ދަރިއަކު ލިބޭތޯ 12 އަހަރު އިންތިޒާރު ކުރި އަންހެނަކަށް އެއްމާބަނޑު ފަސް ދަރިން

Loading

Facebook
Twitter
WhatsApp

ދަރިއަކު ލިބޭތޯ 12 އަހަރު އިންތިޒާރު ކުރި އިތިއޯޕިއާގެ އަންހެނަކަށް އެއްމާބަނޑުފަސް ދަރިން ލިބިއްޖެ އެވެ.

މިހާރު އުމުރުން 35 އަހަރުގެ ބަދްރިއްޔާ އާދަމް އާއި އޭނާގެ ފިރިމީހާ ތިބީ ވަރަށް އުފަލުންނެވެ. އެ ދެމަފިރިންނަށް ލިބުނު އެއްހަންހެން، އަދި ހަތަރު ފިރިހެން ކުދިން ތިބީ ފުރިހަމަ ސިއްހަތުގައި ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.
ބަދްރިއްޔާ ބީބީސީ އަށް ބުނި ގޮތުގައި ދަރިއަކު ނުލިބިގެން އޭނާހުރީ ވަރަށް ބޮޑަށް މާޔޫސްވެ ޑިޕްރެޝަން އަށް ގޮސްފައެވެ.ނަމަވެސް އޭނާކުރި ދުއާ އިޖާބަ ކުރައްވާ ފަސް ދަރިން ދެއްވާފައިވުމުން މިއަދު ލިބިފައިވާ އުފާވެރިކަމުގެ އިހުސާސްތައް ދުލުން ބުނެދޭންވެސް ނޭގޭ ކަމަށް އޭނާ ބުނެފައި ވެއެވެ.
ބަދުރިއްޔާ ވިހެއީ ސިޒޭރިއަން ހަދައިގެން އަންގާރަ ދުވަހުގެ ރޭގަނޑު ކަމަށް ވެއެވެ.
ހޮސްޕިޓަލުގެ މެޑިކަލް ޑޮކްޓަރ މުހައްމަދު ނޫރު ބުނި ގޮތުގައި ވިހެއުމަށްފަހު ކުދިންނާއި މަންމަ އަށް ބޭނުންވާ ޚާއްސަ މެޑިކަލް ކެއާ ފުރިހަމަ ކުރުމަށްޓަކާ ދުވަސް ކޮޅަކު ހޮސްޕިޓަލުގައި ބައިތިއްބާނެއެވެ.ކުދިންގެ ބަރުދަންވެސް ރަގަޅު ކަމަށާ ބަރުދަން ހުރީ 1.3 ކިލޯގަރާމް އާއި 1.4 ކިލޯގްރާމްއާއި ދެމެދުގައި ކަމަށް ޑޮކްޓަރު ބުނެފައި ވެއެވެ.ޑޮކްޓަރު ބުނި ގޮތުގައި ބަރުދަނުގައި އެއްކިލޯއަށް ވުރެ ގިނައިން ހުންނަ ކުދިން ފުރިހަމަ ސިއްހަތެއްގައި ބޮޑުވުމުގެ ފުރުސަތު ބޮޑުވާނެއެވެ.
އައިވީ އެފް ފަރުވާ ހޯދުމުންވެސް އެއްކުއްޖަކަށް ވުރެ ގިނަ ކުދިން ލިބުމުގެ ފުރުސަތު ބޮޑުވާ ކަމަށް ވެއެވެ. ނަމަވެސް ބަދްރިއްޔާ ބަލިވެ އިނީ ނޯމަލް ކޮން ކަމަށާ އައިވީ އެފް ކަހަލަ އެއްވެސް ފަރުވާއެއް ނަގާފައި ނުވާކަމަށް ވެއެވެ. ބަލިވެ އިނީއްސުރެ ފުރިހަމަ ސިއްހީ ފަރުވާ ހޯދަމުން ދިޔަކަމަށާ ޑޮކްޓަރުން ފުރަތަމަ ބުނީ އެއްކުއްޖަކަށް ވުރެ ގިނަ ކަމުގައި ކަމަށް އޭނާ ކިޔާދީފައިވެއެވެ. އަދި ފަހުން ހަތަރު ކުދިންކަމަށް ބުނި ކަމަށް ވެއެވެ. ފަސްކުދިންކަން އިނގުނީ ވިހެއުމުން ކަމަށް އޭނާ ބުނެފައި ވެއެވެ.
“ ﷲ ގެ ކިބައިން އަހަރެން އެދުނީ އެންމެ ދަރިއަކު ދެއްވުމަށެވެ.ނަމަވެސް ﷲވަނީ އަހަރެންނަށް ފަސް ދަރިން ދެއްވާފައެވެ“ ބަދްރިއްޔާ ވަރަށް އުފަލުން ބުނެފައި ވެއެވެ.
ބަދްރިއްޔާގެ ފިރިމީހާގެ އެހެން ކައިވެންޏަކަށް ދަރިއަކު ލިބިފައި ހުންނަކަމަށާ، ދަރިއަކު ނުލިބިގެން ހިތާމަ ކުރާތީ އެއްދަރި އެބަހުރިނޫންހޭ ދެން އެހާވަރަށް ހިތާމަ ނުކުރާށޭ ފިރިމީހާ ބުނާކަމަށް ވެއެވެ.ނަމަވެސް އަމިއްލަ ދަރިއަކު ނެތުމުން ހުރީ ނަފްސާނީ ގޮތުންވެސް ވަރަށް ބަލިކަށިވެފައި ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އޭރުގެ ހިތާމަ މިހާރު ހީވަނީ ކުރީގެ ނުބައި ހުވަފެނެއްހެން ކަމަށް އޭނާ ބުނެފައި ވެއެވެ.
ދަނޑުވެރިކަމުން ކައިގެން ބޮއިގެން އުޅޭ އާއިލާ އަކަށްވާތީ ފަސްދަރިންގެ ޚަރަދުތައް ބަލަހައްޓާނެ ގޮތެއްވެސް އަދި ނޭގޭ ކަމަށާ ނަމަވެސް އެކަމަށްވެސް ﷲ އަލިމަގެއް ދައްކަވާނެ ކަމަށް އުންމީދު ކުރާކަމަށް ބަދްރިއްޔާ ބުނެފައިވެއެވެ.
އެއްމާބަނޑު ފަސް ކުދިން ލިބެނީ ދުނިޔޭގައި ކުދިން އުފަންވާ ކޮންމެ 55 މިލިއަން ފަހަރުން އެއްފަހަރު ކަމަށް ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް