ނެސްލޭ ގެ އިންޑިޔާ ކުންފުނިން އުފައްދާ މެގީ ނޫޑްލްސް ޕެކެޓް ތަކުގައި ކުދި ސޫފިތަކެއް ހުންނަ ކަމަށް ދެކެވޭ ވާހަކަ އެކުންފުނިން ދޮގު ކޮށްފިއެވެ. ނެސްލޭ އިންޑިޔާއިން ހުކުރު ދުވަހު މިހެން ބުނެފައިވަނީ މެގީ ނޫޑްލްސް ގައި ފަނިއަޅާފައި ހުންނަކަމަށް ބުނެ ސޯޝަލް މީޑިޔާގައި ބަޔަކު ކުރި ޕޯސްޓެއްގެ ކަންތައް ބަލާނެ ކަމަށްބުނެ އިންޑިޔާގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑަރޑްސް އޮތޯރިޓީ އޮފް އިނޑިޔާއިން ނެސްލޭ އަށް ނޯޓިސް ދިނުމާއި ގުޅިގެންނެވެ.
ނެސްލޭ އިންޑިޔާއިން ބުނެފައިވަނީ މިފަދަ ޕޯސްޓް ތަކަކާއި ގުޅިގެން އެކުންފުނިން ހިންގި އިންޓާރނަލް އިންވެސްޓިގޭޝަން ތަކާއި އަދި ލެބޯރެޓަރީ ޓެސްޓް ތަކުންވެސް ޕްރޮޑަކްޝަން ބެޗްގައި އެގޮތަށް ފަނިއަޅާފައި ހުރިތަން ފެނިފައި ނުވާކަމުގައެވެ.އެހެން ކަމާއެކު އެކަން ކަނޑައެޅިގެން ދޮގުކުރާކަމަށް ނެސްލޭ އިންޑިޔާއިން ބުނެފައި ވެއެވެ.އަދި ޝަކުވާ ކޮށްފައި ވަނީ ”އަންވެރިފައިޑް“ އެކައުންޓަކަށް ވުމުން އެފަރާތާ ގުޅޭގޮތް ވެފައި ނުވާކަމަށާ ފަނިއަޅާފައި ހުރި މެގީ ނޫޑްސްގެ ސާމްޕަލް އަދިވެސް އެފަރާތުން ނެސްލޭ އަށް ފޮނުވާފައި ނުވާކަމަށް ބުނެފައި ވެއެވެ.
ނޫޑްލްސްގެ ބައެއް ބާވަތްތައް ކެއުމުން ހޮޑުލެވި ބަލިވާކަމުގެ ޝަކުވާތަކެއްވެސް ވަނީ އާންމު ވެފައެވެ.
![]()
