ޗައިނާގައި އުފައްދާފައިވާ ކޮނޑުމަތީ ބަހައްޓައިގެން ލޯންޗްކުރާ 400 އެއާރޑިފެންސް މިސައިލް ލޯންޗަރގެ ފުރަތަމަ ޝިޕްމެންޓް ކުރިއަށްއޮތް ދެ ތިން ހަފުތާގެތެރޭގައި އީރާނަށް ލިބޭނެކަން މައުލޫމާތު އެނގޭ 3 މަސްދަރަކުން ރޮއިޓާރސްއަށް ކިޔާދީފައިވާކަން ހާމަކޮށްފިއެވެ. މިއީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އީރާނުގެ ދިފާއީ ނިޒާމް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި 70 ވަރަކަށް މިލިއަން ޑޮލަރގެ އަގަކަށް އީރާނުން ގަނެފައިވާ މިސައިލް ލޯންޗަރ ތަކެކެވެ.
އީރާނުން ގަންނަނީ ( މަންޕެޑްސް ) މެން-ޕޯރޓަބްލް 400 ވަރަކަށް އެއާރޑިފެންސް ނިޒާމާއި އަދި ޗައިނާގެ ކިޔޫ-ޑަބްލިޔޫ -12 އާއި އެފް އެން-16 މަރުކާގެ މިސައިލްތަކެއްކަން ވަނީ އެނގިފައެވެ. މި ޑީލްއަކީ ބައިނަލް އަގްވާމީ އިންވެސްޓްމެންޓެއްގެ ބެލުމުގެ ދަށުން ކުރެވިފައިވާ މުއާމަލާތެކެވެ. މި މުއާމަލާތުގެ ހައްސާސް ކަމާހުރެ މައުލޫމާތު ދިންފަރާތުގެ ވަނަވަރު ހާމަކުރަން ބޭނުމެއް ނުވިއެވެ. އަދި މައުލޫމާތު ހޯދުމަށްޓަކައި އީރާނުގެ ޚާރިޖިއްޔާއާއި ގުޅުމުން ޖަވާބު ދޭން ބޭނުމެއް ނުވިއެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ޗައިނާގެ ޝިޕްމެންޓްތައް އީރާނަށް ފޮނުވޭނީ ޕާކިސްތާނުގެ މަގުންކަމަށް ބެލެވެއެވެ.
މީގެ ކުރިން އެންޓައި-ޝިޕް ކުރޫޒް މިސައިލް ގަތުމަށްވެސް އީރާނުން ޗައިނާއާއެކު ވާހަކަ ދެކެވެމުންދިޔަކަން ރޮއިޓާރސް އަށް ވަނީ އެނގިފައެވެ. އެހެންނަމަވެސް އެއްބަސްވުމަކާހަމަޔަށް ދިޔަކަން ރޮއިޓާރސް އަށް އޮޅުންފިލާގޮތެއް ނުވިއެވެ.
ސައޫދީ އެރޭބިއާގެ ތެލުގެ ވަސީލަތްތަކަކަށް ދީފައިވާ ހަމަލާގައި އިރާގުގައި ހަރަކާތްތެރިވަމުން އަންނަ އީރާނަށް ތާއީދުކުރާ އިސްލާމިކް ރެޒިސްޓެންސް ގުރޫޕާއި އެއްވެސް ގުޅުމެއް ނޯންނާނެކަން ތަކުރާރުކުރަމުން ގެންދަނިކޮށް ކަރުބަލާއަށް ޒިޔާރަތް ކުރަމުންދިޔަ ޖަމާއަތްތަކަށާއި އިސްލާމިކް ރެޒިސްޓޭންސް ޖަމާއަތުގެ ގިނަ އޮފީސްތަކަކަށް މިދިޔަ ބުދަދުވަހު އެމެރިކާއާއި ސައޫދީ އެރޭބިއާއިން ދިންވަރުގަދަ ހަމަލާތަކާއި ގުޅިގެން މެދުއިރުމަތީގައި ހުންނަ އެ ގައުމުތަކުގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެ ޖަމާއަތުން ދީފިއެވެ. އެމެރިކާއާއި ސައޫދީ އެރޭބިއާއިން ގެންދަނީ ކަރުބަލާގެ ހަމަލާއަށް އިންކާރު ކުރަމުންނެވެ.
އެމެރިކާއިން އިރާގަށް ދިން ހަމަލާގެ އެއްވެސް މައުލޫމާތެއް ކުރިން ހިއްސާ ކޮށްފައި ނުވާކަމަށް އިރާގު ސަރުކާރުގެ ތަރުޖަމާނު ހައިދަރް އަލް އަބޫދީ ވިދާޅުވެފައިވެއެވެ.
އިސްލާމިކް ރެޒިސްޓެންސް ގުރޫޕާ، ނުވަތަ އިރާގުގެ ޕޮޕިއުލަރ މޯބިލައިޒޭޝަން ފޯރސް އިން ބުނެފައިވަނީ އެމެރިކާއާއި ސައޫދީ އެރޭބިއާގެ ހަމަލާގައި އެ ޖަމާއަތުގެ ވިއްސަކަށް ހަނގުރާމަވެރިން ޝަހީދުކޮށްލާފައިވާ ކަމަށާއި 32 ހަނގުރާމަވެރިން ޒަޚަމްކޮށްލާފައިވާ ކަމަށެވެ. އަދި އެމެރިކާއާއި ސައޫދީ އެރޭބިއާއިން ހަމަލާދީފައިވަނީ ބަޣްދާދޫ ޕްރޮވިންސްއާއި ވާސިތު، ނިނޭވަހް އަދި ކިރްކޫކް އާއި ބަސްރާ އަދި ކަރްބަލާއާއި ދިޔާލާގައި ހުންނަ އެ ޖަމާއަތުގެ މައި އޮފީސްތަކަށް ކަމަށްވެސް ބުނެފައިވެއެވެ.
އިސްލާމިކް ރެޒިސްޓެންސް ގުރޫޕާ، ނުވަތަ އިރާގުގެ ޕޮޕިއުލަރ މޯބިލައިޒޭޝަން ފޯރސް އަކީ އީރާގުގެ ސަލާމަތާބެހޭ ފޯރސްގެ ބައެކެވެ. އިރާގުގައި ހަރާކާތްތެރިވަމުންގެންދާ ވަރަށް ގިނަ ހަނގުރާމަވެރި ޖަމާއަތްތަކުން އިސްލާމިކް ރެޒިސްޓެންސްގެ ދިދައިގެ ދަށުގައި އިރާގުގައި މިނިވަން ކޮމާންޑް ސްޓްރަކްޗަރެއް ގާއިމް ކޮށްފައިވާއިރު އެ ޖަމާއަތްތަކުން ހަތިޔާރު އަތުލަން ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް މިހާތަނަށް ވެސް އަންނަނީ ނޫނެކޭ ބުނަމުންނެވެ.
މީގެފަހުން އީރާނަށް ދެވޭނީ އަދިވެސް މާ ބާރުގަދަ ހަމަލާތަކެއްކަމުގައި ރައީސް ޓްރަމްޕް އިއުލާންކުރައްވައި ހަމަލާތައް ފެށުމާއެކު މިސްރުގެ މެޑިޓެރޭނިއަން ކަނޑާ ވީ ފަރާތުން ސުއޭޒް ކެނަލް ކައިރީގައި އޮންނަ ޑެމިއެއްޓާ ބަނދަރުގައި އޮތް އެމެރިކާއަށް ނިސްބަތްކުރެވޭ ގޭސްޓޭންކަރަކަށް ޑްރޯން ހަމަލާއެއް އަމާޒުވެ އެ އުޅަނދު ރޯވުމުގެ ސަބަބުން އީރާނުގެ މިސައިލް ތަކުގެ ހަގީގީ ރޭންޖަކީ ކޮބައިތޯ ގިނަ ސުވާލުތަކެއް އުފެދިއްޖެއެވެ. މީގެ ކުރިން ދިވެހިރާއްޖޭގެ ދެކުނުގައި އޮންނަ ފޯޅަވައްސަށް ވެސް އީރާނުން މިސައިލް ހަމަލާދީފައިވާ ކަމަށް ވަނީ ޝައްކު ކުރެވިފައެވެ. އެހެންނަމަވެސް އެމެރިކާއަށް ނިސްބަތް ކުރެވޭ ގޭސް ޓޭންކަރ އެނަރގޯސް ވިންޓަރ އަށް އީރާނުން ހަމަލާނުދޭ ކަމަށާއި މެދުއިރުމަތީގެ އިސްލާމީ ގައުތަކުގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން ކެނޑިނޭޅި މަސައްކަތްކުރަމުންގެންދާ ފަރާތްތަކާ ދޭތެރޭ ޚަބަރުދާރުވެ ތިބުމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ ގޮވާލައްވާފައެވެ. މިސްރަކީ އީރާނުގެ ވަރަށްގާތް އަޚްވަންތަ ގައުމެއްކަމަށާއި އަދި މެދުއިރުމަތީގައި އެންމެ ބަސްވިކޭ ގައުމުކަންވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އެނަރގޯސް ވިންޓަރގައި ރޯވި އަލިފާންގަނޑު ވަނީ ކައިރީގައިއޮތް އެހެން ބޯޓަކަށްވެސްފެތުރިފައެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއަށް ހޫތީ މުޖާޖިދުންނާއި އަދި އިރާގުގެ އިސްލާމިކް ރެޒިސްޓެންސް އިން ވަނުމާއި އަދި ސައޫދީ އެރޭބިއާއިން އެމެރިކާއާއެކު ބައިވެރިވުމާއި ޔޫކްރެއިނުން އީރާނުގެ ކާރގޯބޯޓަކަށް ބްލެކްސީ ގެ ތެރޭގައި ހަމަލާދީ ގޮއްވާލުމުން އެ ހަނގުރާމަ އަތުން ދޫވެގެން ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާކަން މިލިޓްރީ ތަޖްރިބާކާރުން އިންޒާރުދޭން ފަށައިފިއެވެ.
މި ދަނޑިވަޅުގައި އިސްރާއީލުގެ ބޮޑުވަޒީރު ރައީސް ޑޮނާލްޑް ޓްރަމްޕް އާއި ބައްދަލުކޮށް އެމެރިކާ ސަރުކާރަށް ފިއްތުން ކުރިމަތި ކުރަމުންގެންދާކަންވެސް މީޑިއާތަކުން ހާމަކުރަންފަށައިފިއެވެ. މި މަހުގެ 28 ވަނަ ދުވަހު ބޮޑުވަޒީރު ނަތަންޔާހޫ އެމެރިކާއަށް ގޮސް ރައީސްޓްރަމްޕް އާއި ބައްދަލުކުރުމާބެހޭގޮތުން ކުރީގެ ރައީސް ބިލް ކްލިންޓަން ވިދާޅުވެފައިވަނީ ގަލްފުގެ ގައުމުތަކުން އަބްރަހަމް އެކޯރޑް ގަބޫލުކުރުވައި އަދި އިސްރާއީލުން ހިތްހަމަޖެހޭ ވަރަށް އީރާނުގެ ނިއުކްލިއަރ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމް ކަފުންކޮށްލުމެވެ. އޭގެ އިތުރުން އެމެރިކާގެ އެންމެފަހުގެ ހަތިޔާރު ތުރުކީއަށް ނުވިއްކުމަށްވެސް ނަތަންޔާހޫ ވަނީ ބާރުއަޅާފައެވެ.
ރައީސް ޓްރަމްޕްގެ ވިސްނުމުގައި އީރާނުގެ މައްސަލައަށް ސިޔާސީ ހައްލެއް ހޯއްދަވައި އެމަނިކުފާނަށް ރީތި ނަންހޯއްދަވަންވެސް ބޭނުންފުޅުވެއެވެ. އެމަނިކުފާނަށް އެ މަގުގައި ކުރިއަށް ވަޑައި ނުގެންނެވިގެންއުޅުއްވާ މައިގަނޑު ސަބަބަކީ ނަތަންޔާހޫ ރުއްސަންޖެހުމެވެ. ނަތަންޔާހޫގެ ރުހުން ލިބުމުން ރައީސްކަމުގައި ހުރުމަށް މަގުހުޅުވިގެންދާނެކަން ޓްރަމްޕް ގަބޫލުކުރައްވައެވެ.
![]()
