އީރާނުން އަނެއްކާވެސް އެމެރިކާ ބިރުގަންނަވާލައިފި!

Loading

Facebook
Twitter
WhatsApp

އެމެރިކާ އާއި އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކަށް ފަހު، އީރާނުން އެ ގައުމުގެ އަސްކަރީ އިންފްރާސްޓްރަކްޗާގެ ބައެއް ބައިތައް ހަލުވިކަމާއެކު އާރާސްތުކޮށް، ޑްރޯން އުފެއްދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ސީ.އެން.އެން އާ ހަވާލާދީ އެން.ޑީ.ޓީ.ވީ އިން ރިޕޯޓްކޮށްފިއެވެ. އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ގަބޫލުކުރާ ގޮތުގައި، ކުރިން އަންދާޒާކުރި ވަރަށް ވުރެ މާ އަވަހަށް އީރާނުން އަންނަނީ ހާލަތު ބަދަލުކުރަމުންނެވެ. މީގެ ސަބަބުން މެދުއިރުމަތީގައި އަލުން ނުތަނަވަސްކަން އުފެދިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، މަސްތަކަކަށް ދެމިގެންދިޔަ ހަމަލާތަކާއި ބޮން އެޅުންތަކަށް ފަހުވެސް އީރާނުގެ ޑްރޯން ގާބިލުކަމުގެ ގާތްގަނޑަކަށް 50 އިންސައްތަ ވަނީ ސަލާމަތްވެފައެވެ. ސީ.އެން.އެން އަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނާ ގޮތުގައި، އީރާނުން މިހާރު ދަނީ މިސައިލް ފޮނުވާ ތަންތަން މަރާމާތުކޮށް، ހަލާކުވި ސާމާނުތައް ބަދަލުކޮށް، ޑްރޯން އާއި އެހެނިހެން ހަތިޔާރު އުފައްދާ ލައިންތައް އަލުން އާރާސްތުކުރަމުންނެވެ.

އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ކުރިން އުންމީދުކޮށްގެން ތިބީ އީރާނުގެ އަސްކަރީ ގާބިލުކަން އަނބުރާ ހޯދުމަށް ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށެވެ. ނަމަވެސް، އެމެރިކާގެ އޮފިޝަލަކު އިއުތިރާފުވި ގޮތުގައި ”އިންޓެލިޖެންސް އިދާރާތަކުން ކުރިން ލަފާކުރި ހުރިހާ ތާވަލުތަކަކަށް ވުރެ އީރާނުން ވަނީ ކުރިއަރާފައެވެ.“ އާ އަންދާޒާތަކުން ދައްކާ ގޮތުގައި، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އީރާނަށް އެ ގައުމުގެ ޑްރޯން ހަމަލާދިނުމުގެ ފުރިހަމަ ގާބިލުކަން އިއާދަކުރެވިދާނެއެވެ.

މި ކުރިއެރުންތަކުގެ ސަބަބުން ސަރަހައްދީ ބައިވެރިންގެ މެދުގައި ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އެއީ އީރާނުގެ ޑްރޯންތަކަކީ އެ ގައުމުގެ އެންމެ ނުރައްކާތެރި އަދި ނަތީޖާ ނެރެދޭ އަސްކަރީ ވަސީލަތަށް ވާތީއެވެ. އެ ގައުމުގެ މިސައިލް އުފައްދާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އަލުން ހަނގުރާމައެއް ފެށިއްޖެ ނަމަ އީރާނުން އިސްކަންދޭނީ ޑްރޯން ބޭނުންކޮށްގެން ދޭ ހަމަލާތަކަށެވެ.

މީގެ އިތުރުން، ބޭރުގެ އެހީތެރިކަމާ ބެހޭ ގޮތުން އުފެދިފައިވާ ކަންބޮޑުވުންތައް ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އިންޓެލިޖެންސް މަސްދަރުތަކުން ބުނާ ގޮތުގައި، މިސައިލް އުފެއްދުމަށް ބޭނުންވާ ސާމާނު ހޯދުމުގައި ޗައިނާއިން އީރާނަށް އެހީތެރިވެދީފައިވެއެވެ. އެހެންނަމަވެސް، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބައެއް ތަކެތި ހޯދުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އަދި އީރާނުގެ އަސްކަރީ ވަސީލަތްތައް އަލުން ބިނާކުރުމުގެ މަސައްކަތުގައި ރަޝިޔާގެ އެހީތެރިކަން ވެސް ލިބެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު، ޔަހޫދީ ބެންޖަމިން ނަތަންޔާހޫ ދާދިފަހުން ސީ.ބީ.އެސް އަށް ދިން އިންޓަވިއުއެއްގައި ބުނީ، ޗައިނާއިން އީރާނަށް ”ވަކި މިންވަރެއްގެ އެހީތެރިކަމާއި“ މިސައިލާ ގުޅުންހުރި ސާމާނު ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގުއޯ ޖިއާކުން ޔަހޫދީ ނަތަންޔާހޫގެ ތުހުމަތުތައް ދޮގުކުރައްވައި، އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

އަނެއް ބޮޑު ކަންބޮޑުވުމަކީ، ކުރިން ހީކުރި ވަރަށް ވުރެ މާ ގިނަ މިސައިލް އިންފްރާސްޓްރަކްޗާ ސަލާމަތުން ހުރިކަން އައު އިންޓެލިޖެންސް ރިޕޯޓްތަކުން ހާމަވުމެވެ. ކުރީގެ ރިޕޯޓްތަކުން ދެއްކީ އީރާނުގެ މިސައިލް ފޮނުވާ ސިސްޓަމްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ސަލާމަތްވި ކަމަށެވެ. ނަމަވެސް، އައު ހޯދުންތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ސިސްޓަމް އަދިވެސް ހުރީ ބޭނުންކުރެވޭ ހާލަތުގައެވެ. މީގެ ތެރޭގައި ކުރީގެ ހަމަލާތަކުގައި ފޮރުވާފައި ހުރި ސިސްޓަމްތައް ވެސް ހިމެނެއެވެ.

މި ހޯދުންތަކާ އެކުވެސް، އެމެރިކާގެ އަސްކަރީ އިސް އޮފިޝަލުން ބުނަމުންދަނީ ދިން ހަމަލާތަކުގެ ސަބަބުން އީރާނުގެ ދިގު މުއްދަތުގެ އަސްކަރީ ބާރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. ސެންޓްކޮމް ގެ ކޮމާންޑަރު ބްރެޑް ކޫޕާ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ”އޮޕަރޭޝަން އެޕިކް ފިއުރީ“ ގެ ސަބަބުން އީރާނުގެ ދިފާއީ ސިނާއަތުގެ ގާތްގަނޑަކަށް 90 އިންސައްތަ ހަލާކުވެފައިވާ ކަމަށެވެ.

އެހެންނަމަވެސް، އެންމެ ފަހުގެ އިންޓެލިޖެންސް މައުލޫމާތުތަކުން ފެންނަނީ މިއަށްވުރެ އުނދަގޫ މަންޒަރެކެވެ. ވޮޝިންޓަނާއި ތެހެރާނާ ދެމެދު އޮތް ނުތަނަވަސްކަމަށް ހައްލެއް ނުލިބި އޮތް އިރު، އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން އާ ހަމަލާތަކެއް ދިނުމުގެ ހުއްދަ ދިނުމާ ވަރަށް ގާތަށް ދިޔަ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި، މުޅި ސަރަހައްދު އަލުން ނުރައްކާތެރި ހަނގުރާމައަކާ ދިމާލަށް ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް