ކޯރުގެ ފެންގަނޑަށް އެޅޭ އިރުގެ ދޯދިތައް ބަލާލަން އިންނަ އިރު ….

Loading

Facebook
Twitter
WhatsApp

ކައިވެންޏަށް 38 އަހަރު ވެފައި ވަނިކޮށް ފިރިމީހާ އަހަރެންނަށް ބޭވަފާތެރި ވިއެވެ.އެއަށް ފަހު އެބޮޑު ދޮގު އަހަރެންނަށް ބަލައެއް ނުގަނެވުނެވެ.އެހެންވެ އަހަރެން އެދުނީ ވަރިވާށެވެ.

އަހަރެންނާއި ފިރިމީހާ ރިޗަރޑް ކޮލެޖް ދުވަސް ވަރުން ފެށިގެން އެކަކު އަނެކަކު ދަންނަމެވެ.އަދި ކޮންމެވެސް ހިސާބަކުން ދެމީހުން ލޯބިވެރިންނަށް ވިއެވެ.ކައިވެނި ކުރި އިރު ދެމީހުންގެވެސް އުމުރުން 22 އަހަރެވެ.
އަހަރުމެންގެ ކައިވެނި ވަރަށްވެސް އުފާވެރިއެވެ.އަހަރެން ހީކުރީ އެހެން ކަމަށެވެ. ދެދަރިން ލިބިފައި ވެއެވެ.އެލެކްސް އާއި ޖީނާއެވެ. ފަސް މާމަ ދަރިން ލިބިފައި ވެއެވެ. އަހަރެން ހީކުރީ އަހަރުންގެ ކައިވެނި ވަރަށް އުފާވެރިކަމަށެވެ. ރިޗަރޑް އަށް ބޮޑު ބަދަލުތަކެއް އަންނަން ދެނެވެ.ކުއްލިއަކަށް ރިޗަރޑް ބަދަލުވި ސަބަބެއް ވިސްނާވިސްނާވެސް އަހަރެންނަކަށް ނޭގުނެވެ.ކުއްލިއަކަށް ރިޗަރޑް އެކަނި ކަންކަން ކުރަން ފެށިއެވެ.އަހަރެންނާއި ވާހަކަ ދެއްކުން ހުއްޓާލިއެވެ.އޭނަގެ މޫނުމަތިންފެންނަނީ ހިތާމަވެރިކަމެވެ.އަދި އެންމެ ފަހުން އަހަރުމެންގެ އެނދުގައި އަހަރެންނާއެކު ނިދުންވެސް ހުއްޓާލިއެވެ. ސިޓިންގ ރޫމް ސޯފާގަ ނުވަތަ ގެސްޓްރޫމްގަ ނިދަން ފެށިއެވެ. ދޮރުވެސް ހުންނަނީ ތަޅުލާފައެވެ.
މިއައި ބޮޑުބަދަލާ ބެހޭ ގޮތުން ވާހަކަ ދެއްކޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ.ނަމަވެސް އޭނަ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.ހައްތަހާވެސް ބުނަނީ އޮފީހުގައި މަސައްކަތް ބުރައީ ކަމުގައެވެ.
މިގޮތަށް ހަމަސްދުވަސް ވަންދެން ކަންތައްތައް ކުރިޔަށް ދިޔައެވެ.
އެއްރޭ އޮފީހުން އައި ގޮތަށް އައިސް ކާމޭޒު ކައިރީ ރިޗަރޑް އިށީނެވެ. އަހަރެންވެސް އަވަސް އަވަހަށް ގޮސް އޭނަކައިރީ އިށީނީމެވެ.ނަމަވެސް އަހަރެންނާ ދިމާލަށް ރިޗަރޑް ބަލާވެސް ނުލައެވެ.މިހެން އިނދެފަ އެންމެ ފަހުން ވާހަކަ ދައްކަން ފެށިއެވެ.
”އަހަރެންނަށް ވަނީ އެހެން އަންހެނަކާއެކު ނާޖާއިޒް ގުޅުމެއް ހިންގިފައެވެ. މިކަން އިތުރަށް ސިއްރުކުރާހާ ހިއްވަރެއް އަހަރެންގެ ކިބަޔަކު ނެތެވެ.“
ރިޗަރޑް ގެ މިބަސްކޮޅު އިވުމަށްފަހު އަހަރެންގެ ނޭވާ ހުއްޓުނު ކަހަލައެވެ.އިރުގަޑެއްފަހުން،ފެންގަނޑެއްގެ އަޑިގަ އޮވެ ވާހަކަ ދައްކާފަދަ އަޑަކުން، އެއީ ކާކުތޯ ކިހާދުވަހެއް ވެއްޖެތޯ މިފަދަ ސުވާލުތަކެއް އަހަރެން ކުރަން ފެށުމުން އެސުވާލުތައް މަތަކުރިއެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް ޖަވާބެއްވެސް ނުދެއެވެ.

އަހަރެންގެ މުޅި ދުނިޔެ އަކީ އަހަރެންގެ އާއިލާއެވެ. ދެކުދިންނާއި ލޯބިވާ ފިރިމީހާ އެވެ. އަހަރެންގެ މުޅި ހަޔާތް ގުރުބާން ކުރީ ދެކުދިންނާއި ލޯބިވާ ފިރިމީހާއަށްޓަކައެވެ.މިކަމުގައި 38 އަހަރުވީއެވެ.އެންމެ ޖުމްލަ އަކުން ރިޗަރޑް ވަނީ އަހަރެންގެ ދުނިޔެ ފުޑުފުނޑު ކޮށްލާފައެވެ.
ކުރިން އަހަރެން ރިޗަރޑް ދެކެ ވަމުން އައި ލޯބި، އެރެޔަށްފަހު އަހަރެންނަކަށް ނުދެވުނެވެ.އެންމެ ފަހުން އަހަރެން އެދުނީ ރިޗްރޑް އަހަރެން ދޫކޮށްފަ ދިއުމަށެވެ.

އަހަރެން ވަރިކޮށްފަ ރިޗްރޑް ދިޔަ ފަހުން ދެމީހުން އެއްގޮތަކަށްވެސް ވާހަކަ އެއް ނުދައްކަމެވެ.ނަމަވެސް ކުދިން އޭނަޔާ ގުޅާ ގާތްކަން ބާއްވާކަން އަހަރެންނަށް އެނގެއެވެ.

ދެން އައި ދުވަސް ތަކުގައި އަހަރެންވެސް މާޔޫސް ކަމުން ނިކުމެވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް އެކަންވީ އަހަރެންނަށް ވަރަށް އުނދަގޫ ކަމަކަށެވެ. ބޭރަށްދާން ބޭނުން ނުވާތަނުގައި ތެދުވެ އުޅޭހާ ވަރުވެސް އަހަރެންގެ ގަޔަކު ނުހުރެއެވެ. ނަމަވެސް އަހަރެން ހިއްވަރު ކުރީމެވެ. ދެކުދިންނާއި ލޯބި ލޯބި ފަސް މާމަ ދަރިންގެ ހައްގުގައެވެ.
ދެމީހުން ވަރިވިތާ ފަސް އަހަރު ފަހުން އެއްދުވަހަކު ހޮސްޕިޓަލަކުން އަހަރެންނަށް ގުޅިއެވެ.އަދި ރިޗަރޑް ކުއްލި ހާޓް އެޓެކެއްގައި މަރުވި ޚަބަރު ދިނެވެ. އަހަރެންނަށް ރޯންވެސް ނޭގިފަ އިންދާ ދެދަރިން އެކުގައި އައިސް އަހަރެން ވަށާލިއެވެ.
ރިޗަރޑް ގެ ޖަނާޒާ އޮތީ އިއްޔެ އެވެ.ވަރަށް ގިބަޔަކު ޖަނާޒާގައި ބައިވެރިވިއެވެ.ދެފަރާތުގެ އާއިލާގެ އެންމެނާއި ރައްޓެހި ރަހުމަތްތެރިންނެވެ. ހުރިހާ ކަމެއް ނިމި އެންމެން ހެން ހިނގައްޖެއެވެ. ނަމަވެސް އެއްއަންހެނަކު އަދިވެސް ގޮނޑިއެއްގައި އިންތަން ފެނުނެވެ.އަހަރެން ކުރިންދުށް ނުވަތަ ދަންނަ މީހެއްނޫނެވެ.
އެންމެން ގޮސް މީހުން ގާތްގަނޑަކަށް ހުސްވުމުން އަހަރެން އޭނަ ކައިރިޔަށް ގޮސް އެހީމެވެ. ތިޔައީ ރިޗަރޑް ގެ ކާކު ހެއްޔެވެ.މިސުވާލަށް ޖަވާބުދޭން އޭނަބޭނުމެއް ނުވިއެވެ.ނަމަވެސް ތެދުވެ އަހަރެންގެ އަތުގައި ހިފައިގެން އެއްކައިރިޔަށް ޖެހިލާފަ ސުވާލުކުރިއެވެ. ”ރިޗަރޑް ކަލެޔަށް ޓަކައި ވީ ގުރުބާނީ އޮޅުން ފިލުވަން ބޭނުން ހެއްޔެވެ.؟“
އޭނަބުނީ އޭނާއަކީ ހޮސްޕިސް ނިޒާމުގައި މަސައްކަތްކުރާ މީހެއްކަމުގައެވެ.މާނަޔަކީ ބޮދަށް ބަލިވާމީހުން ގޭގައި ބާއްވައިގެން ފަރުވާ ދޭ ގްރޫޕެއްގެ މުވައްޒަފެއް ކަމުގައެވެ. އަދި އަހަރެންނާއި ހަވާލުކުރުމަށް ރިޗަރޑްއޭނާއަތަށް ސިޓީ އެއްދީފައިވާ ކަމަށް ބުންޏެވެ.
”ރިޗަރޑް އަށް ވަނީ ކެންސަރު ޖެހިފައެވެ.ނަމަވެސް އޭނަ ފަރުވާ ހޯދަން ހޮސްޕިޓަލަކަށްދާކަށް ބޭނުމެއް ނުވިއެވެ. އޭނަ އެބަލި ހާލުގައި ވަނިކޮށް އެއްވެސް މީހަކަށް ފެންނާކަށް އޭނާބޭނުމެއް ނުވިއެވެ.“އަންހެން މީހާ މިހެން ބުނުމުން އަހަރެންނަށް ލިބުނީ ޝޮކެކެވެ.
”އޭނަބުނީ އޭނަ އަހަރެންނަށް ބޭވަފާތެރި ވީކަމަށެވެ.“ އަހަރެން ތުރުތުރު އަޅާ އަޑަކުން ބުނީމެވެ.
”އަހަރެންނަށް އެނގެއެވެ“ އޭނަ ބުންނެވެ.
”އޭނަގެ ބަލިހާލަތު ސިއްރުކޮށް ބޭވަފާތެރިވި ކަމަށް ބުނީ އޭނަގެ ރޭވުމަކުންނެވެ. ރިޗަރޑްބުނި ގޮތުގައި އޭނަ ބަލިކަން އެނގިއްޖެ ނަމަ އަހަރެން އޭނަ ދޫކޮށްފައެއް ނުދާނެއެވެ. އަދި އެގޮތަށް ބަލި މީހަކަށް ޚިދުމަތް ކުރަން އުޅުމުން އަހަރެންނަށް ވެގެން ދާނެ ގޮތް ދެކެން ރިޗަރޑް ބޭނުން ނޫން ކަމަށް ބުނި ކަމަށް ވެއެވެ.
އަހަރެން، ޖޫލިއާ އަށް ރިޗަރޑް ބަލިކަން އެއްވެސް ހާލެއްގައި އަންގައިގެން ނުވާނެ ކަމަށް ބުނެ އަމުރުކޮށް ލިއުމެއްވެސް އޭނަވަނީ ދީފައެވެ.މީގެ އިތުރުން ބަންދު ކޮށްފައިވާ ސީޓީ އުރައެއްވެސް އޭނަ ދިނެވެ. އޭގައިވަނީ އަހަރެންގެ ނަން ލިޔެފައެވެ.
ސަހަރާއިން ގެޔަށް ދެވުނު އިރު އަހަރެންނަށް ހީވީ ގޭތެރޭގައިވެސް ވައިކޮޅެއް ނެތް ހެނެވެ.ހީވަނީ ފާރުތައް ނޭވާ ހިފަހައްޓައިގެން ހުރިހެނެވެ.ހެދުން ބަދަލު ކޮށްލުމަށްފަހު އިސްތަށިގަޑުގައި ހުޅިއެއް ޖަހާލައި ސިޓީ ހިފައިގެން އަހަރެން ގޭގެ ފަހަތު ދޮރުން ނިކުމެ އެތަނުގައި ހުންނަ ގޮނޑިތަކުން ގޮނޑިއެއްގައި އިށީނީމެވެ.
ސިޓީ އަތަށް ނެގުމަށްފަހުވެސް ނުހުޅުވާ ވަރަށް ގިނައިރު އެއަށް ބަލަހައްޓައިގެން އިނީމެވެ.އެންމެ ފަހުން ހުޅުވާ ބަލާލީމެވެ.
”އަހަރެންގެ އެންމެ ލޯބިވާ ޖޫލިޔާ އަށް،
އަހަރެން ޖޫލިޔާއަށް ބޭވަފާތެރި އެއްނުވަމެވެ.އަހަރެން ޖޫލިޔާ ފިޔަވާ އެހެން އަންހެނެއްގައިގައި ބީހިފަވެސް ނުވާނެއެވެ.ހުވާކޮށްފައި ބުނަމެވެ.
އަހަރެންނަށް ކެންސަރު ޖެހިފައިވާކަން އެނގުމުން އެކަމުން ޖޫލިޔާ ކުރާނެ ހިތާމަޔާއި ޖޫލިޔާއަށް ވާނެ ގޮތް އަހަރެންނަށް އެނގެއެވެ. އަހަރެން ކައިރިން ދުރަށް ނުގޮސް ހުންނާނެކަން އަހަރެންނަށް އެނގެއެވެ.ނުކެވެން ފެށުމުން ސުޕް ކައްކާދީ ހޮޑުލެވުނަސް ސާފުކޮށްދީ ހަދާނެކަން އެގެއެވެ.އަދި އެންމެ ފަހުން އަހަރެންގެ ހާލުދެރަވަމުންގޮސް ވަކިވުމުގެ ވަގުތު ޖެހޭއިރު ޖޫލިޔާވެސް ހުންނާނީ ދުނިޔެ އަލާދާފަދަ ހާލަތަކަށް ގޮސްފައިކަންވެސް އަހަރެންނަށް އެގެއެވެ. އެހެންވެ ޖޫލިޔާ އަހަރެންނާ ދުރަށް ދާނެ ގޮތެއް އަހަރެން ހެދީއެވެ.
ޖޫލިޔާވަނީ އަހަރެންނަށްޓަކައި މުޅި ހަޔާތް ގުރުބާން ކޮށްފައެވެ. އަހަރެންނަށްޓަކައި ޖޫލިޔާ އެއަށް ވުރެ އިތުރަށް،އެއަށްވުރެބޮޑުއެއްޗެއް ގުރުބާން ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެން ގޮތަކަށް ބުނާނަމަ އަހަރެންނަށްޓަކައި ޖޫލިޔާ ފުރާނައިން ގުރުބާންވާކަށް އަހަރެން ބޭނުމެއްނޫނެވެ.
މަގޭލޯބި ޖޫލިއާއެވެ. އަހަރެން އެހެން އެއްވެސް އަންހެނަކާ ގުޅުމެއް ނުހިންގަމެވެ.
އަހަރެންނާއެކު ޖޫލިޔާވެސް މިދުނިޔެ ދޫކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ.އެހެންވެ އަހަރެންދެކެ ރުޅި އަންނަގޮތަށް އަހަރެން ކަންތައް ކުރީއެވެ.އަހަރެންނާއި ދުރަށް ޖޫލިއާ ދާނެ ގޮތަށެވެ.އަހަރެންނަށް މައާފް ކުރާށެވެ. މިސިޓީ މަގޭ ޖޫލިއާ ކިޔަމުން ދާނަމަ އަހަރެން އެދުން ފުރިހަމަ ވީއެވެ.އަހަރެން ލޯބި ޖޫލިޔާ ދިރި އެބަހުއްޓެވެ. އަހަރެން އެންމެ ފަހުވަގުތާ ޖެހެންދެންވެސް ޖޫލިޔާދެކެ ލޯބިވީމެވެ.ހަމައެކަނި ޖޫލިޔާގެ ރިޗަރޑް“
ސިޓީ ހިފަހައްޓާލައިގެން އަހަރެން އިން އިރު އަތްވަނީ އަގަމަތީ އެޅިފައެވެ. ސިޓީގެ ލަފްޒްތައް ހީވަނީ ފެން އެއްޗެއްތެރޭ ތެޅިތެޅި ހުރި ހެންނެވެ. ނަމަވެސް އަހަރެން ނުއެއް ރޮމެވެ. އެވަގުތު ނުރޯ ވާހަކައެވެ.
އަހަރެންނަށް ހޭވެރިކަން ވީ ފަހަތު ފެންޑާގެ ބޮކި މީހަކު ދިއްލުމުންނެވެ.ކުދިން، އެލެކްސް އާއި ޖީނާ ގެޔަށް އައިސް އަހަރެން ނުފެނިގެން ހޯދަމުން ދިޔައިރު ފެނުނީ އަހަރެން އެހާލުގައި އިންދައެވެ.ދެކުދިން އަހަރެން އަތުން ސިޓީ އަތުލާކިޔެވެ. އަދި ފަހުން އަހަރެންނާއެކު ދެކުދިންވެސް ވަރަށް ރުޔެވެ.
އޭގެ ހަފްތާއެއް ފަހުން އެލެކްސް އަނެއްކާވެސް ގެއަށް އައެވެ. އޭނަ އަތުގައިވެސް ސިޓީ އުރައެއް އޮތެވެ.ބައްޕަގެ ވަސިއްޔަތް ބަދަލު ކޮށްފައިވާ ކަމަށް ބުންޏެވެ.
ސިޓީ އުރަ ހުޅުވާލުމުން އެއިން ވެއްޓުނީ ގެއެއްގެ މިލްކް ވެރިކަން ބަދަލު ކޮށް ދީފައިވާ ލިއުމެކެވެ.ޗުއްޓީގައި ކުދިން ގޮވައިގެން ދިއުމަށް އަހަރުން ގަތް ހޮލިޑޭ ހޯމް ގެ ލިއުމެވެ. ކޯރެއްގެ އައްސޭރީގައި ހުންނަ ކުޑަކުޑަރީތި ގޭގެ ވެރި ފަރާތުގެ ގޮތުގައި މިހާރު ވަނީ އަހަރެންގެ ނަމެވެ. ޑޮކިއުމަންޓްގެ އެއްކަނެއްގައި ސްޓިކީ ނޯޓެއް ތަތް ކޮށްފައި ވެއެވެ.އޭގައި ރިޗަރޑް ލިޔެފައި ވެއެވެ. ”ލޯބީއެވެ. އެގޭގައި އުޅޭވަގުތުތަކުގައި އިރު އޮއްސެން ދާއިރު ގޭގެ ބޭރުގައިވާ ބޮކި ދިއްލާފައި ބަހައްޓައްޗެވެ. މަގުދައްކާދިނުމަށެވެ. ކުދިންވެސް ފަހަރެއްގައި ހިނގައިދާނެތީއެވެ.ލޯބިވެސް ކޯރުގެ ފެންގަނޑަށް އެޅޭ އިރުގެ ދޯދިތައް ބަލާލަން އިންނަ އިރު ބޭރު ބޮކިދިއްލާފައި ބަހައްޓައްޗެވެ. އަހަރެންވެސް އެގެޔަށް ނުދާތާ ވަރަށް ދުވަސް ވެއްޖެ އެވެ. ލޯބި އާއި އެކީ އެތަނުގައި އިނދެލަން ވަރަށް ދާހިތް ވެއެވެ.“
އަހަރެންގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔަހާލު ކައިރީގައިހުރި އެލެކްސް އާ ދިމާލަށް ބަލާލީމެވެ. އޭނަވެސް ހުރީ ވަރަށް އަސަރު ކޮށްފައެވެ. އަހަރެން އެސިޓީ އެތައް ފަހަރަކު ކީމެވެ.
”ބައްޕަ އެދިޔައީ މަންމަގެ ބޮކި ދިއްލާފައި ބަހައްޓަން ފުރުސަތު ދީފައެވެ.“ މިހެން ބުނުމަށް ފަހު އަހަރެންނަށް ބާރަށް ރޮވިއްޖެ އެވެ. އެލެކްސް އަހަރެން ކައިރިޔަށް އައިސް އަހަރެންގެ ގައިގައި ބާރަށް ބައްދާލުމަށްފަހު ބުންޏެވެ. ”މަންމަގެ ބޮކި ނުނިވެއެވެ.ބައްޕައަށް ޓަކާ، އަހަރުންނަށްޓަކާ މަންމަ ތިޔަހުރީ އެވެ. ބޮކިދިއްލައި ދީގެންނެވެ.“
ފަސް އަހަރުތެރޭ ފުރަތަމަ ފަހަރަށް ރިޗަރޑް ބޭނުންވި ގޮތް އަހަރެންނަށް ވިސްނުނީ އެރެއެވެ.އެއާއިއެކު އަހަރެންނަށް ނޭނގޭ އުފާވެރިކަމުގެ އިހުސާސް ތަކެއް ކުރެވުނެވެ.
(ނިމުނީ)

Loading

Leave a Reply

ފަހުގެ އަޕްޑޭޓް