އަހަރެން ވޯލްޑް ކަޕް ނުބަލަނީ ކީއްވެތޯ ވަރަށް ގިނަ މީހުން ސުވާލުކުރެއެވެ. އަހަރެން ބުނަމެވެ. މިހާރު ބަލާހިތެއް ނުވެއެވެ. އެއީ ކީއްވެތޯ އެހުމުން ދެން ދޭންޖެހޭ ޖަވާބަކީ، މިހާރު އޭގެ ފޯރިއެއް ނެތް ކަމަށެވެ. ވަރަށް ހައިރާންވާ ޖަވާބެއް ދޯއެވެ. އެކަމަކު ސަބަބު ކިޔައިދޭނަމެވެ.
އަހަރެމެން ކުޑައިރު ކޮންމެ ފުޓުބޯޅަ މުބާރާތަކީ އަންނަ އީދެކެވެ. ޚާއްޞަކޮށް ބައިނަލްއަގުވާމީ މުބާރާތްތަކެވެ. އޭގެތެރޭންވެސް ވޯލްޑް ކަޕް މުބާރާތަކީ މުޅި ގައުމު އެކުގައި އެކަމުގައި ބައިވެރިވާ މުބާރާތެކެވެ.
މާލޭގެ އެކި ހިސާބުތަކުގައި ބޮޑު އިސްކިރީނުތައް ބަހައްޓާފައި ހުރެއެވެ. މުޅި ރަށުތެރޭގައި އޮންނާނީ ބައިވެރިވާ ގައުމުތަކުގެ ދިދަ ދަމާފައެވެ. ބައެއް ފާރުތަކުގައި ވޯލްޑް ކަޕާ ގުޅޭ އެކި ކުރެހުންތައް ކުރަހާފައި ހުރެއެވެ.
އޭރު އޮންނަ ސަގާފަތެކެވެ. ބަޔަކު އެއްވެގެން ކަމެއް ކުރަންޏާ އެތަނަކަށް ސައި އަންނާނެއެވެ. އަމިއްލައަށް ފެނިގެން، ހަދިޔާގެ ގޮތުގައި އެކި މީހުން ފޮނުވާ ސައެވެ. އެގޮތުން މެޗު ބަލަން އިސްކިރީނުދޮށުގައި ތިބޭއިރު ކައިރި ގޭގެއިން ސައިމޭޒު ނެރެ އަތުރާނެއެވެ. ބޮނޑިބަތާއި ފާޑުފާޑުގެ މީރު ހެދިކާތަކާއި ބުއިންތަކެވެ. ގިނަވާނީ ގޭގޭގައި ހަދާ ތަކެއްޗެވެ.
އިސްކިރީނުތައްދޮށަށް ނުދިޔައަސް ގޭގޭގައިވެސް ފޯރިއާއެކު ޓީވީން މެޗުތައް ބަލަމުން ގެންދާނެއެވެ. ދުވަސްވަރަކީ މާމަ ކާފައާއެކު ބޮޑެތި އާއިލާތައް އެއް ގެއެއްގައި ދިރިއުޅެމުންދިޔަ ދުވަސްވަރެވެ. އެހެންކަމާއެކު ފުޓުބޯޅަ ދަނޑަކަށްވުރެ ގޭތެރޭގައިވެސް ވަކި ފޯރި ދަށެއް ނުވާނެއެވެ. ޒާތްޒާތުގެ މީރު ކާނާ ތައްޔާރުކޮށްގެން ގޭތެރޭގައިވެސް މަޖާ ނަގާނެއެވެ.
މެޗުގެ އިންޓޯލު ވަގުތަކީވެސް ފޫހި ވަގުތެއް ނޫނެވެ. އެކިއެކި މަޖާ އައިޓަމްތައް އެވަގުތުކޮޅު ތެރޭގައިވެސް ކުރިއަށްދާނެއެވެ. އޭގެތެރޭންވެސް ”ދަނޑުފޯރި“ ދައްކާ ވަގުތުކޮޅަކީ އެންމެ ޚާއްޞަ ވަގުތުކޮޅެވެ. އެވަގުތުކޮޅު އެކަނި ބަލާފައި ފުއްދާލާ ވަރަށްވުރެ އެއީ މާ މަޖާ އައިޓަމެކެވެ. އެކި ވަގުތުތަކުގައި އެކަކު އަނެކަކަށް ދަނޑުފޯރީގެ ޑައިލޮގުތައް ޖައްސާނެއެވެ. އިސްކޫލު ދުވަސްވަރެއްނަމަ އިސްކޫލުގައިވެސް އަހަރެމެން އެ މަޖާ ނަގަމެވެ.
ދެން އޮންނާނީ ވޯލްޑް ކަޕުގެ ފައިނަލް މެޗެވެ. އެއީ އެންމެންވެސް ވަރަށް ތައްޔާރުވާ މެޗެކެވެ. މަގުމަތިން އެދުވަހު މީހެއްގެ ހިލަމެއްވެސް ނުވާނެއެވެ. ހުރިހާ ފޯރިއެއް އޮންނާނީ ޓީވީގައެވެ. ކުރިއަށްވުރެ މަޖާ އައިޓަމްތަކުގެ އިތުރުން ދަނޑުފޯރިވެސް އެދުވަހު މާ ދިގުކޮށް ދައްކާނެއެވެ.
މިއީ މީގެ ވިއްސަކަށް ނުވަތަ ފަންސަވީހަކަށް އަހަރު ކުރިން ވޯލްޑް ކަޕުގެ ފޯރި އޮންނަ ގޮތެވެ. އޭރާ ބަލާއިރު ފުޓުބޯޅަ ބަލާ މީހުން ގިނަ ނަމަވެސް ފޯރި އޭރަށްވުރެ މާ ބޮޑަށްވެސް ދަށެވެ. މިއީ އަހަރެންނަށް ފެންނަ ގޮތް ކަމަށް ވެދާނެއެވެ. ފަހަރެއްގައި ކިޔުންތެރިންގެ ޚިޔާލު ތަފާތުވެދާނެއެވެ.
![]()
