އާޖެންޓީނާގެ ކްރޫޒް ޝިޕެއްގައި ފެތުރެމުންދާ ނުރައްކާތެރި ހަންޓާވައިރަސްގެ މައްސަލަ އެ ގައުމުގެ ސިއްހީ އިދާރާތަކުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ބަލި ފެތުރެން ފަށާފައިވަނީ އާޖެންޓީނާގެ ދެކުނު ސަރަހައްދުން ކަމަށް ބެލެވޭއިރު، ބަލި ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.މި ބަލީގެ ސަބަބުން މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައެވެ.
އޭގެ ތެރޭގައި ހިމެނެނީ ’އެމް.ވީ ހޮންޑިއަސް‘ ނަމަކަށް ކިޔާ ކްރޫޒް ޝިޕުން ދަތުރުކުރި ނެދަލޭންޑްސްގެ ދެމަފިރިއަކާއި ޖަރުމަނުވިލާތުގެ ފަސިންޖަރެކެވެ. ބަލިޖެހުނު ބައެއް މީހުންނަށް ފަރުވާ ދިނުމަށްޓަކައި އެކަހެރިކޮށް، ކޭޕް ވާޑޭގެ އައްސޭރިފަށުގައި ދުވަސްތަކެއް ވަންދެން މަޑުކުރުމަށްފަހު، އެ އުޅަނދު މިހާރު ވަނީ ސްޕެއިނަށް ދިއުމަށް ފުރާފައެވެ.ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހާމަކުރި ގޮތުގައި، މި ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ އަށް މީހަކު މިހާތަނަށް ވަނީ ފެނިފައެވެ. އޭގެ ތެރެއިން ތިން މީހަކަށް ބަލި ޖެހިފައިވާކަން ލެބޯޓްރީ ތަހުލީލުތަކުން ވަނީ ކަށަވަރުވެފައެވެ. ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސަސް ވިދާޅުވީ، ބަލީގެ އަސަރުކޮށްފައިވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އުޅަނދުގެ ފަސިންޖަރުންނާއި ފަޅުވެރިންގެ ހާލަތު މޮނިޓަރު ކުރުމުގެ މަސައްކަތް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްދާ ކަމަށެވެ.އާޖެންޓީނާގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، އެ ދެމަފިރިން އުޅަނދަށް އެރުމުގެ ކުރިން ޒިޔާރަތްކުރި ދެކުނުގެ ސިޓީއެއް ކަމަށްވާ އުޝުއާއިއާއަށް ތަޖުރިބާކާރުންގެ ޓީމެއް ފޮނުވައި، އެ ސަރަހައްދުގައި އުޅޭ މީދަލާއި އެފަދަ ޖަނަވާރުތައް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހަންޓާވައިރަސް އަކީ އާންމުކޮށް މީދަލުގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. މީދަލުގެ ކުޑަކަމުދާ ތަކެއްޗާއި، ކުޅު ނުވަތަ ނަޖިހަށް އިންސާނުން ހުށަހެޅުމަކީ ބަލިޖެހުމަށް މެދުވެރިވާ ސަބަބެކެވެ.މިފަހަރު ފެތުރެނީ ’އެންޑީޒް ވައިރަސް‘ ކަމަށް ސިއްހީ މާހިރުން ލަފާކުރެއެވެ. މިއީ ދެކުނު އެމެރިކާއިން ފެންނަ، ނޭވާލާ ނިޒާމަށް ނުރައްކާތެރި އަސަރުތަކެއް ކުރާ ވައިރަހެކެވެ. އެހެން ހަންޓާވައިރަސްތަކާ ހިލާފަށް، މި ބާވަތުގެ ވައިރަސް އިންސާނުންގެ މެދުގައި ފެތުރުމުގެ ފުރުސަތު އޮވެއެވެ.ނަމަވެސް، މި ބަލި އާންމުންގެ ތެރޭގައި ފެތުރުމުގެ ފުރުސަތު ކުޑަކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ޑަބްލިއު.އެޗް.އޯގެ އެޕިޑެމިކް ސްޕެޝަލިސްޓް މާރިއާ ވެން ކާކޯވް ވިދާޅުވީ، ބަލި ފެތުރުމަށްޓަކައި ބަލިމީހާއާ ވަރަށް ގާތުން ކޮންޓެކްޓް ވާންޖެހޭ ކަމަށެވެ. އެހެންކަމުން، މިއީ ކޮވިޑް-19 ނުވަތަ އިންފްލުއެންޒާ ފަދަ ބަލިތަކާ އަޅާބަލާއިރު ފެތުރުމުގެ ބާރު ކުޑަ ބައްޔެކެވެ.ބަލި ދެނެގަތުމާއި ފަރުވާ ދިނުމުގެ މަސައްކަތަށް އެހީތެރިވުމަށްޓަކައި، އާޖެންޓީނާއިން ވަނީ ވައިރަސްގެ ސާމްޕަލްތަކާއި ސިއްހީ އިރުޝާދުތައް ސްޕެއިން، ސެނެގާލް، ސައުތު އެފްރިކާ، ނެދަލޭންޑްސް އަދި އިނގިރޭސިވިލާތުގެ ލެބޯޓްރީތަކާ ހިއްސާކޮށްފައެވެ.އާޖެންޓީނާގައި މި ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް 101 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.މި ބަލި އިތުރުވަމުންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް ބައެއް ސައިންސްވެރިން ގަބޫލުކުރެއެވެ. ބަލިމަޑުކަމާ ބެހޭ ތަޖުރިބާކާރު ހޫގޯ ޕިޒީ ވިދާޅުވީ، މޫސުން ހޫނުވުމުގެ ސަބަބުން ވައިރަސް އުފުލާ މީދާ ފަދަ ތަކެތި ދިރިއުޅޭ ސަރަހައްދުތައް ފުޅާވެ، މީގެ ކުރިން ބަލި ނުފެންނަ އާ ސަރަހައްދުތަކަށް ބަލި ފެތުރެން މަގުފަހިވަމުންދާ ކަމަށެވެ.
![]()
