އެއްވެސް ހަނގުރާމައެއްގައި ލިބޭ ގެއްލުންތައް ވަގުތުން ހާމަކުރުމަކީ ކުރާކަމެއް ނޫނެވެ. އެހެންނަމަވެސް މުވާސަލާތީ ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި އެކަން ސިއްރު ކުރުމަކީވެސް ކުރެވިދާނެ ކަމެއް ނޫނެވެ. އެމެރިކާއާއި އިސްރާއީލުން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަދުވަހު ފެށި ހަނގުރާމައިގާ އިސްރާއީލުންވަނީ މީޑިއާތައް ހުއްޓުވާފައެވެ. ހަނގުރާމައިގެ ޚަބަރުތައް ހާމަކުރުން ހުއްދަ ކުރެވިފައިވަނީ ހަމައެކަނި ސަރުކާރުންދޭ މައުލޫމާތުތަކުގެ މައްޗަށެވެ. މީޑިއާތަކަށް ފެންނަ މަންޒަރުތައް ހާމަކުރުމުން ގާނޫނީގޮތުން ބޮޑެތި އަދަބުތަކާ ކުރިމަތި ލާންޖެހޭނެއެވެ.
.
އެމެރިކާ ސިފައިންގެތެރޭގައި ކާނަލެއްގެ މަގާމުގައި ކުރިން މަސައްކަތް ކޮށްފައިވާ އަދި މިހާރު ފޮރިން ޕޮލިސީ ކޮންސަލްޓެންޓް ޑަގްލަސް މެކްގްރެގަރ ވަނީ މެދުއިރުމަތީގައި ހިންގަމުންދާ ހަނގުރާމައިގާ އިސްރާއީލަށާއި އެމެރިކާއަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށް އަލިއަޅުވާލާފައެވެ. އަދި މުސްތަގްބަލްގައި ދުނިޔޭގެ ބޮޑެތި ބާރުތައް އެމެރިކާގެ މުށުތެރޭން ވީއްލި ބައިބައިވެގެން ދިއުމުގެ މައްޗަށާއި އެ ގައުމުގެ އެއާރފޯސްގައި ހިމެނޭ އެންމެ ޒަމާނީ ޓެކްނޯލޮޖީގެ އުފެއްދުން އެފް -35 މަރުކާގެ ފައިޓަރޖެޓްއާއެކު އެ ގައުމުގެ ޝަރަފެއްކަމުގައި ދެކެމުންއަންނަ ސްޓެލްތު ވޯރފެއަރއަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ( ހައިޕޮތެޓިކަލް ) ނުވަތަ ގިޔާސީ ނަޒަރަކުން ބަލާލާފައެވެ.
އޭނާގެ ރިޕޯރޓުގައި ބުނެފައިވާގޮތުން ހަނގުރާމަ މިހާތަނަށް އައިއިރު އިސްރާއީލަށް ލިބިފައިވާ އެ ޝަރަފްވެރި އެފް-35 މަރުކާގެ 12 އެއާރކްރާފްޓް އީރާނުންވަނީ ހޮރްމުޒް ކަނޑުއޮޅީގެ ސަރަހައްދަށް ވައްޓާލާފައެވެ. އުޅަނދުތަކުގެ އަގުގެ އަންދާޒާ އަކީ 1.8 ބިލިއަން ޑޮލަރެވެ. ކާނަލް މެކްގްރެގަރގެ ރިޕޯރޓްގައި ބުނެފައިވާގޮތުން އެ 12 އެއާރކްރާފްޓަށް އަމާޒުކޮށް އީރާނުން އުދުއްސާލި ފުރަތަމަ މިސައިލްގެ 6 މިނިޓް ތެރޭގައި 1.8 ބިލިއަން ޑޮލަރުގެ އަގުހުރި އެއާރކްރާފްޓްތައް ޕާރޝިއަން ގަލްފުގެ ބިމުއަޑީގައި ވަޅުލެވިގެން ދިޔައީއެވެ. އެ އުޅަނދުތައް ހޯދުމަށްޓަކައި މިހާރު ޖެހޭނީ ކަނޑުއަޑިޔަށް ފީނާށެވެ.
މި ހާދިސާ ހިނގަމުން ދިޔަ ވަގުތު ދެން ފެނިގެންދިޔައީ އިސްރާއީލުގެ އެއާރފޯސްއަށް މަދަދު ދިނުމަށް ޓަކައި އީރާނުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް އައިޒަންހާވަރ އިސްރާއީލުގެ އެއާރކްރާފްޓް ތަކަށް ބެލުމެއް ނެތި އަވަސްއަވަހަށް އީރާނުގެ އެންޓައި ޝިޕް މިސައިލް ތަކުގެ ސަރަހައްދުން ބޭރަށް ދިޔަ ތަނެވެ.
އީރާނުގެ ކާމިޔާބީގެ ފަހަތުގައި އޮތީ ރަޝިޔާގެ އެސް 400 މަރުކާގެ ދިފާއީ އައްޑަނަ ކަމުގައި ދެބަސް ނުވެވޭނެއެވެ. ތަޖްރިބާކާރުންގެ ނަޒަރުގައި މުސްތަގްބަލްގައި ދުނިޔެ ކުރިމަތިލާން ޖެހިދާނެ ދެކޮޅުވެރި ހާލަތުތަކުގައި އެފް-35 މަރުކާގެ ފައިޓަރޖެޓް ކަމުގައި ވިޔަސް ނުވަތަ ދިފާއީ ބަޖެޓަށް ކުރާނެ ބާރު ކަމުގައިވިޔަސް ނުވަތަ މިލިޓްރީ ސްޓްރެޓެޖީ ރޭވުންކަމުގައިވިޔަސް ވަކިން ޚާއްސަ އަމާޒަކަށް ބިނާކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.
އަހަރެންނަކީ އެމެރިކާ ސިފައިންގެ ތެރޭގައި 32 އަހަރު އެއާރ ޓު އެއާރ ކޮމްބެޓް ވަރަށް ގާތުން ތަޖްރިބާކޮށްފައިހުރި މީހަކީމެވެ. ސިއްރުކޮޓަރިތަކުގެ ތެރޭގައި އަޑުހަރުކޮށް ދެކެވުނު ވާހަކަތަކުގައި ބައިވެރި ވެފައިވާ މީހަކީމެވެ. އެ ވާހަކަތައް އެ ކޮޓަރިތަކުން ބޭރަށް ނިކުމެފައި ނުވާ ސަބަބު ރަނަގަޅަށް އެނގޭ މީހަކީމެވެ. ހަނގުރާމައިގެ ސިއަރުތައް ފާޅުކުރާނެ މިންވަރަކާއި ސިއްރުކުރާނެ މިންވަރު ފައިސަލާކުރުމުގެ ބަހުސްތަކުގައި ބައިވެރިވެފައިވާ މީހަކީމެވެ.
ފިނި ހަނގުރާމައިގެ ފަހުން މި ވަރުގެ ކުރިމަތިލުމެއް ދެކިފައިނުވާކަން ވަރަށް ސާބިތުކަމާއެކު ބުނަން ކެރިދާނެއެވެ. މީގެ ކުރިންވެސް އެއާރކްރާފްޓްތައް ވަނީ ވައްޓާލާފައެވެ. މިފަހަރުގެ ހާދިސާ ފާހަގަކުރެވިގެންދަނީ ހަލާކުކޮށްލެވުނު އެއާރކްރާފްޓް ތަކުގެ ހައްސާސްކަމާއި އެ އުޅަނދުތައް އުފެއްދުމުގައި ބޭނުންކޮށްފައިވާ ޓެކްނޯލޮޖީއާއި ވައިގެ ހަމަލާތައް ދިނުމުގައި ލިބިގެންފައިވާ ކާމިޔާބީތައް ޒަމާނީ ދިފާއީ އައްޑަނަތަކުގެ ކުރިމަތީގައި އަގެއް ނެތިގެން ދިއުމުންނެވެ. އަދި އެ ދިފާއީ ނިޒާމް ބޭނުންކުރުމުގައި އީރާނުން ދެނެގެންފައިވާ ހަގީގަތްތަކާދޭތެރޭވެސް ދެބަސް ނުވެވޭނެއެވެ.
މިލިޓްރީ ހަރކާތްތައް ދިރާސާކުރަމުންގެންދާ ތަޖްރިބާކާރުންގެ ކުރިމައްޗަށް 3 ސުވާލެއް ވަނީ ކުރިމަތި ވެފައެވެ.
އެފް-35 މަރުކާގެ ސްޓެލްތު އެއާރކްރާފްޓްއަކީ ރާޑަރ ތަކަށް ނުފެންނަ އުޅަނދަކަށްވާއިރު އެ އުޅަނދުތަކުގެ ހަރަކާތްތައް އީރާނުން ދެނެގަތީ ކޮން ވަސީލަތެއް ބޭނުންކޮށްގެން ހެއްޔެވެ ؟ ވައިގެ ހަމަލާތައް ދިނުމުގައި ބޭނުންކުރާ މިޒަމާނުގެ އެހެން ވަސީލަތްތައްވެސް ދެނެގަތުމުގެ ގާބިލް ކަން ކިހާވަރަކަށް އީރާނަށް ލިބިފައި ވޭ ހެއްޔެވެ ؟ އެމެރިކާގެ މިލިޓްރީއާއި ނޭވީންނަށް ލިބިފައިވާ ގިނަގުނަ ވަސީލަތްތަކާ ނުރައްކާތެރި ޒަމާނީ ހަތިޔާރުތަކާ އެކުގައިވެސް އީރާނުގެ ހަމަލާތަކުގައި 12 އެއާރކްރާފްޓް ހަލާކުވެ ވެއްޓެމުންދިޔަ ވަގުތު އެ ހަމަލާތަކަށް ކުރިމަތި ލުމުގެ ބަދަލުގައި އަވަސްއަވަހަށް އެ ސަރަހައްދުން ދުރަށް ދިއުން އިޚްތިޔާރު ކުރީ ކީއްވެގެންހެއްޔެވެ ؟
މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން އިސްރާއީލުގެ ނެގެވް ސަހަރާގައި ބިނާކޮށްފައިވާ އެއާރކްރާފްޓް ހޭންގަރގައި ހިނގާދިޔަ ހާދިސާތައް އަދި މިހާތަނަށް ވައިޓް ހައުސް އިން ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު އެއީ ނުހިނގާ ހާދިސާއަކަށް ނުވާނެއެވެ. އެފް-35 މަރުކާގެ 47 އެއަރކްރާފްޓާއި އަދި އެފް-15 މަރުކާގެ 29 އެއާރކްރާފްޓް އީރާނުން ދިން އެންމެ 14 މިނިޓްގެ ހަމަލާގައި އަނދާ އަޅިއަށް ހަދާލުން އެއީ ނުހިނގާ ކަމަކަށް ނުވާނެއެވެ. ވައިޓްހައުސްއިން ގެންގުޅޭ އޮޅުވާލުމުގެ ސިޔާސަތުގެ އެ ޚަބަރުތައް އޮޅުވާލަން ބޭނުންކުރާނެ ބަހުރުވައަކާދޭތެރޭ މިހާރުވެސް ބަހުސްކުރަމުން ނުގެންދާކަމަކށްވެސް ނުވާނެއެވެ.
![]()
