ޖަލަށް ލާފާއިހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހޮސްޕިޓަލުގައި މެޑިކަލް ޓެސްޓް ތައް ހެދުމަށް ފަހު ހުކުރު ދުވަހު ހެނދުނު އަނބުރާ ޖަލަށް ގެންގޮސްފައިވާކަމަށް ޚަބަރު ލިބެއެވެ.
އިސްލާމް އާބާދުގައި ހުންނަ ޝިފާ އިންޓަރނޭޝަނަލް ހޮސްޕިޓަލަށް ގެންދެވި ހެދުނު ޓެސްޓް ތަކަށް ފަހު އިމްރާން ”މެޑިކަލީ ފިޓް“ ނުވަތަ ސިއްހީ މައްސަލައެއް ނެތް ކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓަރ އަތާއުﷲ ތަރާރު މައުލޫމާތު ދީފައިވާ ގޮތުގައި ހޮސްޕިޓަލުގައި ލޮލުގެ ޑޮކްޓަރަކާ ހިތުގެ ޑޮކްޓަރެއް ގެ އިތުރުން ފިޒީޝިއަން އެއް އިމްރާން ބަލާފައި ވެއެވެ.
އިމްރާން ޚާން ހޮސްޕިޓަލަށް ގެންދެވުނީ ޕާކިސްތާންގެ ސުޕްރީމް ކޯޓުން ކުރި އަމުރަކާއި ގުޅިގެންނެވެ.ހޮސްޕިޓަލަށް ގެންދިއުމަކީ ކޮރަޕްޝަންގެ ކުށުގައި 2023 ވަނަ އަހަރު އިމްރާން ޖަލަށް ލީފަހުން އެންމެ ގިނަ ވަގުތަށް ބޭރަށް ނެރުނު ފަހަރަށެވެ.ހޮސްޕިޓަލުގައި އޮންނަވަނިކޮށް އަންގާރަ ދުވަހުގެރޭ ކޮއްކޯފުޅު އުޒްމާ ޚާން އާއި ބައްދަލް ކުރައްވާފައެވެ.އަދި ހެދުނު ހުރިހާ ޓެސްޓް ތައް ކުރިޔަށް ދިޔައިރުވެސް ކައިރީގައި އުޒްމާ ހުންނެވި ކަމަށް މިނިސްޓަރ ތަރާރު ވިދާޅުވިއެވެ.
އިމްރާން ކާން ހޮސްޕިޓަލް ގައި އޮންނެވި އިރު ޝިފާ އިންޓަރނޭޝަނަލް ހޮސްޕިޓަލް ވަށައިގެން ވަނީ ފުލުހުންނާއި ސިފައިން ބަންދު ކޮށްފައެވެ.އަދި ހޮސްޕިޓަލްގެ ބޭރުގައި ޕްރެސް ކޮންފަރެންސް ތައް ނުބޭއްވޭނެ ކަމަށް އިމްރާންގެ ޕާޓީ އަށް ވަނީ ސުޕްރީމް ކޯޓުން އަމުރު ކޮށްފައެވެ.
އިމްރާންގެ ސިއްހީފަރުވާ ކުރިޔަށް ގެންދިއުމަށް އޭނާގެ ޕާޓީން ގޮވާލަމުން ގެންދާތާ އެތައްމަހެއް ވަނީ ވެފައެވެ.ވަކީލުން ބުނާ ގޮތުގައި އިމްރާންގެ އެއްލޮލަށް ފެންނަނީ 15 އިންސައްތައަށެވެ.އަދި ސްޕެޝަލިސްޓް ފަރުވާ ނުލިބޭތީ ހާލަތު ގޯސްވަމުންދާކަމަށް ބުނެފައި ވެއެވެ.
އުމުރުފުޅުން 73 އަހަރުގެ އިމްރާން ޚާން ކޮރަޕްޝަންގެ ކުށުގައި ޖަލަށް ލެވުނީ 2023 ވަނަ އަހަރުއެވެ. ނަމަވެސް
އިމްރާން ޚާން އާއި އަނބިކަނބަލުން ބުޝްރާބީބީގެ މައްޗަށް ކުށްސާބިތު ކޮށް 17 އަހަރުގެ ޖަލު ހުކުމް އިއްވުނީ މިދިޔައަހަރުގެ ފަހު ކޮޅުއެވެ.
އިމްރާން ޚާންގެ އެއްވަކީލު ކަމަށްވާ އުޒެއިރު ބަންޑާރީ ބުނީ އިމްރާން ޚާންގެ ފަރުވާގެ ކަންތައް ކުރިޔަށް ގެންދިއުމަށް ޚާއްސަ މެޑިކަލް ބޯޑެއް އުފެއްދުމަށް ވެސް ތިންމެންބަރުންގެ ބެންޗުން ވަނީ އަމުރު ކުރައްވާފައެވެ. މިގޮތުން އުފައްދާ މެޑިކަލް ބޯޑުގައި އިމްރާން ޚާންގެ ކޮއްކޯފުޅު ޑޮކްޓަރ އުޒްމާ ޚާން އަދި އިމްރާންގެ ޕަރސަނަލް ޑޮކްޓަރު، ޑޮކްޓަރ ފައިސަލް ސުލްތާންވެސް ހިމެނުމަށް އަމުރު ކުރައްވާފައި ވެއެވެ.
މީގެ އިތުރުން އިމްރާން ހޮސްޕިޓަލްގައި އޮންނަވާއިރު އޭނާގެ އާއިލާގެ ބޭފުޅުންނާ ބައްދަލް ކުރެއްވޭނެ ގޮތް ހެދުމަށާ ގައުމުން ބޭރުގައި ތިއްބެވި ދެފިރިހެން ބޭފުޅުންނާ ފޯނުން ވާހަކަ ދެއްކޭނެގޮތް ހަދާދިނުމަށްވެސް ކޯޓުން އަމުރު ކޮށްފައިވާކަމަށް ބަންޑާރީ ހާމަ ކޮށްފައި ވެއެވެ.
އިމްރާން ޚާންގެ މައްޗަށް ކުރެވޭ ދައުވާ ތަކުގެ ދެން އޮންނަ އަޑުއެހުން ތާވަލު ކޮށްފައިވަނީ ސެޕްޓެމްބަރ 16ވަނަ ދުވަހަށެވެ.
އިމްރާންގެ މައްޗަށް ކުރެވުނީ ކޮރަޕްޝަންގެ ދައުވާ ތަކެއް ކަމަށްވާއިރު އޭނާގެ ޕާޓީން ބުނަމުން ދަނީ އެއީ ސިޔާސީ ދައުވާތަކެއް ކަމުގައެވެ.
2018އިން 2022އަށް ޕާކިސްތާންގެ ބޮޑުވަޒީރުކަން ކުރެއްވި އިމްރާން ޚާން މަގާމުން ވަކި ކުރެވުނީ ބާރުގަދަ އާމީ ލީޑަރުންނާ ދެބަސްވުމާއި ގުޅިގެން އޭނާގެ މައްޗަށް ނެގުނު އިތުބާރު ނެތް ކަމުގެ ވޯޓެއް ކާމިޔާބް ކުރެވޭގޮތް ނުވުމުންނެވެ.
![]()
