ބަންގްލާދޭޝްގައި އަދިވެސް ހިމަބިހި ފެތުރެނީ

Loading

Facebook
Twitter
WhatsApp

ބަންގްލާދޭޝްގައި މާރޗްމަހުގެ މެދެއްހާ ހިސާބުގައި ފެތުރެންފެށި ހިމަބިހީގެ ކަންތައް އަދިވެސް ކޮންޓްރޯލް ނުކުރެވޭކަމަށް އާދީއްތަ ދުވަހު ސިއްހީ އިދާރާތަކުން ހާމަ ކޮށްފައި ވެއެވެ. އެންމެ ފަހުން ތަފާސް ހިސާބު ހާމަ ކުރިފަހުން އިތުރު 10 ކުދިން މިބަލީގައި މަރުވެފައިވާ ކަމަށްވެސް މައުލޫމާތު ދީފައި ވެއެވެ.


އާދީއްތަދުވަހާ ހަމަޔަށް ފާއިތުވި 24 ގަޑިއިރުތެރޭގައި 1،260 ކުދިންނަށް އަލަށް ހިމަބިހި އިންފެކްޝަން ޖެހިފައިވާ ކަމަށް ވެއެވެ.މިއާއި އެކު ބަލި ޖެހުނު ކުދިންގެ އަދަދު ވަނީ 45،800އަށް އަރާފައި ކަމަށް ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ބުނެފައި ވެއެވެ.
މިބަލީގައި މާރޗް މެދެއްހާ ހިސާބުންފެށިގެން 294 މަރު ރެކޯޑް ކުރެވިފައި ވެއެވެ.ހިމަބިހި ޖެހިގެން އެންމެ ގިނައިން ކުދިންނާއި މީހުން މަރުވެފައިވަނީ ވެރިރަށް ޑާކާ އިން ކަމަށް ވެއެވެ.މިގޮތުން ޑާކާއިން އެކަނި 149 މަރު ރިކޯޑް ކުރެވިފައި ވެއެވެ. މިހެން ބޮޑަށް ދިމާވަނީ ރަށް ފުށުގެ ހިސާބުތަކުން ރަގަޅު ސިއްހީ ފަރުވާ ލިބެން ނެތުމާއި އެކު ވެރިރަށަށް ފަރުވާ ހޯދުމަށް ގިނަބަޔަކު އަންނާތީ ކަމަށް ވެއެވެ.
ސިއްހީ އިދާރާ ތަކުން ބުނެފައިވާ ގޮތުގައި މުޅިގައުމަށްވެސް ބަލި ފެތުރިފައިވާއިރު މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފުދޭވަރަށް ޓެސްޓް ކިޓްތައް ނެތުމެވެ.
ޑަބްލިއު އެޗް އޯއިން މިދިޔަމަހު ބުނެފައިވާ ގޮތުގައި ބަންގްލާދޭޝްގެ 64 ޑިސްޓްރިކްޓްގެ ތެރެއިން 58 ޑިސްޓްރިކްޓަށް ވަނީ ބަލި ފެތުރިފައެވެ.މީގެ މާނަޔަކީ ވަރަށް ބާރަށް ބަލި ފެތުރެމުންދާކަން ކަމުގައި ޑަބްލިއު އެޗްއޯ އިން ބުނެފައި ވެއެވެ.
ހިމަބިހި ފެތުރެން ފެށުމާއި އެކު ބަންގްލާދޭޝް ސަރުކާރުން ވަނީ ޚާއްސަ ވެކްސިނޭޝަން ކެމްޕެއިނެއް ކުރިޔަށް ގެންގޮސް އެޕްރިލްގެ ނިޔަލަށް 16.23 ކުޑަކުދިންނަށް ވެކްސިން ދީފައެވެ.
ބަންގްލާދޭޝް ގައި ހިމަބިހި މިހާބޮޑަށް ފެތުރެން ދިމާވެފައިވަނީ ތަފާތު ސަބަބު ތަކާއި ހުރެ ވެކްސިނޭޝަން ޕްރޮގްރާމް މެދުކެނޑުމާއި ގުޅިގެން ކަމަށް ވެއެވެ.
ހިމަބިހި މިބައްޔަކީ ފަސޭހައިން ގައިން ގަޔަށް އަރާބައްޔެކެވެ. އާންމުކޮށް ހިމަބިހި ޖެހެނީ ކުޑަކުދިންނަށެވެ.ފަރުވާނުދެވި ބަލި ސީރިއަސް ހާލަތަކަށް ދިއުމުން ނިއުމޯނިއާ،ސިކުޑި ދުޅަވުންފަދަ ފަދަ ހާލަތްތައް މެދުވެރިވެ މަރުވެސް ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް