ވިހަ ސަމާސާ (ދެވަނަ ބައި)

Loading

June 20, 2026
profile
Facebook
Twitter
WhatsApp

އައިންތައާ ވާހަކަދައްކަން ތިބުމަށްފަހު އަހަރެމެން ހިނގައިގަތުމުން އިބްރާހީމުގެ ކޮއްކޮ އާދަނު އަހަރެންގެ ކަންފަތްދޮށުގައި ސިއްރެއް ބުންޏެވެ. ވާހަކައިގެ ގޮތުން އަހަރެމެން ދެ މީހުން ގާތަށް އައީ ލާނެތް ހިންޏެކެވެ. ޕަކަޕަކަލާފައި އަހަރެމެން ހީގަތީމެވެ.

އަހަރެމެންނަކީ އެންމެ ލާނެތް ފުރާވަރުގެ ކުދިން ވިއްޔާއެވެ. އަހަރެންގެ އުމުރަކީ ދިހަ އަހަރެވެ. އާދަނަށް އެގާރަ އަހަރެވެ. އަހަރެމެން ރޭވި ކަންތަކުގައި އިބްރާހީމަށްވުރެ އެއް އަހަރު ހަގު ކޮއްކޮ ޝެހެނާޒުވެސް ބައިވެރިވެއެވެ. ޝެހެނާޒަކީ މިޒާތުގެ ކަންކަމުގައި ފިރިހެން ކުއްޖަކަށް ދޫކުރާ ކުއްޖެއް ނޫނެވެ.

އަހަރެމެން ރޭވި ކަންތައް ކުރުމަށް މެންދުރު ކައިގެން ނައްޓާލީމެވެ. ޝެހެނާޒު އޮތީ އެކަމަށް ބޭނުންވާ ސާމާނު ކުރިއާލައި ހޯދާފައެވެ.

އަހަރެމެން ގޮސް އިށީނީ އައިންތަ އިލޮށި މަށަން އިން ހިސާބާ ތަންކޮޅެއް ދުރުގައި ހުރި އައްޓެއްގައެވެ. މަސައްކަތަށް ގެއްލިފައި އިންވަރުން އަހަރެމެންގެ ހިލަމެއްވެސް އައިންތައަކަށް ނުވިއެވެ.

ދުވާލުދާ ހަތަރުދަމު އައިންތަގެ މަސައްކަތަކީ އެއީއެވެ. އިލޮށި މެށުމެވެ. ފަން ވިޔުމެވެ. ރޯނު ވެށުމެވެ. ނޫނީ ކޮންމެވެސް މީހަކަށް އަތްގާތްކޮށްލަދިނުމެވެ. އައިންތަގެ އަމިއްލަ މާގިނަ މަސައްކަތްތަކެއް ނޯވެއެވެ. ހެނދުނު ތެދުވެ ގޭތެރެ ކުނިކަހައި ހިރަފުސް ފޮޅާލީމައި އައިންތަގެ ގޭގެ މަސައްކަތް ނިމުނީއެވެ.

ވާނީވެސް އެހެންތާއެވެ. އުމުރުން ފަންސާހަށް އަޅާފައިވާ އައިންތައަކީ އެކަނި އުޅޭ މީހެކެވެ. މީގެ ފަސްއަހަރު ކުރިން ފިރިމީހާ މަރުވެފައިވާއިރު ދަރިއަކު ނުހުރެއެވެ. ކައިބޮއި އުޅެނީ އަވައްޓެރިން ދިއްކޮށްލާ ކާއެތިކޮޅުންނެވެ. ރަށްފުށުގެ އާދަކާއަކީ އެއީއެވެ. އަވައްޓެރި ގޭގޭގައި ކައްކާ ކޮންމެ އެއްޗެއްގެ ރަހަ އަނެއް އަވައްޓެރިޔާއަށް ލިބޭނެއެވެ. އެކަނި އުޅޭ މީހާވެސް އެކަނިވެރިކަމުގެ އިހުސާސް ކުރާކަށް ނުޖެހޭނެއެވެ.

އަހަރެމެން ތިބީ ވަގުތު ޖެހެންދެންނެވެ. އަހަރެމެން ތިބި ތަނަށް ދޮންދައްތަ އިރުކޮޅަކުން އަންނާނެއެވެ. ދޮންދައްތައަކީ އަހަރެންގެ މައިފުށުގެ ބޮޑުދައިތައެވެ.

މާ ގިނައިރެއްނުވެއެވެ. ދޮންދައްތަ އަންނަތަން ފެނިއްޖެއެވެ. ހޭޅީގައި ހުރި ގަސްތަކެއްގެ ނިވަލުގައި ބޮނދައި އަހަރެމެން ތިބީމެވެ.

ދޮންދައްތަ ގޮސް އައިންތަ ގާތުގައި އިށީނެވެ. ދޮންދައްތަ ގެނައި ފޮނި ކާއެއްޗެއް އައިންތައަށް ދީފައި އައިންތަ އަތުގައި އޮތް ވަޅި އަތުލައިގެން އިލޮށި މަށަން ފެށިއެވެ. ދެ މީހުންވެސް ތިބީ އަހަރެމެންނަށް ފުރަގަސް ދީގެންނެވެ.

ފިޔަވަޅުގެ އަޑު ނިވޭނެހެން މަޑުމަޑުން އަހަރެމެން އެ ދިމާއަށް ހިނގައިގަތީމެވެ. އެމީހުންނަށް ހިލަމެއްވެސް ނުވެއެވެ. އޮލަ ވާހަކައިގައި ތިބީއެވެ.

އަހަރެމެން ގޮސް ދޮންދައްތައަށް އުފަންދުވަހުގެ ތަހުނިޔާ ކީމެވެ. އެވަގުތު ޝެހެނާޒު އަތުގައި އޮތް ބިހެއް ދޮންދައްތަ ގަޔަށް ޖެހިއެވެ.

”ކަލޭމެންނާހެދި ނެތެެއްނު ވާކަށް. ހުރެބަލަ ނިކަން.“ ދޮންދައްތަ ތެދުވިއެވެ.

އެވަގުތު އާދަނު އަތުގައި އޮތް ރަބަރު މަކުނެއް ދޮންދައްތަ ގަޔަށް އެއްލިއެވެ. ދޮންދައްތަ ބިރުގަންނަވާލުމަށެވެ. ގަތް ބިރުން ދޮންދައްތަ ތެޅިފޮޅިގަތް ވަގުތު މަކުނު ގޮސް ވެއްޓުނީ އައިންތަ ލައިގެން އިން ހެދުމުގެ ކަރުވަޅު ތެރެއަށެވެ.

އައިންތަ ބިރުން ތެޅިފޮޅެން ފެށިއެވެ. ބާރުބާރަށް ހަޅޭއްލަވަމުންނެވެ. އިސާހިތަކު އެކި ދިމަދިމާއިން މީހުންތައް އެތަނަށް ޖަމާވާން ފެށިއެވެ. އަހަރެމެން ތިބީ ހަދާނެ ގޮތް ހުސްވެފައެވެ. އިރުކޮޅެއްގެ ތެރޭގައި އައިންތަ އަނބުރައިގަނެގެން ވެއްޓުނެވެ. އެތަނަށް އައި ބޮޑެތި މީހުން އައިންތަ ބިންމަތީގައި ބާއްވައިގެން އަވަސް ފަރުވާ ދޭންފެށިއެވެ.

އަވަސް ފަރުވާދޭ ޓީމުގެ މަސައްކަތް ކުރިއަށްދިޔައިރު މައްސަލައިގެ ތަހުގީގުވެސް ފެށިއްޖެއެވެ. ވަރަށް ބިރުން ތިބެ އަހަރެމެން ވީ ގޮތް ކިޔައިދިނީމެވެ. ތަހުގީގު ނިމުނުއިރު އަހަރެމެން ކުށްވެރި ނުވާނެ ހަމަ އެއްވެސް ތަންކޮޅެއް ނުފެނުނެވެ.

އިރުކޮޅަކުން ހުކުން ތަންފީޒުކުރާ ޓީމު އަންނަތަން ފެނުނެވެ. މަންމައާއި ބައްޕައެވެ. އިބްރާހީމުގެ މައިންބަފައިންނެވެ. އަހަރެމެންގެ އަތުގައި ހިފައި ދަމާ ކޫއްތާފައި ކަހަލަ ގޮތަކަށް ގެންގޮސް ގޭގައި ބަންދުކުރިއެވެ. ބޮޑު މީހަކާ ކޮށްގެންނުވާނެ ސަމާސާއެއް ކުރީތީއެވެ. ދުވަސްވީ އަންހެނަކަށް ބޭއިހުތިރާމު ކުރީތީއެވެ.

މުޅި ދަތުރު ފަނިވިއެވެ. ގޭގައި ބަސްއަހައިގެން ތިބުން ނޫން ގޮތެއް ނެތެވެ. ކިރިޔާ ގޮތް ދައްކާލިއަސް ދެން ލިބޭ އަދަބު މާ ބޮޑުވާނެއެވެ. އެހެންނޫނަސް ގަސްތުގައި ނޫންވިއަސް ކުށް ކުރެވިފައި މިއޮތީ އަހަރެމެންނަށްވިއްޔާއެވެ.

ކުށްވެރިވެފައި ތިބުމުން އަހަރެމެންނަށް މަޖާކޮށް ސަކަރާތްޖަހާކަށް ނުކެރެއެވެ. އެކަކު އަނެކަކާ ވާހަކަދެއްކީވެސް ވަރަށް މަދުން، ވަރަށް މަޑުމަޑުންނެވެ. ހުކުމުން މިންޖުވާނޭ ވަގުތެއްގެ އިންތިޒާރުގައި ތިންކުދިންވެސް ތިބީއެވެ.

އޭގެ އަނެއް ދުވަހު އަހަރެމެން ގޮވައިގެން މަންމަ އައިންތަ ގާތަށް ދިޔައެވެ. އަހަރެމެންލައްވާ މާފަށް އެދުވުމަށެވެ. އައިންތަ އޭރު އޮތީ ވަރަށް ގަދަޔަށް ހުން އައިސްފައެވެ. ގަތް ބިރެއްގެ ސަބަބުން އައި ހުމެކެވެ.

އައިންތައަކީ ވަރަށް ހިތްހެޔޮ މީހަކަށްވާތީ ވަރަށް ފަސޭހައިން އަހަރެމެންނަށް މާފުދިނެވެ. އެހެންނަމަވެސް އަހަރެމެންގެ އަދަބަށް ލިބުނީ ވަރަށް ކުޑަ ލުޔެކެވެ. ބޭރަށް ދެވެއެވެ. އެކަމަކު ބޮޑު މީހަކާ އެކުގައެވެ. މާލެ ދަންދެން އެ ހުކުން އޮތީ އެގޮތުގައެވެ.

އެއީ އެޒަމާނެވެ. ކުދިވެރިންގެ އަދަބުތައް ގޭތެރޭން ތަންފީޒުކުރި ޒަމާނެވެ. ”ކުދިކުދި“ ކުށްތަކަށްވެސް އަދަބު ލިބުނު ޒަމާނެވެ. އެ ޖީލުގެ މީހަކަށްވިތީ އަހަރެން އުފާކުރަމެވެ. އެއީ އަދަބު ނޫން ކަމާއި އެއީ މައިންބަފައިންގެ އިންތިހާ ލޯބިކަން އިހުސާސްވަނީ މިއަދުއެވެ. ”މީހެއްގެ“ ގޮތުގައި އަހަރެން ބޮޑުވީތީއެވެ.

މާލެދާން ދަމުން އައިންތައާ ސަލާންކޮށްލަން އަހަރެމެން ދިޔައިމެވެ. އެދުވަހު އަހަރެމެންގެ ބޮލުގައި ފިރުމާލާފައި އައިންތަ ދިން ނަސޭހަތް ދުވަހަކުވެސް ހަނދާން ނުނެތެއެވެ. އެ ނަސޭހަތުގައި ހިފައި މިއަދު އަހަރެން މިހިރީ ހަރުދަނާ މީހަކަށް ވެފައެވެ. ވަށައިގެން އިހުތިރާމު އޮހޭފަދަ މީހަކަށް ވެފައެވެ. މިއަދު ދުނިޔޭގައި ނެތަސް އަހަރެން މިއަދު އައިންތައަށް ޝުކުރުވެރިވަމެވެ. އެ ފުރާނައަށް ކުރެވޭ ހެޔޮ ދުޢާއިންނެވެ.

(ނިމުނީ)

Loading

Leave a Reply

ފަހުގެ އަޕްޑޭޓް