އަހަރެންގެ ފިރިހެން ދަރިފުޅު ރަޔަންގެ ޓެކްސްޓް މެސެޖެއް ހެނދުނު 6 ޖެހިއިރު އަހަރެންނަށް ލިބުނެވެ.އާއިލާ އެކުގައި ދިއުމަށް އަހަރެން ފައިސާދެއްކި ކްރޫސް ދަތުރުގައި އަހަރެން ދެން ނުދާނެ ވާހަކަ ބުނެފައެވެ.
އަހަރެންގެ ނަމަކީ އެލެނާ އެވެ. އުމުރަކީ 63 އަހަރެވެ. 40 އަހަރުވަންދެން ރަނގަޅަށް ހިނގަމުން އައި ކުންފުންޏެއްގެ އެންމެ އިސްވެރިންގެ ގޮތުގައި މަށާމަގޭ ފިރިމީހާ ވޯލްޓަރ ތިބުމުން ވަނީ ރަނގަޅު އަދަދަކަށް ފައިސާ ޖަމާކުރެވިފައެވެ.އަހަރުމެންގެ ކުންފުންޏަކީ އުސް އިމާރާތް ތައް އަޅާ ކުންފުންޏެކެވެ. ވިޔަފާރި ރަގަޅެވެ. ނަފާ ރަނގަޅެވެ.
އަހަރެންގެ ފިރިމީހާ ވޯލްޓަރ ވަނީ މީގެ ތިން އަހަރު ކުރިން ކުއްލި ގޮތަކަށް ނިޔާވެފައެވެ. އެހެން ކަމުން އަހަރެންގެ ހުރިހާވެސް މީހަކީ އަހަރެންގެ ދަރިފުޅު ރަޔަން އެވެ. އަހަރެން ހީކުރީ އެހެން ކަމަށެވެ.
އެއީ ހޮނިހިރު ދުވަހެކެވެ. ހެނދުނު ހައެއްޖެހިއިރު ކޮފީތައްޓެއް ހަދާލައިގެން ކާމޭޒުކައިރީ އިށީދެލައިގެން އަހަރެން އިނީމެވެ.ފިރިމީހާގެ ހުސް ގޮނޑިއަށް ބަލަހައްޓައިގެންނެވެ.މިއީ ދުވަސް ފެށުމުގެ ގޮތުން ދެމީހުން ވާހަކަދައްކާލާހަދަން ތިބޭ ވަގުތެވެ. ކުއްލިއަކަށް ފޯނަށް މެސެޖެއް އައެވެ.ދަރިފުޅު ރަޔަންގެ މެސެޖެކެވެ.“ދަތުރުގެ ޕްލޭން ބަދަލުވެއްޖެއެވެ. މިހާރު އޮތީ މަންމަ މިދަތުރު ނުދާ ގޮތަށެވެ. ސެންޑްރާ ބޭނުމީ ހަމައެކަނި އޭނާގެ ފެމިލީ ދާށެވެ.މަންމަގެ ޖާގަޔަށް ދާނީ ސެންޑްރާގެ ބޭބެއެވެ.“
އަހަރެން ތިން ފަހަރު މެސެޖް ކީމެވެ.ތަފާތު އެއްޗެއް ބުނެފައިވާތަން ފެނޭތޯއެވެ.އެކަމަކު ނުފެނުނެވެ.
މިއީ ހަފްތާ ބަންދުގައި ދާ ޕިކްނިކް ދަތުރެއް ނޫނެވެ. މިއީ ދުނިޔޭގެ ފިނިހިސާބުކަމަށްވާ އެލަސްކާ ކައިރިން 10 ދުވަހަށް ކުރާ ކްރޫޒް ދަތުރެކެވެ.އަހަރެން މިދަތުރު ހަމަޖެއްސީ ފިރިމީހާ ގެ ހަންދާނުގައެވެ.އޭނައަބަދުވެސް އެލަސްކާއަށް ދާހިތުން އުޅޭތީއެވެ.ދަތުރަށް 45ހާސް ޑޮލަރު އަހަރެން ޚަރަދު ކުރީމެވެ. ދަރިފުޅު ރަޔަން އާއި އޭނާގެ އަންހެނުން ސެންޑްރާ އާއިދެކުދިންނެވެ. ދެން އަހަރެންނެވެ. އެންމެ ފަހުގެ ފެމިލީ ހަނދާނެއްގެ ގޮތުގައި ކޮށްލާ ދަތުރެއްގެ ގޮތުގައެވެ. ފަހުން އިނގުނު ގޮތުގައި އެމީހުންވަނީ އަހަރެންނަށް ނޭގި ސެންޑްރާގެ މަންމައާއި ބައްޕަ ވެސް ދަތުރު ގައި ބައިވެރިކޮށްފައެވެ. އަހަރެންގެ ކާޑުން ފައިސާދައްކާފައެވެ.
މެސެޖް ލިބުމަށްފަހު ރަޔަން އަށް އަހަރެން ގުޅީމެވެ. ފޯނު ނުނެގިއެވެ. ދެވަނަ ފަހަރަށް ގުޅީމަ ނެގީ ސެންޑްރާއެވެ.ފުރަތަމަވެސް އަހަރެންގެ ނަމުން އަހަރެންނާ މުޚާތަބް ކުރިއެވެ.ސެންޑްރާ އަހަރެންނަށް ދުވަހަކުވެސް މަންމަ ކިޔާފަ މުޚާތަބް ނުކުރެއެވެ.ފޯނު ނެގުމަށްފަހު ވާހަކަ ދައްކަންފަށަމުން ބުންޏެވެ. ”އެލެނާ ކަހަލަ އުމުރުން ދުވަސްވީމީހުން ކަނޑުމައްޗަށް އެރީމަ ވަރަށް ބޯއަނބުރާ ހޮޑު ލެވޭނެއެވެ.ދެން އަބަދު އިވޭނީ ޝަކުވާ ކުރާއަޑެވެ. އަހަރެންގެ މަންމަޔާއި ބައްޕައަށް މިދަތުރު މާމުހިންމެވެ. ބޭބެ ބްރެޑްލީވެސް ބައިވެރި ވާނެއެވެ.“ މިހެން ބުނުމާއިއެކު ފޯނު ބޭއްވިއެވެ.
އަހަރެން އަނެއްކާވެސް ރަޔަން އަށް ގުޅީމެވެ. މިފަހަރު އޭނަ ނެގިއެވެ.އަޑު ތުރުތުރުއަޅަމުންނެވެ. ”މަންމާއެވެ.ސެންޑްރާގެ ކްލިނިކަލް ޑިޕްރެޝަން ވަރަށް ބޮޑަށް ހުރެއެވެ.އޭނަގެ ޑޮކްޓަރު ބުނެފައިވަނީ އޭނަގެ ފެމިލީ އާއި އެކު އުޅުމަށެވެ.މަންމަ އަކާއޭނަ ނުގުޅޭ ނޫން ހެއްޔެވެ.އެހެންވީމަ އުފެދޭނީ ހައްތަހާ ސްޓްރެސް އެވެ. މަންމަ އަތުން ޚަރަދުވާ ފައިސާ އަހަރުން އަނބުރާ ދައްކާނަމެވެ.މަހުންމަހަށް ދައްކާ ހަމަކުރާނަމެވެ.“
އަހަރެން ދެލޯ މަރާލީމެވެ.މީގެ ތިންދުވަސް ކުރިންވެސް ރެސްޓޯރެންޓެއްގައި އިނދެ ސެންޑްރާ ކަމަކާ ވަރަށް ބޮޑަށް ހެމުން ދިޔަތަން އަހަރެން ދުށީމެވެ. ޑިޕްރެޝަން ހުންކަމަށް ބުނުން އެއީ ހަމަ ރާވައިގެން ހެދި ބޮޑު ދޮގެކެވެ.
އަހަރެން ބުނީމެވެ.“މެންޓަލް ހެލްތަކީ ވަރަށް ނާޒުކް މައްސަލަ އެކެވެ.ތިޔަކުދިން ގޮސްލާށެވެ.އެނބުރި އައިސް ލާރީގެ ވާހަކަ ދައްކާނީއެވެ.“ ރަޔަން ވަރަށް ހަމަޖެހިލާފައި ފޯނު ބޭއްވިއެވެ.
އަހަރެން ފޯނު ބޭއްވުމަށްފަހު އެކި މީހުންނަށް ގުޅަން ފެށީމެވެ. ޝައްކެއް ވާން ފެށުމުންނެވެ.
އެޔަށްފަހު ރަޔަން އަށް އަހަރުމެން ދެމަފިރިން ގަނެދީފައިވާ އަގުބޮޑު ގެޔަށް ދިޔައިމެވެ. އަހަރެން އަތުގައި ތަޅުދަނޑިއެއް އޮވެއެވެ.އަހަރެންގެ ނަމުގައި އަދިވެސް ލިއުންތައް ހުރީމައެވެ.އެގެށްގޮސް ފަހަތު ދޮރުން ގެޔަށް ވަދެ މަޑުމަޑުން މައްޗަށް އަރާ އެމީހުންގެ ކޮޓަރި ކައިރީ މަޑުކޮށްލީމެވެ.ސެންޑްރާ އެއްގޮތަކަށްވެސް ޑިޕްރެސް އެއްނޫނެވެ.އޭރުވެސް އޭނަހުރީ ކޮންމެވެސް މީހަކަށް ފޯނުން ގުޅައިގެން ހޭށެވެ.އަދި ”މުސްކުޅި ދައިތަ“ ފޮޅާލަން ވަރަށް ފަސޭހަކަމަށް ބުނަމުން ގެންދިޔައެވެ.އިރުކޮޅަކުން ރަޔަންގެ އަޑުއިވުނެވެ. ގާނޫނީ ގޮތުން ހަމަޖައްސަންޖެހޭ ހުރިހާކަމެއް ނިމިއްޖެތޯ އެހިއެވެ. އަދި މިދަތުރު ގައި އުޅެމުން ތިޔަކަންތައް ކުރަން އެހާ ރަނގަޅު ހެން ހީނުވާކަމަށް ބުންޏެވެ.
މީގެ ޖަވާބުގައި ސެންޑްރާ ހަރުކަށިއަޑަކުން ބުނާ އަޑުއިވުނެވެ. ”ދެން އަހަރުން ބޭރުކޮށްފައި އަލުން ވަސިއްޔަތް ލިޔަންދެން މަޑުކުރަންވީހެއްޔެވެ. ރަޔަންގެ މަންމަ އަށް ވަނީ ހަނދާންނެތޭބަލި ޖެހިފަކަމަށް އަހަރެންގެ މަންމަ އާއި ބަންޕަގެ ޑޮކްޓަރު ލައްވާ އަހަރެން ވަނީ ލިއުން ހޯދާފައެވެ. އަހަރުމެން ދަތުރުގައި ތިއްބާ ގާނޫނީ ވަކީލު ލިއުންތައް ހުށައަޅާނެއެވެ.މަންމަގެ ހުރިހާ މުދަލަކާ ފައިސާއެއް ރަޔަންގެ މައްޗަށް ބަދަލު ކުރުމަށެވެ.މަންމަ ދެން ގެންދާނީ ނަފްސާނީ ބަލިމީހުން ބަލަހައްޓާ ތަނަކަށެވެ.“ މިއަޑު އިވިފައި އަހަރެން ހުރިތަނަށް ގަނޑުވިއެވެ.މިމީހުން ހަމައެކަނި ކްރޫޒް ދަތުރެއް ވަގަށް ނެގީކީ ނޫނެވެ.އަހަރެން ދިރިހުއްޓާ ވަޅުލަން އެދަނީ މަސައްކަތް ކުރަމުންނެވެ. ގާނޫނީ ގޮތުންނެވެ.
އަހަރެން ވަންގޮތަށް ސިއްރުސިއްރުން އެގެއިން ނިކުމެގެން ސީދާ ގާނޫނީ ވަކީލުގެ އޮފީހަށް ދިޔައިމެވެ. ވަކީލު މިޝޭލް ޕާކް އަކީ ފާއިތުވި 35 އަހަރުވެސް އަހަރެންގެ ގާނޫނީ ކަންކަން ބަލަހައްޓަމުން އައި ވަކީލެވެ. އެތަނަށް ގޮސް އޭނަޔަށް ހުރިހާ ވާހަކައެއް ކިޔާ ދިނުމުން ކަންތައްތައް ވަރަށް ގޯސް ކަމަށް ބުންޏެވެ. އަދި ވަގުތުން އެމީހުންނާ ދެކޮޅަށް ކޭސް ތައްޔާރު ކުރަން ފެށިއެވެ.
އަހަރެންގެ ދަރިފުޅާ އޭނާގެ އަންހެނުންވަނީ ޑޮކްޓަރަކަށް ރިޝަވަތު ދީގެން އަހަރެންނަކީ ހަނދާންނެތޭބަލިޖެހިފައިވާ ބުއްދި ހަމަނުޖެހޭ މީހެއް ކަމަށް ބުނެ ލިއުންތައް ތައްޔާރުކޮށްފައެވެ. ރަޔަން އަށްވެސް ލާރިނެގޭގޮތަށް ހަދާފައިވާ އަހަރެންގެ ބޭންކު ކާޑުން ފައިސާދައްކާފައެވެ.ތިންފަހަރެއްގެ މަތިން 9900ޑޮލަރު އެކަމަށް ނަގާފައި ވެއެވެ. މިވަގުތު ފިޔަވަޅު ނާޅައިފިނަމަ ހަފްތާ ނިމުމުގެ ކުރިން ކަލޭގެ ހުރިހާކަމެއް ނިމޭނެ ކަމަށް ވަކީލު އަހަރެންނާ ދިމާލަށް ބުންޏެވެ.
ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެމީހުން އުޅެން އަހަރުމެން ދެމަފިރިން ގަނެދީފަ ހުރި ރީތި އަގުބޮޑު ގެ އަތުލަން އަހަރެން ބޭނުންވިއެވެ.ހުރިހާލިއުމެއްގައި ހުރީ އަހަރެންގެ ނަމެވެ.ގެޔަށް އަހަރެން ބޭނުން ގޮތެއް ހެދޭނެއެވެ. ވަގުތުން ރިއަލް އެސްޓޭޓް މީހަކާ ގުޅީމެމެވެ.އެގޮތަށް ގެ ގަނެވިއްކާ މީހެކެވެ. 1.68މިލިއަން ޑޮލަރަށް އޭނަހުރީ އެގެ ގަންނަން ތައްޔާރަށެވެ.ނަގުދު ފައިސާދީފައެވެ.ޑީލް ނިންމާގޮތަށް ހެދީ 72 ގަޑިއިރު ތެރޭގައެވެ.އަހަރެންގެ އޮތީ އެންމެ ޝަރުތެކެވެ. ގޭގައި ހުރި އެމީހުންގެ ހުރިހާ އެއްޗެއް، ޑިޒައިނަރ ހެދުންތަކާ ގޮލްފް ކްލަބްތަކަށް ދަންދެން ނެރެއުކާލުމެވެ.
ދެވަނަ ފިޔަވަޅަކަށް ބޭންކަށް ގުޅީމެވެ.އަދި ޖޮއިންޓް އެކައުންޓް ތަކުގައި ހުރި ހުރިހާ ފައިސާ އަހަރެންގެ ޕްރައިވެޓް އެކައުންޓަށް އެޅީމެވެ. އެއަށްފަހު ކްރޫޒް ލައިނަރަށް ގުޅީމެވެ. އަދި އަހަރެންގެ ޕްލެޓިނަމްކާޑުން ފައިސާދެއްކޭ ގޮތަށް ހަމަޖެއްސި ހުރިހާ ކާޑެއް ބަންދު ކުރީމެވެ.އަދި އެކައުންޓް ޒީރޯ ކުރީމެވެ. އެމީހުން ދިޔައީ ބޭނުން އިރަކު ބޭނުން ބުއިންތައް ބޮވޭގޮތް ހަދައިގެންނެވެ.މިހާރު ދެން ބޭނުން އިރަކު ލިބޭނީ ހަމައެކަނި އިސްކުރު ފެނެވެ.
އެމީހުން ދަތުރު ފަށަމުން އިންސްޓަގްރާމްއަށް ފޮޓޯތައްއެޅިއެވެ. ”ސްޓްރެސް“ ފްރީ ދަތުރެއްގެ ފެށުން ކަމަށް ބުނެފައެވެ. އަހަރެންމީ އެމީހުންގެ ”ސްޓްރެސް“ ޔޯލައެވެ.
ދެމީހުންގެ އަގުބޮޑު ލައިފްސްޓައިލަށް އަހަރެން ޚަރަދު ނުކުރާނަމަ އެގޮތަށް ނޫޅެވޭނެކަން ހަނދާން ނެތެވެ. އަގުބޮޑު ދެކާރު ގަނެދިނީމެވެ.ކުދިން އަގުބޮޑު ސްކޫލްތަކަށް ވައްދާދިނީމެވެ. އަދި ހުރިހާ ޔުޓިލިޓީ ބިލްތައް ދައްކާދީ އަބަދު ވެސް ބަދިގޭ ފްރީޒަރުތައް ބަހައްޓަނީ ފުރާލާފައެވެ. މިނޫނަސް ޖެހޭ ކޮންމެ ބޮޑުކަމެއްގައި ދަނީ އެހީތެރިވަމުންނެވެ.
ކްރޫޒް ދަތުރު ފެށުމަށްފަހު ދެމަފިރިން އުފަލުން ހެމުން ގޮސް 500 ޑޮލަރަށް ދޭ ފުޅިއެއް ނެގިއެވެ. ފައިސާދައްކަން ކާޑު ދިއްކޮށްލުމުން ނުކެނޑުނެވެ. އެތައް ފަހަރަކު ބެލިއިރުވެސް ނުކުނޑުނެވެ. ބޯޓުގެ ފަރާތުން ބަލާގޮތަކަށް ބެލުމަށްފަހު ބުންޏެވެ. ”ކާޑުގެ އަސްލުވެރިމީހާވަނީ ކާޑު ބަންދު ކޮށްފައެވެ.“ އެވަގުތު ސެންޑްރާ ހަޅޭއްލަވައިގަތެވެ.ބޯޓުގެ މުޅި ލައުންޖަށް އިވޭ ވަރަށެވެ. ރަޔަން ވައިފައި ގަންނަން އުޅެގެން އެކަމެއް ވެސް ނުވިއެވެ. އޭޓީއެމުން ފައިސާނަގަން ބެލިއިރު އެކައުންޓް ހުރީ ޒީރޯގައެވެ.
އެމީހުން މުޅި ދަތުރު ހޭދަކުރީ ބޯޓުންދޭ ބުފޭގެ ކެއުން ކައިގެން ކުޑަދޮރެއްނެތް ކެބިން ތަކެއްގައެވެ. ދިހަ ދުވަސް ފަހުން އެނބުރި ގައުމަށް އައިސް ޓެކްސީއެއް ނަގައިގެން ގެޔަށް ދިޔައިރު ގޭގެ ކުޑަ ދޮރުތަކުގައިވަނީ ފިލާ ޖަހާ ބަންދު ކޮށްފައެވެ. އަދި ގެވަނީ ވިއްކާލާފައި ކަމަށް ބުނާބޯޑެއް ބޭރުގައި ހަރުކޮށްފައި ހުއްޓެވެ.އެމީހުންގެ ހުރިހާއެއްޗެއްވަނީ ގާބެޖް ކޮތަޅު ތަކަށް އަޅާ ބޭރަށް ނެރެފައެވެ.
ރަޔަން ވަގުތުން އަހަރެންނަށް ގުޅަން ފެށިއެވެ. އަހަރެން ފޯނުނެގީ އަށް ފަހަރު ރިންގްވި ފަހުންނެވެ. ”މަންމާ މީކޮންކަމެއްހެއްޔެވެ. އަވަހަށް މިކަން ރަނގަޅު ކޮށްދޭން އަންނާށެވެ.އަހަރުން ނިދާނެ ތަނެއްވެސް ނެތެވެ.“ ރަޔަން ބުންޏެވެ.
”އަހަރެންނަށް ވަނީ ހަނދާންނެތޭބަލި ޖެހިފަ އެއް ނޫނެވެ.“ އަހަރެން ބުނީމެވެ.މިހެން ބުނުމުން ރަޔަން ހުއްޓުން އެރިއެވެ. އެމީހުންގެ ރޭވުން އަހަރެންނަށް އެނގުނު ގޮތަކާމެދު ވިސްނާލިކަހަލައެވެ. އެވަގުތު އަހަރެން ބުނީމެވެ.ތިޔަގެ އަހަރެން ތިޔަވަނީ ވިއްކާލާފައެވެ. ހަނދާންނެތޭބަލީގެ ސަބަބުން ގޯހެއް ހެދިދާނެތީ އޭގެ ކުރިން ވިއްކާލީއެވެ. ސެންޑްރާގެ ފެމިލީ އަށް އުޅޭތަންވެސް ހޯދާދެވޭނެ ނޫންހެއްޔެވެ. އަހަރެންގެ ގެއެއްގައި އުޅެގެން ސެންޑްރާ ގެ ޑިޕްރެޝަން ބަލި އިތުރަށް ގޯސްވެސް ވެދާނެ ނޫން ހެއްޔެވެ. އަހަރެންވާނީ އޮޅުވާލުމާ ފައިސާޔަށް ޚިޔާނާތްތެރިވުމާއި މިފަދަ އެތައްކަމެއް ހިމަނޭގޮތަށް ކަލޭމެން ދެމަފިރިންނާ ދެކޮޅަށް މުސްކުޅިންނަށް އިހާތެތި ކުރުމުގެ ދައުވާވެސް ކޯޓަށް ވައްދާފައެވެ.ކޯޓަށް ދާން ތައްޔާރުވާށެވެ.“
ކޯލް ނިންމާލުމަށްފަހު ކެރީބިއަން އަށް އެކަނި ކުރާދަތުރަކަށް ފްލައިޓަށް އެރުމަށް އަހަރެން އަވަސްވެގަތީމެވެ. އޭރު އަހަރެންގެ ބޮލަށް ހުރީ ވަރަށް ބޮޑަށް ފަސޭހަ ވާގޮތް ވެފައެވެ.
(ނިމުނީ)
![]()
