ދެކުނު ސޫދާނުން އެނބުރި އައި، ކެރަލާގެ އަންހެނެއްގެ ގައިން އެބޯލާބަލި ޖެހުންމުން ފެންނަ ފަދަ އަލާމާތް ތައް ފެންނަން ފެށުމުން ކޮއްޓަޔަމް މެޑިކަލް ކޮލެޖް ގެ އައިސޮލޭޝަން ވޯޑެއްގައި އެޑްމިޓް ކޮށްފައިވާކަމަށް އޮފިޝަލުން ހާމަ ކޮށްފިއެވެ.މިއަންހެންމީހާ އަށް ޖެހިފައިވަނީ އެފްރިކާގެ ބައެއްގައުމުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ބަލިތޯ ބެލުމަށް ޓެސްތްތައް ހަދަމުން ދާކަމަށް ޚަބަރުލިބެއެވެ.ފަސޭހައިން ފެތުރޭ އެބޯލާބަލީގައި އެފްރިކާގެ ގައުމުތަކުން މިހާތަނަށް އެތައް ސަތޭކަ މީހުން ވަނީ މަރުވެފައެވެ.
ބަލިވި އަންހެންމީގެ މައްސަލަ އޮފިޝަލުންގެ ސަމާލުކަމަށް އައިސްފައިވަނީ ހުންއައިސް އުނދަގޫތަކެއްވާތީ އަންހެން މީހާ ޕްރައިވެޓް ހޮސްޕިޓަލަކަށް ދެއްކި ހަމައިން ކަމަށް ވެއެވެ. އޭނާގެ ޓްރެވަލް ހިސްޓްރީ އަށް ބެލިއިރު ވަރަށް ފަހުން ސައުތު ސޫދާން އަށް ދަތުރު ކޮށްފައިވާތީ އޮފިޝަލުންގެ ސަމާލުކަމަށް އައިސް ޓެސްޓްތައް ހެދުމަށްޓަކައި އެކަހެރި ކުރެވުނީ ކަމަށް ވެއެވެ.
މިކަމާއި ގުޅިގެން ކެރަލާގެ ހެލްތު މިނިސްޓަރ ކޭ މުރަލީދަރަން ވިދާޅުވީ ބަލިވި މީހާ އައިސޮލޭޝަން އަށް ލެވިފައިވުމާއި އެކު މިވަގުތު އާންމުން ކަންބޮޑުވާންވީ ކަމެއް ނެތް ކަމުގައެވެ. ޓެސްޓް ތަކުގެ ނަތީޖާ އަދި ނުލިބުނު ނަމަވެސް ފުރަތަމަ އެސެސްމަންޓަށް ބަލާއިރު ކަންބޮޑުވާންޖެހޭ ކަމެއް މިވަގުތު ނެތްކަމަށް މެޑިކަލް ސުޕްރިންޓަންޑަންޓް ވެސް ވިދާޅުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި ބަލިވި އަންހެންމީހާގެ ލޭގެ ސާމްޕަލްތައް ލެބްތަކަށް ވަނީ ފޮނުވިފައެވެ.މީގެ އިތުރުން އޭނަ ކޮންޓެކްޓް ވި ފަރާތްތައް ފާހަގަކޮށް ދަނީ މޮނިޓަރިންގ ފިޔަވަޅުތައް އަޅަމުންނެވެ. އަދި ކެރަލާގެ މުޅި ހެލްތު ޑިޕާޓްމަންޓްވެސް އޮތީ ހައި އެލަރޓްގައި ކަމަށް އޮފިޝަލުން ހާމަ ކުރެއެވެ.މިގޮތުން ހޮސްޕިޓަލް ތަކުން ސަރވެލަންސްގެ ކަންތައް ވަރުގަދަ ކޮށް އެފްރިކާގެ ގައުމުތަކުން އަންނަ މީހުންގެ މޮނިޓަރިން ކަންތައްވެސް ވަރުގަދަ ކުރުމަށް ވަނީ އަންގާފައެވެ.
އެބޯލާ އަކީ ވައިރަސް އެއްގެ ސަބަބުން ފެތުރޭ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ.މިބަލި ޖެހުމުން ފުރަތަމަ ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން ގައިގައި ވަރު ނެތުން ހޮޑުލެވުން ބޭރަށް ހިންގުން ހިމެނެއެވެ. ބަލީގައި ގިނަ ދުވަސް ވާނަމަ ހަށިގަނޑުގެ އެރެއަށާ ބޭރަށް ބްލީޑް ވުންވެސް ކުރިމަތިވެއެވެ.އެފްރިކާ ގެ ގައުމުތަކުން އައި 27 މީހަކު މިމަހުގެ ކުރީކޮޅުވެސް ހޯމް އައިސޮލޭޝަންގައި ބައިތިއްބާފައި ވެއެވެ.
![]()
