300 ބިލިއަން ޑޮލަރުގެ ޗެކްގައި ސޮއިކުރާމަންޒަރު ދުނިޔެއަށް ފެންނާކަށް ބޭނުމެއް ނުވާނެ

Loading

Facebook
Twitter
WhatsApp

އީރާނާ ދެކޮޅަށް އެމެރިކާއިންކުރަމުންގެންދާ ހަނގުރާމަ ނިމުނީ ކަމަށް ވައިޓްހައުސްއިން މިދިޔަ ހުކުރުދުވަހު ކޮންގްރެސްއަށް އަންގައިފިކަމަށް އެސޯޝިއޭޓެޑްޕްރެސްއިން ހާމަކޮށްފިއެވެ. އެހެންނަމަވެސް ކޮންގްރެސްގެ މެމްބަރުންގެ މެދުގައި ވައިޓްހައުސްގެ އެންގުމުގައި މިލިޓްރީ ގޮތުންނާއި ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ނިމިފައިވާ ކަމާ ދޭތެރޭ ޚިލާފް އުފެދިފައިވާ ކަމަށްވެސް އެ ރިޕޯރޓްގައި ބުނެފައިވެއެވެ.


ހަނގުރާމައިގެ ހާލަތާބެހޭގޮތުން ތަފާތު ޚަބަރުތައް މީޑިއާތަކުގައި ފެތުރެމުންދާއިރު އީރާނުގެ ބަނދަރުތަކަށް ދަތުރުކުރުން މަނާކުރަން މިހުސްވިމަހު އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އުވާލައްވައިފިކަމަށް މިދިޔަ ހުކުރުދުވަހު ރައީސް ޓްރަމްޕް އިއުލާންކުރައްވާފައިވާކަމަށް ދަ ވޯރ ޒޯނުންވެސް ބުނެފައިވެއެވެ. ޓްރަމްޕްގެ ސޯޝަލް މީޑިއާ ދަ ޓުރުތުގައި ޝާއިއުކޮށްފައިވާ މިޚަބަރުގައި ގަލްފު ސަރަހައްދުގައި ތާށިވެފާހުރި ބޯޓުފަހަރުން މިހާރު ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ. މިއީ ހަނގުރާމަހުއްޓުވުމާދިމާލަށް ދެ ގައުމުންވެސް ކުރިއަށް ޖެހެމުންދާކަމުގެ ފާހަގައެއްކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް އީރާނުން ބުނެފައިވަނީ އެފަދަގޮތަކަށް ހާލަތު ބަދަލު ނުވާކަމަށެވެ. ތަޖްރިބާކާރުންގެ ނަޒަރުގައި އީރާނަށް އެނގުމެއްނެތި އަދި އަމުދުން ކޮންގްރެސްގައި ޚިޔާލު ތަފާތު އުފެދިފައިވަނިކޮށް ރައީސް ޓްރަމްޕްގެ އިއުލާންކުރެއްވުން ބެލެވޭނީ ބަސްދީ ގަތުމެއް ކަމަށެވެ. އެއްބަސްވުމެއް އިއުލާންކުރުން ކަމަކަށް ނުބެލެވޭނެއެވެ.
މި ހާލަތު ދިރާސާކުރަމުންގެންދާ ފަރާތްތަކުގެތެރެއިން ނިއުސް ފްރޭމުން ބުނެފައިވާގޮތުގައި އީރާނާއެކު ވެވިފައިވާ އެއްބަސްވުމުގައި ރައީސްޓްރަމްޕްގެ ސިއްކަޖެހުމާދޭތެރޭ މަޝްވަރާކުރަން އިއްޔެ ވައިޓްހައުސްގެ ސިޗުއޭޝަން ރޫމްގައި މުޝީރުންނާއެކު ކޮންމެފަހަރަކު 4 ގަޑިއިރުވާންދެން 2 ފަހަރު ހޭދަކުރެއްވުމަށްފަހު އެމަނިކުފާނުގެ ޓުރުތު ޕްލެޓްފޯމްގައި ހޮރްމުޒް ކަނޑުއޮޅު ހުޅުވަން ނިންމަވައިފި ކަމަށާއި ގަލްފުގައި ތާށިވެފައިހުރި ބޯޓުތައް މިހާރު އެ ކަނޑުއޮޅިން ނިކުމެގެން ދަތުރު ކުރެވޭނެ ވިދާޅުވެފައިވާ ކަމަށެވެ. ރައީސް ގެ މި އިއުލާންކުރެއްވުމުގައި މީޑިއާއިން އަޅައިގެންފައިވަނީ ހޮރްމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށާއި އަދި އެ ނިންމުން ބަދަލު ނުކުރައްވާނެކަމަށް އެތައްފަހަރަކު ވިދާޅުވަމުން ގެންދެވުމަށްފަހު ކުއްލިއަކަށް މިހާރު އެ ކަނޑުއޮޅިން މިނިވަން ކަމާއެކު ދަތުރު ކުރެވޭނެކަން އިއުލާން ކުރެއްވުމުންނެވެ. އަދި ޚަބަރުތަކުން ބުނާގޮތުގައި ހޮރްމުޒް ކަނޑުއޮޅި އޮތީވެސް އީރާނުގެ ބާރުގެ ދަށުގައެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނުފަހުން ހޮރްމުޒް ކަނޑުއޮޅިއަށް ވުރެން ކަނޑުދަތުރުކުރަން ނުރައްކާ ސަރަހައްދެއް ދުނިޔޭގައި ނެތެވެ. އެއްފަރާތުގައި އެމެރިކާގެ ނޭވީން ތިބިއިރު އަނެއްފަރާތުގައި ތިބީ އީރާނުގެ ނޭވީންނެވެ. ޓްރަމްޕްގެ މި އިއުލާންކުރުމާދޭތެރޭ އީރާނުން ވާހަކައެއް ނުދައްކައެވެ. އޭގެ މާނައަކީ ހޮރްމުޒް ކަނޑުއޮޅި އޮތީ އަދިވެސް ބަންދުކޮށްފައެވެ. އީރާނާއެކުގައި ވެވިފައިވާ އެއްބަސްވުމުގައި ރައީސް ޓްރަމްޕްގެ ސިއްކަ ޖެހުމާދޭތެރޭ މުޝީރުންނާއެކު މަޝްވަރާކުރަން ވައިޓްހައުސްގެ ސިޗުއޭޝަން ރޫމްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ސޮއި ނުކުރެއްވުމަށް ބާރުއަޅައި އެމަނިކުފާނު ނިސްބަތްކުރެވޭ ރިޕަބްލިކަން ޕާރޓީ އާއި އިސްރާއީލް އަދި އެމިރެޓްސް އިން ފިއްތުންތައް ކުރިމަތިކުރަމުން ގެންދިޔަ ކަމަށްވެއެވެ. ރިޕަބްލިކަން ޕާރޓީގެ އާރމްޑް ސަރވިސް ކޮމިޓީގެ ޗެއަރމަން ސެނެޓަރ ރޯޖަރ ވިކަރ ދެކޭގޮތުގައި އީރާނާއެކު އެމެރިކާއިންވެފައިވާކަމަށްބުނާ އެއްބަސްވުމުގައި ރައީސް ޓްރަމްޕް ސޮއިކުރެއްވުމަކީ އެމެރިކާއަށާއި މުޅި ދުނިޔެއަށްވެސް ބޮޑު ނުރައްކަލަކަށް ވެގެންދާނެއެވެ. ބައެއް އެހެން ސެނެޓަރުންގެ ވިސްނުމަކީ ހަމައެއީއެވެ.
އިސްރާއީލުގެ ވިސްނުނަ ހާމަކުރުމުގައި 2 ވަނަ ބޮޑު ހަނގުރާމައިގާ ޖަޕާނުން މިސާލު ނަގަމުން ބުނެފައިވަނީ ހަގީގީ ކާމިޔާބީއަކީ ހަނގުރާމައިގާ އަމާންދިނުން ނޫން އެހެންގޮތެއް ނެތް މިންވަރަށް އިދިކޮޅު ބަލިކޮށްލުމެވެ.
1982 ވަނައަހަރުންފެށިގެން ޝިކާގޯ ޔުނިވަރސިޓީގެ ޕްރޮފެސަރެއްގެ މަގާމުގައި މަސައްކަތް ކުރައްވާ ޖޯން މިއަރޝީމަރ އަކީ އެމެރިކާގެ މަޝްހޫރުޕޮލިޓިކަލް ސައެންޓިސްޓެކެވެ. އޭނާގެ ސިޔާސީ ދިރާސާތަކަށް މުޅިދުނިޔޭގައިވެސް މަޝްހޫރު މަގާމެއް ވަނީ ލިބިފައެވެ. ދާދިފަހުން އެބޭފުޅާއާއި ނޯވޭޖިއަން ޕޮލިޓިކަލް ސައެންޓިސްޓް އަދި މިހާރު ނޯވޭޖިއަން ޔުނިވަރސިޓީ އޮފް ސައުތު އީސްޓާންގެ ޑިޕާރޓްމެންޓް އޮފް ބިޒްނަސް، ހިސްޓްރީ އަދި ސޯޝަލް ސައެންސްގެ ޕްރޮފެސަރގެ މަގާމު ފުރުއަވަމުންގެންދަވާ ގްލެން ޑީސެން އާ ދެބޭފުޅުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ބެހޭގޮތުން ދައްކަވާފައިވާ ވާހަކަފުޅުތައް ކޮންމެވެސް ވަރަކަށް އެނގުމަކީ ހަނގުރާމައިގެ ޚަބަރުތަކަށް ޝައުގުވެރިކަން ހުންނަ ބޭފުޅުންގެ މައުލޫމާތަށް އިތުރު މުއްސަނދިކަމެއް ލިބިގެންދާނެއެވެ.
އެ ދެބޭފުޅުންގެ ވާހަކަފުޅު ފައްޓަވާފައިވަނީ ސުވާލަކުންނެވެ. ޔުނައިޓެޑް އެރެބް އެމިރެޓްސް އިން އީރާނާއެކު ގުޅުން ބަދަހިކުރުމުގެ ބަދަލުގައި އެމެރިކާއާއި އިސްރާއީލާއެކު ގުޅުން ބަދަހިކުރުމުގެ ބާނުމަކީ ކޮބާހެއްޔެވެ ؟
ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު އެމެރިކާއާއި މެދުއިރުމަތީގެ އެންމެ ބާރުގަދަ ގައުމު އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ ތިންމަސްދުވަސްވުމާ ގާތަށްދާއިރުވެސް އީރާން ބަލި ނުކުރެވިގެން އުޅޭއިރު ޔުނައިޓެޑް އެރެބް އެމިރެޓްސް އަށް އީރާން ބަލިކުރެވިދާނެކަމަށް ދުށުމަކީ ހުވަފެނެކެވެ. ހަގީގަތަށް ބުރަވެ ވާހަކަދައްކާނަމަ އެމިރެޓްސް އިން އީރާނާދެކޮޅަށް ހަނގުރާމައަކަށް ނިކުމެއްޖެނަމަ އެމިރެޓްސް އަކީ ގައުމެއްގެގޮތުގައި އޮވެދާނެކަމާދޭތެރޭވެސް ޝައްކުކުރެވެއެވެ. ޔުނައިޓެޑް އެރެބް އެމިރެޓްސް އަކީ މިލިޓްރީގޮތުން އީރާނާ ފައިހަމަ ކުރެވިދާނެ ގައުމެއް ނޫނެވެ. އެމިރެޓްސްގައި ލޮނު ފެނަށް ހަދާ ނިޒާމާއި ހަކަތައިގެ ނިޒާމް ނައްތާލުމަކީ އީރާނަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. އެކަމަކު އެއީ އެމިރެޓްސްއަށް އުފުލަން ކުޅަދާނަ ގެއްލުމަކަށްވެސް ނުވާނެއެވެ. މިހާރު ހިންގަމުންދާ ހަނގުރާމައިގާ އެމިރެޓްސްއިން ގެންދަނީ އެމެރިކާއާއި އިސްރާއީލަށް ފުރިހަމައަށް އެއްބާރުލުން ދެމުންނެވެ.
މި ހާލަތު ޚުލާސާގޮތެއްގައި ބުނާނަމަ އެމިރެޓްސްގެ ފުރިހަމަ އެއްބާރުލުމާއެކުވެސް އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާން ބަލި ނުކުރެވުމުން ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިލިޓްރީގޮތުން އީރާން ބަލިކުރެވިދާނެ އެހެން ގައުމެއް ދުނިޔޭގައި ނެތްކަމެވެ.
އެމެރިކާއިން އިރާނާދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ ހުއްޓުވިދާނެ ގޮތެއް ހޯދަން ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންގެންދިޔަ މަޝްވަރާތަކުގައި ކާމިޔާބަކާ ހަމަޔަށް ދެވި ރައީސް ޓްރަމްޕްގެ ރަސްމީ ސިއްކަޖެހުމާބެހޭގޮތުން އެމަނިކުފާނުގެ މުޝީރުންނާއެކު ކޮންމެފަހަރަކު 4 ގަޑިއިރުވާންދެން 2 ފަހަރު ވައިޓްހައުސްގެ ސިޗުއޭޝަން ރޫމްގައި ހޭދަކުރުމަށްފަހު ދުނިޔޭގެ އެންމެ ބާރުގަދަ ލީޑަރ، ދުނިޔޭގެ އެންމެ ބާރުގަދަ ނިންމުންތައް ނިންމުމުގެ ބާރު ލިބިފައިވާ ކޮޓަރިން ނިކުމެވަޑައިގަތީ ނިންމާނެގޮތެއް ނޭގިފާހުރެފައެވެ.
ކްލިއަރފްރޭމްގެ ރިޕޯރޓަށް ބަލާއިރު ދުނިޔޭގެ އެންމެ ބާރުގަދަކަމަށް ބެލެވޭ ރައީސް ޓްރަމްޕް އަށް އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހިތްވަރު ނުވަތަ ހަނގުރާމަ ހުއްޓުވުމުގެ ހިތްވަރު ނުވަތަ އެމެރިކާގެ ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ވަޑައިގެން ހަގީގަތް ހާމަކޮށްދިނުމުގެ ހިތްވަރު ލިބިފަވަޑައިގެންނެތްކަމަށް ބުނެފައިވެއެވެ.
ޓައިމްސް އޮފް އިސްރާއީލުން ހާމަކޮށްފައިވާގޮތުގައި އެ ކަންތައްތަކަށްވުރެންވެސް ބޮޑު ލަދުވެތިކަމަކީ އީރާނުގެ ނިއުކްލިއަރ މަޝްރޫއޫގައިވެސް ލުއިތަކެއް ދިނުމާއި ހަނގުރާމައިގާ އީރާނަށް ލިބުނު ގެއްލުމުގެ ބަދަލުގައި 300 ބިލިއަން އެމެރިކާ ޑޮލަރ ދިނުމަށް ރައީސް ޓްރަމްޕް ރުހި ގަބޫލުވުމެވެ. ގަލްފް ގެ ގައުމުތަކާއި ދުނިޔޭގެ ބޮޑެތި މީޑިއާތަކަށް އެކަން ސިއްރެއް ނުކުރެވުނެވެ. ނިއުޔޯރކް ޓައިމްސް އިން ތަރުޖަމާކޮށްފައިވަނީ އެއީ އީރާން އަލުން އިމާރާތް ކުރުމަށް ދެވޭ އެހީއެއްކަމުގައެވެ. ބައިނަލް އަގްވާމީ މާލީ ބައެއް ތަޖްރިބާކާރުންނާއި ޑިޕްލޮމެޓުން މާނަ ކުރަމުންގެންދަނީ 300 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއަކީ އީރާނަށް ލިބުނު ގެއްލުމުގެ ބަދަލުގައި އީރާން އަލުން އާރާސްތު ކުރުމަށްޓަކައި 300 ބިލިއަން ޑޮލަރާއި 1 ޓްރިލިއަން ޑޮލަރއާ ދެމެދުގެ އަދަދެއް ދޭންޖެހޭނެކަމަށް އީރާނުން ބުނަމުން ގެންދާތީ އެކަމަށް މަގުފަހިކުރުމުގެ ގޮތުން ހުޅުވޭ އިންވެސްޓްމެންޓް ފަންޑެއްކަމުގައެވެ. އަލުން އިމާރާތް ކުރުމާއި އީރާނަށް ލިބުނު ގެއްލުންތަކަށް ބަދަލުދިނުމުގެ ނަން ބަދަލު ކޮށްލަން ބޭނުންވަނީއެވެ. މި މަޝްރޫއުގެ މޭސްތިރިންނަކީ އެމެރިކާގެ އެންމެ މަޝްހޫރު 2 ވިޔަފާރިވެރިންގެތެރޭގައި ގުނާލެވޭ ޖެރާޑް ކުޝްނަރ އަދި ސްޓީވް ވިކްޓޯފް އެވެ. ހަނގުރާމައިގެ ގެއްލުންތަކަށް ބަދަލު ދިނުންކަމުގައި ބުނެފިނަމަ ހުށައަޅައިފިނަމަ ކޮންގްރެސްގެ ދޮރާހަމައިން ބޭރުކޮށްލާނެކަން އެނގޭތީވެ އިންޓަރނޭޝަނަލް އިންވެސްޓްމެންޓް ފަންޑް އަށް ނަން ބަދަލުކޮށްލީއެވެ. ކޮންގްރެސްގެ ކުރީގެ ބައެއް ގާނޫނީ ބޭފުޅުން ދެކިވަޑައިގަންނަވާގޮތުންގައި އެމެރިކާއިން ހިފާއްޓާފައިވާ އީރާނުގެ ފައިސާގެތެރެއިން ރައީސް އޮބާމާގެ ރިޔާސަތުގައި 1.7 ބިލިއަން ޑޮލަރ ދޫކުރަން ނިންމުމުން ބޮޑެތި މަލާމާތްކުރުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެކަމަކު އެ މަލާމާތްތަކުގެ ހަނދާން އާކުރަމުން ރައީސް ޓްރަމްޕް ޖެހިވަޑައިގެންފައިމިވަނީ 300 ބިލިއަން ޑޮލަރގެ ބަދަލެއް އީރާނަށް ދޭންކަމަށްބުނެ މާބޮޑެތި މަލާމާތާއި ނުރުހުމަށް ރައީސް ޓްރަމްޕް މިވަނީ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އީރާނަކީ ޖޯކެއްކަމަށާއި ހަނގުރާމައެއްގައި ދެދުވަސްވެސް އެމެރިކާ ދެކޮޅަށް ހޭދަ ނުކުރެވޭނެކަމަށް ވިދާޅުވެ މަލާމާތް ކުރައްވަމުންގެންދެވި ރައީސަށް ޖެހިވަޑައިގެންފައިމިވަނީ 3 މަސަދުވަސްވަންދެން ހަނގުރާމަ ކުރުމަށްފަހު ހަނގުރާމައިން ނިކުމެ ވަޑައިގެންނެވޭނެ މަގެއް ހޯދުމަށްޓަކައި އިންސާނީ ތާރީޚުގައި ގައުމަކަށް ދޭންޖެހުނު ގެއްލުމުގެ އެންމެ ބޮޑު ބަދަލުގެ ޗެކްގައި ސޮއިކުރައްވަން ޖެހިވަޑައިގެންނެވި ރައީސް ކަމުގައެވެ.
މި ޚަބަރު ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުޚީ ތަކަށް އެރުމުން އީރާނަށް ފައިސާ ދިނުމާބެހޭގޮތުން އަދި ގޮތެއް ނުނިންމާކަމަށް ވިދާޅުވުމަށް ރައީސް ޓްރަމްޕް އަވަސްވެ ވަޑައިގެންނެވިތަން ފެނިގެންދިޔައެވެ.
އީރާނަށް ފައިސާ ދޭންޖެހޭނެކަމާ ދޭތެރޭ ޝައްކެއް ނެތެވެ. ފައިސާގެ އަދަދާ މެދު ޝައްކެއް ނެތެވެ. އެކަމަކު އީރާނަށް ދޭންޖެހޭ 300 ބިލިއަން އެމެރިކާ ޑޮލަރުގެ ޗެކްގައި ރައީސް ޓްރަމްޕް ސޮއިކުރައްވާ މަންޒަރުގެ ތަސްވީރުތައް މީޑިއާތަކަށް ލީކުވުން ބޭނުންފުޅެއް ނުވެއެވެ. މިކަން ކުރާނެ އެހެން މަގެއް ހޯދަން އެމެރިކާގެ އޮފިޝަލުން ގެންދަނީ ބަލަމުންނެވެ. އެންމެ ބޮޑަށް ބެލެވެނީ މި ފައިސާ ޓްރާންސްފަރ ކުރެވޭނީ ގަތަރު މެދުވެރިކޮށް ކަމަށެވެ. ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފަށް 3 މަސްދުވަސް ވަންދެން އީރާނަށް ބޮން އަޅާ ސުންނާފަތި ކުރުމުގެޖަރީމާ ކާމިޔާބު ކޮށްފީމޭބުނެ އެކަމުން ނިކުތުން ދުނިޔެއަށް އެންމެ ބޮޑަށް ސިއްރު ކުރެވޭނެގޮތަކީވެސް އެއީކަމަށްވެދާނެތީއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް