މިނިވަންކަމާއި އެއްބައިވަންތަކަމުގެ ވަރުގަދަ ރަމްޒެއްގެ ގޮތުގައި ކުރިން ބެލެވުނު އެމެރިކާ، މިހާރު ތަޖުރިބާކުރަމުންދަނީ އެ ގައުމުގެ ޒަމާނީ ތާރީޚުގައި ދުށް އެންމެ ބައިބައިވުން ބޮޑު ދުވަސްވަރެވެ.
ތަފާތުތަކަށް އިހުތިރާމުކުރާ ގައުމެއްގެ ގޮތުގައި މަޝްހޫރުވެފައި އޮތް އޮތުން ބަދަލުވެ، މިއަދު އެ ތަފާތުތަކަކީ ކޮޅުންނުލާ އަރާރުންތަކަކަށް ވަނީ ބަދަލުވެފައެވެ. ސިޔާސީ އަދި އިޖުތިމާއީ ގޮތުން އުފެދިފައިވާ މި ބޮޑު ރެނދުތަކުގެ ސަބަބުން ގައުމުގެ ބަދަހިކަން ދަނީ ގެއްލެމުންނެވެ.މި ބައިބައިވުން އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ސިޔާސީ އިސްވެރިން ގެންގުޅުއްވާ ހަރުކަށި ބަސްމަގެވެ. ފަހަކަށް އައިސް، ހިޖުރަވެރިންނާއި މަދު މީސްކޮޅުތަކަށް އަމާޒުކޮށް ނޭދޭ ބަހުރުވަ ބޭނުންކުރުން ވަނީ އާންމުވެފައެވެ. އިގްތިސާދަށާއި މުޖުތަމައަށް ހިޖުރަވެރިން ކޮށްދޭ މުހިންމު ޚިދުމަތްތަކުގެ ބަދަލުގައި، އެއީ ގައުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރެވެން ފެށުމުން، މީހުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން ވަނީ އުފެދިފައެވެ.މިފަދަ ނުރަނގަޅު ވިސްނުންތައް ސަރުކާރުގެ އަމަލުތަކުން ވެސް ދަނީ ފެންނަމުންނެވެ. ހިޖުރަވެރިންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމާއި، ކުއްލި ބަންދުތަކާއި، މުޒާހަރާތަކާ ގުޅިގެން ހިނގާ މަރުގެ ހާދިސާތަކުގެ ސަބަބުން ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އިންސާފާއި ހަމަހަމަކަމަށްވުރެ ބޮޑަށް، ބައެއް ފަހަރު ފެންނަނީ ވަކި އަމާޒުތަކެއް ހާސިލުކުރުމަށް އިސްކަންދޭ ތަނެވެ. މިއީ އިންސާނީ ހައްގުތަކާއި ހަމަހަމަކަމަށް ވަކާލާތުކުރާ ގައުމެއްގެ އަސާސީ އަގުތަކާމެދު ސުވާލު އުފެދޭ ކަމެކެވެ.ހަމައެއާއެކު، އެމެރިކާގެ ސިޔާސީ ނިޒާމަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ޑިމޮކްރެޓިކް މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ އެއްބާރުލުމުގެ ބަދަލުގައި، ރިޔާސީ ނިންމުންތަކަށް ބަރާސާވުން ވަނީ އިތުރުވެފައެވެ. މީގެ ސަބަބުން ވެރިކަން ހިންގުމުގެ ނިޒާމަށް އޮތް އިތުބާރު ދަނީ ކުޑަވަމުންނެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، އިގްތިސާދީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާންމުން ގަބޫލުކުރާ ގޮތުގައި، ސަރުކާރުގެ ސިޔާސަތުތަކުން މަންފާ ކުރަނީ ހަމައެކަނި ނުފޫޒުގަދަ މަދު ބައެއްގެ މަންފާއަށެވެ.ސިޔާސީ ޝަޚްސިއްޔަތަކަށް ދިން ހަމަލާއަކީ ހާލަތު ގޮސްފައިވާ ނުރައްކާތެރި މިންވަރު ހާމަކޮށްދޭ ކަމެކެވެ. އެ ހަމަލާ ދިން މީހަކީ ކުރިން އެއްވެސް ކުށުގެ ރެކޯޑެއް އޮތް މީހަކަށް ނުވިޔަސް، އޭނާ ހުރީ ސިޔާސީ އަދި ދުނިޔޭގެ މަސްލަހަތުތަކާ މެދު ނުހަނު ބޮޑަށް މާޔޫސްވެފައެވެ. އަނިޔާވެރިކަމަކީ ދުވަހަކުވެސް ބަލައިގަނެވޭނެ ކަމެއް ނޫން ނަމަވެސް، މިފަދަ ހާދިސާތަކުން ދޭހަވަނީ ސުލްހަވެރި މަޝްވަރާއަށް އޮތް ފުރުސަތު ހަނިވެ، މުޖުތަމައު ބޮޑު ބިރުވެރިކަމަކަށް ވެއްޓިފައިވާ ކަމެވެ.ސަލާމަތީ ކަންކަމާމެދު އުފެދިފައިވާ ސުވާލުތަކުގެ ސަބަބުން އާންމުންގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ. ސަލާމަތީ ފިޔަވަޅުތަކުގެ ތެރެއިން ނުފެނި ހަތިޔާރު އެތެރެކުރެވުމަކީ މުއައްސަސާތަކުގެ ގާބިލުކަމާމެދު ޝައްކު އުފެދޭ ކަމެކެވެ. މިފަދަ ނުތަނަވަސް ދަނޑިވަޅެއްގައި، ކުޑަ އިހުމާލަކުން ވެސް ބޮޑެތި ހާސްކަން އުފެދިގެންދެއެވެ.ދިވެހިރާއްޖެ ފަދަ ގައުމުތަކަށް މިއިން ލިބިދޭ މުހިންމު ފިލާވަޅަކީ، އެއްބައިވަންތަކަމަކީ އަބަދު ދެމިއޮންނާނެ އެއްޗެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމެވެ. ބައިބައިވުމާއި ނަފުރަތަށް ފުރުސަތު ދީފިނަމަ، ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތައް ވެސް އެތެރެއިން ބަލިކަށިވެ، ރޫޅިގެން ހިނގައިދާނެއެވެ.
![]()
