އެމެރިކާއާއި އިސްރާއީލުން އީރާނާއެކު ކުރަމުންދާ ހަނގުރާމައާއި، އޭގެ ސަބަބުން ހަކަތައިގެ ބާޒާރަށް އަންނަމުންދާ ބުރޫތަކުގެ ނޭދެވޭ އަސަރު ދުނިޔޭގެ އިޤްތިޞާދަށް ކުރަމުންދާކަމުގެ އިންޒާރު ދެމުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް އައި.އެމް.އެފް އިން 2026 ވަނަ އަހަރުގެ ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމުގެ އަންދާޒާ ދަށްކޮށްފިއެވެ.
ބުދަ ދުވަހު އާންމުކުރި އައި.އެމް.އެފްގެ އެންމެ ފަހުގެ ’ވޯލްޑް އިކޮނޮމިކް އައުޓްލުކް‘ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނީ 3.0 އިންސައްތައިގައެވެ. މިއީ މިދިޔަ އޭޕްރީލް މަހު ލަފާކުރި 3.1 އިންސައްތައަށްވުރެ ދަށް އަދަދެކެވެ. މިއީ މިއަހަރުގެ ތެރޭގައި މި އަންދާޒާ ދަށްކުރި ދެވަނަ ފަހަރެވެ. އައި.އެމް.އެފް އިން ބުނި ގޮތުގައި މިއީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އިޤްތިޞާދަށް ކުރަމުންދާ ދެމިގެންވާ އަސަރުތަކުގެ ނަތީޖާއެވެ.
އިޤްތިޞާދީ އަންދާޒާ ދަށްވި ނަމަވެސް، ވޮޝިންގޓަނަށް ނިސްބަތްވާ މި މުއައްސަސާއިން ލަފާކުރާ ގޮތުގައި 2027 ވަނަ އަހަރު އިޤްތިޞާދީ ކުރިއެރުން 3.4 އިންސައްތައަށް މައްޗަށް ދާނެއެވެ. މީގެ މައިގަނޑު ސަބަބަކީ އާޓިފިޝަލް އިންޓެލިޖެންސް އޭ.އައި ޓެކްނޮލޮޖީތަކާ ގުޅުންހުރި އިންވެސްޓްމަންޓްތައް އިތުރުވުމެވެ.
މީގެ އިތުރުން، އައި.އެމް.އެފް އިން ވަނީ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭނެ ކަމަށް ލަފާކުރާ މިންވަރުވެސް މުރާޖައާކޮށްފައެވެ. އެގޮތުން 2025 ވަނަ އަހަރު 4.1 އިންސައްތައިގައި ހުރި އިންފްލޭޝަން، 2026 ވަނަ އަހަރު 4.7 އިންސައްތައަށް އުފުލި، 2027 ވަނަ އަހަރު 3.9 އިންސައްތައަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި އައު އަންދާޒާ އާންމުކޮށްފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ދިން ހަމަލާތަކާ ގުޅިގެން، އެމެރިކާއިން އަލުން އީރާނަށް އަސްކަރީ ހަމަލާތައް ދޭން ފެށިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. އަދި ބުދަ ދުވަހު އެމެރިކާގެ ސިފައިން އީރާނުގެ އަމާޒުތަކަށް ދިން އިތުރު ވައިގެ ހަމަލާތަކުގެ ކުރިން މި ރިޕޯޓު ވަނީ ޝާއިއުކޮށްފައެވެ. މި ހަމަލާތަކާއެކު ސަރަހައްދީ މަސްރަހު ވަނީ އިތުރަށް ނުތަނަވަސްވެފައެވެ.
އައި.އެމް.އެފްގެ ރިސާޗް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑައިރެކްޓަރު ޕެޓްޔާ ކޮއެވާ ބްރޫކްސް ވިދާޅުވި ގޮތުގައި، ދުނިޔޭގެ އިޤްތިޞާދަށް މިހާރު ދެ ބާރެއްގެ ނުފޫޒު ދަނީ ފޯރަމުންނެވެ. އެއީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގު އުފުލި އިޤްތިޞާދީ ހަރަކާތްތައް މަޑުޖެހެމުންދާއިރު، އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން އިތުރުވަމުންދާ އިންވެސްޓްމަންޓްތަކުން އެ ގެއްލުންތައް ކޮންމެވެސް މިންވަރަކަށް ފޫބައްދައިދިނުމެވެ.
އަދި އަސްކަރީ ހާލަތަށް އަންނަމުންދާ ހަލުވި ބަދަލުތަކުގެ ސަބަބުން، ދުނިޔޭގެ އިޤްތިޞާދީ ކުރިމަގާ މެދު އޮތް ނުތަނަވަސްކަން ބޮޑުވަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އައި.އެމް.އެފްގެ އަންދާޒާތައް ބިނާކޮށްފައިވަނީ ޖުލައި މަހުގެ މެދުތެރޭގައި ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް އާންމު ހާލަތަކަށް އަންނަން ފަށާނެ ކަމަށާއި، އަންނަ އަހަރުގެ މާރިޗު މަހާ ހަމައަށް ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ރުޖޫޢަވާނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް، ސަލާމަތީ ނުރައްކާތައް ދެމިއޮތުމުގެ ސަބަބުން، އެ މުހިންމު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު އަދިވެސް ހުރީ އާންމު މިންވަރަށްވުރެ މާ ދަށުގައެވެ.
ކަނޑުދަތުރުފަތުރުގެ މައުލޫމާތު އެއްކުރާ ’ކްލެޕްލާ‘ ޕްލެޓްފޯމުން ބުނާ ގޮތުގައި، އަންގާރަ ދުވަހު އެ ކަނޑުއޮޅިން ދަތުރުކޮށްފައިވަނީ ކަށަވަރުކުރެވިފައިވާ އެންމެ 41 އުޅަނދެވެ. ހަނގުރާމަ ފެށުމުގެ ކުރިން ދުވާލަކު ގާތްގަނޑަކަށް 130 އުޅަނދު އެ ސަރަހައްދުން ދަތުރުކުރެއެވެ. ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ ވިޔަފާރީގެ ގާތްގަނޑަކަށް 20 އިންސައްތަ ހިއްސާކުރަނީ މި މަގުން ކަމަށްވުމާއެކު، މި މަގަށް އަންނަ ކޮންމެ ބުރޫއަކީ ބައިނަލްއަޤްވާމީ ހަކަތައިގެ ބާޒާރަށް ކުރާނެ ބޮޑު އަސަރެކެވެ.
އެމެރިކާގެ އަސްކަރީ ހަމަލާތަކާއެކު ތެލުގެ އަގު ވަނީ އަލުން އުފުލެން ފަށާފައެވެ. އެމެރިކާ-އީރާނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރެއްވުމާ ގުޅިގެން، ބްރެންޓް ކްރޫޑްގެ އަގު ގާތްގަނޑަކަށް 7 އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު 79 ޑޮލަރަށްވުރެ މައްޗަށް އެރިއެވެ. ނަމަވެސް ފަހުން އަގު ވަނީ 78.76 ޑޮލަރުގައި ހަމަޖެހިފައެވެ.
ކުރިއަރާފައިވާ އިޤްތިޞާދުތަކުގެ ތެރެއިން 2026 ވަނަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އައި.އެމް.އެފް އިން ލަފާކުރަނީ އެމެރިކާއަށެވެ. އެއީ 2.3 އިންސައްތައެވެ. ޔޫރޯޒޯން 0.9 އިންސައްތަ، އިނގިރޭސިވިލާތް 1.0 އިންސައްތަ، ކެނެޑާ 1.1 އިންސައްތަ، އަދި ޖަޕާން 0.6 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭއިރު، ކުރިއަރަމުން އަންނަ އިޤްތިޞާދެއްގެ ގޮތުގައި ބެލެވޭ ޗައިނާ 4.6 އިންސައްތައިގައި ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.ކުރިއަށް އޮތް މަސްތަކުގައި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ކުޑަވެ، ހަކަތައިގެ ބާޒާރުތައް ހަމައަކަށް އެޅޭތޯ ނުވަތަ ނޫންތޯ އޭގެ މައްޗަށް ދުނިޔޭގެ އިގްތިސާދު ކުރިއަށްދާނެ މިސްރާބު ބޮޑަށް ބިނާވެގެންވާނެ ކަމަށް އައި.އެމް.އެފް އިން ވަނީ އިންޒާރުދީފައެވެ.
![]()
