ލ. ގަމުން ގެއްލިގެން އިއްޔެ ހޯދަން ފެށި ޒުވާނާ، ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ގަމު ކައުންސިލުން މަޢުލޫމާތު ދީފިއެވެ.
ގަމު ކައުންސިލްގެ ރައީސް އަފްސަލް މުޙައްމަދާ ހަވާލާދީ ބައެއް ނޫސްތަކުގައި ވާގޮތުން، އޭނާ ފެނިފައިވަނީ އިއްޔެގެ އިރުއޮއްސުނުއިރު، އެ ރަށު ދެކުނު ފަރާތު ގޮނޑުދޮށާ ކައިރީ އޮތް ވިނަގަނޑެއްގެ ތެރޭގައި، ޖޯލިފައްޗެއްގައި އޮއްވައެވެ.
އޭނާ ގެއްލިގެން ރިޕޯޓު ކުރުމާއެކު ފުލުހުންނާއި ސިފައިންނާއި ކައުންސިލް، އަދި އާންމުން ގުޅިގެން ދިޔައީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އޭނާ ފެނުމާއެކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި، އޭނާގެ ހާލަތު ބަލަމުންދާކަމަށް ގަމު ކައުންސިލާ ހަވާލާދީ ޚަބަރުތައް ބުނެއެވެ. މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު އޭނާގެ ހާލު ރަނގަޅު ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
ފަހަކަށްއައިސް ފާހަގަކޮށްލެވޭހާ ގިނައިން މީހުން ގެއްލުމުގެ ހާދިސާތައް ރާއްޖޭގައި ދަނީ ހިނގަމުންނެވެ. އޭގެ ތެރެއިން ގިނަ މީހުން ހެޔޮ ހާލުގައި ފެނުނު ނަމަވެސް ބައެއް މީހުންނަށް ސިއްހީ ފަރުވާ ދޭންޖެހޭ ފަހަރުވެސް އާދެއެވެ.
ހިތާމައާއެކު ފާހަގަކޮށްލަންޖެހޭ ކަމަކީ މީގެ ތެރެއިން ބައެއް މީހުން ނިޔާވެފައި ތިއްބާ ފެނިފައިވާއިރު، އަނެއް ބަޔަކަށް ވީނުވީއެއް އަދި މިހާތަނަށްވެސް އެނގިފައި ނުވާކަމެވެ.
![]()
