މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާ ގުޅިގެން ސ. މަރަދޫފޭދޫ / އުއްމީދު 90 ދުވަހަށް ބަންދުކުރުމަށް ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް އެ ގެއަށް ވަދެ ތިއްބައި، މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ.މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އާއި ސ.މަރަދޫފޭދޫ / ފަރިވިލާ، ޢާއިޝަތު ސަލީމް (37އ) އެވެ.
މި ޖުލައި މަހުގެ 13 ވަނަ ދުވަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުން ފަނަރަ ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސ.މަރަދޫފޭދޫ / އުއްމީދު ބަންދުކޮށްފައި ވަނީ 2026 ޖޫން 15 ވަނަ ދުވަހުއެވެ.
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
![]()
