އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން އައި ޣައިރުޤާނޫނީ ހަނގުރާމަ، ދެވަނަ ފަހަރަށް ފެށުމަށްފަހު 13 ދުވަސް ފަހުން މެދުކަނޑާލުމުން ތެލުގެ އަގު ”ޑައިވް“ އަކަށް ދިޔައީއޭ ބުނާގޮތަށް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ ކަމަށް ޚަބަރު ލިބެއެވެ.
މިބަދަލާއެކު ބްރެންޓް ކްރޫޑް ގެ އަގު ވަނީ ނުވަ އިންސައްތަ ދަށަށް ގޮސް ފީފާއެއް 88 ޑޮލަރަށް ވެއްޓިފައެވެ. އޭގެކުރިން ބްރެންޓް ކްރޫޑްގެ އަގުހުރީ ފީފާއެއް 100ޑޮލަރަށް ވުރެމަތީގައެވެ.
ތެލުގެ އަގުމިހާބޮޑަށް ދަށްވެގެން ގޮސްފައިވަނީ ވާހަކަތަކަށް ފުރުސަތު ދިނުމަށް އެމެރިކާގެ ހަމަލާތައް ހުއްޓާލާފައިވާތާ ދެރޭ ވެއްޖެ ކަމަށް ޔޫއެންގައި ހުންނަ އެމެރިކާގެ ސަފީރު ބުނުމާއި ގުޅިގެންނެވެ. މިއާއިގުޅިގެން އީރާނުންވެސް ވެސް ވަނީ ރައްދުގައި އީރާނުން ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ ތަންތަނަށް ދެމުން އައި ހަމަލާތައް ހުއްޓާލާފައިވާކަން އަސްކަރިއްޔާގެ ތަރުޖަމާން ހާމަ ކޮށްފައި ވެއެވެ.
ދުނިޔޭގައި ތެޔޮއުފުލާ ބޮޑެތި ޓޭންކަރުތަކުގެ 20 އިންސައްތަ ދަތުރު ކުރަނީ ހޮރްމޫޒް ކަނޑުއޮޅިން ކަމަށްވާއިރު، އީރާނާ ދެކޮޅަށް ކުރަމުން އައި ހަނގުރާމަ،މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށުމާއި ގުޅިގެން ތެޔޮ ލިބުން ދަތިވެ، ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިޔައެވެ. ހަނގުރާމައިގައި އެއްވެސް ކޮޅަކަށް ކާމިޔާބް ނުލިބި، ޖޫން މަހުވަނީ ހަމަލާތައް ހުއްޓާލަން އެއްބަސް ވުމަކަށް އައިސްފައެވެ.އެއާއެކު ހަނގުރާމައިގެ ކުރިން އަގުހުރިވަރާ ގާތްގަނޑަކަށް އެއްވަރަށް ދަށަށް ގޮސް 70 ޑޮލަރަށް ފީފާއަކަށް ވެއްޓުނެވެ. ނަމަވެސް މިމަހުގެ ކުރީކޮޅު ދެވަނަ ފަހަރަށް އެމެރިކާގެ ހަމަލާތައް ފެށުމުން އަނެއްކާވެސް ވަނީ ފީފާއެއް 100 ޑޮލަރަށް އުފުލިފައެވެ.
އެމެރިކާއިން ދޭން ފެށި ހަމަލާތައް މެދުކަނޑާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީ އީރާންގެ ރައްދު ހަމަލާތައް ދިފާޢުކުރުމަށް ބޭނުންވާ ޕޭޓްރިއޮޓް މަރުކާގެ މިސައިލްތަކާއި އެހެނިހެން ހަތިޔާރުގެ ސްޓޮކު ހުސްވަމުންދާތީ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެފައި ވެއެވެ.
މި ދަނޑިވަޅުގައި އީރާނުން ބުނެފައިވަނީ، ތެހްރާންގެ ހުއްދައާއިނުލައި ހޮރްމުޒް ކަނޑުއޮޅިން އިތުރު މަގެއް ހުޅުވައިލުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމުގައެވެ. މިއީ، ދެ ޤައުމުން ސޮއިކޮށްފައިވާ އެއްބަސްވުމާ ޚިލާފު ޢަމަލެއް ކަމުގައި އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވެފައިވެއެވެ.
ދެ ފަރާތުން މީގެ 14 ދުވަސް ކުރިން އަލުން ހަމަލާބަދަލުކުރަން ފެށީ، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދާ އުޅަނދުފަހަރަށް އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ހަމަލާދެމުންދާ ކަމުގައި ތުހުމަތުކޮށް، އެމެރިކާގެ އަސްކަރިއްޔާއިން އީރާންގެ ބަނދަރުތައް ޙިޞާރުކޮށް، އަލުން ހަމަލާދޭން ފެށުމާ ގުޅިގެންނެވެ. އީރާނުން ބުނީ، ހަމަލާތައް އަމާޒުކޮށްފައިވާނީ ތެހްރާންގެ ހުއްދައާނުލައި ކަނޑުއޮޅި ހުރަސްކުރުމަށް މަސައްކަތްކުރި އުޅަނދުފަހަރަށް ކަމުގައެވެ.
![]()
