އެރޭ ވެގެން ދިޔައީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި އަދި އެންމެ ހިތާމަވެރި ރެއަށެވެ. އަލަށް ފިރިހެން ދަރިފުޅަކު ލިބުމުން ވަރަށް އުފަލުން އޮއްވާ ޑޮކްޓަރުން އައިސް ދިން ޚަބަރަކުން އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.
އެނދެއްގައި އޮތް ނަމަވެސް އަހަރެންނަށް ހީވީ އަހަރެންގެ ދެފައިކޮޅު ހުރީ މައްޗަށް ހެންނެވެ. ދެ ޑޮކްޓަރުން އައިސް އަހަރެންނާއި ބައްދަލްކުރުމަށްފަހު ބުނީ ދަރިފުޅުގެ ދެފައިގައި ނާރުގެ މައްސަލަ އެބަހުރި ކަމަށާ މުޅި އުމުރުވެސް ދަރިފުޅު ފުރޮޅުލީ ގޮނޑީގައި އިންނަން ޖެހިދާނެ ކަމަށެވެ.
މި ޚަބަރު ލިބުމުން އަހަރެންނަށް ނޭވާލާން ދަތިވިއެވެ. ނޭވާނުލެވިގެން ތެޅިފޮޅެނިކޮށް، އަހަރެންނަށް ފެނުނީ އަހަރެންނަށް އަޅާވެސް ނުލާ ފިރިމީހާ ވޮރަން، ކާރުގެ ތަޅުދަނޑި ހޯދާ ތަނެވެ. އަދި ތަޅުދަނޑި ފެނުމުން މަށަކަށް ތިޔަކަހަލަ ކުއްޖަކު ނުބެލޭނެ ކަމަށް ބުނެ، ކައިރީގައި ކްރިބް ގައި އޮތް ބޭބީއާ ދިމާލަށް ބަލާވެސް ނުލާ އޭނާ ޑެލިވަރީ ރޫމުން ނިކުމެގެން ބާރުބާރަށް ދިޔައީއެވެ. ދިގުދެމިގެން ދިޔަ އޮފީސް ބައްދަލު ވުމަކުން މީހަކު ނިކުމެގެން ދާގޮތަށެވެ. އަހަރެންނާއި ދަރިފުޅު ވީހާލެއްގައިވާން ދޫކޮށްލާފަ އެވެ.
އެއަށްފަހު އައި ދުވަސްތަކުގައި އަހަރެން ގިނަވަގުތު ހޭދަކުރީ ހޮސްޕިޓަލް ތަކުގައެވެ. ނޭފަތުގައިވެސް އެންޓިސެޕްޓިކް ވަސް ހިފާފައި ހުންނަ ކަހަލައެވެ. ތަފާތު،އަހަރެންނަށް ނުވެސް އެނގޭ މެޑިކަލް ބަހުރުވައިން ހުންނަ ފޯމްތައް ފުރާ، އެކި ފަރުވާ އަށް ރަޖިސްޓްރީ ވަމުން ދިޔައިމެވެ. ގެޔަށް އައުމަށް ފަހުވެސް ރޭގަނޑު ދަންވަންދެންވެސް އަހަރެން އޮންނަނީ ތަޅުންގަނޑުމަތީގައެވެ. ދަރިފުޅުގެ ދެފައިގައި ތެޔޮ އުގުޅާ މަސާޖް ކުރުމަށެވެ. ދަރިފުޅަށް ރޮވެމުން ދިޔަނަމަވެސް، އަދި ވަރުބަލިވެގެންގޮސް އަހަރެންގެ ދެއަތް ތުރުތުރު އެޅިނަމަވެސް ހުއްޓާނުލަމެވެ.
ބައެއްމީހުން ބުނެއެވެ.ޔަގީންކަމެއް ނެތްކަމެއްގައި ދެން ތިވަރުން ތިޔައުޅެނީ ކީއްކުރަން ހެއްޔެވެ.ގޮނޑީގަ އިނުން އެއީ ދަރިފުޅުގެ ”ފޭޓް“ ކަމަށް ދޫކޮށްލަންވީ ނޫން ހެއްޔެވެ. އަހަރެންވަނީ އެފަދަ ވާހަކަތައް އަޑުނީވޭކަމަށް ހަދަން ދަސްކޮށްފައެވެ. އެ ވާހަކަތަކަށް ޖަވާބުދޭން ބޭނުން ނުވާތީ އެވެ.
އަހަރެން ކުރި ބުރަމަސައްކަތުގެ ފޮނިކަން އަހަރެންނަށް ލިބެން ފެށިއެވެ. ތެރަޕީގެ ރަގަޅު ނަތީޖާ ފެންނަން ފެށިއެވެ.އުމުރުން ފަސްއަހަރުވީއިރު ދަރިފުޅު އައިމަން އަށް ފިޔަވަޅު އެޅެން ފެށިއެވެ. އަދި ދާދި އަވަހަށް ތަންތާ ހިފަހައްޓަމުން، އަދި ފަހުން ދަނޑިގަނޑެއްގެ އެހީގައި ގޭތެރޭގައި ހިނގަން ފަށައިފިއެވެ. އަދި ވީލްޗެއާގައި އިންނަ ވަގުތު މަދުވާން ފެށިއެވެ.
އަހަރެންގެ ދަރިފުޅަކީ ކިޔެވުމަށްވެސް އާދަޔާޚިލާފް ތޫނިފިލި ކުއްޖެކެވެ. ފޮތް، ޚާއްސަކޮށް މެޑިކަލް ފޮތްތަކާ ޖާނަލްތައް ކިއުމަށް އޭނާ ލޯބި ކުރެއެވެ.އުމުރުން ދިހަ އަހަރުވީއިރު ބައެއް ޑޮކްޓަރުންނަށް ބުނެވޭ ކުށްބަސްތައް އޭނަ ރަނގަޅު ކުރަން ފަށައިފިއެވެ. ފަނަރަ އަހަރުވީއިރު މަށަށްވެސް ކިޔަން ނޭގޭފަދަ ބޯ،ބަރު މެޑިކަލް ޖަރނަލްތައް ކިޔާލުމަކީ އޭނާއަށް ފަސޭހަކަމަކަށް ވިއެވެ.
އަހަރެންގެ ”ޕްރިންސް“ ސްކޫލް ނިންމީވެސް ރަންވަނަ ތަކާއެކުއެވެ. އެއަށްފަހު އޭނާ ބޭނުންވީ މެޑިކަލް ސްކޫލް އަށް ވަންނާށެވެ. ދަރިފުޅު ކިޔެވުމަށް މޮޅު ކަމުން އޭނާޔަށް ވަނީ ސްކޮލާޝިޕްވެސް ލިބިފައެވެ.
ދަރިފުޅު އައިމަން ފަސޭހަކަމާއެކު މެޑިކަލް ސްކޫލް ގެ ޓަރމް އަކަށްފަހު ޓަރމް އެއް ހުރަސް ކުރަމުން ގެންދިޔައެވެ. ރަންވަނަތައް ހޯދަމުންނެވެ. އަހަރެން ހުންނަނީ ވަރަށް އުފަލުންނެވެ.ގޭތެރޭގެ އެއްވެސް ދަތިކަމެއް އޭނާއަކަށް ނާންގަމެވެ.ނަމަވެސް ފަހުން އަހަރެންނަށް އެނގުނު ގޮތުގައި އޭނާއަށް ހުރިހާކަމެއްވެސް އެނގެއެވެ.
މެޑިކަލް ސްކޫލްގެ ގްރެޖުއޭޝަން އަށް އެއް ހަފްތާއަށް ވެފައި ވަނިކޮށް އެއްދުވަހަކު އައިމަން ތަނެއްގައި އިށީދެލައިގެން އިން ގޮތުން ކަމަކާ ވަރަށް ވިސްނަމުން ދާކަން އަހަރެންނަށް ފާހަގަވިއެވެ. އަދި އަހަރެން ސުވާލު ކުރީމެވެ. ”މަންމަގެ ދަރިފުޅު ކޮންކަމަކާ ވިސްނާ ދުވަހެއް ހެއްޔެވެ.؟“ އޭނާ ކުޑަ ފަސްޖެހިލުމަކަށް ފަހު ބުންޏެވެ.“ބައްޕަ ގުޅިއެވެ.“
އަހަރެންގެ މެޔަށް ހީވީ ފިނި ފެން އެއްޗެއް އަޅާލި ހެންނެވެ. އެވަގުތު ދަރިފުޅު ބުންޏެވެ.ބައްޕަ އަހަރެންގެ ގްރެޖުއޭޝަން އަށް އަންނަން ބޭނުން ކަމަށް ބުންޏެވެ.އަދި އަހަރެންނަށް މިހާރު ހިނގޭކަންވެސް ބައްޕަ އަށް ވަނީ އެނގިފައެވެ.“
އަހަރެން ބޭނުންވީ އޭނާގެ ބައްޕަ ގްރެޖުއޭޝަން އަށް ދިއުމަށް ދަރިފުޅު އެއްބަސް ނުވުމަށެވެ. އޭނަ ހިމާޔަތް ކުރުމުގެ ގޮތުންނެވެ. ނަމަވެސް މަގޭ ހިއްވަރުގަދަ ދަރިފުޅު އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން އިނދެލާފަ ބުންޏެވެ.“ގްރެޖުއޭޝަން އަށް އައުމަށް އަހަރެން ބައްޕަޔަށް ދައުވަތު ދީފީމެވެ. މަންމަ ހާސްނުވައްޗެވެ. އަހަރެންގެ އަމިއްލަ ހިމާޔަތް ހޯދަން މަންމަ ވަނީ އަހަރެންނަށް ދަސްކޮށްދީފަ ނޫންހެއްޔެވެ.“މިހެން ބުނެފައި އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ.
މެޑިކަލް ސްކޫލްގެ ގްރެޖުއޭޝަން ދުވަސް އަތުވެއްޖެ އެވެ.ހިތް އަވަސްވެފައިވާ ބެލެނިވެރިންނާއި ސްޓޫޑަންޓުންވަދެ މުޅި ހޯލް ވަނީ ފުރިފައެވެ.
އިރުކޮޅަކުން ވޮރަން ވަދެގެން އަންނަތަން އަހަރެންނަށް ފެނުނެވެ.އިތުބާރާއި އެކު ހޯލް އަށް ވަދެގެން އައި ގޮތުން ހީވަނީ އޭނާގެވެސް ދަލާއި ބުރަމަސައްކަތުގެ ނަތީޖާ ބަލާލަން އައިހެނެވެ. އަހަރެން އެވަގުތު ހޮޑުވެސް ލަވައިގަތެވެ.ނަމަވެސް އަގައިން އެއްޗެކޭ ނުބުނަމެވެ.
ދަރިފުޅު އައިމަންގެ ނަން ގޮވުމުން އޭނާ ފުރިހަމަ ސިއްހަތުގައި ދެފައިމައްޗަށް ތެދުވެ ހިނގާލާފައި ސްޓޭޖަށް އަރަން ދާތަން ބަލަން ވޮރަން ހެވިފައި އިނެވެ. އޭނާބަލަހައްޓައިގެން އިނީ، އޭނަފަހުރުވެރިވާ ދަރިއަކު ދާއިރު އިންނަ ގޮތަށެވެ.
ސްޓޭޖަށް އެރުމަށް ފަހު ”އެކްސެޕްޓަންސް ސްޕީޗް“ ގައި ވެރިނަނަށް އިހްތިރާމް އަދާކުރުމަށްފަހު އައިމަން ބުންޏެވެ. ”ތިޔައިގެ ތެރެއިން ގިނަ ކުދިންގެ ގްރެޖުއޭޝަންގައި ބައްޕަ ބައިވެރިވުމަކީ ތިޔަކުދިންނަށް ލިބޭ އުފަލެއްކަމަށް އަހަރެން ގަބޫލު ކުރަމެވެ. ނަމަވެސް އަހަރެންގެ ކަންތައް ތިޔަ ކުދިންނާއި ތަފާތެވެ.
އަހަރެންގެ ބައްޕައަށްޓަކާ ޝުކުރުގެ މިބަސްކޮޅު ކިޔަން އަހަރެން ފަރިތަ ކޮށްފައި މިވަނީ އެތައް އަހަރަކުންނެވެ. އަހަރުތަކެއްވަންދެން މި މަންޒަރު އަހަރެންގެ ހިތަށް ތަމްސީލް ވަމުން އައިސްފައި ވެއެވެ.ބައްޕާއެވެ. ރަގަޅަށް އަޑުއަހާށެވެ. އަލަށް ލިބުނު ދަރިފުޅުގެ ރަތް ވެފައިވާ ވަށްވަށް ލޯބިލޯބި މޫނަށް ބަލާލުމެއްނެތި، އަމިއްލަ އަންހެނުންވެސް ވޭނުގައި އޮއްވާ ދެމައިން ދޫކޮށްލާފައި ތިޔަ ބައްޕަ ދިޔައީ އަހަރެންނަކީ ނުކުޅެދޭ މީހަކަށް ވެދާނެ ކަމަށް ބުނީތީ ނޫންހެއްޔެވެ. އަހަރެން މިއަދު ކޮރެއް ޖަހަމުން ނަމަވެސް ހިނގާފައި އައިސް މިތާ މިހުރީ، އަދި އަހަރެންނަށް ލިބުނު ”އެކްސެލަންސް“ އެވޯޑް ލިބުނީ ހަމައެކަނި އަހަރެންގެ ހިއްވަރުގަދަ މަންމަގެ ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.މިކަމުގެ ޝަރަފު އަހަރެން އިތުރު އެއްވެސް މީހަކާ ޝެއާކުރާކަށް ގަސްތެއް ނުކުރަމެވެ.“ އެއަށްފަހު އަހަރެންނަށް ކޮޅުނެތް ކޮޅަށް ތައުރީފް ކޮށް އަހަރުމެން ދެމީހުންގެ ހަޔާތުގެ ކަންތައް ކުރިޔަށް ދިޔަގޮތް އަސަރާއި އެކު ކިޔާދިނެވެ.އޭނާޔަށް އެނގޭކަމަށް އަހަރެންނަށް ހީވެސް ނުވާ ވާހަކަ ތަކެވެ. ކިތަންމެ ރެޔަކު ރޮއިރޮއި އޮވެ މަންމަޔަށް ނިދިފައި އޮއްވާ ފެންނަކަމަށް އެނާ ބުނެފައި ވެއެވެ. އާއިލާގެ ފިރިހެނަކު ނެތުމުން ފައިސާގެ ދަތިކަން ކުރިމަތިވި ކަމަށާ ނަމަވެސް އަހަރެންނަށް އެކަނި އުޅެވޭވަރުވުމުން މަންމަ ތިން ވަޒީފާ ނަގައިގެން އެކަން ފޫބައްދަމުން ދިޔަކަމަށް ކިޔާދިނެވެ. މިއަދު މުޅި ކޮލެޖުން އެއްވަނަ ލިބި،އެކްސެލެންސް އެވޯޑް ލިބި ދުނިޔޭގެ ބޭނުން ގައުމަކުން ވަޒީފާ ލިބޭގޮތަށް ހަމަޖެހި، މަންމަގޮވައިގެން އެގައުމެއްގައި އުޅުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާބުނެފައި ވެއެވެ.މި އުފާވެރިކަމުގެ ދުނިޔޭގައި މިއަދު އިތުރު އެއްވެސް މީހަކު ބައިވެރި ކުރަން ބޭނުން ނޫންކަމަށް އޭނާ ބުނެފައި ވެއެވެ.
އަހަރެން އުފަލުން ކަރުނަ ފޮހެފޮހެ އިނީމެވެ.އެއީ ހިތާމައިގެ ކަރުނައެއްނޫނެވެ.އުފާވެރިކަމުގެ ކަރުނައެވެ.އިރުކޮޅަކުން އަހަރެންނަށް ފެނުނީ އޭގެ ކުރިން އިސްޖަހާލައިގެން އިން ވޮރަން މަޑުމަޑުން ތެދުވެގެން ހޯލުން ނިކުމެގެން ދާތަނެވެ. އެހެން މީހަކު ކުރި ބުރަ މަސައްކަތުގެ ފޮނިކޮޅު ބޯލަން އައިސް އެކަން ކާމިޔާބު ނުވުމުން އެނޫން އެހެން ގޮތެއް ނެތިގެން ދަނީއެވެ.
އައިމަންގެ ގައުނު ލައްވާ ތޮފިއެޅުވި ވަގުތު އުފަލުންގޮސް އަހަރެންނަށް އިނދެވުނު ތަނެއްވެސް ހަނދާން ނެތްކަހަލައެވެ. ފުންމައިގެން ތެދުވެ ތަރުހީބުގެ އަތްތިލަބަޑިތަޅަން ފެށިގޮތަށް ހުއްޓާލަންވެސް ނޭގުނެވެ.އޭރުވެސް އަހަރެންގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.ބަލާމީހުން ބަލައެވެ.އެކަމަކު އަހަރެންނަށް ފަރުވާލެއް ނެތެވެ.
(ނިމުނީ)
![]()
