ޞިއްޙަތަށް ނުރައްކާވާ ގޮތަށް ވިލިމާލޭގައި މަސް ހިއްކަން އަތުރާފައި ބެހެއްޓި ބަޔަކު ހުއްޓުވައި އެ މައްސަލަ ބަލަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން މަޢުލޫމާތު ދިންގޮތުގައި ވިލިމާލޭ ސިނާއީ ސަރަހައްދުގައި މިގޮތަށް މަސް ހިއްކަން ބަހައްޓާފައި ހުއްޓާ ފެނިފައިވަނީ، ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމަންޓުގެ މުވައްޒަފުން ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.
ސިޓީ ކައުންސިލުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ބިންމަތީގައި ސަތަރި އަޅާފައާއި، އަދި ފީވެ ދަބަރަށް ވެފައިވާ ޓިނުގަނޑެއްގައިވެސް މަސް ހިއްކަން ބަހައްޓާފައި ހުއްޓާ ފެނެއެވެ. އަދި މީގެ އިތުރުން ސީދާ ބިންމަތީގައިވެސް މަސްތަކެއް އަތުރާފައިވާ މަންޒަރު ފެނެއެވެ.
މި މައްސަލަ މިހާރު ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށްވެސް ހުށަހަޅާފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ރާއްޖޭގެ އެކި ވިޔަފާރިތައް ބިދޭސީންގެ އަތްމައްޗަށް ދީލާލިފަހުން މިފަދަ މުޑުދާރު ގޮތްގޮތަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމުގެ ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ.
މީގެތެރެއިން ބައެއް ވިޔަފާރިތަކަކީ ދިވެއްސެއްގެ ނަމުގައި ހުޅުވައި ބިދޭސީންނަށް ހިންގަން ހަވާލުކޮށްފައިވާ ވިޔަފާރިތަކެވެ. މީގެ އިތުރުން ސީދާ ބިދޭސީން ހިންގާ ވިޔަފާރިތައްވެސް މަދެއް ނޫނެވެ.
މިގޮތުން އިމިގްރޭޝަނުން ހިންގާ އެކިއެކި އޮޕަރޭޝަންތަކުގައި، ބިދޭސީން ނިދާ ކޮޓަރިތަކުގައި ކާބޯތަކެތި ހަދައި ވިއްކަމުންދާކަމުގެ އެތައް މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.
މިފަދަ މައްސަލަތަކުގައި ބައެއް ތަންތަން ބަންދުކުރިނަމަވެސް ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ހުޅުވާއިރު، ބަންދުކުރުން ފިޔަވައި އެ ބަޔަކާމެދު އެޅި ފިޔަވަޅެއްވެސް އަދި މިހާތަނަށް އެނގިފައެއް ނެތެވެ.
![]()
