އަލީބާބާ އަކީ ”ޗައިނާގެ އަސްކަރީ ކުންފުންޏެއްތަ؟

Loading

Facebook
Twitter
WhatsApp

ޗައިނާގެ އީ-ކޮމާސްގެ ބޮޑު ކުންފުނި އަލީބާބާ އަކީ ”ޗައިނާގެ އަސްކަރީ ކުންފުންޏެއް“ ކަމަށް ލޭބަލް ކުރުމާ ގުޅިގެން، އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓާ ދެކޮޅަށް އެ ކުންފުނިން ދައުވާ އުފުލައިފިއެވެ. މިއީ ޓެކްނޮލޮޖީ އާއި ގައުމީ ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކާ މެދު ވޮޝިންޓަނާއި ބެއިޖިންއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދިޔަ ކަމެކެވެ.

ކެލިފޯނިއާގެ ސެން ހޯޒޭގެ ފެޑަރަލް ކޯޓަކަށް ހުށަހެޅި މި ދައުވާގައި، ޗައިނާގެ އަސްކަރިއްޔާއާ ގުޅުން އޮތް ކަމަށް ބުނާ ކުންފުނިތަކުގެ ބްލެކްލިސްޓެއްގައި އަލީބާބާ ހިމެނުމަށް ޕެންޓަގަނުން ނިންމި ނިންމުމަށް ވަނީ ގޮންޖަހާފައެވެ. އަލީބާބާ އިން ބުނާ ގޮތުގައި އެ ކުންފުންޏަކީ އަސްކަރިއްޔާއާ އެއްވެސް ގުޅުމެއް ނެތް، ހަމައެކަނި ވިޔަފާރި އުސޫލުން ހިންގާ ކުންފުންޏަކަށް ވާއިރު، އެއީ ނުބައި އަދި އެއްވެސް އަސާސެއް ނެތް ނިންމުމެކެވެ.

އަންގާރަ ދުވަހު ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި އެ ކުންފުނިން ބުނެފައިވަނީ އެ ތުހުމަތުތަކަކީ ”ހަގީގަތެއް ނުވަތަ ގާނޫނީ އެއްވެސް އަސާސެއް ނެތް“ ކަންތައްތަކެއް ކަމަށެވެ. އަލީބާބާ އިން ފާހަގަކުރި ގޮތުގައި އެ ކުންފުނި ހިންގަނީ މިނިވަން ޑިރެކްޓަރުންގެ ބޯޑަކުން ކަމަށާއި، ބޯޑުގެ އެއްވެސް މެންބަރެއްގެ އަސްކަރީ ގުޅުމެއް ނެތެވެ. އަދި އެ ކުންފުނީގެ ހިދުމަތްތައް ބިނާވެފައިވަނީ ރީޓެއިލް، ލޮޖިސްޓިކްސް، ކްލައުޑް ކޮމްޕިއުޓިން އަދި އެންޓަޕްރައިޒް ޓެކްނޮލޮޖީއަށް ކަމަށާއި، ދިފާއީ، ޖާސޫސީ ނުވަތަ ހަތިޔާރާ ގުޅުންހުރި ކަންކަމަށް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

މި ގާނޫނީ ފިޔަވަޅު އަޅާފައި މިވަނީ، ޗައިނާގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ބެލެވޭ ކުންފުނިތަކުގެ ލިސްޓަށް އަލީބާބާގެ އިތުރުން ބީ.ވައި.ޑީ އަދި ބައިދޫ ފަދަ ޗައިނާގެ ބޮޑެތި ކުންފުނިތައް އެމެރިކާ ސަރުކާރުން އިތުރުކުރިތާ ހަފުތާތަކެއް ފަހުންނެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ޖިއޯޕޮލިޓިކަލް ވާދަވެރިކަމުގެ ތެރެއިން، ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ކުރާ ފާރަވެރިކަން އިތުރުކުރުމަށް ވޮޝިންޓަނުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މި ނިންމުން އަނބުރާ ނުގެންގޮސްފިނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އަލީބާބާ އިން މީގެ ކުރިން ވެސް ވަނީ ދީފައެވެ. އެ ކުންފުނީގެ މަންދޫބުން ބުނާ ގޮތުގައި އަލީބާބާ އަކީ އަސްކަރީ ޖަމާއަތެއް ނޫނެވެ. އަދި މަދަނީ ސިނާއަތްތަކާއި އަސްކަރިއްޔާއާ ދެމެދު އެއްބާރުލުން އިތުރުކުރުމަށް ޗައިނާ އިން ގެންގުޅޭ ”މިލިޓަރީ-ސިވިލް ފިއުޝަން“ އިސްތިރާތީޖީގައި ބައިވެރިވާ ކުންފުންޏެއް ވެސް ނޫނެވެ.

ޗައިނާ ސަރުކާރުން ވަނީ އެމެރިކާގެ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ވޮޝިންޓަނުގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ ޗައިނާގެ ކުންފުނިތައް ބްލެކްލިސްޓް ކުރުމަކީ ތަފާތުކުރުން ގެންގުޅުން ކަމަށާއި، އިންސާފުވެރި އަދި ތަފާތުކުރުމެއް ނެތް ވިޔަފާރީގެ މާހައުލެއް ގާއިމުކޮށްދިނުމަށް އެމެރިކާއަށް ގޮވާލާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ ކުންފުނިތަކުން އަމަލުކުރަނީ އެ ގައުމުތަކުގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް ވެސް ޗައިނާގެ އޮފިޝަލުން ވިދާޅުވިއެވެ.

ޕެންޓަގަނުން ކަނޑައަޅާފައިވާ ޗައިނާގެ އަސްކަރީ ކުންފުނިތަކުގެ ލިސްޓު ފާއިތުވި އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ލިސްޓުގައި ހިމެނޭ ކުންފުނިތަކުގެ އަދަދު 2025 ވަނަ އަހަރު 134 ގައި ހުރިއިރު، 2026 ވަނަ އަހަރު ވަނީ 188 އަށް އަރާފައެވެ. މި ލިސްޓުގައި ހިމެނޭ ކުންފުނިތަކުން ޖޫން 30 އިން ފެށިގެން އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓަށް ސީދާކޮށް މުދަލާއި، ހިދުމަތް ނުވަތަ ޓެކްނޮލޮޖީ ފޯރުކޮށްދިނުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން، 2027 ވަނަ އަހަރުން ފެށިގެން ތިންވަނަ ފަރާތްތައް މެދުވެރިކޮށް ވެސް މި ކުންފުނިތަކާއެކު އެއްބަސްވުންތައް ހެދުން ޕެންޓަގަނަށް މަނާވާނެ އިތުރު ހުރަސްތަކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެމެރިކާ ސަރުކާރުގެ ކޮންޓްރެކްޓްތަކަކީ ޓެކްނޮލޮޖީ ކުންފުނިތަކަށް ވަރަށް އަގުހުރި އެއްޗަކަށް ވާތީ، މިފަދަ ހުރަސްތަކުގެ ސަބަބުން ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.އަލީބާބާގެ މި ދަޢުވާ ނިމިގެންދާ ގޮތަކުން، އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ގުޅުންތަކަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެއެވެ. ވަކިން ޚާއްޞަކޮށް، ވިޔަފާރިއާއި، ޓެކްނޮލޮޖީ އަދި ޤައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ދެ ޤައުމުގެ ދެމެދުގައި ކުރިމަތިލުންތައް ކުރިއަށްދާ ދަނޑިވަޅެއްގައި މިއީ މުހިންމު ކަމެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް