އިންޑިޔާގެ ވެރިރަށް ނިއުޑެލްހީގެ އިންދިރާގާނދީ އިންޓަނޭޝަނަލް އެއާޕޯޓުން އާދީއްތަ ދުވަހު ފުރަން އުޅުނު ސްވިސް އިންޓަރނޭޝަނަލް އެއާލައިންސްގެ މަތިންދާބޯޓެއްގެ އެއް އިންޖީނުގައި ބާރު ގޮވުމެއް ހިނގައި ހުޅު ފަޅައިގެން ދިއުމާއި ގުޅިގެން ބޯޓު ފުރުން ކެންސަލްކޮށް ފަސިންޖަރުން ބާލަން ޖެހިއްޖެ އެވެ.
ޑެލްހީ އެއާޕޯޓްގެ ކަމާބެހޭ އިދާރާއިން ބުނި ގޮތުގައި ބޯޓަށް ކުރިމަތިވި މައްސަލަ އާއި ގުޅިގެން ފުލް އިމަރޖެންސީ އިއުލާންކޮށް ހުރިހާ ފަސިންޖަރުން ވަގުތުން ބޯޓުން ބާލާފައިވާ ކަމުގައެވެ. ނަމަވެސް އެއާޕޯޓްގެ އެހެން އޮޕަރޭޝަންތައް ކުރިޔަށް ދިޔަކަމަށް ބުނެފައި ވެއެވެ.
އެންޑީ ޓީވީން ޚަބަރު ދިން ގޮތުގައި މިހާދިސާއާއި ގުޅިގެން ހަމީހަކަށް ހޮސްޕިޓަލުން ފަރުވާދޭން ޖެހިފައިވެއެވެ.
މައްސަލަ ޖެހުނު ބޯޓު ދަތުރު ކުރަން އުޅުނީ ޒިޔުރިކް އަށެވެ. ބޯޓުން ދަތުރުކުރުމަށް 228 ފަސިންޖަރުންނާއި 4 ކުޑަކުދިން ތިބީ ބޯޓަށް އަރައެވެ.
ސްވިސް އެއާލައިނުން މައުލޫމާތު ދިން އިރު، ބޯޓުގެ އިންޖީނެއްގައި ހުޅުހިފި ކަމަށް ބުނެފައެއް ނުވެއެވެ. ހަމަ އެކަނި ބުނެފައިވަނީ ބޯޓު ނައްޓާލަން އުޅެނިކޮން އެއްއިންޖީނަށް މައްސަލަ އެއް ދިމާވުމުން ދަތުރު ކެންސަލް ކުރީކަމުގައެވެ.
ބޯޓަށް ދިމާވި މައްސަލައިގެ ތަފްސީލް ދީފައިވަނީ ބޯޓުން ދަތުރު ކުރަން އުޅުނު އާކާޝް ގުޕްތާ ކިޔާ މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އޭނާބުނި ގޮތުގައި އެއްއިންޖީނުން ބާރުގަދަ ގޮވުމެއްގެއަޑު އިވުމާއި އެކު ޕައިލެޓުން ބާރަށް ބުރަކި ޖެއްސި ކަމަށެވެ.އަދި ހުރިހާފަސިންޖަރުން ބާލާ ނުނިމެނީސް އެއް އިންޖީނުން ހުޅުފަޅައިގެން ދިޔަތަން ފެނިފައިވާ ކަމުގައި ގުޕްތާ ބުނެފައި ވެއެވެ.
މިހާދިސާއަށް ފަހު އިންދިރާގާނދީ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަން ތައް ގަވާއިދުގެ މަތިން ކުރިޔަށް ދާކަމަށް ޚަބަރު ލިބެއެވެ.
![]()
