ހައްޖުގެ މަނާސިކް ތައް ފުރިހަމަ ކުރަމުންދާ ހައްޖުވެރިން، މަދީނާ އަށް ނުވަތަ އަމިއްލަ ގައުމަށް ދަތުރު ފެށުމުގެ ކުރިން ”ޠަވާފުލް ވަދާއު“ ނުވަތަ ވަދާއުގެ ތަވާފް އަދާކުރުމަށް ގެފުޅު އަރިހަށް ޖަމާވާން ފަށައިފިއެވެ. މިގޮތުން މިނާ އަދި މުޒްދަލިފާގައި އަދާކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ހުކުރު ދުވަހުވަނީ ހައްޖުވެރިންގެ ގްރޫޕްތައް އެނބުރި މައްކާއަށް ދާންފަށާފައެވެ.މިހުރިހާ ހައްޖުވެރިންވެސް ފެންނަމުންދަނީ ހައްޖުގެ ކަންކަން ފުރިހަމަ ކުރެވުމުގެ އުފަލުގައި ތިބީތީކަމަށް ރިޕޯޓްތައް ބުނެއެވެ.
ޠަވާފުލް ވަދާއު އަކީ ހައްޖުގެ މަނާސިކްތަކުގެ ތެރޭން އެންމެ ފަހުން އަދާކުރަންޖެހޭ ޠަވާފެވެ.މިއަޅުކަން އަދާކުރުމަށް ހުރިހާ ހައްޖުވެރިންވެސް ޖަމާވާނެކަން ދަނެ، ބައިބޯވުން ކޮންޓްރޯލް ކުރުމަށް އިދާރާތަކުން ވަނީ ޚާއްސަ ފިޔަވަޅު ތަކެއް އަޅާފައެވެ.މިގޮތުން އޮޕަރޭޝަނަލް އަދި ފީލްޑް ޕްލޭންތައް އެކުލަވާލައި، ވަނީ އެއަށް އަމަލުކުރަން ފަށާފައެވެ.އަދި ކޮރިޑޯ ތަކުގަޔާއި ކޯޓްޔާޑް ތަކުގެ އިތުރުން ހަރަމް ފުޅަށް ވަންނަން ހުންނަ ދޮރުކޮޅު ތަކުގެ ކުރިމަތީގައި ހައްޖުވެރިން ދާންވީ ދިމާތަކަށް ފޮނުވުމަށް ޙާއްސަ ޓީމްތައް ތިބީ ބައިތިއްބާފައެވެ. .
މީގެ އިތުރުން ހަރަމްފުޅުގެ އެތައްތަނަކުން ޒަމްޒަމްފެން ބޯން ލިބޭނެގޮތްވަނީ ހަމަޖައްސާފައެވެ.އަދި އުމުރުން ދުވަސްވީ މީހުންނާއި ހިނގުމަށް ދަތިވެފައިވާ މީހުންނަށް ޚާއްސަކޮށްގެން އިލެކްޓްރިކް ކާޓް ނުވަތަ ބަގީގެ ޚިދުމަތް ވެސް ވަނީ ލިބޭނެގޮތަށް ހަމަޖައްސާފައެވެ.
މައްކާގައި އަދާކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު މަދީނާއަށް ވެސް ހުރިހާ ހައްޖުވެރިން ދާނެ ކަމަށް ބަލައި،މަދީނާއިން ހައްޖުވެރިންނަށް މަރުހަބާ ކިއުމުގެ ޚާއްސަ ޕްރޮގްރާމް ތައްވެސް ސައޫދީ ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.އަދި މަސްޖިދުއްނަބަވީގައިވެސް އާދަޔާޚިލާފަށް ބައިބޯވިޔަ ނުދިނުމަށްޓަކައި އޮންލައިން ކޮށް ނަމްބަރު ދޫކުރުންފަދަ ކަންކަންވަނީ ތައާރަފް ކޮށްފައެވެ.މިސްކިތް ކޮޅުގައި އަންހެނުންނަށާ ފިރިހެނުންނަށް ޚާއްސަ ސެކްޝަން ތަކުގައި އިތުރު 141 ގޭޓް ވަނީ ހުޅުވާފައެވެ. އަދި ސަތޭކަ ޕާތުވޭ ނުވަތަ ހިނގާފައިވަދެވޭ މަގު ވެސް ގާއިމް ކޮށްފައި ވެއެވެ. މިތަންތަނުގައިވެސް މެހްމާނުންނަށް މަގުދައްކާ ސުޕަވައިޒް ކުރުމަށް ޓީމްތައް ވަނީ ތައްޔާރީ ހާލަތަށް ގެނެވިފައެވެ.
ހައްޖުގެ މަނާސިކުތައް ނުވަތަ އެކިއެކި އަޅުކަންތައްބެހިގެންވަނީ 3 ބަޔަކަށެވެ. އެއީ ރުކުންތަކާއި، ވާޖިބުތަކުގެ އިތުރުން ސުންނަތްތަކެވެ.
ހައްޖުގެ ރުކުންތައް
މިކަންތައްތައް ނުކުރެވިއްޖެނަމަ ހައްޖު ބާތިލުވާނެއެވެ. އެއީ
ހައްޖަށް ނިޔަތްގަނެ، އިހުރާމް ބަނުން
ހައްޖުމަހުގެ 9 ވަނަ ދުވަހު އަރަފާތުގައި މަޑުކުރުން
(އަރަފާތުދުވަހުގެ މެންދުރު ނަމާދަށް ފަހު އިރުއޮއްސުމާދެމެދު އަރަފާތުގައި މަޑުކުރުން)
ތަވާފުލް އިފާޟާ
(ގެފުޅުވަށައިގެން 7 ބުރު ޖެހުން)
ސަޢްޔުކުރުން
ސަފާ އަދި މަރުވާ ފަރުބަދައާ ދެމެދު 7 ފަހަރު ހިނގުން
ހައްޖުގެ ވާޖިބުތައް 2.
(މިއިން ކަމެއް ދޫކޮށްލެވިއްޖެނަމަ، ފިދުޔައެއް ކަތިލަން ޖެހޭނެއެވެ)
ރަށުން ފުރާއިރު ނުވަތަ މީޤާތާ ހަމައިން އިހުރާމްބަނުން
މުޒްދަލިފާގައި ރޭކުރުން އަރަފާތު ދުވަހުގެ ރޭ
ތަޝްރީޤު ދުވަސްތަކުގައި ޖަމްރަތަކަށް ހިލައުކުން
އިސްތަށިބޭލުން ނުވަތަ ކުރު ކުރުން
މައްކާއިން ފުރުމުގެ ކުރިން ޠަވާފުލް ވަދާއު ކުރުން
ސައޫދީއަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިން މައުލޫމާތު ދޭ ގޮތުގައި މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް 1،707.301 މިލިއަން މީހުން މައްކާއާއި މަދީނާގެ މުޤައްދަސް ބިންތަކަށް ޒިޔާރަތް ކޮށްފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ އެހެން ގައުމުތަކުން ދިޔަ 1،546،655މީހުންނާއި ސައޫދީއަރަބިއްޔާއިންދިޔަ 160،645
މީހުން ނެވެ.
![]()
