރުކާރުން ވަނީ ދެހާހެއްހާ ފުލުހުންނާއި ސިފައިން ނެރެގެން، ހެލިކޮޕްތަރުތަކުގެ އެހީގައި ނުރައްކާ އޮތް ސަރަޙައްދުތަކުން މީހުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޖެހިގެން އޮތް ޓިބެޓުން ވެސް 558 މީހުން ގެއްލިފައިވާއިރު، ތިންމީހުން މަރުވިކަން ވަނީ ޔަގީން ކުރެވިފައެވެ.
މިކާރިސާގައި 529 ބޭރުގެ ޓުއަރިސްޓުން ގެއްލިފައިވާ ކަމަށް ނޭޕާލުން ބުނެފައިވެއެވެ.މީގެ ތެރޭގައި އިންޑިޔާގެ ސަތޭކައަށް ވުރެގިނަ މީހުންނާއި އެމެރިކާގެ 54 މީހުން،އަދި އިގިރޭސި ވިލާތަށް ނިސްބަތްވާ 33 މީހުން ހިމެނެއެވެ.
ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި ނޭޕާލްއާއި ޓިބެޓްއާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގު ކައިރީގައި ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ މެދުވެރިވާން ދިމާވީ އެއްގަމުގައި ހެދިފައިވާ ޤުދުރަތީ ގަނޑުފެންގަނޑެއްގެ ބައެއް ނެއްޓި، އެ ގަނޑުފެންގަނޑު އެތައް ސަތޭކަ މީޓަރު ތިރީގައި އޮތް ވާދީއަކަށް ވެއްޓުމުން ކަމަށްބެލެވޭ ކަމަށް ބެލެވެއެވެ.
ގަނޑުފެންގަނޑުން ބައެއް ނެއްޓެން މެދުވެރިވި ސަބަބު މިހާތަނަށް ސާފުވެފައި ނުވާއިރު، ނޭޕާލްގެ އޮފިޝަލުން ވަނީ އެއީ ހާދިސާ ހިނގުމުގެ މިނެޓުކޮޅެއް ކުރިން އެ ސަރަޙައްދަށް އައި ބިންހެލުމެއްގެ ސަބަބުން ހިނގި ހާދިސާއަކަށް ވުން އެކަށީގެންވާ ކަމަށް ބުނެފައެވެ.
ހާދިސާގައި މަރުވި 165މީހުންގެ ހަށިތައް މިހާތަނަށް ހޯދިފައިވާ އިރު، މަރުވި މީހުންގެ ޖުމްލަ ޢަދަދު މިއަށްވުރެ މާ އިތުރުވާނެ ކަމަށް އިދާރާތަކުން ބުނެއެވެ. މި ވަގުތު ވެސް ދެގައުމުން 826އަށްވުރެ ގިނަ ދަތުރުވެރިންނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ނޭޕާލްގެ ސަރުކާރުން ބުނެއެވެ.
އެހީގެ މަސައްކަތުގައި ހަރަކާތްތެރިވާ ސިފައިންނާއި ވޮލަންޓިއަރުން މިހާރުވެސް ދަނީ ކިސަޑު ގަނޑުގެ ތެރޭގައި މީހުން ތިބިތޯ ބަލައި ސަލާމަތް ކުރަމުންނެވެ.
އެކަކު މައުލޫމާތު ދީފައިވާ ގޮތުގައި މިއީ އޭނާ އަށް މިހާތަނަށް ފެނުނު އެންމެ ބޮޑު ”ފްލޭޝް ފްލަޑް“ ނުވަތަ ކުއްލިއަކަށް ފެންބޮޑުވުމުގެ ހާދިސާއެވެ.
ދުނިޔެ ހޫނުވުމުގެ ސަބަބުން ފާއިތުވި 30 އަހަރެއްހާ ދުވަހުގެ ތެރޭގައި ނޭޕާލްގެ ސްނޯ އުފެދިފައިވާ ފަރުބަދަތަކުގެ ގާތްގަނޑަކަށް ތިންބައި ކުޅަ އެއްބައި ގަނޑުފެން ވިރިގެން ގޮސްފައިވާ ކަމަށް 2023ވަނަ އަހަރު އދގެ ރިޕޯޓެއްގައި ވަނީ ބުނެފައެވެ. ކާބަން އަކީ އެންމެ ބޮޑޮޑަށް ޖައްވު ހޫނު ކުރާ މާއްދާކަމަށްވާއިރު ، ޖައްވަށް އެންމެ ގިނައިން ކާބަން ދޫކުރާ ދެ ޤައުމު ކަމަށްވާ އިންޑިޔާއާއި ޗައިނާއާ ދެމެދުގައި އޮންނަ ނޭޕާލްގެ އެއްގަމުގައި އުފެދިފައިވާ ގަނޑުފެން، ފާއިތުވި 10 އަހަރުގެ ތެރޭގައި ވިރިފައިވާ މިންވަރު އޭގެ ކުރީ 10އަހަރާ އަޅާބަލާއިރު 65 އިންސައްތަ އިތުރުވެފައިވާ ކަމަށް އދން ބުނެއެވެ.
ނޭޕާލަކީ ފެނުން ކަރަންޓް އުފެއްދުމުގެ މަސައްކަތް ފުޅާ

ދާއިރާއެއްގައި ކުރާ ގައުމެކެވެ. ނަމަވެސް މިކުރިމަތިވި ކާރިސާގައި ނޭޕާލުގެ 430 މެގަވޮޓުގެ ފެނުން ކަރަންޓު އުފެއްދުމުގެ ނިޒާމަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. މިއީ އެ ޤައުމުގައި ފެނުން ކަރަންޓު އުފެއްދުމުގެ ޤާބިލުކަމުގެ ގާތްގަނޑަކަށް 12 އިންސައްތައަށް ވުރެ ބޮޑު މިންވަރެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް