ވިއެޓްނާމްގައި ކެއުމަށް ބޭނުން ކުރުމަށް ވަގަށް ނަގާފައިވާ ހަތަރު ސަތޭކައަށް ވުރެގިނަ ބުޅާ ފުލުހުން މިނިވަން ކޮށްފި އެވެ. އެނިމަލް ވެލްފެއާ ގްރޫޕަކުން މައުލޫމާތު ދީފައިވާ ގޮތުގައި ކެއުމަށް ބުޅާމަސް ބޭނުންކުރާ ގްރޫޕަކުން ބުޅާ ވަގަށް ނަގާ މައްސަލަ އޭގެ ކުރިން ވަނީ އިދާރަކުން ބަލާ ތަހުގީގް ކޮށްފައެވެ.
ހޯޗީމިން ސިޓީ ގެފުލުހުންނާ ހަވާލާދީ ލިބޭ ހަބަރުތައް ބުނާ ގޮތުގައި މަސްކެއުމަށް ކަތިލުމަށްޓަކާ ބުޅާ ވަގަށް ނަގާ ކްރިމިނަލް ގްރޫޕަކުން ކުރަމުން އައި ކަންތައް ހުއްޓުވާ މިކަމުގައި އުޅުނު ނުވަ މީހުން މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުން މިދިޔަ ހަފްތާގައި ހިންގި ރެއިޑް ތަކެއްގައި ބަންދު ކޮށްފައިވާ ހަތަރުސަތޭކައަށް ވުރެގިނަ ބުޅާ ފެނިފައިވާކަމަށް ވެއެވެ. މީގެ އިތުރުން މަރާލުމަށްފަހު އައިސްއަޅާ ގަޑު ކޮށްފައިވާ 80 ބުޅާވެސް ފެނިފައިވާ ކަމަށް ވެއެވެ.އަދި ހޯޗީމިންސިޓީ އާއި ދުރު ހިސާބަކުންވެސް ބަންދުކޮށްފައި ތިބި 21 ބުޅާ މިނިވަން ކޮށްފައިވާކަމަށް ވެއެވެ.
ބުޅާ އަދި ކުއްތާގެ މަސްކެއުމަކީ ވިއެޓްނާމްގައި ހުއްދަ ކަމެއް ކަމަށް ވެއެވެ. ނަމަވެސް މިފަދަ މަސް ވިއްކުމަށް ޚާއްސަ ޕާމިޓެއް ހޯދަން ޖެހޭ ކަމަށްވެއެވެ.
ފުލުހުން ބުނި ގޮތުގައި ޖޫންމަހުގެ 11 ވަނަ ދުވަހުން ފެށިގެން އިންވެސްޓިގޭޝަންތައް ފެށީ އޮޅު ބުޅަލާ ކުއްތާ ގެއްލިގެން ރިޕޯޓް ކުރާ އަދަދު ގިނަވެގެން ކަމުގައެވެ.ހައްޔަރު ކުރެވުނު މީހުން ވަނީ ފާއިތުވި ތިން އަހަރުވެސް ބުޅާ ހިފާ މަރަމުން ދާކަމަށް އެއްބަސްވެފައި ކަމަށް ވެއެވެ.
ހޯދުން ތަކުން ހާމަވެފައިވާ ގޮތުގައި މިފަދަ މީހުން ވަގަށް ނަގާ ބުޅާތައް ހޯލްޑިން ފެސިލިޓީ ތަކަށް ޖަމާކުރެއެވެ. އަދި މިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބުޅާތައް ވިއްކަނީ މިތަނުންނެވެ.
ޖަނަވާރުގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ އެއްކަމަށްވާ ހިއުމޭން ވަރލްޑް އޮފް އެނިމަލްސް އިން ބުނި ގޮތުގައި މިއޮޕަރޭޝަން އަށް ފަހު ސާޅީހަކަށް ޕެޓް ބުޅާ މިހާރުވަނީ އެސޮރުމެންގެ ވެރިފަރާތް ތަކާއި ހަވާލު ކުރެވިފައެވެ. އަދި ބުޅާތައް ހޯދުމުގައި އިދާރާތަކުން ދިން އެއްބާރުލުމާއި އެހީތެރިކަމަށް އެފަރާތުން ޝުކުރު އަދާކޮށްފައި ވެއެވެ.
ހިއުމޭން ވަރލްޑް އޮފް އެނިމަލްސް އިން ބުނި ގޮތުގައި ވިއެޓްނާމްގައި މަސްކެއުމަށްޓަކާ އަހަރަކު ފަސްމިލިއަނެއްހާ ކުއްތާއާއި އެއްމިލިއަން ބުޅާ ހިފުމަށްފަހު ވިއްކާލެވޭ ކަމަށް އަންދާޒާ ކުރެވެއެވެ.
![]()
