އަހަރެންވެސް ކައިވެނިކުރީ ވަރަށް ފޮނި އުންމީދު ތަކަކާއެކުއެވެ. ފިރިމީހާބޭނުންވީ ގިނަ ކުދިން ހޯދާށެވެ. ހިނިތުންވެފަ އިނދެ، ބޭނުންވަނީ އަބަދުވެސް އަޑުތަކުން ގުގުމަލާފައިވާ ގެއެއް ކަމަށް އޭނަ ބުންޏެވެ.
އެހެން ކަމުން ދިހަ އަހަރުތެރޭ ހަކުދިން އަހަރުންނަށް ލިބިއްޖެއެވެ. ނަމަވެސް ގޭތެރޭގެ އަޑުތައް މާގަދަ ކަމަށް ހަމަ ކުއްލިއަކަށް އެއްދުވަހަކު އޭނާ ނިންމިއެވެ.އޭނަވަނީ އޮންލައިންކޮށް އެހެން އަންހެނަކާ ބައްދަލް ވެފައެވެ.އެހެން ގައުމެއްގެ މީހެކެވެ. މިކަން އަހަރެންނަށް އެނގުނުތާ އެއްމަސްދުވަސްވެސް ނުވަނީސް ސޫޓް ކޭސް އަކަށް އެތިކޮޅު އަޅާލައިގެން އޭނާ ނައްޓާލިއެވެ. އަލަށް ބައްދަލްވި އަންހެންމީހާ އާއި އެކު އުޅުމަށް އޭނާގެ ގައުމަށެވެ. އަހަރެންނަށް އެކަނި 6 ކުދިން ބަލަން ޖައްސާފައެވެ.އޭރު ގޭގެ މޯގޭޖްވެސް އޮތީ ހަމަ ނުވެއެވެ.ކުދިން ބަލާ ބޮޑުކުރުމަށްޓަކާ އަހަރެން ބުރަކަށިތަނެއްގައި ޖައްސާނުލާ މަސައްކަތް ކުރީމެވެ. ހެނދުނު ކުދިން ސްކޫލް އަށް ފޮނުވާލުމަށްފަހު ގްރޯސަރީ އެއްގައި މަސައްކަތް ކުރަން ދަމެވެ. އަދި ރޭގަނޑު އެކި އޮފީސްތައް ސާފުކޮށްދޭން ދަމެވެ. އަހަރެންނަށް ކުރިން ކުރަންނޭނގޭ އެތައް މަސައްކަތެއް ކުރަން ދަސްކުރީމެވެ. މައްސަލަ ޖެހޭ ސިންކުތައް ހަދަން ދަސްކޮށް އަދި ގޭތެރޭގައި ހިފާ ގެންގުޅޭ ކަރަންޓް ސާމާނު މަރާމާތު ކުރަން ދަސްކުރީމެވެ. މިގޮތްގޮތުންވެސް އަހަރެން އައީ ލާރި ހޯދަމުންނެވެ. ލިބޭ ކުޑަ ލާރި ކޮޅުން ފުއްދާލައިގެން އުޅެން ދަސްކުރީމެވެ. އެއްކުކުޅުން ދެއިރު މުޅި ފެމިލީ އަށް ކާން ދެވޭނެ ގޮތްތައްހޯދީމެވެ. ލިބޭ ބްރޭކްތަކުގެ ބޭނުން ހިފާ ކާމޭޒު ކައިރީ ކޮޅަށް އިނދެ ނިދާލަން އަހަރެން ދަސްކުރީމެވެ. ވެޑިންގތަކާއި އެކި ޕާޓީތަކަށް ދިއުން އަހަރެން މުޅިން ހުއްޓާލީމެވެ. ޗުއްޓީއަކަށް އަމުދުން ނުދަމެވެ. އަމިއްލަ ޑޮކްޓަރުގެ އެޕޮއިންޓްމަންޓް ވެސް ކެންސަލް ކޮށްފައި ކުދިން ސްކޫލް ޓްރިޕްތަކުގައި ފޮނުވާ އައު ބޫޓެއް ބޭނުންވާ ނަމަ ގަނެދީފަ ހުރި ފަހަރުވެސް މަދެއް ނުވާނެއެވެ. އަހަރެންގެ އަމިއްލަ ނަފްސަށް އެއްވެސް އެއްޗެއް ނުގަންނަމެވެ. ހެދުމެއް އެއްޗެއް ގަންނަ ނަމަވެސް ގަންނަނީ ކްލިއަރެންސް ސޭލް ތަކުންނެވެ. މި ދަތިކަމުގެތެރޭވެސް ބާތުޑޭތައް ބޮޑުކޮށް ބޭއްވޭތޯ އަހަރެން އަބަދުވެސް ބަލަމެވެ. ކޭކު އަޅަނީ އަމިއްލައަށެވެ. ގޭގައި ހުންނަ އެއްޗެތި ބޭނުން ކޮށްގެންނެވެ. އަދި މިކަމުގައި ކުދިން ބައިވެރި ކުރަމެވެ. ކޮންމެ ފަހަރަކުވެސް ކުދިން ވަރަށް މަޖާވެފައި ފުށްގަޑު ގިރާ ބޯތަށީގަ ހޭކިފަ ހުންނަ ބައި އިގިލި ކާއްތައިގެން ބޯނެއެވެ. އަހަރެން މިކުރާ ހިއްވަރު ކޮންމެވެސް ދުވަހަކުން ކުދިން ދަންނާނެ ކަމަށް އަހަރެން ގަބޫލު ކުރީމެވެ. މިހެން އުޅެ ހަކުދިންވެސް ބޮޑުވެއްޖެއެވެ. ދުނިޔޭގައި ތިބިއްޔާ ބޮޑުވެސް ވާނެތާއެވެ. ކޮލެޖް ނިންމާ، ވަޒީފާތަކަށް އެހެން ތަންނަށް ބަދަލުވެ، ކައިވެނިކޮށް އެކުދިންގެ އަމިއްލަ ދިރިއުޅުން ފަށައިފިއެވެ. ހުރިހާ ކުދިންވެސް އުޅެނީ އަހަރެން އުޅޭ ގެޔާ ވަގުތުގެ ގޮތުން ތަފާތު ތަންތަނުގައެވެ. އެހެން ކަމުން ފޯނުން ގުޅޭ މިންވަރުވެސް މަޑުމަޑުން މަދުވެ، ކޯލްތައް ކުރުވާން ފެށިއެވެ. ގެއަށް އައިސްލަން ބުންޏަސް އަންނަމަހު އާދެވޭތޯ ބަލާނަން ފަދަ ޖަވާބެއް ނޫނީ ނުލިބެއެވެ. ދުވަސްތައް ކުރިޔަށް ދަމުންގޮސް އަހަރެންގެ 60 ވަނަ އުފަން ދުވަސްވެސް ކައިރި ވެއްޖެ އެވެ. އަހަރެންގެ އުފަންދުވަހަށް އަހަރެން އެއްވެސް ޕާޓީ އެއް ބޭނުމެއް ނުވިއެވެ. އެއްވެސް ރައްޓެއްސަކަށްވެސް ދައުވަތު ދޭކަށް ބޭނުމެއް ނުވިއެވެ. އަހަރެން ހަމަ އެކަނި ބޭނުންވީ އަހަރެން 6 ކުދިން ގެއަށް އައިސް އަހަރެންނާއެކު ކާލާ ހީސަމާސާކޮށްލާ ހަދާށެވެ. އަހަރެން ބޭނުންވީ އަހަރެންގެ މުޅި ދުނިޔެ އަނެއްކާވެސް އެއް ތަނެއްގައި ތިއްބާ ދެކިލާށެވެ. ބާތުޑޭގެ ދައުވަތު ފޮނުވާލުމަށްފަހު ކޮންމެ ކުއްޖަކަށްވެސް މީރުވެގެން އުޅުނު ކެއުމުގެ ބާވަތްތައް އަހަރެން ތައްޔާރު ކުރީމެވެ. އެއް ކުއްޖަކަށް މީރީ ލަޒާންޔާއެވެ. އަނެއް ކުއްޖަކަށް މީރީ އަހަރެން ހަދާ ރޯސްޓް ޗިކަން އެވެ. ދޮށީ އަންހެން ދަރިފުޅު ސާރާ އަށް އަބަދުވެސް މީރުވެގެން އުޅޭނީ ފޮނިތޮށިތަންކޮޅެއް ގިނައިން އަޅައިގެން އަހަރެން ހަދާ އެޕަލް ޕައިއެވެ. ހުރިހާއެއްޗެއް ތައްޔާރުކޮށް ނިމުމަށްފަހު ފެންވަރާ ރީތިވެގެން އަހަރެން ގަޑިއަށް ކާން ތައްޔާރު ކުރީމެވެ. އަދި ހަތް ތަށި ބަހައްޓާ،ކޮންމެ ތައްޓެއް ކައިރީ އުއްބައްތިއެއް ރޯ ކުރުމަށްފަހު އިންތިޒާރުގެ ވަގުތު ތައް ގުނަން ފެށީމެވެ. އެއްގަޑިއިރު، ދެގަޑިއިރު،ތިންގަޑިއިރު،ހަތަރުގަޑިއިރުވެއްޖެއެވެ. އެއްކުއްޖަކުގެ ވެސް ކަޚަބަރެއް ނުވިއެވެ. ނާދެއެވެ.އަހަރެން މޭޒުގެ އެއްކޮޅެއްގައި އިށީދެ އެދުވަހު ލޯބިން އިސްތިރިކުރި ނެޕްކިން އަކަށް ކަރުނަ އޮއްބަމުން ރޯންފެށީމެވެ.އިރުކޮލަކުން ދޮރުގައި މީހަކު ޓަކިޖަހާލައިފިއެވެ. އަހަރެން ދޮރުހުޅުވާލިއިރު ހުރީ ޕޮލިސް އޮފިސަރެކެވެ. އެވަގުތު އޭނަ އަހަރެންގެ އަތަށް ފަތްޖަހާލާފައި ނޯޓެއް ދިނެވެ. އޭގައިވަނީ އަހަރެންގެ ދެވަނަ ދަރިފުޅު ގްރާންޓްގެ އަތުލިއުމެވެ. އޭގައި ވެއެވެ.“މަންމާއެވެ.އެއްވެސް މީހަކަށް ގުޅާ ސުވާލުކޮށް ނުހަދާ ޕޮލިސް މީހާ ބުނާގޮތަށް އޭނަގެ ކާރަށް އަރައިގެން އަންނާށެވެ.“އަހަރެންގެ މޭތެޅިގަތެވެ. ގްރާންޓް އަކީ އަބަދުވެސް ހިފި ނުހުރެވިގެން އުޅޭ ދަރިފުޅެވެ. ރޭގަނޑު ދަންވަރު ގުޅާލިއަސް އަހަރެން ހުންނަނީ ބިރުންނެވެ.“އަޅުގަނޑު ދަރިފުޅަށް އަނެއްކާ ކަމެއް ވީތޯއެވެ.؟“ތުރުތުރު އަޅާ އަޑަކުން އަހަރެން ޕޮލިސް މީހާއާއި ސުވާލު ކުރީމެވެ.“އަޅުގަނޑަށް މިތާ ތިޔަވާހަކަ ދެއްކުމުގެ ހުއްދައެއް ނެތެވެ“ އޭނަ އިސްޖަހާލައިގެން ހުރެ ބުންޏެވެ. އަހަރެންގެ ހިތުގެ ނުތަނަވަސްކަން އިތުރު ވެގެން ދިޔައެވެ. އަހަރެން އެނބުރި ގޭތެރެޔަށް ބަލާލީމެވެ.ފުރިހަމަޔަށް ކާން ތައްޔާރު ކޮށްފައިވާ މޭޒެކެވެ.ނަމަވެސް މިހާރު އުއްބައްތިތައްވަނީ އަނދަމުން ގޮސް ހުސްވާން ކައިރި ވެފައެވެ. އެ ވަގުތު ޕޮލިސްމީހާ ބުންޏެވެ. ”މެޑަމް އެވެ. އަވަހަށް ހިންގަވާށެވެ.“ އޭނަ އަހަރެންގެ މޫނަކަށް ނުބަލައެވެ. އަހަރެންނަށް ރޮއިގަނެވުނެވެ.“އަޅެ އަހަރެންގެ ދަރިފުޅަށް ކަމެއް ނުވެޔޭ ބުނެބަލާށެވެ.“ އަނެއްކާވެސް އޭނަދިނީ އެއްޖަވާބެކެވެ. އެވާހަކަ ދެއްކުމުގެ ހުއްދަ ނެތް ކަމަށް ބުންޏެވެ.އަދި އަވަހަށް އޭނާއާއި އެކު ދިއުމަށް އެދުނެވެ.އަހަރެންގެ ބަރތުޑޭ އަށް އަހަރެންގެ ކުދިން ގެއަށް އަންނާނެކަމަށް އިންތިޒާރުގައި އިންވާހަކަ އަހަރެންނަށް މަޑުމަޑުން ބުނެލެވުނެވެ. މިއަށް އޭނަ ބުނީ ”އައި-އެމް ސޮރީ“ މިހެންނެވެ.ގޭދޮރު ލައްޕާ ތަޅުލުމަށް ފަހު ޕޮލިސްމީހާ އާއެކު އޭނާއައި ޕޮލިސްކާރުގައި ދަތުރު ފެށީމެވެ.އަހަރެން އިނީ ކެތް މަދުވެފައެވެ.އަދި މިދަނީ ކޮންތަނަކަށް ތޯ ސުވާލު ކުރީމެވެ.އޭނަ ބުނީ މިދަނީ މާދުރަށް ނޫން ކަމުގައެވެ.އަނެއްކާވެސް އަހަރެން ބުނީމެވެ. މާދުރުނޫން ކޮންތަނެއް ހެއްޔެވެ.؟“ ”ރައްކާތެރިކަން ލިބިގެންވާ ތަނަކަށެވެ.“ މިބަހުންވެސް އަހަރެންގެ ހިތަށް ވަނީ ހޮސްޕިޓަލް އެކެވެ. ނުވަތަ ސަހަރާ އެވެ.އެވަގުތު އަހަރެންގެ ދަރިފުޅު މާކްގެ މެސެޖެއް އަހަރެންގެ ފޯނަށް އައެވެ. ”މަންމަ ހާސްވެ ކަންބޮޑު ނުވައްޗެވެ. އަހަރުންނަށް އިތުބާރު ކުރާށެވެ.“ ހަތަރު ގަޑިއިރުވަންދެން އިންތިޒާރު ކުރުވި ބަޔަކަށް އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ؟އެންމެ ފަހުން ޕޮލިސްކާރުގޮސް ކޮމިޔުނިޓީ ސެންޓަރެއް ކައިރިޔަށް މަޑުކޮށްލައިފިއެވެ.އެތަނުން އަހަރެންގެ ކުދިން ދުއްވާ ކާރުތައްވެސް ފެނުނެވެ.އެންމެ ބޮޑު ދަރިފުޅު މާކްގެ އެސްޔޫވީއެވެ.ސާރާގެ ސެޑާން އެވެ. އަދި ޖޭސަން ދުއްވާ ޓްރަކެވެ.މިވާން އުޅޭގޮތެއް ނޭނގި ޕޮލިސްމީހާގެ ފަހަތުން އަހަރެން ހޯލް ތެރެޔަށް ވަދެގެން ދިޔައިމެވެ.ކުދިންވަނީ އެތަނުގައި އަހަރެންނަށް ސަޕްރައިސް ޕާޓީ އެއްބާއްވާފައެވެ.އެކަމަކު އޭރު އަހަރެންނަށް އެކަމެއް ނޭގެއެވެ. އަހަރެން ހަމަ ހީކޮށްގެން ހުރީ ހިތާމަވެރި ކަމެއް ވެގެން އުޅެނީ ކަމަށެވެ. ބޮކިތައް ދިއްލާލުމާއެކު އެންމެން އެއްކޮން ”ހެޕީބާތުޑޭ މަމް…“ ބުނަން ފެށުމާއި އެކު އަހަރެންގެ މޫނުމަތީގައި ހުރި ކަންބޮވުން ފެނި ކުދިން ލަވަކިއުން ހުއްޓާލިއެވެ.މުޅިތަން ވަނީ އެކި ކުލަކުލައިގެ ފުއްޕާ ހަމާއި މަލުން ޒީނަތްތެރިކޮށްފައެވެ.އަހަރެންގެ ފަސްކުދިން އޭރު އެތަނުގައި ތިއްބެވެ.އަހަރެންނަށް ކުއްލިއަކަށް ބުނެވުނެވެ.ގްރާންޓް ކޮބާހެއްޔެވެ؟“މަންމަ މިތަނަށް ގެންނަ ގޮތަށް އޮތީ ގްރާންޓެވެ“ކުދިން ބުންޏެވެ. އެވަގުތު އެހެން ޕޮލިސްކާރެއް ހޯލު ކައިރިއަށް މަޑުކޮށްލިއެވެ.އަދި އެކާރުންފައިބައިގެން ގްރާންޓް އައިސް ހޯލް ތެރެއަށް ވަނެވެ.އޭނަހުރީ ވަރަށް ރީތި އައު ޕޮލިސް ޔުނީފޯމްއެއްގައެވެ.ރީތި ދިގުއިސްކޮޅުގައި ޔުނީފޯމްގައި ހުރިއިރު އަހަރެންގެ ދަރިފުޅު ވަރަށްވެސް ފުރިހަމަ އެވެ.އަހަރެން ދުވެފައި ގޮސް ގްރާންގައިގައި ބާރަށް ބައްދާލީމެވެ.އަދި ދަރިފުޅަށް ކަމެއްވީކަމަށް ހީކޮށް މަންމަ މަރުނުވީ ކިރިޔާކަމަށް ބުނީމެވެ.އޭނާ ބޭނުންވީ މިކަމުގައި މަންމައަށް ވެސް އަދި ކޮއްކޮމެންނަށްވެސް ސަޕްރައިސް އެއްދޭން ކަމަށް ބުންޏެވެ.އަދި ޕޮލިސް އެކަޑަމީ އަށް ވަދެގެން މަންމަ ފަހުޚުރުވެރިވާ ފަދަ ދަރިއަކަށް ވާން ބޭނުންވި ކަމަށް ބުންޏެވެ. ފެށޭ ހަފްތާގައި ގްރެޖުއޭޝަން އެބައޮތް ކަމަށާ މަންމަޔަށް ޚާއްސަ ސީޓެއް ރިޒާވް ކޮށްފައި ވާނެކަމަށް ބުންޏެވެ.އެއަށްފަހު ފަހަރަކު ކުއްޖަކުއައިސް އަހަރެން ކައިރިން މާފަށް އެދުނެވެ.އުފާވެރި ސަޕްރައިސް ޕާޓީ އެއް ރާވަން އުޅެގެން މަންމަ ބިރުގަންނަ ގޮތަށް ކަންތައް ކުރެވުނީތީއެވެ.އެންމެ ފަހުން އެންމެން އެއްކޮން މޭޒުކައިރީ ކާން އިށީދެވޭ ވަރުވެއްޖެއެވެ.ހުރިހާ ކުދިން އެކުގައި ހެޕީބާތުޑޭ ކިޔަމުން ދިޔައިރު އެޔަށް ވުރެ އުފާވެރި އަޑެއް އަހަރެންގެ ކަންފަތަކަށް ނެތެވެ.ލަވަކީ އެކިކުދިން އެކި އަޑުން އެކިރާގުރާގުގައި ނަމަވެސް އެއީ އަހަރެންގެ ގޭތެރޭން އިވެން އަހަރެން ބޭނުން ވާއަޑެވެ.(ނިމުނީ )
![]()
