ބަށި ކޯޓު (ދެވަނަ ބައި)

Loading

June 27, 2026
profile
Facebook
Twitter
WhatsApp

އިސާހިތަކު ހުރިހާ ކުދިންވެސް ލޯމަތިން ގެއްލިއްޖެއެވެ. އަހަރެންވެސް ބާރުލާފައި ދުވަނީއެވެ. އެކަމަކު އެއްގޮތަކަށްވެސް ކުރިއަށް ދެވޭހެނެއް ހިއެއްނުވެއެވެ. ހީވަނީ ދުވާ މަގެއްގައި އިދިކޮޅަށް ދުވެވޭހެނެވެ. ކުރިއަށް ނުދެވޭހެން ބަނދެފައި ހުރިހެންނެވެ. އަހަރެން ފަހަތަށް އެނބުރިލީމެވެ. އެއާއެކު ފެނުނީ އެއްކަލަ މީހާ އަހަރެންގެ ފަހަތުގައި ހުއްޓައެވެ.

ހޭވެރިކަންވީއިރު ބައްޕައާއި މަންމަ އަހަރެން ވަޅުދޮށުގައި ބާއްވައިގެން ފެން އަޅަނީއެވެ. ލޯ ހުޅުވާލެވުމާއެކު ބިރުން ތުރުތުރު އަޅައިގަތެވެ. ފެށުނީ ރޯށެވެ. ބައްޕަ ހުއްޓާނުލައި ކިޔެވެެއްޔެއް ކިޔަވަމުން ފެން އަޅަމުންދިޔައެވެ. ބައްޕައަކީ ކޮންމެވެސް ވަރަަކަށް ކަންވެރިކަން ދަންނަ މީހެކެވެ.

ތިން ދުވަސް ވަންދެން އަހަރެން އޮތީ ގަދަ ހުމެއްގައެވެ. ހޭ ހުންނަ ފަހަރާއި ހޭ ނުހުންނަ ފަހަރު ދެއެވެ. ބައްޕަ ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއްގައި އައިސް އަހަރެންގެ ގާތުގައި އިނދެ ކިޔެވެލި ކިޔަވައެވެ. އެ ވަގުތަށް ހުންވެސް ލުއިވެލައެވެ.

ތެދުވެ އުޅެލެވޭވަރުވީ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އޭރުވެސް ފާޑެއްގެ އުނދަގުލެއް ހުރެއެވެ. އޮއްސޭ ދަޅަމައްޗަށް އެޅުމުން ބޮލަށް ހުންނަނީ ފާޑެއްގެ ބަރެއް ވެފައެވެ. ސްކޫލަށް ދާހިތެއް ނުވެއެވެ. ދިޔައަސް މުދައްރިސުން ކިޔައިދެއްވާ ހަމަ އެކައްޗެއްވެސް ބޮލަކަށް ނުވަދެއެވެ. އެންމެ ފަހުން ސްކޫލަށް ދާހިތް ކެނޑެންފެށިއެވެ.

އޭރު ދިމާވި ކަންތަކަށްފަހު ހަވީރު ކުޅެން ދިއުން ބައްޕަ އޮތީ މަނާކޮށްފައެވެ. ރައްޓެހި ހުރިހާ ކުދިން ދިޔައަސް ދުވާލުގެ ވަގުތުގައިވެސް ވަލަކަށް ނުފޮނުވައެވެ. މަންމައާއެކު ވިއަސް ރޭގަނޑު ބޭރަކަށް ނުދެވެއެވެ.

އެންމެ ފަހުން ރަށު ސްކޫލުން ކަނޑާލައިގެން އަހަރެން މާލެ ގެނައެވެ. ބައްޕަ އަހަރެން ވެއްދީ މަޢުހަދަށެވެ. އެތަނުގައި ކިޔެވިއިރު ދީނީ ކަންކަމަށް ފަރުވާ ބަހައްޓަން ފެށުނެވެ. ވަގުތުން ވަގުތަށް ނަމާދުކުރުމާއި ޤުރުއާން ކިޔެވުމަށް ދެވޭ ސަމާލުކަން އިތުރުވިއެވެ. މަޑުމަޑުންގޮސް އެއްކަލަ އުނދަގޫތައް ކެނޑިއްޖެއެވެ.

މިހާރު އަހަރެންނަކީ ކައިވެންޏެއް ކޮށްގެން އުފާވެރި ހަޔާތެއް ހޭދަކުރަމުންދާ މީހަކީމެވެ. ހަތަރު އަހަރު ކުއްޖަކުވެސް އެބަހުއްޓެވެ. ދިރިއުޅެނީ ފިރިމީހާގެ ރަށުގައެވެ. މީހުން އުޅޭ ސަރަހައްދަށްވުރެ ވާ ބޯ ރަށެކެވެ. އަމާންކަމާއެކު އަހަރެންނަށް ވަލަށް ވަދެ، މޫދަށްއެރި ފަރުހިލަން ގޮސް އުޅެވެނީ އަޅުކަމަށް ދެވޭ ސަމާލުކަމުގެ ސަބަބުން ކަމަށް ގަބޫލުކުރެވެއެވެ. ނަމާދުކޮށް، ޤުރުއާންކިޔަވައި، ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިއުމަކީ މިހާރު އަހަރެންގެ ދުވަހުގެ ތާވަލުގައި އެންމެ އިސްކަންދެވިފައިވާ ކަންކަމެވެ.

(ނިމުނީ)

Loading

Leave a Reply

ފަހުގެ އަޕްޑޭޓް