ވަރޑް ކަޕްއާއި ދިމާކޮށް ނިއުޔޯކް އަށް ”އައިސް“ އެޖެންޓުން ފޮނުވުމަށް ރައީސް ޓްރަމްޕް ކުރި މަސައްކަތް މޭޔަރ މަމްދާނީ ހުއްޓުވައިފި އެވެ.
އައިސް އެޖެންޓުންނަކީ އެމެރިކާގައި އިމިގްރޭޝަން އެންޑް ކަންސްޓަމްސް އެންފޯސްމަންޓް އޭޖެންޓުންގެ ނަމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ގުންޑާ ފައުޖެކެވެ. މިފައުޖުން އާންމު ގޮތެއްގައި ކުރާ މަސައްކަތަކީ އެހެން ގައުމު ތަކުން އެމެރިކާއަށް ބަދަލު ވެފައިވާ މީހުންގެ ދިރިއުޅުން ދަތިކޮށް އެމީހުން ގަދަބާރުން ގައުމުން ފޮނުވާލުމެވެ. މިއީ ރައީސް ޓްރަމްޕް ގެ ޚާއްސަ އެންގުމަކަށް ކުރާ މަސައްކަތެކެވެ.
ވަރލްޑް ކަޕް ފެށެން ތައްޔާރުވެފައިވަނިކޮށް ނިއުޔޯކްގައި އައިސްގެ ހަރަކާތްތަކެއް ހިންގަން އުޅޭކަން ހާމަ ވުމާއި ގުޅިގެން އެސިޓީގެ ގަވަނަރު ހޯކުލް ވަނީ މިފަދަ އޮޕަރޭޝަންތައް ނުހިންގުމަށް ގޮވާލާ ބިލެއްގައި ސޮއިވެސް ކުރައްވާފައެވެ.ނަމަވެސް ޓްރަމްޕް ގެ މަދަދު ލިބޭ ގޫން ސްކޮއަޑްގެ ވެރިޔާ ތޮމަސް ހޯމަން ވަނީ ވަރލްޑް ކަޕް ބަލާލާ ހިތްހަމަ ޖައްސާލުމަށް އެމެރިކާއަށް ދަތުރު ކުރާ ފަރާތްތައް ޓެރަރައިޒް ކުރުމަށް ނުވަތަ އެމީހުންނަށް ބިރުދައްކާދަތި ކުރުމަށް ގިނަ އަދަދެއްގެ އައިސް އެޖެންޓުން ފަނުވާނެ ކަމަށް ބުނެ ގަވަނަރ ހޯކުލް އަށް ބިރުދެއްކުމުގެ މޭރުމަކުން ވާހަކަ ދައްކާފައެވެ.
އެއާއެކު ރޮކްސްޓާރެއް ފަދައިން މިހާރު މަގްބޫލްކަން ހޯއްދަވަމުން ގެންދަވާ މޭޔަރ މަމްދާނީ ވަގުތުން ވަނީ ނިއުޔޯކްގައި އައިސް އަށް އެއްވެސް ތާއިދެއް ނޯންނާނެ ކަމަށް ވިދާޅުވެ ޓްވިޓާ ގައި މެސެޖް ކުރައްވާފައެވެ. މަމްދާނީ ލިއުއްވާފައިވާ ގޮތުގައި އެހެން ގައުމުތަކުން އެތެރެވާ ފަރާތްތައް ނުވަތަ އިމިގްރަންޓުންނާއި ނުލައި ސޮކަރ ނުކުޅެވޭނެއެވެ.އެކުޅިވަރު ކޯޗްކޮށް އަދި ކުޅެނީވެސް އިމިގްރަންޓުން ކަމަށާ ، ސްޓޭޑިއަމްތައް ހަދަނީވެސް އިމިގްރަންޓުންކަމަށް ވިދާޅުވެފައިވެއެވެ. އަދި ކުޅިބަލާ ސްޓޭންޑްތައް ފުރާލަނީވެސް އިމިގްރަންޓުން ވަދެކަމަށާ އިމިގްރަންޓުންނާއި ނުލާ ވަރލްޑްކަޕް ފަދަ މުބާރާތްތައް ނުބޭއްވޭނެ ކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އެމެރިކާގެ ނެޝަނަލް ޓީމްގައިވެސް ބޭރުގެ ހަ ކުޅުންތެރިން ހިމެނޭކަން މަމްދާނީ ޓްވިޓާގައި ކުރެއްވި ޕޯސްޓްގައި ފާހަގަ ކުރައްވާފައި ވެއެވެ.ވަރލްޑް ކަޕް ފެށުން ފަދަ މުހިންމު ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ މުޖްތަމައު ތަކުގައި ބިރުވެރިކަމުގެ އޮށް އިންދުމުގެ ފުރުސަތު އައިސް އަށް ނުވަތަ އެހެން ޖަމާއަތަކަށް ވިއަސް ނުދެއްވާނެ ކަމަށާ ދުނިޔޭގެ ކަންކޮޅުތަކުން ނިއުޔޯކް ސިޓީ އަށް މީހުން ޖަމާވަމުންދާއިރު އެމީހުންނާއެކު ފަހުރުވެރިކަމާއި އެކު ނިއުޔޯކްގެ ރައްޔިތުން ތިބޭނެ ކަމަށް މަމްދާނީ ވިދާޅުވެފައި ވެއެވެ.
އައިސް އޭޖެންޓުން މިހާތަނަށް ހިންގާފައިވާ ރަހުމުކުޑަ ބައެއް ހަރަކާތްތަކުގެ ތެރޭގައި ބަޑިޖަހާ ކަޅު ނަސްލުގެ ބައެއް ރައްޔިތުން މަރާފައިވެސް އެބަހުއްޓެވެ. އަދި އިމިގްރަންޓުން ގެތަކުން ނެރެ މަޖްބޫރުން ފުރުވާލަމުންވެސް ގެންގޮސްފައި އެބަހުއްޓެވެ.
![]()
